އަދީބު ގެއަށް ބަދަލުކުރީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދިނުމުގެ ހަދިޔާއެއްގެ ގޮތުން: ވަކީލުން

 މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބު ޢަބްދުލް ޣަފޫރު އެއްބަސް ވުމެއްގެ ދަށުން ގެއަށް ބަދަލުކުރުމަކީ ރައީސް ޢަބްދުﷲ ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައިވާތީ އެކަމުގެ ހަދިޔާއެއްގެ ގޮތުން ދީފައިވާ ޣައިރު ޤާނޫނީ ލުއިތަކެއް ކަމަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ވިދާޅުވީ އަދީބު ގޭގައި ބެހެއްޓުމާއެކު ހޯމް މިނިސްޓްރީން އެކަމަށް ތަފާތި އުޒުރުތައް ދައްކަމުންދާ ކަމަށެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ދައުލަތުން އުފުލި ހަތް ދައުވާއަށް އަދީބު އިއުތިރާފުވެ ވަޑައިގަތުމުން 20 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފައެވެ. ނަމަވެސް ސިއްހީ ސަބަބުތަކެއް މަތިކޮށް އޭނާ ވަނީ ގޭގައި ބަހައްޓާފައެވެ. ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ އަދީބު ގެއަށް ބަލުކޮށްފައި ހުރީ ސިއްހީ މައްސަލަތަކެއްގެ ސަބަބުން ނިދަން އުނދަގޫވެ، އެކަމަށް ޚާއްސަ މެޝިނެއް ބޭނުން ކުރަން ޖެހޭތީކަމަށެވެ. އަދި އެއީ ޖަލުގައި ބޭނުން ކުރެވޭ މެޝިނެއް ނޫންކަމަށެވެ.

ރައީސް ޔާމީންގެ ވަކީލުން ނޫސްބަޔާނުގައި ވަނީ ބޮޑު ޚިޔާނާތުގެ ތަނބު ކަމުގައިވާ ކުރީގެ ނައިބު ރައީސް އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތާއެކު ހަދައިފައިވާ ވަނީ ސިއްރު އަދި ގާނޫނު ނުވެސް ދަންނަ، އެއްބަސްވުންތަކެއް ކަމަށެވެ. އަށް ސަތޭކަ އަހަރުގެ ހުކުމެއް އަދީބުގެ މައްޗަށް ކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ހުރިކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެފައިވާއިރު އޭނާ ގޭގައި ބަހައްޓާފައިވަނީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދިނުމުން އެކަމުގެ ހަދިޔާއެއްގެ ގޮތުން ކަމަށާއި އެއީ ޣައިރު ގާނޫނީ ލުޔެއް ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް ޖަވާބުދާރީވުމުގައި ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (ބ) އާއި 53 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ދުސްތޫރީ ހައްގު ކަމަށްވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ލިބުމުގެ ހައްގު ނިގުޅައިގަތުމަށް މިދިޔަ ދުވަސްތަކުގައި ތަކުރާރުކޮށް ހޯމް މިނިސްޓްރީން މަސައްކަތްކޮށްފައިވާ ކަމަށް ރައީސް ޔާމީންގެ ވަކީލުން ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ޝަރީއަތަށް ހޯމް މިނިސްޓްރީން ނުފޫޒު ފޯރުވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.

މިމަހު ހަވަނަ ދުވަހު ބޭއްވި އަޑު އެހުމަށްފަހު ކުއްލިއަކަށް، ރައީސް ޔާމީންގެ ވަކީލުންގެ ބައްދަލުވުމަށް ކޮންމެ ފަހަރަކު ޕީސީއާރު ޓެސްޓް ހަދަން ޖެހޭ ގޮތަށް ހަމަޖައްސައިފައިވާކަމަށް ވެސް ވަނީ ބުނެފައެވެ. ރައީސް ޔާމީނަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށާއި ކުރެވިފައިވާ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ދުސްތޫރީގޮތުން ލިއްބައިދޭ އެންމެހާ ހައްގުތައް ފުރިހަމައަށް ލިބޭނެގޮތް ކަށަވަރުކޮށްދިނުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކަށް ޤާނޫނީ ވަކީލުން ވަނީ އިލްތިމާސްކުރައްވައިފައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުގައި ދައުލަތުން މިހާރު އުފުލާފައިވާ ދައުވާތަކަކީ ވެސް ގާނޫނީ ގޮތުން އެއްވެސް ބުރަދަނެއް އަދި އަސާސެއް ނެތް ދައުވާތަކެއް ކަމަށް ވަކީލުން ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީނާ ދެކޮޅަށް މަނީ ލޯންޑަރިންގެ ކުށުގެ އިތުރު ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ވަނީ ފަށައިފައެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ދައުލަތުގެ ތަހުގީގީ އިދާރާތަކުން 200 އަށްވުރެ ގިނަ ފަރާތްތަކުގެ މައްޗަށް ތަހުގީގީ ހިންގައި ކުށުގެ ތުހުމަތުކޮށްފައިވާ އިރު، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުވުމަށްފަހު އެއިން އެއްވެސް ފަރާތެއްގެ މައްޗަށް މިއަދާ ހަމައަށްވެސް އެކަށީގެންވާ ގޮތެއްގައި ދައުވާ އުފުލައި، ނުވަތަ އިތުރު ތަހުގީގެއް ހިންގާފައި ނުވާއިރު، ހަމައެކަނި ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތަކުރާރުކޮށް ދައުވާތައް އުފުލަމުންދިއުމަކީ އިއްތިފާގެއް ނޫން ކަމަށް ވެސް ވަކީލުން ނެރުއްވި ނޫސް ބަޔާނުގައި ވެއެވެ. އަދި މިއީ ދުރާލާ ރާވާއި އިންތިޒާމު ކުރެވިގެން ހިންގޭ ސިޔާސީ ބަދަލުހިފުމެއް ކަމަށްވެސް ވަނީ ވިދާޅުވިއެވެ. އަދި މިކަން ކުރަމުން ދަނީ ފުލުހުންގެ މުއައްސަސާގެތެރެއަށް ސިދާ ގޮތުންނާއި ނުސީދާ ގޮތުން ވެރިކަން ކުރާ އެމްޑީޕީގެ ނުފޫޒު ފޯރުވައިގެން ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ. 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.