ފަޅިމޫނު - 27

(8 ޑިސެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އޭނާ އިސްދަށަށް ޖަހައިލުމަށް ފަހު ފާޚާނާއާ ދިމާއަށް ހިނގައިގެންފިއެވެ. ކުޑައިރުކޮޅެއް ފަހުން އަތްފައި ދޮވެގެން އައިސް އޭނާ އިނީ ކާށެވެ.

ކައި ނިމިގެން އައިސް ވަނީ ކޮޓަރިއަށެވެ. ގޮނޑިއެއްގައި އިށީނދެގެން އިރުކޮޅަކު ވިސްނާން އިނެވެ. އެޔަށް ފަހު ކޮޓަރީގައި ހުރި މޭޒެއްގެ ދޮށަށް ގޮސް ހުއްޓުނެވެ. މޭޒުގެ ވަތްގަނޑު ހުޅުވައިލުމަށް ފަހު އޭނާ ނެގީ ފައިބެ އަހަރުގެ ޑައިރީއެވެ. ޑައިރީ ނެގި ވަގުތު އޭނާ ހުރީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. މޭޒުމަތީގައި ޑައިރީ ބޭއްވުމަށް ފަހު އޭނާ އޭގެ ބޭރުގަނޑުގައި ފިރުމައިލިއެވެ. ވަގުތު އައިސް މީހެއްގެ އަތުން އެއްޗެއް އަތުލައިގެން ނުވަތަ މީހަކަށް އެއްޗެއް ދީފައި ދާނަމަ... އަނިޔާވެރި ލަމަހާއެއް އައިސް ލޯބިވާ މީހަކާ ވަކިކޮށްލާނަމަ ނުވަތަ ލޯބީގެ ކަރުނަ މުޅީން ހިކިއްޖެނަމަ... އެފަދަ މީހެއްގެ ހިތަށް ކެތްތެރިކަން ވެރިވާން ފަށައެވެ. އެފަދަ ހާލަތެއްގައި މިކަހަލަ ޑައިރީއެއް ވެގެން ދަނީ ހިތާމަ ވެރިވެފައިވާ ގެއަކަށެވެ. އެ ގެއިން ފެންނަނީ ފާއިތުވެ ގޮސްފައިވާ ލަމަހާތަކުގެ ތަސްވީރެވެ. ކަރުނަ ތާޒާ ކޮށްލައެވެ. ހިތުގެ ޒަޚަމްތައް އަލުން ހިލުވައިލައެވެ. މި ޑައިރީވެސް ކުރާ ކަމަކީ އެއީއެވެ.

އޭނާއާއި ރުޚްސާނާއާ ދިމާވީ މީގެ ދިހަ އަހަރު ކުރިން، އޭނާގެ އުމުރުން ފަނަރަ އަހަރުގައެވެ. އޭނާ ނިޒާމްއާބާދަށް އައީ އޭނާގެ ބައްޕަ އެ އަވަށުން ގަތް ގެއެއްގައި ދިރިއުޅޭށެވެ. އެއްދުވަހަކު އޭނާ އެ ގޭގެ ކުޑަދޮރުން ބޭރު ބަލަން ހުއްޓައި ޖެހިގެން ހުރި ގޭގެ ތެރެއިން ފެނުނީ ވަރަށް ރީތި އަންހެން ކުއްޖެކެވެ. ދެކުދިން އެއް ކުއްޖަކު އަނެއް ކުއްޖަކާ ދިމާއަށް ބަލައިލިއެވެ. ހިނިތުންވެލިއެވެ. ދެން އެ ކުއްޖާ ކުޑަދޮރު ކައިރިއަށް ޖެހިލުމަށް ފަހު ބުންޏެވެ. "އަލަށް އައި ބައެއް ދޯ؟ އަހަރެންގެ ނަމަކީ ރުޚްސާނާ."

އޭނާ ހިނިތުންވެލިއެވެ. "އާނ. އަހަރެންގެ ބައްޕަ މި ގެ ގަތީ. އަހަރެންގެ ނަމަކީ ފަރުޒާނާ. މަންމައާއި ބައްޕަ ލޯބިން ކިޔަނީ ފަރީ."

ރުޚްސާނާ ހިނިތުންވެލިއެވެ. "ފަރީ ވަރަށް ރީތި. އަހަރެންވެސް ކިޔާނީ ފަރީ."

އެ ދުވަހު ދެމީހުންގެ އެކުވެރިކަން އުފެދިއްޖެއެވެ. ދެމީހުންވެސް ކިޔަވަމުން ގެންދިޔައީ ނުވަ ވަނަ ކުލާހުގައެވެ. ދެ އިސްކޫލެއްގައި ކިޔެވި ނަމަވެސް ދެމީހުންގެ އެކުވެރިކަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑަށް ބަދަހި ވެއްޖެއެވެ. އިސްކޫލު ނިންމާފައި ވަންނާނީ އެއް ކޮލެޖަކަށް ކަމުގައިވެސް ދެމީހުން ކަނޑައަޅައިފިއެވެ. ދެމީހުންގެ އެކުވެރިކަން ބަދަހި ވެގެންގޮސް ކާއެއްޗެހި ހިފައިގެން އެކަކު އަނެކެއްގެ ގެއަށް ގޮސް އެކީގައި ތިބެގެން ކަނީވެސް މަދެއްކޮށެއް ނޫނެވެ. ފިލާވަޅު ދަސްކުރަން ތިބެނީ އެކީގައެވެ. ދެމީހުންވެސް ނުލާހިކު ރީއްޗެވެ. ދިހަވަނަ ކުލާހުގައި އުޅެނިކޮށް ދެމީހުންވެސް މަޑުމަޑުން ގޮސް ޒުވާންކަމުގެ ތެރެއަށް ވަދެއްޖެއެވެ.

ޒުވާންކަމުގެ ދަތުރު ފެށުނީ ކިހިނެއް ކަމެއް އެމީހުންނަކަށް ނޭނގެއެވެ. އެކަމަކު އެ ދަތުރަށް ފެށުމާއެކު ދުނިޔެ ބަދަލުވެއްޖެއެވެ. ވަށައިގެން އޮތް މާހައުލުގައި ކުލަ ޖެހޭން ފަށައިފިއެވެ. ސިއްރު ވާހަކަ ދެކެވޭން ފަށައިފިއެވެ. އިސްޖަހައިގެން ތިބެ ސިއްރުސިއްރުން ހިނިތުންވެވޭން ފަށައިފިއެވެ. ރޭގަނޑު ފިލާވަޅު ދަސްކުރާން ތިބެފައި އެއް އެނދުގައި ނިދާން ފަށައިފިއެވެ. ރޭގަނޑު ހޭލާ ތިބެގެން އަމިއްލަ އަމިއްލައަށް ވާހަކަ ދައްކާން ފަށައިފިއެވެ. ބައެއް ރޭރޭ ރުޚްސާނާގެ މަންމަ ބުނެއެވެ. "ރޭގަނޑު ހަތަރު ދަމު ނުނިދާ އޮވެގެން އަނގަނުތަޅައި އަވަހަށް ނިދާށެވެ." ބައެއް ދުވަސްދުވަހު ހެނދުނު ފަރްޒާނާގެ މަންމަ ބުނެއެވެ. "މެންދުރުވާންދެން ނިދާފައި އޮތުމުގެ އާދަ ނިކަން ދޫކޮށްލައިބަލާށެވެ. އަވަހަށް ނިދާފައި އަވަހަށް ހޭލާން އާދަ ކުރާށެވެ."

އެކަމަކު އެހައި ހެނދުނާ ހޭލާނީވެސް ކިހިނެއް ހެއްޔެވެ؟ ހަށިގަނޑު ދޭތެރެދޭތެރެއިން މޯޅިއަކަށް ދެމިލައެވެ. ޒުވާންކަމުގެ އަސަރު ކުރަމުން ދަނީ މަންމަމެން ހީކުރާ ވަރަށްވުރެ މާ ބޮޑަށެވެ. ރުޚްސާނާގެ މަންމަ ބައެއް ފަހަރު ބުނެއެވެ. "މި ދެމީހުން ކިޔަވަނީ މެޑިކަލް ކޮލެޖުގައި. އެހެން ތަނެއްގައި ކިޔަވާނަމަ އަހަރެން މިހާރު ރުޚްސާނާ މީހަކާ ދެވައިފީމުސް."

ފަރްޒާނާގެ މަންމަ ބުނެއެވެ. "ތިޔައީ ތެދެއް. އަހަރެމެން މިތިބީ މަޖުބޫރުވެފައި. މި ދެމީހުން ޑަކްޓަރުންނަށް ވާންދެން އިންތިޒާރު ކުރުން ނޫން ގޮތެއް ނެތެއްނު."

ރުޚްސާނާއާއި ފަރްޒާނާއާ ދެމީހުން އެކަނިވާ ވަގުތު ބައެއް ފަހަރަށް އުދާސްވެއެވެ. އެކަކު އަނެކަކާ ސުވާލު ކުރެއެވެ. "މީހުނާ އިނީމާ ދެމީހުން ވަކިވާނެ ދޯ؟ ދެމީހުން ދާން ޖެހޭނީ ދެ ގެއަކަށް. އަހަރެމެންގެ ގެ ހުންނާނީ ކޮންތާނކު؟ މި ރަށުގައިތަ؟ ނޫނީ އެހެން ރަށެއްގައިތަ؟ ދެމީހުން ދިރިއުޅޭނީ ދެ ރަށެއްގައިތަ؟"

ދެމީހުން މަޝްވަރާ ކޮށްފައި ނިންމީ ކާވެނި ކުރާނޭ ގޮތް ކުރިން ރާވާފައި ބާއްވާށެވެ. ދެމީހުން އިންނާނޭ މީހުން ހޯދާނީ އަމިއްލައަށެވެ. އެއް ރަށެއްގައި، އެއް އަވަށެއްގައި އުޅޭ ދެމީހުންނަށް އެ ދެމީހުން ވާން ވާނެއެވެ. އަދި ދެ އަވަށްޓެރިންނަށްވެސް ވާން ވާނެއެވެ. ދެމީހުންނަށް ކައިރިކައިރީގައި ތިބެވޭނީ އޭރުންނެވެ. މި ދެ އެކުވެރިންގެ ކިބައިގައި ހުރީ ހަމައެކަނި ރީތި ސިފަތަކެއް ނޫނެވެ. އިންސާނުންނަށް ވީތީ ހުންނާނޭ ބައެއް ކަހަލަ އުނިކަންތައްވެސް އެބަހުއްޓެވެ. ރުޚްސާނާގެ ކިބައިގައި ކުޑަކުޑަ ކިބުރުވެރިކަމެއް ހުރެއެވެ. ފަޚުރުވެރިވެފައި ބައެއް ފަހަރު އޭނާ ބުނެއެވެ. "އަހަންނާ އިންނަން ވަރަށް ގިނަ މީހުން އެދޭ. ގެއިން ބޭރަށް ނުކުމެއްޖެއްޔާ ގޭދޮށު ފިރިހެން ކުދިން ތިބޭނީ އަހަންނާ ދިމާއަށް ކަޅި ޖަހައިނުލާ ބަލަން."

ފަރްޒާނާއަށްވުރެ ރުޚްސާނާ ރީއްޗެވެ. އެހެންނަމަވެސް ދެމީހުންކުރެ ވިސްނުން ތޫނީ ފަރްޒާނާގެއެވެ. ފަރްޒާނާގެ ރީތިކަމުގައި އެކުލެވިފައިވަނީ ސާދާކަމެވެ. އިރުމަތީގެ ކުލަވަރެވެ. އޭނާގެ ރީތިކަމުގައި އެކުލެވިފައި ވަނީ މަޑުމަޑު ހޫނުކަމެކެވެ. އެ ހޫނުކަމުގެ ސަބަބުން ދެކޭ މީހުންގެ ހަށިގަނޑަށް އަރާމު ހޫނުކަމެއް ވެރިވެގެން ދެއެވެ. ރުޚްސާނާއަކީ އަލިފާންގަޑެކެވެ. ދެކޭމީހާ އަންދައި އަޅިއަށް ހަދައިލައެވެ.

ރުޚްސާނާގެ ކިބުރުވެރިކަމަކީ ފަރްޒާނާއަކަށް ކަމުދާ ކަމަކަށް ނުވެއެވެ. ފޮނިތޮށިކާފޫރުތޮޅި ލައިގެން އަމިއްލަ ވާހަކަތައް ދައްކާން ފެއްޓީމާ ފަރްޒާނާވެސް އޭނާއަކަށް ވަކި ދުލެއް ނުކުރެއެވެ. ބައެއް ފަހަރަށް ފޮނި ކަނޑައެވެ. މިހެން ކަންތައް ކުރުމުގެ ސަބަބުން ދެމީހުންގެ ދެމެދުގައި ނުރުހުންތެރިކަން އުފެދޭ ގޮތްވެސް ވެއެވެ. އެކަމަކު އުފެދޭ ހަލުއި މިނުގައި އެކަން ނިމިގެންވެސް ހިނގައިދެއެވެ.

އެއް ދުވަހަކު ކޮލެޖުގެ އެޑުރެހުގައި އޭނާއަށް ސިޓީއެއް ލިބިއްޖެއެވެ. އެއީ ކޮލެޖުގެ ލާނެތް ފިރިހެން ކުއްޖަކު ލިޔެފައި އޮތް ސިޓީއެކެވެ.

"އަހަރެންގެ އެކުވެރިންނޭވެ. ތިޔަ ދެމީހުންގެކުރެ އެކަކީ ޝަބްނަމެވެ. އަނެކަކީ އަލިފާންގަނޑެކެވެ. އެކަކަށް ވަނީ ރީތިކަން މިލްކުވެފައެވެ. އަނެކަކަށް ލިބިފައިވަނީ ރީތި އަދާތަކެވެ. އަހަރެން މިއީ ތިޔަ ދެމީހުންކުރެ އެކަކާ ހެދި ދީވާނާ ވެފައިވާ މީހަކީމެވެ. އަހަރެން ދީވާނާކޮށްލި މީހަކީ ދެމީހުންކުރެ ކާކު ހެއްޔެވެ؟ ނިކަން ބުނެބަލާށެވެ."

އެކަހަލަ ސިޓީއެއް ލިބިގެން މަގު އޮޅިގެން ގޮސް މޮޔަވާ ދަރަޖައަށް ދިއުމަކީ އެ ދެމީހުންކުރެ މީހެއްގެ ކިބައިގައި ހުރި ސިފައެއް ނޫނެވެ. ދެމީހުންކުރެ މީހަކު ސިޓީއަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއެވެ. އެކަމަކު އެ ސިޓީ ވެގެން ދިޔައީ ދެމީހުންގެވެސް ޝުޢޫރުގައި ނޭނގިނަމަވެސް ހިނގަމުން ދިޔަ ޚިޔާލަކަށެވެ. އެއްކޮޅުން ރުޚްސާނާ ފަޚުރުވެރިކަމާއެކު ވިސްނަމުން ގެންދިޔައެވެ. އެ ސިޓީ ލިޔުނު މީހަކު މޮޔަވެގެން އުޅެނީ ދެމީހުންގެ ތެރެއިން ކާކާ ހެދި ބާވައެވެ؟ އެ ވާނީ އަހަރެންގެ ވާހަކަ ކަމުގައެވެ. އަނެއްކޮޅުން ފަރްޒާނާވެސް ވަކިން ދެރަ ކަމަކަށް ގަބޫލެއް ނުކުރެއެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ސިޓީ ލިޔުނުމީހާ މޮޔަވެގެން އުޅެނީ އޭނާޔާ ހެދިއެވެ. ދެމީހުންކުރެ މީހަކު އެ ސިޓީ ލިޔުނު މީހަކު ދެކެ ލޯތްބެއް ނުވެއެވެ. އަދި އެ މީހަކަށް މާ ބޮޑު އަހުމިއްޔަތުކަމެއް ނުމެދޭމެއެވެ. އެކަމަކުވެސް ދެ އެކުވެރިންގެ މެދުގައި އަންހެންވަންތަ ހަސަދައިގެ އަލިފާން ކުޑަކޮށް ނަމަވެސް އަނދައިގެންފިއެވެ.

ރުޚްސާނާ އެ ސިޓީ ފަރްޒާނާގެ އަތަށް ދެމުން ބުންޏެވެ. "މި ފިރިހެންކުދިން އަހަންނާ މައްލަވަ ކުރުން ދުވަހަކުވެސް ހުއްޓައެއް ނުލާނެ."

ފަރްޒާނާ އެ ސިޓީ ވީދައި ކުދިކޮށްލުމަށްފަހު ބުންޏެވެ. "އަހަންނާ މައްލަވަކުރާ މީހަކު މިހެން ވީދައި ކުދިކުދިކޮށްލާނަން."

"ރުޚްސާނާ ބުންޏެވެ. "އޭނާ ބެހުނީ އަހަންނާ."

ފަރްޒާނާ ހީނގެންފިއެވެ. "އޭނާ ބެހުނީ ދެމީހުންނާ. އޭނާ މި ކޮލެޖުގެ ކޮންމެވެސް ތަނެއްގައި ފިލައި އޮވެގެން މިހާރު ބަލާނެ. އަހަރެންގެ ޖަވާބު މިހާރު އޮންނާނީ އޭނާއަށް ލިބިފައި. އަހަރެން ސިޓީ ވީދާލިތަން ވަރަށް ރަނގަޅަށް ފެންނާނެ."

"އަހަރެންވެސް ޖަވާބު ދީފާނަން." ފަރްޒާނާގެ އަތުގައި ހުރި ކުދި ކަރުދާސްކޮޅުތައް އަތުލައިގެން ރުޚްސާނާ އެޔަށްވުރެވެސް ކުދިކޮށް ވީދައިލިއެވެ. "މިހާރު އަހަރެންގެ ޖަވާބުވެސް ފެންނާނެއެއްނު؟"

އެ ހިސާބުން އެ ވާހަކަ ނިމިއްޖެއެވެ. އެޔާއެކު ދެމީހުންގެ ވާހަކަވެސް މަދު ވެގެން ހިނގައްޖެއެވެ. ދެމީހުން ދެ ގެއަށް ހިނގައްޖެއެވެ. ދެމީހުންގެ ސިކުނޑީގައިވެސް އުފެދެނީ އެއްކަހަލަ ޝައްކެވެ. ހިތުގައި އޮތީ އެއްކަހަލަ ހަމަނުޖެހުމެކެވެ. ސިޓީ ލިޔުނު މީހާގެ މައްޗަށް ދެމީހުންގެ ހިތުގައިވެސް އޮތީ ރުޅިވެރިކަމެވެ. އެކަމަކު ސުވާލެއްވެސް އުފެދެއެވެ. އެމީހަކު ސިޓީ ލިޔުނީ ކާކަށް ހެއްޔެވެ؟

އަހަންނަށެވެ.

ދެކޮޅުގައިވެސް އޮތީ މި ޖަވާބެވެ.

ދެމީހުންގެ މެދުގައި ހިމޭން ހަނގުރާމައެއް ފެށިއްޖެއެވެ. އެ ދުވަސްވަރު ފަރްޒާނާގެ ބައްޕަ ނިޔައުވެއްޖެއެވެ. ގެ ބަލަހައްޓާން ހުރިމީހާ ދުނިޔެ ދޫކޮށް ދިޔައީމާ ގޭތެރެއަށް ވެރިވެގެން ދިޔައީ ފުން ހިތާމައެކެވެ. ނަމެއް ނެތް ހަނގުރާމަ ހުއްޓައިލުމަށް ފަހު ރުޚްސާނާވެސް އޭނާގެ އެކުވެރިޔާގެ ގާތަށް އަތުވެއްޖެއެވެ. އޭނާއަށް ހިތްވަރުދީ، ހިތްހަމަ ޖައްސައިދޭން ފަށައިފިއެވެ. ރުޚްސާނާގެ މަންމަ ފަރްޒާނާގެ މަންމައަށް ހިތްވަރުދިނެވެ. އެކަމަކު ހަމައެކަނި ހިތްވަރަކުން ނުފުދެއެވެ. މިހާރު ކުރިމަތިވެފައި އޮތީ މާ ބޮޑު މައްސަލައެކެވެ. ސުވާލަކީ މެޑިކަލް ކޮލެޖުގެ އަގުބޮޑު ކިޔެވުން ފަރްޒާނާއަށް ކުރިއަށް ގެންދެވޭނެ ހެއްޔެވެ؟

ފަރްޒާނާގެ ބައްޕަ މަސައްކަތް ކުރީ އަމިއްލަ ކުންފުންޏެއްގައެވެ. ވުމާއެކު ދުނިޔެ ދޫކުރުމާއެކު ހުރިހައި ކަމެއް ނިމުނީއެވެ. ވަޒީފާ އަދާކުރި ތަނަކުން އެއްވެސް އެއްޗެއް ނުލިބެއެވެ. އޮތީ ހަމައެކަނި ފަންސަވީސް ރުފިޔާގެ އިންޝުއަރަންސެކެވެ. އެކަމަކު އެ ފައިސާކޮޅަކުން މާ ގިނަ ކަންތައްތަކެއް ނުކުރެވޭނެއެވެ. ރުޚްސާނާގެ މަންމައަކީ އިސްކޫލެއްގެ މުދައްރިސާއެކެވެ. އޭނާ ވާހަކަ ދައްކައިގެން ފަރްޒާނާގެ މަންމައަށް އިސްކޫލުން މުދައްރިސާއެއްގެ ވަޒީފާ ހޯދައި ދީފިއެވެ. މަހުންމަހަށް ލިބޭ އާމްދަނީއެއް ހަމަޖެހުމުގެ ސަބަބުން ފަރްޒާނާގެ ކިޔެވުން ދަތި ގޮތަކަށް ނަމަވެސް ކުރިއަށް ގެންދެވޭ ގޮތް ވެއްޖެއެވެ.

މެޑިކަލް ކޮލެޖުގެ ދެވަނަ އަހަރުގެ ކިޔެވުން ފެށުނުތަނާ ކުރިން ލިބުނު ކަހަލަ ސިޓީއެއް ރުޚްސާނާއަށް ލިބިއްޖެއެވެ.

"އަހަރެން މިހިރީ ކަލާޔާ ހެދި މޮޔަ ވެފައެވެ. ކަލާޔާ ނުލައި އެއްވެސް ހަމަޖެހުމެއް ނެތެވެ. ހޭލާ ހުންނަ އިރުގައްޔާއި ނިދާފައި އޮންނައިރު ފެންނަނީ ކަލާގެ ތަސްވީރެވެ. އަހަރެންގެ ލޯބީގެ ޖަވާބު ލޯބީގެ ސިފައިގައި ދޭނުހެއްޔެވެ؟"

ސިޓީ ކިޔައިފައި ރުޚްސާނާގެ ގާތަށް ވަރަށް ބޮޑަށް ރުޅި އަތުވެއްޖެއެވެ. އެއީ އޭނާއަށް ކަމުދާ ކަހަލަ ކުޅިވަރެއް ނޫނެވެ. ސިޓީ ހިފައިގެން ގޮސް ފަރްޒާނާއަށް ދައްކައިފިއެވެ. ފަރްޒާނާ ސިޓީ ކިޔައިލުމަށް ފަހު އަނބުރައި ދީފިއެވެ. "ސިޓީ ވީދާލާފައި އެއްލައިލާ. މިކަހަލަ މީހުންގެ ހިތްވަރު ޖެހޭ ކަހަލަ ކަންތައް ކުރާކަށް ނުވާނެ."

ރުޚްސާނާ ފަތަހައިގެ ހިނިތުންވުމަކާއެކު ސިޓީ ވީދައިލިއެވެ.

އޭގެ އެއްގަޑި އިރު ފަހުން ހުރިހައި ދަރިވަރުން ދިޔައީ ގަބުރު ބަހައްޓައިފައި ހުންނަ ތަނަށެވެ. އެތާނގައި ހުރި ގަބުރުތައް ބަލައި ހެދުމަށް ފަހު މުދައްރިސު ބުނުއްވީ މާދަމާ ޑިސްސެކްޝަން ކުލާސް އޮންނާނޭ ވާހަކައެވެ. އެއީ ގަބުރު ފަޅައިގެން މުއާއިނާ ކުރުމުގެ ކުލާހެވެ. އެ ކުލާހަށް ހޮވި ކުދިންގެ ތެރޭގައި ރުޚްސާނާއާއި ފަރްޒާނާގެ ނަން އޮތެވެ.

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.