ޗައިނާއިން ނަގައިފައިވާ އެއްވެސް ލޯނެއް ރިސްޓްރަކްޗަރ ކުރެވިފައި ނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިހުގެ ރައީސް ވިދާޅުވީ ލޯނު ރިސްޓްރަކްޗަރ ނުކުރެވިއްޖެނަމަ ރާއްޖެ ޑިފޯލްޓެއް ނުވާނެކަމަށެވެ. ލޯންތައް ރިސްޓްރަކްޗް ނުކުރެވިއްޖިއްޔާ ރާއްޖެއަށް މައްސަލަތައް ކުރިމަތިވާނެކަމަށް ވިދާޅުވިއެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައިވެސް މާލީ ވަޒީރު އިބްރާހީމް އަމީރު ވަނީ ރާއްޖެއިން ލޯނު ދައްކަންޖެހޭ މުއްދަތުތަކަށް ލޯނުތައް ދައްކަމުން ދާނެކަމުގެ ޔަގީންކަން މެމްބަރުންނަށްވެސް ދެއްވައިފައެވެ. އަދި ރާއްޖެއަށް ލޯނުދޭ ފަރާތްތަކަށް ވެސް އެޔަގީންކަން އޮންނާނެކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.
ޗައިނާއިން ނަގައިފައިވާ އެއްވެސް ލޯނެއް ރިސްޓްރަކްޗަރ ކުރެވިފައެއް ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު ސަރުކާރުން ވިދާޅުވެފައި ވަނީ ލޯނުތައް ދެއްކުމުގައި ޗައިނާ އިން ވަނީ ލުއިތަކެއް ދެއްވައިފައިކަމަށެވެ.
ޕީއެމްއެމް މެދުވެރިވެގެން ލޯނު ރިސްޓްރަކްޗަރ ކުރުމަށް ޗައިނާއާއި ވާހަކަ ދެއްކުމަކީ އެޕާޓީގެ ފަލްސަފާއާއި ފިކުރު ހުންނަ ގޮތުން އެމްޑީޕީ އަށް ފަސޭހަކަމަށް ނުވާނެކަމަށް ވެސް ނޫސް ވެރިއަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ލޯނު ރިސްޓްރަކްޗަރ ކުރުމުގެ މަސައްކަތް ރައީސް ޞާލިޙްގެ ލަފާފުޅާއެކު ފިނޭންސް މިނިސްޓަރާއި ފޮރިންމިނިސްޓަރ ކުރައްވާނެކަމުގެ ޔަގީންކަން އޮތްކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ބެޖެޓަށް ބުރަ ބޮޑުވެފައި ވަނީ މިލޯނުތައް ދައްކަން ޖެހިފައިވަނިކޮށް ކޯވިޑްގެ ހާލަތު މެދުވެރިވެ އިގުތިސާދު ދަށްވުމުން ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޗައިނާގެލޯނުގެ ވާހަކަ ރައީސް ނަޝީދު ދައްކަވަނީ އެއީ ހަގީގަތް ކަމަށްވާތީ ކަމަށް ވިދާޅުވިއެވެ. މިތުރެއްވިއަސް އަދި ހަތުރެއް ވިއަސް ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދޭން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.