އަންނަ އަހަރުގެ ބަޖެޓް އެކުލަވައިލައިފައި ވަނީ 2019 ގައި އޮތް އިޤްތިޞާދު ހޯދުމަށް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފިނޭން މިނިސްޓަރ އަމީރު ވިދާޅުވީ ޑިސެމްބަރ 2019 ގައި ރާއްޖޭގެ އިޤްތިޞާދު އޮތީ 85 ބިލިއަން ރުފިޔާގައި ކަމަށެވެ. ނަމަވެސް މިއަދު ރާއްޖޭގެ އިޤްތިޞާދު އޮތީ 54 ބިލިއަން ރުފިޔާއަށް ކުޑަ ވެފައިކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބެޖެޓް އެކުލަވާލުމުގައި އަމާޒު ހިއްޕެވީ، އަނބުރާ ކުރިން އޮތް އިޤްތިޞާދަށް ރުޖޫޢަވުމަށް ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. އެ އިޤްތުޞާދަށް ރުޖޫޢަ ވެވެން އޮތީ އިޤްތިޞާދީ ޙަރަކާތްތައް ކުރިއަށް ގެންގޮސްގެން ކަމަށް ވެސް ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓުން ކުރުމަށް ރާވާފައި ބޮޑެތި ކަންތައްތަކަކީ މިހާރުވެސް ފައިސާ ހަމަޖެހިފައިވާ ކަންކަންކަމަށް ވެސް ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އޭގެ ތެރޭގައި ގުޅިފަޅު ޕޯޓް މަޝްރޫޢާއި ބްރިޖް މަޝްރޫޢުގެ އިތުރުން، 34 ރަށެއްގެ ފެނާ ނަރުދަމާއާއި 168 ރަށުގައި ހިންގާ 1.2 ބިލިއަން ރުފިޔާގެ މަޝްރޫޢުތަކަށް ފައިސާ ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
އިޤްތިޞާދު އިތުރަށް ފުޅާ ކުރުމަށް ހިންގުމަށް ރާވާފައިވާ ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަޝްރޫޢުތައްވެސް މިނިސްޓަރ އަމީރު ފާހަގަ ކުރެއްވިއެވެ. އަންނަ އަހަރަށް މަސްވެރިކަމަށް އިންވެސްޓް ކުރަން ޖެހިފައިވަނީ ކުރީގެ ސަރުކާރުތަކުން އެކަންކަން ކޮށްފައި ނެތުމުންކަމަށް ވެސް ފިނޭންސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
މިސަރުކާރުން ނަގާ ލޯނުތަކާއި ބޮންޑާއި ސްކޫކުތަކުގެ އިންޓަރެސްޓް ރޭޓް ކުރީ ސަރުކާރުން ނަގައިފައިވާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓަށް ވުރެ ވަރަށް ބޮޑުތަނުން ކުޑަވާނެކަމަށް ވެސް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ. ބަޖެޓް ފައިނޭންސް ކުރުމަށް ލޯނާއި އެހީ ހޯދުމަކީ މިހާރު ދުނިޔޭގެ އެހެން ޤައުމުތަކުން ކުރަމުންދާ އާންމުކަމެއް ކަމަށް ވެސް މިނިސްޓަރ އަމީރު ފާހަގަ ކުރެއްވިއެވެ.