އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓް 25 ބިލިއަނަށް ދަށްކުރުމަށް އިދިކޮޅުން ގޮވާލައްވައިފިއެވެ.
އިދިކޮޅު މިކަމަށް ގޮވާލެއްވީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު ފެށްޓެވީ ބަޖެޓް ބަހުސްގައި، މައިނޯރިޓީ ލީޑަރ އޭދަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމް ދެއްކެވި ވާހަކަ ފުޅުގައެވެ. މެމްބަރ ސަލީމް ވިދާޅުވީ އިޤްތިޞާދީ ގޮތުން މިދަތި ދަނޑި ވަޅުގައި މިހާރު ހުށަހެޅައިފައިވާ ވަރު ބޮޑު ބަޖެޓެއް ހުށަނާޅާ ކުޑަ ބަޖެޓެއް ހުށަހެޅުމަށްފަހު އަންނަ އަހަރުގެ މެދު ތެރެއިން ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅިދާނެކަމަށެވެ. އިޤްތިޞާދު ދަންނަ އެއްވެސް މީހަކު މިފަދަ ބޮޑު ބަޖެޓެއް ހުށަނާޅާނެކަމަށް ވިދާޅުވިއެވެޓަ. ފިނޭންސް މިނިސްރ އެހާ ބޮޑު ބަޖެޓެއް މަޖިލީހަށް ފޮނުވައިފައި ވަނީ އެމަނިކުފާނަށް މަޖްބޫރުވެގެންކަމަށް ވެސް މެމްބަރ ސަލީމް ވިދާޅުވިއެވެ.
އަންނަ އަހަރު ބެޖެޓް ވާންޖެހޭނީ މިހާރު ދިމާވެފައިފާ މުސީބަތުން ރައްޔިތުންނާ ވިޔަފާރިތައް ކޮޅައްޖެހެނޭ ބަޖެޓަކަށް ކަމަށް މެމްބަރ ސަލީމް ވިދާޅުވިއެވެ. ބޮޑެތި މަޝްރޫޢުތައް މިހާލްތުގައި މަޑުޖައްސާލަންޖެހޭކަމަށް ވެސް މެމްބަރ ސަލީމް ވިދާޅުވިއެވެ. މިހާރު ބެޖެޓް އޮތް ގޮތުން ބަޖެޓަށް ވޯޓް ދެއްވުމާ ދޭތެރޭގައި އިދިކޮޅުން ވިސްނަންޖެހޭނެކަމަށް ވެސް މައިނޯރިޓީގެ ވާހަކަ ފުޅުގައި ވިދާޅުވިއެވެ.
"އަޅިގަނޑު މިދަންނަވަނީ މިބަޖެޓް އަނބުރާ ގެންގޮސް 25 ބިލިއަނަށް ކުޑަކޮށްގެން ގެންނާށޭ. އެހެން ނޫނީ އަންނަ އަޅުގަނޑުމެން ފުނޑިގެންދާނޭ." ސަލީމް ވިދާޅުވިއެވެ.
މިހާރު ހުށަހަޅައިފައިވާ ބަޖެޓްގެ ނަތީޖާއަކަށް ވާނީ އިންފްލޭޝަން މަތިވެ ތަކެތީގެ އަގު އިންތިހާ އަށް އިތުރުވުންކަމަށް ވެސް މެމްބަރ ސަލީމް ވިދާޅުވިއެވެ. އަދި ޑޮލަރުގެ އަގު މަތިވެ 25 ރުފިޔާއާ ހިސާބަށް އަގު އުފުލޭނެކަމަށް ވެސް ވިދާޅުވިއެވެ. ބަޖެޓް ފައިނޭންސް ހަމަޖެއްސުމަށް ސްކޫކާއި ބޮންޑް ހިމަނައިފައި ވުމަކީ ދަރަނި އިތުރުވެގެންދާނެކަމެއްކަމަށް ވެސް ވިދާޅުވިއެވެ. މިހާރު ލަފާކޮށްފައި ވަނީ 17 ބިލިއަނުން ދަރަނި ވާނެކަމަށް ކަމުގައި ވިއަސް ނަތީޖާއަކަށް ވާނީ ކަނޑައަޅައިފައިވާ ޢަދަދަށް އާމްދަނީ އާއި ހިލޭ އެހީ ނުލިބި އަންނަ އަހަރު ނިމޭ ދަރަނި 20 ބިލިއަނަށް އިތުރުވެގެން ދިއުންކަމަށް ވެސް މެމްބަރ ސަލީމް ފާހަގަ ކުރެއްވިއެވެ.
އަންނަ އަހަރުގެ ބަޖެޓަށް އިދިކޮޅުން ފާޑު ވިދާޅުވެފައިވާއިރު ސަރުކާރުހިންގާ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން ވިދާޅުވީ މިފަދަ އިޤްތުޞާދީ ދަތި ދަޑިވަޅެއްގައި ފިނޭންސް މިނިސްޓަރ ހުށަހެޅުއްވި ބަޖެޓަކީ، އެމަނިކުފާނުގެ ހިތްވަރު ފެނިގެންދާބަޖެޓެއް ކަމަށެވެ. ސަރުކާރުން ހުށަހެޅުއްވި ބަޖެޓަކީ އުއްމީދީ ބަޖެޓެއްކަމަށް ވެސް އެމްޑީޕީ މެމްބަރުން ވިދާޅުވިއެވެ. އެހެންކަމުން މިހާރު ހުށަހަޅައިފައިވާ ބަޖެޓަކީ މިވަގުތާއި ޙާލަތަށް ވަރަށް އެކަށީގެންވާ ފުރިހަމަ ބަޖެޓެއްކަމަށްވެސް އެމްޑީޕީ މެމްބަރުން ފާހަގަ ކުރެއްވިއެވެ.
ބަޖެޓުން ފެނިގެން ދަނީ އިޤްތިޞާދީ ގޮތުން އަންނަ އަހަރަށް ރޭވިފައިވާ ގިނަ ޙަރަކާތްތަކެއްކަމަށާއި އަސާސި ޚިދުމަތްތަކަށް މިޙާލަތުގައިވެސް އިސްކަންދޭ މިންވަރުކަމަށް އެމްޑީޕީ މެމްބަރުންގެ ތެރެއިން ބަޖެޓް ބަހުސްގައި ވާހަކަ ދެއްކެވި މެމްބަރުން ވިދާޅުވިއެވެ.