(9 އޮކްޓޯބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ބާދްޝާ އަނެއްކާވެސް ރުޅި އައިސްފައި ބުންޏެވެ. "ދެވާހަކަ ތިޔަ ގުޅުވީ ކޮންފަދަ ވިޔާނުދާ ގޮތަކަށް؟ އޭނާއަކީ ގަބުރު ކާ މީހެކޭ އަހަރެން ބުނީ ކޮން އިރަކު؟ އެއީ އިންސާނަކު ކުރާނޭ ކަމެއްތަ؟ ކަލެއަކީ ބޮޑު ޖާހިލެއް. މީހުން ދައްކާ ވާހަކަ ފަހުމުކޮށްގަންނާކަށް ނޭނގޭ. އެކަހަލަ ބުއްދިއެއް ލިބޭނީ ކިޔަވައިގެން އިން މޮޅު އަންހެންކުއްޖަކާ އެކީގައި ވަގުތުކޮޅެއް ހޭދަކުރެވުނީމާ."
އިންޖިނޭރުބޭބެ ބުންޏެވެ. "ކަލޭމެން މަސައްކަތް ކުރަން ދޭ. އޭނާއަށް އުނދަގޫ ކުރަން މިތާގައި ތިބޭނޭ ކަމެއް ނެތް. ބާދްޝާ މިކޮޅަށް އާދޭ. އަހަންނާ ވާހަކަދައްކާ. އެ އަންހެންކުއްޖާޔާ ދިމާވީ މިއަދު. މިއަދު ހަތަރުދަމު ތިޔަ އުޅުނީ އެކުއްޖާޔާ އެކީގައި. ކަލޭގެ އަނތްބަކަށް ވާން އޭނާ އެއްބަސްވެސް ވެއްޖެ... ވާހަކައެއް ބުނަންތަ؟ ކޮންމެވެސް ނުބައެއް އެބައުޅޭ ކަމުގައި އަހަންނަށް ފެނޭ. ފުރަތަމަ ޖެހޭނީ އެކުއްޖާގެ ގޭގެ ބޮޑެތި މީހުންނާ ވާހަކަ ދައްކަން."
"ބޭބޭ. އަހަރެން މި އައީ އޭނާގެ އާއިލާގެ މީހުންނާ ބައްދަލުކޮށްފައި. ބޭބެއަށް އެނގޭތަ؟ އޭނާޔާ އިންނާން ބޮޑެތި އާއިލާތަކުގެ މީހުން އެބަ އެދޭ. އޭނާގެ ނަމުގައި ގެދޮރު ރަޖިސްޓަރީކޮށްދޭން ތައްޔާރަށް އެތައް ބަޔަކު އެބަތިބި. ރަނުގެ ގޮތުގައި ލައްކައިން ދޭން އެއްބަސްވާ މީހުން އެބަތިބި. މަހު ޚަރަދަށް ވަކި މިންވަރެއް ދޭން ލިޔެފައި އެއްބަސްވާން އެތައް ބަޔަކު ތައްޔާރު."
"ނީލަމުގައި ތިޔަ ބުނާހައި މަތީ އަގެއް ހުށަހެޅޭ މީހަކު ކަލޭ ހުށަހަޅާ އަގަށް ރުހުނީ ކިހިނެއް؟ ތިޔަ އައީ ވިޔާނުދާ އެއްޗެއް ކައިގެންތަ؟ ބުއްދި ލުހުނީތަ؟"
"ބޭބޭ. ހެނދުނުއްސުރެ އަހަރެންގެ ބުއްދި ރަނގަޅަކަށް މަސައްކަތެއް ނުކުރޭ. ކުރިމަތީގައި އެނބުރިއެނބުރި ހުންނަނީ އެކުއްޖާ. އަހަންނަށް މިހާރު އެނގެނީ އެންމެ ކަމެއް. އަހަރެން އިންނާނީ އެ ކުއްޖާޔާކަން."
"ﷲ ކަލެއަށް ރަޙުމަތް ލައްވާށި. ތިޔަ ޖެހެން އުޅެނީ ކޮންފަދަ މަޅިއެއްގައި ކަމެއް ނޭނގޭ."
ބާދްޝާ އިންޖިނޭރުބޭބެގެ އަތުގައި ހިފައިފައި އާދޭހުގެ ރާގަކަށް ބުންޏެވެ. "އެހެން ނުބުނޭ. އަހަރެންގެ ހިތް ހަލާކު ނުކުރޭ. އަހަންނަށް ހިތްވަރުދީ. އަބުރުވެރި ގެއެއްގެ ކުއްޖަކު ހޯދައިފިއްޔާ އެގެއަށް ގޮސް ކާވެނީގެ ވާހަކަ ދައްކާނަމޭ ބޭބެ ބުނިމެއްނު؟ އަހަރެން މި އައީ އޭނާގެ މަންމަ ގާތު ބައެއް ވާހަކަ ދައްކާފައި. ދެންހުރި ވާހަކަތައް ދައްކާން ދާންވާނީ ބޭބެ."
"ޒުވާންކަމަކީ މޮޔަބައްޔެއް. އެކަން އެނގޭނީ އަހަރެމެން މުސްކުޅިންނަށް. ދަރިންގެ ކާވެނި ކުރުވާއިރު ވިސްނައި ފިކުރުކޮށް އެކި ކަހަލަ ކަންކަން ބަލައި ހަދަނީ އެހެން ވެގެން. ކާވެނީގެ ވާހަކަ ދައްކާން އަހަރެން ދާނީ އެ ކުއްޖާޔާ ބެހޭ ގޮތުން ބައެއް ކަހަލަ މައުލޫމާތު ހޯދުމުގެ ފުރުސަތާއި ވަގުތު އަހަންނަށް ދިނީމާ. ލޯ މަރައިލާފައި، މޮޔައެއްހެން ދުވެފައި ގޮސް އެކުއްޖާގެ އަތުގައި ހިފައިގެން ގެއަށް ގެންދާން ވިސްނާ ކަމަށް ވަންޏާ، އެކަމުގެ ތެރެއަށް އަހަރެން ނުވައްދާ."
"ބޭބޭ. އަހަރެން ބޭނުންވާ ގޮތް ބުނަންތަ؟ އަހަރެންގެ ފަރާތުން އާއިލާގެ ބޮޑު މީހެއްގެ ގޮތުގައި ބޭބެ އެގެއަށް ދާންވީ. އެކަމަކު އެމީހުން ނުރުހޭ ކަހަލަ އެއްވެސް ވާހަކައެއް ނުދައްކާތި. އެކަހަލަ ވާހަކައެއް ދައްކައިފިއްޔާ ހުރިހައި ކަމެއް ޚަރާބު ވެދާނެ."
"ދަރިފުޅާ. ބޭބެ ދައްކާނީ ބުއްދި ވިސްނައިދީފައި ހުރި ވާހަކަ. ތަޖުރިބާ ދަސްކޮށްދީފައި ހުރި ވާހަކަ. އެމީހުން އުސޫލާ ޚިލާފު ވާހަކައެއް ދައްކައިފިއްޔާ... ނޫނީ ކަލޭ ލޫޓުވުމުގެ ވާހަކަ ދައްކައިފިއްޔާ ބޭބެއަށް ކެތް ކުރެވޭނީ ކިހިނެއް؟"
"ލޫޓުވުމުގެ ވާހަކައެއް ނުދައްކާނެ. އޭނާޔާ އިންނާން ބޮޑެތި މީސްމީހުން އަންނަ ވާހަކަ ބުނީމެއްނު؟ އެމީހުން ތިބީ ގެދޮރު ލިޔެދޭންވެސް ތައްޔާރަށޭ ބުނީމެއްނު؟"
"އެހެން ވެއްޖެއްޔާ ކަލޭގެ ގެވެސް އެމީހުން ލިޔުއްވާނެ. އަހަރެން މި ދައްކާ ވާހަކަ ކަނުލައި އަހާ. އެމީހުން އެކުއްޖާޔާ ކަލެޔާ ދެވާނީ ކަލޭގެ ހުރިއްޔާ ހުރިހައި އެއްޗެއް އެކުއްޖާގެ ނަންމައްޗަށް ބަދަލުކޮށް ދިނީމާ. ކަލޭ ތިޔަހަރީ ލޫޓުވެން ތައްޔާރަށް ކަމަށް ވަންޏާ އަހަރެންގެ ބޭނުމަކީ ކޮބާ؟ އަމިއްލައަށް ގޮސް އިނދެގެން އާދޭ. އަހަރެން ހުއްޓައި ލޫޓުވިކަމުގެ އިލްޒާމު ބޮލުގައި އަޅާކަށް ބޭނުމެއް ނޫން."
"ބޭބޭ. އެންމެ ފުރަތަމަވެސް ތިޔަ ދައްކަނީ ހިތް ހަލާކުވާ ކަހަލަ ވާހަކަ. އެންމެ ރަނގަޅު. އަހަރެން މާދަމާ އަދި އޭނާޔާ ބައްދަލު ކުރާނަން. ކަންތައް ދިޔަ ހިސާބެއް އެނގޭނީ އޭރުން."
ބާދްޝާ ކާރާ ދިމާއަށް ހިނގައިގެންފިއެވެ. ކާރުގެ ދޮރު ހުޅުވައިލުމަށް ފަހު އެނބުރި ބަލައިލިއެވެ. "ބޭބޭ. އަށްހާސް ރުފިޔާ އަހަރެން ބޭނުން. ގެޔާ ޖެހިގެން އޮތް ގޯތި ގަނެލަން ވެގެން... ދޭނަން ދޯ؟"
"އާނ. މާދަމާ ބޭންކު ހުޅުވުނީމާ ނަގާފައި ދޭނަން. އެކަމަކު ހަނދާން ކުރާތި. ގޯތި ރަޖިސްޓަރީ ކުރަން ވާނީ އަމިއްލަ ނަމުގައި. އެ ކުއްޖާގެ ނަމުގައި ނުކުރާތި. އެ ކުއްޖާގެ ނަމުގައި އެއްވެސް އެއްޗެއް ރަޖިސްޓަރީ ކުރަން ވާނީ އިނުމަށް ފަހު. އަހަރެންގެ ނަސޭހަތަށް އަމަލު ކުރާތި. އެހެން ނޫނީ ފަހުން ހިތާމަ ކުރަން ޖެހޭނެ."
ކުލީކާރު ދުުއްވާ މީހަކު ބާދްޝާއާ ދިމާއަށް ބުނެލިއެވެ. "ބާދްޝާ. ކަލޭގެ ދިރިއުޅުމަށް އުފާވެރިކަން އައުމުގެ މުނާސަބަތުގައި ފުޅިއެއް ކަނޑައިލަމާ ހިނގާ."
އޭނާ ބޯ ހޫރައިލިއެވެ. "މީގެ ފަހުން ތިޔަ ކަހަލަ ވާހަކަ އަހަރެން ގާތު ނުދައްކާތި. އަހަރެން މަސްތުވުން ހުއްޓާލައިފިން."
އޭނާ ކާރަށް އަރައި އިސްޓާޓު ކުރުމަށް ފަހު ކުރިއަށް ދުއްވައިލިއެވެ.
ކުރިން ވާހަކަދެއްކި މީހާ ބުނެލިއެވެ. "ބާދްޝާ މުޅީން މޮޔަ ވެއްޖެ. އަންހެނުންނަކީވެސް ހާދަހާ ވަރުގަދަ ބައެކޭ. އެ ކުއްޖާއަށްޓަކައި މަސްތުވުންވެސް އެ ހުއްޓައިލީ. އެ ސޮރުގެ ދުވަސް ދިޔައީ..."
މޮޔައަކަށް އޭނާގެ މޮޔަކަމެއް ނޭނގޭނެއެވެ. ވިސްނައި ދިނަސް ނޭނގޭނެއެވެ. ބާދްޝާއަށްޓަކައި މިއަދަކީ ވަރަށް އުފާވެރި އަދި ފުރިހަމަ ދުވަހެކެވެ. އޭނާއަށް ގަބޫލު ކުރެވޭ ގޮތުގައި މިހައިތަނަށް ވޭތުވެފައިވާ ދުވަސްތަކަކީ ބޭކާރު ގޮތުގައި ނަގައިލެވުނު ދުވަސްތަކެކެވެ. އޭނާގެ ދިރިއުޅުން ހަގީގީ މާނައިގައި ފެށުނީ މިއަދުއެވެ. ގުދުރަތުން މިއަދު މިހައި ރީތި ކުރެއްވީ އެހެން ވެގެންނެވެ. މިއަދު އޭނާއަށް ލިބިފައި މިވަނީ އޭނާގެ ތަސައްވުރަށްވުރެވެސް ރީތި ދުނިޔެއެކެވެ. އޭނާއަށް ފެންނަނީ ހަމައެކަނި ރުޚްސާނާއެވެ. އެހެން އެއްވެސް އެއްޗެއް ނުފެނެއެވެ. ކުރިމަތީގައި ހުރި ބިއްލޫރިގަނޑަށް ބައިސްކޯފު ފިލްމެއްހެން މަންޒަރުތައް އަރަމުން ދަނީއެވެ. ރުޚްސާނާގެ ހުރިހައި އަދާއެއް ހަނދާނަށް އަންނަނީއެވެ. ރޭގަނޑު ހޭދަކުރާނީ ކިހިނެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. މިރެއިން ފެށިގެން އޭނާއަށް ދަސްވާނީ ލޯބީގައި ހޭލައި ހުންނާން ކަމުގައިވެސް ވެދާނެއެވެ.
އޭނާ ގޯތިވިއްކުމުގައި ދައްލާލެއްގެ ގޮތުގައި އުޅޭ ވަކީލުގެ އޮފީހަށް ގޮސް ފަސް ސަތޭކަ ރުފިޔާ ދީފައި ލިޔުންތައް ތައްޔާރު ކުރާން ބުނެފިއެވެ. މާދަމާ އައިސް ގޯތީގެ ފައިސާ ދައްކާފައި ލިޔުންތަކާ ހަވާލު ވެވޭނެތާއެވެ.
ދެން ދިޔައީ ގެއަށެވެ. ހަވީރު ކައިގެން ހުރުމާއެކު ބަނޑުހައެއް ނުވެއެވެ. ރޭގަނޑު ފާއިތުވެގެން ދާން ފެށުމާއެކު ނިދި ނާންނާނޭކަން އޭނާއަށް ރަނގަޅަށް އެނގިއްޖެއެވެ. އެނދުގައި އޮށޯވެގެން އޮވެ ވިސްނަމުން ގެންދިޔައެވެ. ގެއަށް ގެންނާނޭ ބަދަލުތަކާމެދު ފިކުރު ކުރަނީއެވެ. އޭނާ ބޭނުން ވަނީ ގޭގެ މެދުގޭތެރެ ރުުޚްސާނާގެ ގޭގެ ބޮޑު ކޮޓަރި ކަހަލަ ކޮޓަރިއަކަށް ހަދާށެވެ. ވިސްނަމުން، ޚިޔާލީ ފޮލާ ކައްކަމުން އޭނާ ގެންދިޔައެވެ. މެންދަމުން އަލިވެ ތިނެއް ޖެހި ފަހުން ނިދި އަންނާން ފަށައިފިއެވެ. އޭނާ ފުންމައިގެން ތެދުވެއްޖެއެވެ. މިހާރު ނިދިއްޖެއްޔާ ހެދުނު ހޭނުލެވިދާނެއެވެ. ލަހުން ނިދީމާ ހޭލެވެނީވެސް ލަހުންނެވެ.
އޭނާ ކަންބިޮޑުވާން ފަށައިފިއެވެ. މި ވަގުތު އޭނާގެ ދުސްމިނަކަށް ވެފައި ވަނީ ނިންޖެވެ. އެ އުޅެނީ އޭނާ ނިންދަވާށެވެ. ސޯނާ ގަޑިއެއް އޮތް ނަމަ ސޯނާ ކޮށްގެން ނިދުނީހެވެ. ހެނދުނު ގޮވާށޭ އަވަށްޓެރިއެއް ގާތު ބުނާން ހިތަށް އެރިއެވެ.
އެކަމަކު މިހައި ދަންވަރު މީހަކަށް އުނދަގޫ ކުރާކަށް ނުކެރޭނެއެވެ. އޭނާ މަޑުމަޑުން ގެއިން ބޭރަށް ނުކުމެއްޖެއެވެ. ހަނދުވަރުދޭ ރެއެކެވެ. އޭނާ ހަނދާ ދިމާއަށް ބަލައިލާފައި ހިނިތުންވެލިއެވެ. ހިތުގައި ސުވާލެއް އުފެދުނެވެ. އޭނާ މިހާރު ކީއްކުރާނީ ބާވައެވެ؟ މިހައި ދަންވެފައި ވުމާއެކު އޮންނާނީ ނިދައިފައެވެ... ނޫނެކެވެ. އޭނާވެސް ހުންނާނީ އަހަންނެކޭ އެއްފަދައިން ހޭލައެވެ. ދެފަރާތުގައިވެސް މި ވަނީ އެއްވަރަކަށް ރޯވެފައި ހެއްޔެވެ؟
ހަނދުވަރުގެ އަލީގައި ހުރެވުމާއެކު އަނެއްކާވެސް ނިދި ފިލައިފިއެވެ. އޭނާ ގެޔާ ޖެހިގެން އޮތް ގޯއްޗާ ދިމާއަށް ބަލައިލާފައި އަނެއްކާވެސް ޚިޔާލީ ފޮލާ ކައްކާން ފަށައިފިއެވެ. އެ ގޯތީގައި އަޅާނޭ ގަނޑުވަރެއް ކަހަލަ ގޭގެ ތަސައްވުރު ކުރާން ފަށައިފިއެވެ.
ހަތަރެއް ޖެހިތަނާ ޖެހިގެން ހުރި ގޭގެ ދޮރު ހުޅުވިއްޖެއެވެ. ގޭގެ އަލި ބޭރަށް ފާއްދާލައިފިއެވެ. އޭނާ އެނބުރި ބަލައިލިއެވެ. އެގެއިން ނުކުތް މީހަކު ވަރަށް ބާރަށް އޭނާޔާ ދިމާއަށް އެބަ އާދެއެވެ. އެމީހަކު ހުރީ ކަންބޮޑުވެފައެވެ. "ބާދްޝާ ޖާނީ. ކަލޭ ހޭލައި ހުރިކަން ވަރަށް ރަނގަޅު. އަހަރެންގެ ދަރިފުޅުގެ ހާލު ވަރަށް ގޯސް ވެއްޖެ. ހަސްފާތަލަށް ނުގޮސް ވާކަށް ނެތް."
ބާދްޝާ ބުންޏެވެ. "އޯހ... އަހަރެން ހަނދާން ނެތުނީ. ފަހަރި އޮތީ މިއަދު އެވާހަކަ ދައްކާފައި. އަހަންނަށް ތަންކޮޅެއް ލަހުން އާދެވުނީ. މައްސަލައެއް ނެތް. އަވަހަށް ދަމާ ހިނގާ."
އޭނާ ގެއަށް ވަދެ ކާރުގެ ތަޅުދަނޑި ހިފައިގެން ނުކުމެ ގޭގެ ދޮރު ލައްޕައި ތަޅުލައިފިއެވެ. އަދި ކާރުގައި ގޮސް ޖެހިގެން ހުރި ގޭގެ ދޮރުމައްޗަށް މަޑުކޮށްފިއެވެ. އެގޭ ދެމަފިރިންގެ އެ ދެމަފިރިންގެ ދިހަ އަހަރުގެ އަންހެން ދަރިފުޅު އަތުލަފި ކޮށްގެން ކަހަލަ ގޮތަކަށް މަޑުމަޑުން އައިސް ކާރުގެ ފަހަތަށް އަރައިފިއެވެ. އެމީހުން ބޭނުންވީ ކައިރީގައި ހުރި ހަސްފަތާލަކަށް ދާށެވެ. އެކަމަކު ބާދްޝާ ބުނި ގޮތުގައި ރަނގަޅު ވާނީ ޢައްބާސީ ހަސްފަތާލެވެ. ތަންކޮޅެއް ދުރުގައި ހުރި ނަމަވެސް ވަރަށް އަވަހަށް ގެންގޮސް ދީފާނޭ ކަމަށްވެސް އޭނާ ބުންޏެވެ.
ބާދްޝާ ކާރު ދުއްވާލައިފިއެވެ. މިސްރާބު ޖެހީ ޢައްބާސީ ހަސްފަތާލާ ދިމާއަށެވެ. ލޯބިވެރިޔާގެ ގެޔާ ކައިރިއަށް ދެވޭތީ އޭނާ ހުރީ އުފަލުންވެ. އެ ކުޑަ ކުއްޖާފުޅު ކުކުރާލަކުކުރާލައި އޮތެވެ. އޭނާގެ ހިތަށް އެރިއެވެ. މާގިނަ ދުވަހެއް ނުވެ ގޭދޮށުގައި ހަސްފަތާލެއް ހުޅުވިދާނެއެވެ. އެ ހަސްފަތާލުގައި ފަރުވާދޭނީ ޑޮކްޓަރ ރުޚްސާނާ ފަރީދެވެ. އޭރުން އަވަށު މީހުންނަކަށް ފަރުވާ ހޯދަން މާ ދުރަށް ދާކަށް ނުޖެހޭނެއެވެ.
އޭނާ އެ މީހުން ހަސްފަތާލުގެ އެމެޖެންސީއަށް ބާލައިފިއެވެ. އޭރު ގަޑިން ފަހެއް ޖެހީއެވެ. ގަޑިއެއްހައި އިރު ފަހުން އެނގުނު ގޮތުގައި އެ ކުއްޖާ ހަސްފަތާލުގައި ބާއްވައިފިއެވެ. އޭނާ ކާރު އެ ސަރަހައްދުން ދުރަށް ގެންގޮސްފިއެވެ. އޭރު ދުވާލުގެ އަލިކަން ދުނިޔެ މައްޗަށް ވެރިވެއްޖެއެވެ. ހަސްފަތާލުގެ ކުރިމަތީގައި މަގުގެ އަނެއް ފަޅީގައި ކާރު ޕާކު ކުރުމަށް ފަހު އޭނާ ފަހަތު ގޮނޑީގައި އޮށޯވެއްޖެއެވެ. އެތާގައި އޮންނައިރު ރުޚްސާނާގެ ގެ ހުންނަ ގޯޅި ރީތިކޮށް ފެނެއެވެ. ރުޚްސާނާ އަންނަތަން ފެނުނީމާ ކާރު އެ ގޯޅިއާ ހަމައަށް ގެންދާނީއެވެ.
މާ ގިނަ އިރެއްނުވެ ބާދްޝާއަށް ނިދިއްޖެއެވެ. ފުން ނިދީގެ ތެރެއަށް ރަނގަޅަށް ގެއްލިއްޖެއެވެ. ކުއްލިއަކަށް އޭނާއަށް ހޭލެވުނީ ކާރުގެ ބިއްލޫރިގަނޑުގައި މީހަކު ތަޅާތީއެވެ. ބަލައިލީއިރު ބިއްލޫރިގަނޑުން ފެނުނީ ރުޚްސާނާގެ މޫނެވެ. އޭނާ އަވަސްއަވަހަށް ދޮރު ހުޅުވައިފައި ކާރުން ފައިބައިފިއެވެ. "ނިދި ޖެހިލީ. ނުވައެއް ޖެހިކަމެއްވެސް ނޭނގުނު."
ރުޚްސާނާ ބުންޏެވެ. "ނުވަ ގަޑި ބައި ވެއްޖެ. މިތާގައި އަހަރެން ހުންނަތާ ބައިގަޑިއިރު ވެއްޖެ. ބަލައިލީއިރު ފެނުނީ ބާދްޝާ ނިދާފައި އޮތްތަން. ރޭ ހަތަރުދަމު އުޅުނީ ހޭލާތަ؟ ގެއަކަށް ނުދަންތަ؟"
"ގެއަށް ދިޔައިން. އެކަމަކު ހެނދުނު ހޭނުލެވިދާނެތީ ބިރުން ނުނިދައި ހުރީ. ފަތިހު ހަތަރެއް ޖެހިތަނާ އަވަށްޓެރިއަކުގެ ދަރިއަކު ބަލިވެގެން ހަސްފަތާލަށް ގެނެސް ދިނީ. މިތަނުން ނިމުނުތަނާ އިރު އަރައިފި. އެހެންވީމާ ހިތަށް އެރީ ކުޑައިރުކޮޅަކު އަރާމު ކޮށްލާނީއޭ."
ވާހަކަދައްކަމުން ގޮސް ކުއްލިއަކަށް ބާދްޝާއަށް ބަލައިލެވުނީ ރުޚްސާނާގެ މޫނަށެވެ. މޫނުމަތީން އާދަޔާ ޚިލާފު ޖަޒުބާތެއްގެ އަސަރު ފާހަގަ ކުރެވިއްޖެއެވެ. އޭނާ ރުޚްސާނާގެ ލޮލަށް ބަލައިލާފައި ބުންޏެވެ. "ލޮލަށް ބަލައިލީމާ ރޮއިފައި ހުރި ވައްތަރު އެބަޖަހާ."
ރުޚްސާނާ ސިހިފައި ބުނެލިއެވެ. "ނޫނޭ... އަހަރެން ރޯންވީ ކޮން ކަމަކާ؟"
މިހެން ބުނެފައި އޭނާ ކާރުގެ ފަހަތަށް އަރައި އިށީނދެއްޖެއެވެ. ބާދްޝާ ކުރިއަށް އަރައި އިށީނުމަށް ފަހު އަހައިލިއެވެ. "ކިހިނެއްވީ؟ ފަހަތަށް އެރީ ކީއްވެގެން؟"
(ނުނިމޭ)
vv.reethi kuriyahoiybai v.kiyaalaahitun mihiree