ރާއްޖޭގައި މަސައްކަތްކުރާ ޓީޗަރުންގެ 73 އިންސައްތަ އަކީ އަންހެނުން

Photo: CHSE Twitter

ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންގެ 73 އިންސައްތަ އަކީ އަންހެނުންނެވެ.

ޓީޗަރުންގެ ދުވަހާ ގުޅިގެން ތަފާސް ހިސާބުތަކާ ޤައުމީ އިދާރާ ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކުން ހާމަކުރެއްވި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި މަސައްކަތްކުރާ ޓީޗަރުންގެ ޢަދަދަކީ 10424 އެވެ. އޭގެތެރެއިން އަންހެނުންގެ ޢަދަދަކީ 7587 އެވެ. ފިރިހެނުންގެ ޢަދަދަކީ 2837 އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ރާއްޖޭގައި ކިޔަވައިދޭ ޓީޗަރުން 87 އިންސައްތައަކީ ތަމްރީނުވެފައިވާ ޓީޗަރުންނެވެ. ރާއްޖޭގައި ކޮންމެ 9 ދަރިވަރަކަށް ޓީޗަރަކު މަސައްކަތް ކުރަމުންދެއެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ޓީޗަރުންގެ ތެރޭގައި ބިދޭސީންގެ ނިސްބަތް އުޅެނީ 21 އިންސައްތައިގައެވެ. އެއި 2240 ބިދޭސީ ޓީޗަރުންނެވެ. އެހެންކަމުން ދިވެހި ޓީޗަރުންގެ ޢަދަދަކީ 8184 އެވެ. މާލޭގައި ކިޔަވައިދޭ ޓީޗަރުންގެ ޢަދަދަކީ 2791 އެވެ. އަތޮޅުތަކުގައި މަސައްކަތްކުރާ ޓީޗަރުންގެ ޢަދަދަކީ 7633 އެވެ.

އަތޮޅުތަކުގައި މަސައްކަތްކުރާ ޓީޗަރުންގެ ޢަދަދުތައް ބެހިފައިވާ ގޮތަށް ބަލާއިރު، ޓީޗަރުންގެ ޢަދަދު ހަ ސަތޭކައިން މަތީގައި އުޅެނީ ތިން އަތޮޅެއްގައެވެ. އެއީ އައްޑު އަތޮޅާއި ހދ. އަދި ރ އަތޮޅުގައެވެ. ޓީޗަރުންގެ ޢަދަދު ފަސް ސަތޭކައިން މަތީގައި އުޅެނީ ހއ. އަތޮޅާއި ނ އަތޮޅުގައެވެ. ށ އަތޮޅުގައި މަސައްކަތް ކުރަނީ 499 ޓީޗަރުންނެވެ.  ށ އަތޮޅާއިއެކު ހަތަރު ސަތޭގައި ޓީޗަރުންގެ ޢަދަދު ހިމެނެނީ ލ އަތޮޅާއި ތ. އަތޮޅާއި ގދ. އަތޮޅާއި ބ އަތޮޅުގައެވެ. ޓީޗަރުންގެ ޢަދަދު ދުއިސައްތައާއި ތިން ސަތޭކަ އާއި ދެމެދުގައި އަށް އަތޮޅުގައި ހިމެނެއެވެ. އެއީ ޅ އަތޮޅާއި މާލެ އަތޮޅާއި އަރި އަތޮޅު ދެބުރިއާއި މ އަތޮޅާއި ދ. އަތޮޅާއި ގއ. އަތޮޅާއި ފުވައްމުލަކުގައެވެ. ރާއްޖޭގެ އެންމެ އާބާދީ ކުޑަ  ދެއަތޮޅު ކަމުގައިވާ ފ. އަތޮޅާއި ވ އަތޮޅުގައި މަސައްކަތްކުރާ ޓީޗަރުންގެ ޢަދަދަށްބަލާއިރު ވ އަތޮޅުގައި މަސައްކަތް ކުރަނީ 78 ޓީޗަރުންނެވެ. ފ. އަތޮޅުގައި 182 ޓީޗަރުންނެވެ.

މި ތަފާސް ހިސާބުތަކުގައި ހިމެނެނެނީ  މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މަސައްކަތްކުރި ޓީޗަރުންގެ ޢަދަދުތަކެވެ. 

ތަފާސް ހިސާބުތަކާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރި ތަފާސް ހިސާބުތަކުގައި ޓީޗަރުންގެ އުޖޫރައާ ގުޅޭ މަޢުލޫމާތެއް ނުހިމެނެއެވެ. ޓީޗަރުންނަށް ލިބޭ އުޖޫރަ ކުޑަވުމަކީ ޓީޗަރުންނަށް ދިމާވާ އެންމެ ބޮޑު އެއްމައްސަލައެވެ. 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.