ހިޔާ މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދެޓަވަރުގެ ތެރެއިން އެއް ޓަވަރުގެ ހުރިހާ ކޮންކްރީޓް މަސައްކަތެއް ނިމިފައިވާ ކަމަށް އެ ކުންފުނީގެ އެމްޑީ ހަސަން ޝާހް ވިދާޅުވެއްޖެއެވެ.
ހިޔާ މަޝްރޫއުގެ ދަށުން އެ ކުންފުނިން އަޅަން ހަމަޖެހިފައިވާ ޓަވަރުތަކުގެ މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝާހް ވިދާޅުވިގޮތުގައި އެ ޓަވަރުގެ މަސައްކަތް ކުރަނީ ކުންފުނީގެ ކޭޝް ފްލޯއިން ކަމަށެވެ. މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ޗައިނާގެ ޓުވެންޓީ ތާޑް މެޓާލިޓިކަލް ކޮންސްޓްރަކްޝަން ގްރޫޕް އޮފް މިނަމެޓަލްސްއާ ކަމަށް ޝާހު ވިދާޅުވިއެވެ. ޗައިނާގެ ކުންފުންޏާ މަސައްކަތް ހަވާލުކޮށްފައިވަނީ 2018ވަނަ އަހަރު ކަމަށް ޝާހު ވިދާޅުވިއެވެ.
ޕްރޮޖެކްޓްގެ ފަންސާސް އިންސައްތައާ ފަސްދޮޅަސް އިންސައްތަ މިހާރުވަނީ ނިމިފައި ކަމަށްވެސް ވިދާޅުވިއެވެ. ޗާހް ވިދާޅުވިގޮތުގައި ސްޓްރަކްޗަރ ނިމުމާ ގުޅީގެން ދެން ކުރިއަށް ގެންދަންޖެހެނީ ރޭނުމުގެ މަސައްކަތެވެ. އެގޮތުން 6ވަނަ ބުރިން ފެށިގެން 9ވަނަ ބުރި، އަދި 11ވަނަ ބުރިން ފެށިގެން 14ވަނަ ބުރިއާ ހަމައަށް ރޭނުމުގެ މަސައްކަތްވެސް ނިމިފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރަށް އެމްޑަބްލިއުއެސްސީގެ ހިޔާ މަޝްރޫއުގެ ލޮކޭޝަނަކީވެސް މުހިއްމު ލޮކޭޝަނެއްކަން ޝާހް ފާހަގަކުރެއްވިއެވެ. ފްލެޓުގެ ތަކުގެ ސައިޒަށް ބަލާއިރުވެސް 7000 ހައުސިން ޔުނިޓްގެ ފްލެޓްތަކުގެ ސައިޒަށްވުރެ ބޮޑުވާނެކަން ފާހަގަކުރެއްވިއެވެ. އެމްޑަބްލިއުއެސްސީގެ ފްލެޓްތަކުގެ ތެރެއިން ދެކޮޓަރީގެ ސައިޒަކީ 692.63 އަކަފޫޓާއި 701.28 އަކަފޫޓުކަމަށް ވިދާޅުވިއެވެ. ސޯޝަލް ހައިސިން އެޕާޓްމަންޓުގެ ސައިޒާއި މި އެޕާޓްމަންޓުތަކުގެ ސައިޒު އެއްގޮތް ނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ހިޔާ މަޝްރޫއުގެ ދެ ރޫމް އެޕާޓްމަންޓުގެ ސައިޒަކީ 550 އަކަ ފޫޓެވެ.