މުޞްޙަފް - 67

(19 ޖުލައި 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ކަލޭގެ ކިބުރުވެރިކަމަކަށް ބަދަލެއް ނާދޭ. ދޯ؟"

"އަހަރެންގެ މިކަހަލަ ކިބުރުވެރިކަމަކަށް ބަދަލެއް ނުވެސް އަންނާނެ. ކަލޭ ހީކޮށްގެން ތިޔަ ހުންނަނީ ހުމާޔޫން ނެތިއްޔާ އަހަރެން މަރުވާނީ ކަމަށްތަ؟" މެހެމަލް ބުންޏެވެ. "އަހަރެން މި އައީ ހަތް އަހަރު ވާންދެން ކޯމާއެއްގައި އޮވެފައި. ހުމާޔޫނެއް ނެތް. އަހަރެން މަރެއް ނުވޭ. އެހެންވީމާ އޭނާ ނެތިގެން އަހަރެން މިހާރު މަރުވާންވީ ކީއްވެގެން؟ ދެން އެވާހަކަ ބާއްވަމާ... އިށީންނަން ބޭނުމިއްޔާ އިށީނދޭ. ތިޔަ އައީ ކާން ކަމަށް ވަންޏާ އެހެރީ ބަދިގެ. މީސްމީހުންގެ މުދާ ހަރާމަށް ކެއުމަކީ ކަލޭމެންގެ އާއިލީ އާދައެއްނު؟ ހުމާޔޫންގެ އާދައަކީ ޚައިރާތު ކުރުން. ކާން ބޭނުން އެއްޗެއް ކައި."

އޭނާ ސަލާމެއް ގޮވައެއް ނުލައެވެ. އާރްޒޫއަށް ރަޙްމަތް ލައްވާތޯ ދުޢާ ކުރާކަށް މިވަގުތު އޭނާ ބޭނުމެއް ނުވިއެވެ. އެހެންވީމާ ކޮޓަރިއާ ދިމާއަށް ގޮނޑި ދުއްވައިލިއެވެ. ހުމާޔޫން ދިން ލިޔުން އޭނާގެ އުނގުގައި އޮތެވެ.

އާރްޒޫ ކުދިކިޔާ އަޑާއި ސިޑިން އަރައިގެން ދިޔަ އަޑު އޭނާއަށް އިވުނެވެ. އޭނާ އެނބުރި ބަލައެއް ނުލައެވެ. މިހާރަކު އެއްވެސް އެއްޗެއް ނުވަތަ ކަމެއް ބަލާކަށް ބޭނުމެއް ނުވެއެވެ. އޭނާގެ ގެ އެވަނީ ތާސްބައިން އަޅާ ގެއަކަށް ވާހެން ބިމާ ހަމަވެފައެވެ. މިހާރަކު ސަލާމަތް ކުރާނޭ އެއްޗެއް ނެތެވެ.

ކޮޓަރިއަށް ވަދެ އޭނާ ދޮރު ލައްޕައިލިއެވެ. އެކަމަކު ތަޅެއް ނުލައެވެ. އެތަނަށް ވަންނާނޭ އިތުރު މީހަކު ނެތެވެ.

މެހެމަލް ފުރޮޅުލީ ގޮނޑި ދުއްވަމުން މޭޒާ ހަމައަށް އަތުވެއްޖެއެވެ. ކޮޓަރީގެ ބޮކި ހުރީ ނިއްވައިފައެވެ. އެހެން ނަމަވެސް ކުޑަދޮރުން އެތެރެއަށް ވަދެފައި ހުރި ހަނދުވަރުގެ ސަބަބުން އެތެރެއަށް އޮތީ ފަނޑު އަނދިރިކަމެއް ވެރިވެފައެވެ.

އެ ފަނޑު އަލީގެ ތެރޭގައި މެހެމަލް ލޯގަނޑުން އޭނާގެ ސިފައަށް ބަލައިލިއެވެ.

ހުރިހައި ކަމެއް ނިމިއްޖެއެވެ. ހުރިހައި އެއްޗެއް ހަލާކު ވެއްޖެއެވެ. އަނދައި އަޅިއަށް ވެއްޖެއެވެ. އަލިފާން ކަންޏެއްގެ މިންވަރުވެސް ނެތެވެ.

ލޯގަނޑުން ފެންނާން ހުރި ސިފައަށް ބަލައިލާފައި އޭނާގެ ހިތަށް އެރިއެވެ. ކަންފަތުގައި އޮތް މުދި ކަންފަތާއެކު އުފުރާފައި އެއްލައިލާން ވީއެވެ. ކަރުގައި އޮތް ހާރު ނަގައި ފާރަށް ޖަހަންވީއެވެ. އަތުގައި ހުރި އުޅާތައް ފުނޑުފުނޑު ކޮށްލާންވީއެވެ. ބާރަށް ހަޅޭެއް ލަވާން ވީއެވެ. އަޑުންއަޑު ނަގައި ރޯން ވީއެވެ.

އޭނާގެ އަތް ގޮސް ކަންފަތުގައި ޖެހުމާއެކު ކޮޓަރި ތެރެއަށް މަޑުމަޑު އަޑެއް ވެރިވީހެން ހީވިއެވެ.

ލޮލުން ކަރުނަ ފައިބަނީއެވެ.

ހިތުގައި ވަނީ ހިތާމައެވެ.

އެކަމަކު އަހަރެމެން ދުލުން ބޭރުކުރާނީ ﷲ ރުއްސަވާފަދަ ބަސްތަކެކެވެ.

އެވަގުތު އޭނާގެ އަތް އެއްވެސް އިޚްތިޔާރަކާ ނުލައި ތިރިވެއްޖެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހަދީސު ކުރެއްވިއެވެ. ކެތްތެރިކަމަކީ ސަދުމާގެ ފުރަތަމަ މަރުހަލާގެ ކަމެކެވެ. އަދިވެސް ހަދީސު ކުރައްވައިފައިވާ ގޮތުގައި ހެދުން ވީދައި މޫނުމަތީގައި އަމިއްލައަށް ތަޅައި ޖާހިލިއްޔަ ޒަމާނުގައި ރޯފަދައިން އަޑުންއަޑު ނަގައި ރޮއިހަދާ މީހުންނަކީ އެކަލޭގެފާނުގެ އުއްމަތުގެ ތެރެއިންވާ ބައެއް ނޫނެވެ.

އޭނާ ގޮނޑީގެ ލެނގޭތާގައި ފުއްކިބަ ޖައްސައިލިއެވެ. އެޔާއެކު ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. އޭނާ ރޮމުން އެ ގެންދަނީ އަޑެއް ނީއްވައެވެ. ނިކަމެތި އަދި ބަލިކަށި އަންހެން ކުއްޖަކު އަނދިރީގައި އިނދެގެން އަޑެއް ނީއްވައި ރޮމުން އެއް ލަފުޒެއް ތަކުރާރު ކުރަމުން ދިޔައެވެ.

"ياربّ المستفعفين" (އޭ ނިކަމެތީންގެވެރި ރަސްކަލާނކޯއެވެ.)

މެންދުރުފަސް ފާއިތުވެގެން ހިނގައްޖެއެވެ. ހަވީރު ނިމިގެން ހިނގައްޖެއެވެ. ރޭގަނޑުން މިހާރުވީ ކިހައި އިރެއް ކަމެއްވެސް ނޭނގެއެވެ. ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލީ އަޑު އިވުނެވެ. އެއް ފަހަރަކު ނޫނެވެ. ދެތިން ފަހަރުއެވެ.

މެހެމަލް އެނބުރި ބަލައިލިއެވެ. ހުމާޔޫން އަތުވެދާނޭ ކަމަށް ހީކުރުމަކީ މިހާރު މޮޔަ ކަމެކެވެ.

ދޮރު ހުޅުވިއްޖެއެވެ. ފިޔަވަޅުގެ އަޑު އިވެއެވެ. އޭނާގެ ކުރިމަތީގައި ހުއްޓުނު މީހަކު ގޮވައިލިއެވެ.

"މެހެމަލް." އެއީ ފަރިޝްތޭގެ އަޑެވެ.

އޭނާ އަނގަޔަކުން ނުބުނެއެވެ. ފަންގިފިލައަށް ބަލަހައްޓައިގެން އިނީއެވެ.

"މެހެމަލް. ކިހިނެއްވީ؟ ތިޔަހެން އިނީ ކީއްވެގެން؟"

އިރުކޮޅެއްގެ ހިމޭންކަމަށް ފަހު އަނެއްކާވެސް އިވުނީ ފަރިޝްތޭގެ އަޑެވެ.

"މެހެމަލް. ހާލު ރަނގަޅުތަ؟"

އޭނާ މަޑުމަޑުން ފަރިޝްތޭއާ ދިމާއަށް ބަލައިލިއެވެ. ކަޅު ހެދުމުގެ ތެރެއިން އޭނާގެ މޫނު ހުރީ ވިދައިލަވިދައިލައެވެ.

"މެހެމަލް؟"

"ހުމާޔޫން އަހަރެން ވަރިކޮށްފި." އޭނާ މަޑުމަޑުން ބުނެލިއެވެ. އަޑުގައި ކަރުނައިގެ އަސަރު ހުއްޓެވެ.

އަނެއްކާވެސް ހިމޭންކަން ވެރިވެއްޖެއެވެ.

"ކޮންއިރަކު؟"

"މިއަދު... މެންދުރު ފަހު. ޢިއްދައިގެ މުއްދަތު ހަމަވާންދެން އަހަރެން ހުންނާނީ މިގޭގައި. އޭގެ ފަހުން މިގެއިން ނުކުމެގެން ހިނގައިދާނަން. ހުމާޔޫން މީހަކާ އިންނާނީ އަހަރެން ނުކުމެގެން ދިޔައީމާ." މެހެމަލް އަނެއް ފަރާތަށް އެނބުރިލިއެވެ. ފަރިޝްތޭއަށް އޭނާގެ މޫނު ދައްކާކަށް ބޭނުމެއް ނުވިއެވެ.

"ޢިއްދައިގެ މުއްދަތު ހަމަވީމާ ދާނީ ކޮން ތަނަކަށް؟"

"ﷲ ގެ ދުނިޔެ ކުޑައެއް ނޫން. ކޮންމެވެސް ތަނަކަށް ހިނގައިދާނަން."

"ހާލަތާ ކުރިމަތިލެވޭވަރަށް ގައިގައި ވަރު އެބަހުރިހެން ހީވޭތަ؟"

"އާނ. އަހަރެން ކުރިމަތިލާނަން. ދައްތަ ދޭ. އަހަރެން މި ވަގުތު ބޭނުން ވަނީ އެކަނި ހުންނާން."

ފަރިޝްތޭ އެކަން އެނގެޔޭ ބުނާ ކަހަލަ ގޮތަކަށް ބޯ ޖަހައިލިއެވެ. އަދި މަޑުމަޑުން ގޮސް ކޮޓަރިން ނުކުމެ ދޮރު ލައްޕައިލިއެވެ.

ކޮޓަރިއަށް އަނެއްކާވެސް ވެރިވީ ހިމޭންކަމެވެ. ފަރިޝްތޭ ހިނގައްޖެއެވެ.

އެއީ އަޖައިބެއް ކަހަލަ ރެއެކެވެ. އެކަހަލަ ވީރާނާ ރެއެއް މެހެމަލް ދުވަހަކުވެސް ނުދެކެއެވެ. މިސްކިތުގެ ފާރުމަތީން ފުންމާލި ރެއަކީވެސް މިކަހަލަ ރެއެއް ނޫނެވެ. އޭނާގެ މުދަލާއި ފައިސާ ޖަހައިގަތުމަށް ފަހު އޭނާގެ އަމިއްލަ ގެއިން ނެރެލެވުނު ރެއަކީވެސް މިކަހަލަ ރެއެއް ނޫނެވެ. އޭނާގެ މަންމަ މަރުވީ ދުވަހަކީވެސް މިކަހަލަ މާހައުލެއް އޮތް ދުވަހެއް ނޫނެވެ. ހަތް އަހަރު ވާންދެން ކޯމާއެއްގައި އޮތުމަށް ފަހު ހޭލެވުނު ވަގުތަކީވެސް މިކަހަލަ ވަގުތެއެް ނޫނެވެ. މިކަހަލަ ރެއެއް، މިކަހަލަ ވަގުތެއް މީގެ ކުރިއަކުން ނާދެއެވެ.

އޭނާ ހަމަ އެ އިން ގޮތަށް ގޮނޑީގެ ލެނގޭތާގައި ފުއްކިބަ ޖައްސާލައިގެން އިނީއެވެ. ކޮޓަރިތެރެއަށް ހަނދުވަރުގެ އަލި އެޅިފައި ހުއްޓެވެ.

މުޅި ދިރިއުޅުން އެއް ފަހަރުން ހުއްޓުމަކަށް އައީ ކަހަލައެވެ. ވަށައިގެން އޮތީ ކަނުއަނދިރިކަމެވެ. ކުރިއަށް ދެވޭނޭ ކަމުގެ އެއްވެސް އުއްމީދެއް އޭނާއަކަށް ނެތެވެ. ހުމާޔޫނަކީ އޭނާގެ މީހެއް ނޫނެވެ. ތައިމޫރަކީ އޭނާގެ ކުއްޖެއް ނޫނެވެ. ގާތްތިމާގެ މީހެއްގެ އެހީތެރިކަމެއް ނެތެވެ. ހުރީ ހަމައެކަނި ފަރިޝްތޭއެވެ. މެހެމަލް ދިޔައީމާ އޭނާވެސް މިސްކިތުގެ ދަނާލަށް ބަދަލު ވާނެއެވެ. ފަރިޝްތޭއަށް ހުރިހައި ބުރައެއް ޖައްސައިގެން އުޅެވޭނީވެސް ކިހައި ދުވަހެއް ވާންދެން ހެއްޔެވެ؟

މި ހައިބަބޮޑު ދުނިޔޭގައި އޭނާ އެކަނިމާއެކަނި ވީއެވެ. އޭނާގެ އެއްވެސް މީހަކު ނެތެވެ. އެކަކުވެސް ނެތެވެ. ހަމަ އެކަކުވެސް ނެތެވެ.

ރޭގަނޑު ހިމޭންކަމާއެކު ފާއިތުވަމުން ދިޔައެވެ. އޭނާ ބުދެއްހެން ފުރޮޅުލީ ގޮނޑީގައި އިނީއެވެ. ކޮޓަރިތެރެއަށް ވެރިވެފައި އޮތް ހަނދުވަރުގެ އަލި ފަނޑުވަމުން ގޮސް އަނިދިރިކަން ވެރިވެއްޖެއެވެ.

އަނިދިރިކަން ދެކެ އޭނާ ބިރުގަންނާން ފަށައިފިއެވެ. ތަންމިނަށް ލޯ ހުޅުވައިގެން ވަށައިގެން ހޯދާން ފަށައިފިއެވެ. އެވަގުތު ފަޖުރުގެ އަލިކަން ކޮޓަރިތެރެއަށް ވަދެއްޖެއެވެ. މާގިނަ އިރުތަކެއް ނުވެ ފަތިސް ވެއްޖެއެވެ.

ދުރުން ފަތިސް ނަމާދަށް ގޮވާ އަޑު އިވޭން ފަށައިފިއެވެ.

އޭނާ އެތައް އިރަކު ގާވެފައި އިނުމަށް ފަހު ހަރަކާތެއް ކޮށްލިއެވެ. މަޑުމަޑުން ގޮނޑި ދުއްވައިފައި ޖެހިގެން ހުރި ހަރާ ދިމާއަށް ހިނގައްޖެއެވެ. އެތާގައި އޭނާ ވުޟޫކުރާ ކުރާ ހުއްޓެވެ.

މެހެމަލް ވުޟޫކޮށްގެން ނަމާދު ކޮށްފިއެވެ. ދުޢާ ކުރާން ވެގެން އަތް އުފުލައިލީމާ ކުރަންވީ ދުޢާއެއް ނޭނގުނެވެ. ދުލަށް އަންނަނީ އެންމެ ލަފުޒެކެވެ.

"އޭ ނިކަމެތީންގެވެރި ރަސްކަލާނކޯއެވެ." އޭނާގެ ތުންފަތް ތުރުތުރު އަޅަނީއެވެ. އެތައް ފަހަރަކު މި ލަފުޒު ތަކުރާރު ކޮށްފިއެވެ. ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. އޭނާ ޙަމްދުކޮށް އާމީން ކިޔުމަށް ފަހު މޫނުފިރުމައިފިއެވެ.

ކޮޓަރިތެރެއަށް އަނެއްކާވެސް ފަނޑު އަލިކަމެއް ވެރިވާން ފަށައިފިއެވެ. އޭނާ މޭޒުމަތީގައި ހުރި ޓޭޕުރިކޯޑަރު ޖައްސައިލިއެވެ.

ޤުރްއާން ކިޔަވާ އަޑު އިވޭނަ ފަށައިފިއެވެ.

"ﷲގެ ޙަޟްރަތަށް (އައުމަށް) ގޮވާލައި، އަދި ޞާލިޙް ޢަމަލުކޮށް، އަދި ހަމަކަށަވަރުން، ތިމަންނާވަނީ (ﷲއަށް) ކިޔަމަންވާމީހުންގެ ތެރެއިންނޭ ބުނާމީހަކަށްވުރެ ރަނގަޅު ބަސްބުނާ މީހަކީ ކާކުހެއްޔެވެ؟" (ފުއްޞިލަތު ސޫރަތުގެ 33 ވަނަ އާޔަތް)

އޭނާ ހައިރާން ވެއްޖެއެވެ. މިއީ އިހަށް ދުވަހު އޭނާ ކިޔެވި އާޔަތެވެ. މި އާޔަތް އަނެއްކާވެސް އަޑު އިވުނީ ކީއްވެގެން ހެއްޔެވެ؟

"ރަނގަޅު ކަންތަކާއި، ނުބައިކަންތައް ހަމަހަމަވެގެނެއް ނުވެތެވެ."

އޭނާ ހައިރާން ވެފައި އިނދެގެން އަޑު އަހަމުން ދިޔައެވެ. ﷲ އޭނާއަށް ހަމަ އެ އާޔަތްތައް އަނެއްކާވެސް އިއްވަވަނީ ކީއްވެގެން ހެއްޔެވެ؟ އެ އާޔަތްތައް އޭނާ ކިޔަވައިފިއެވެ. އަނެއްކާ އިއްވެވުމުގެ ބޭނުންފުޅަކީ ކޮބައި ހެއްޔެވެ؟

"އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ."

ކިޔަވަމުން ދިޔައިރު ޤާރީގެ އަޑުން ރުއިމުގެ އަސަރު ފައުޅުވެއެވެ.

އޭނާއަކަށް ވިސްނައެއް ނުގަނެވުނެވެ. ﷲ އޭނާއަށް ތަކުރާރުކޮށް އެއް ވާހަކައެއް އިއްވަވަނީ ކީއްވެގެން ހެއްޔެވެ؟ އެމީހާ އެހެރީ އޭނާޔާ އޮތް ހުރިހައި ގުޅުމެއް ކަނޑައިލައިގެންނެވެ. މިހާރަކު އެއްވެސް އުއްމީދެއް ނެތެވެ. އެކަމަކުވެސް ﷲ އެ އަންގަވަނީ ރިވެތިގޮތުން ނުބައިކަންތައް ދުރުކުރާށެވެ. މާނައަކީ ހެޔޮކޮށް ހިތައިގެން ނުބައިކަން ފުހެލާށެވެ.

"އޭނާ އަހަރެންގެ ގާތް ރަޙްމަތްތެރިޔަކަށް ދެނެއް ނުވާނެއެވެ. އޭ ﷲއެވެ. އޭނާ މިއަޅާ ވަރިކޮށްފިއެވެ. ތިންމަސް ދުވަސް ފަހުން މިގެއިން ނެރެލާނެއެވެ. މިހާރަކު އަލި މަގެއް ފެންނާކަށް ނެތެވެ. އެކަމަކުވެސް އިބަﷲ ތިޔަ އަންގަވަނީ ޢަދަވާތްތެރިކަން ދުރުކުރާށެވެ." އޭނާއަށް ރޮވިއްޖެއެވެ.

ކުޑަދޮރުން އެތެރެއަށް އަލިވާން ފަށައިފިއެވެ. އޭނާ ދޮރުފޮތިގަނޑު މުޅިން ކަހައިލިއެވެ. ކަޅު އަނދިރި ރެއަކަށް ފަހު އިރު އެރީއެވެ.

"އެންމެހެޔޮ، ރިވެތިގޮތުން ތިބާ (ނުބައިކަންތައް) ދުރުކުރާށެވެ."

ވިނަގަނޑުމަތީގައި އިށީނދެގެން އެއިނީ ތައިމޫރެވެ. ސޯޓަކާއި ގަންޖުފަރާހެއް ލައިގެންނެވެ. ނިދިމޫނާއިގެން ވިނަގަނޑުމަތީގައި އިށީނދެގެން އިނދެ ކައިރީގައި އޮތް ބުޅަލުގެ ބުރަކަށީގައި ފިރުމަނީއެވެ. އޭނާގެ އަތުގައި ކޮންމެވެސް އެއްޗެއް އެބައޮތެވެ. އެ އުޅެނީ ބުޅަލަށް ކާންދޭންހެން ހީވެއެވެ.

"ތިބާއާ އޭނާއާ ދެމެދުގައި ޢަދާވަތްތެރިކަމެއްވާ މީހާ..."

"ތިބާއާ އޭނާއާ ދެމެދުގައި ޢަދާވަތްތެރިކަމެއްވާ މީހާ..."

"ތިބާއާ އޭނާއާ ދެމެދުގައި ޢަދާވަތްތެރިކަމެއްވާ މީހާ..."

ޤާރީގެ އަޑާއެކު އޭނާގެ ސިކުނޑި ބާރަށް އެނބުރިގެންފިއެވެ.

ތައިމޫރް މިހާރު މަސައްކަތް ކުރަމުން އެދަނީ ބުޅަލުގެ އަނގަޔަށް ރޮށިކޮޅެއް ލެއްވޭތޯއެވެ.

"ތިބާއާ އޭނާއާ ދެމެދުގައި ޢަދާވަތްތެރިކަމެއްވާ މީހާ..."

އެ އަޑު މިހާރު ވަނީ ކޮޓަރި ތެރޭގައި ހިފާފައި ކަހަލައެވެ.

އޭނާ ކަޅިވެސް ޖަހާނުލައި ތައިމޫރާ ދިމާއަށް ބަލަހައްޓައިގެން އިނެވެ. ހެނދުނުގެ ތާޒާ އިރާއެކު އޭނާގެ ހިތަށް އައު ޚިޔާލެއް ވަދެއްޖެއެވެ.

"އެ މީހާ..." އެއީ ހުމާޔޫނެއް ނޫނެވެ.

"އެ މީހާ..." އެއީ ތައިމޫރެވެ.

އޭނާގެ ދަރިފުޅެވެ. އޭނާގެ ލެޔެވެ. އޭނާގެ ހިތުގެ އެއްފަޅިއެވެ. ތައިމޫރް އޭނާގެ ގާތް ރަޙްމަތްތެރިޔާއަށް ވެދާނެ ހެއްޔެވެ؟ އޭނާއަކީ އެހައި ބޮޑު ނަސީބުވެރިއެއް ހެއްޔެވެ؟ އެއީ އެކަށީގެންވާ ކަމެއް ހެއްޔެވެ؟

އޭނާގެ ހިތަށް އާދަޔާ ޚިލާފު ހަމަޖެހުމެއް ވެރިވިއެވެ. އެޔާއެކު އެހައިމެ ބޮޑަށް ހައިރާންވެސް ވިއެވެ.

ތައިމޫރް ވިނަގަނޑުމަތީގައި ރޮށިކޮޅެއް ބާއްވައިލިއެވެ. އެޔާއެކު ބުޅާ އެ ރޮށިކޮޅު ކާން ފަށައިފިއެވެ.

އޮނަވިހި

ބިލްގީސް ގޮނޑިއަކަށް ކޮޅަށް އަރައި ހުރެގެން މަތީގައި ހުރި އަލަމާރިއެއް ހުޅުވައިގެން އެއްޗެއް ހޯދަނީއެވެ. މެހެމަލް ފުރޮޅުލީ ގޮނޑީގައި އިނދެގެން ހޯދާންވާ އެއްޗެއެް ބުނެދެނީއެވެ. ހުމާޔޫނާއި އޭނާޔާ ދެމީހުންގެ ގުޅުން ކެނޑުނުކަން މިހާރު ނޯކަރުންނަށްވެސް ވަނީ އެނގިފައެވެ.

"ނޫކުލައިގެ އަލްބަމެއް އޮންނާނެ. ކަނާތް ފަރާތް ބަލައިލަބަލަ."

"މިއީތޯ މެޑަމް؟" ބިލްގީސް އަލްބަމެއް ނަގައި ދައްކައިލިއެވެ.

"ބިލްގީސް. ތިޔައީ މެރޫން ކުލަ. އަހަރެން މި ބުނަނީ ނޫކުލައޭ. އުޑުގައި އެހުންނަ ނޫކުލަ." އެ އަލްބަމް ނުފެނިގެން އޭނާ މިހާރު އެތައް ތަނެއް ބައްލައިފިއެވެ. ހަމަބިމުގައި ހުރި ހުރިހައި ތަނެއް ބައްލައި ނިމުމަށް ފަހު މިހާރު އެ ބައްލަނީ މަތީގައި ހުރި އަލަމާރިތަކެވެ.

"އަޅުގަނޑު އަދި ބަލައިލާނަން." ބިލްގީސް ވަރަށް ފުނަށް އަތް ކޮއްޕައިލުމަށް ފަހު އަލްބަމެއް ނަގައިފިއެވެ.

"އާނ... ތިޔައީ. ގެނޭ." މެހެމަލް ހިތްހަމަޖެހުމުގެ ނޭވައެއް ލިއެވެ.

ބިލްގީސް ގޮނޑިން ފައިބައި މެހެމަލްގެ އަތަށް އަލްބަމް ދީފިއެވެ. "އަޅުގަނޑު މިދަނީ ބަދިގެއަށް."

"އާނ. ދޭ." އޭނާ އަލްބަމް އަތުލައިގެން ހުޅުވައިލިއެވެ.

އެއީ އާޣާހައުސްގައި ނަގާފައި ހުރި ފޮޓޯއެވެ. އާއިލީ ފޮޓޯއެވެ. ކާވެނީގެ ފަހުން އާޣާހައުސްއަށް ދިޔަ ދުވަހު އޭނާ އައީ އެ އެއްޗެހި ހިފައިގެންނެވެ. އަލްބަމްގައި ހުރި ގިނަ ފޮޓޯއަކީ އޭނާގެ ފޮޓޯއެވެ. ބައެއް ފޮޓޯއަކީ އޭނާގެ އުމުރުން އެންމެ ތޭރަ އަހަރުގައި ނަގާފައި ހުރި ފޮޓޯއެވެ. ބައެއް ފޮޓޯ ނަގާފައި ހުރީ އުމުރުން އޮނަވިހި އަހަރުގައެވެ. އާއިލާގައި ކުރެވިފައި ހުރި ބައެއް ކާވެނީގެ ފޮޓޯވެސް ހުއްޓެވެ. އޭނާ ފޮޓޯތައް ބަލަމުން ގަނޑު އުކަމުން ދިޔައެވެ.

ފޮޓޯގައި އެތިބަ މީހުން މިހާރުވީ ތަނެއްވެސް އޭނާއަކަށް ނޭނގެއެވެ. އާރްޒޫ ފިޔަވައި އެހެން މީހަކުގެ ޚަބަރެއްވެސް ނުވެއެވެ. އެމީހުންގެ ޚަބަރު އާރްޒޫ ގާތުން އަހާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެން ނޫނަސް އެއްކަލަ ދުވަހަށް ފަހު އާރްޒޫ ނުވެސް އާދެއެވެ. ކޮންމެ ދުވަހަކު ހަވީރު ހުމާޔޫން ބޭރަށް ދެއެވެ. ބިލްގީސް ބުނި ގޮތުގައި ހުމާޔޫން ދަނީ އޭނާގެ "އެކުވެރި"އަކާ އެކީގައި ސައި ބޯށެވެ. އެބުނާ އެކުވެރިކަމުގެ މަންޒަރު އޭނާ އެހެރީ ރެސްޓޯރަންޓަކުން ދެކެފައެވެ. އެހެންވީމާ މިހާރު ހުމާޔޫން އެދާ ތަނަކާ މެދު އޭނާގެ ހިތަކު އެއްވެސް ޝައްކެއް ނެތެވެ.

އަލްބަމްގައި ހުރި ފޮޓޯތަކަށް ބަލަމުން އޭނާ ވިސްނަމުން ދިޔައެވެ. އެމީސްމީހުން މިހާރުވެސް މިނިވަންކަމާއެކު އުދުހެނީ ބާވައެވެ؟ ނުވަތަ ﷲ އެމީހުންގެ ވަރަ ބިންދަވައިލައްވައިފި ބާވައެވެ؟ އަނިޔާވެރިކަމާއި މައިންބަފައިންނަށް ނުކިޔަމަންތެރިވުމުގެ އަދަބަކީ ﷲ ތަޢާލާ ދުނިޔޭގައިވެސް ދެއްވާ އަދަބެކެވެ.

އެމީހުންނަށް އަދަބު ލިބިއްޖެ ބާވައެވެ؟ ނުވަތަ އެމީހުންނަށް ކުށުގެ އިހުސާސް ކުރެވިއްޖެ ބާވައެވެ؟ ޚާއްސަކޮށް މިހާރު އޭނާ އެބަލާ ފޮޓޯގައި އެހެރަ މީހާއަށް އަދަބު ލިބިއްޖެ ބާވައެވެ؟

އާޣާ ފަވާދް ކަރީމް... އެއީ އާޣާ ކަރީމްގެ ވަލީޢަހްދެވެ. އެއީ އޭނާއަކީ ވިޔަފާރި މުދަލަކަށް ހެދި މީހާއެވެ. ބްލެކްމެއިލް ކޮށްގެން ހުރިހައި މުދަލެއް އަމިއްލަ ނަންމައްޗަށް ބަދަލު ކުރުވި މީހާއެވެ. އޭނާގެ ބޮލުގައި ބަޑި ޖައްސައިގެން، ފަރިޝްތޭއަށް ބިރު ދެއްކި މީހާއެވެ. އޭނާ ގެއިން ނެރެލީ މީހާއެވެ. އަދި އެވަރަކުން ފުއްދައެއް ނުލައެވެ. ހުމާޔޫން ގާތު އޭނާ ދެއްކީ ކޮން ވާހަކައެއް ބާވައެވެ؟ އެވާހަކައަށް ފަހު ހުމާޔޫން އޭނާ ދެކެ ރުޅި އަންނާން ފެށްޓީ ކޮންފަދަ ވިޔާނުދާ ވާހަކައެއް ދައްކައިގެން ބާވައެވެ؟

"ބަދިގޭގެ ކަންތައް ނިމިއްޖެ." ބިލްގީސް އައިސް ވަދެއްޖެއެވެ. "އަސްތާ... ހާދަހާ ރީތި ފޮޓޯއޭ... ތިޔައީ މެޑަމްގެ ގޭގެ ބޭފުޅުންތޯ؟" އޭނާ ހުޅުވައިފައި އޮތް އަލްބަމާ ދިމާއަށް ބަލައިލާފައި އަހައިލިއެވެ.

"އާނ... މިއީ އަހަރެންގެ އާއިލާގެ މީހުން." މެހެމަލް ގަނޑު އެއްލިއެވެ. މިހާރު ފެންނާން ހުރި ފޮޓޯގައި ތިބީ އާރްޒޫއާއި، ފަވާދާއި، މެހެތާބެވެ. އެއީ އާއިލީ ކާވެންޏެއްގައި ނަގާފައި ހުރި ފޮޓޯއެކެވެ.

"އެހެރީ އޭނާ..." ބިލްގީސް ހައިރާންވިއެވެ.

އެވަގުތު މެހެމަލްގެ ހަނދާނަށް އައީ ބިލްގީސްގެ ވާހަކައެވެ. ފަވާދް އައި ވާހަކަ އޭނާ އޮތީ ބުނެފައެވެ. އެހެންވީމާ ފަވާދް ފެނުނީމާ އެނގުނީތާއެވެ.

"ތިޔައީ މެޑަމްގެ ތިމާގެ މީހެއްތޯ؟ މިގެއަށް ވަރަށް ގިނައިން އާދޭ. މެޑަމްގެ އާއިލާގެ މީހެއް ކަމެއް އަޅުގަނޑަކަށް އެނގިފައެއް ނެތް."

"ކާކު؟ މި އަންހެން ކުއްޖާތަ؟" މެހެމަލް ހައިރާންވިއެވެ. އޭނާ ހީކުރީ ބިލްގީސް އެ ދައްކަނީ ފަވާދްގެ ވާހަކަ ކަމުގައެވެ.

"އާދެ. ތިޔައީ އާރްޒޫ ނޫންތޯ؟" ބިލްގީސް އާރްޒޫގެ މޫނުގައި އިނގިލި ޖައްސައިލިއެވެ.

"އާނ. މިއީ އަހަންނާ ދެބެއިންގެ ދެދަރި ކުއްޖެއް. ދެން މިހިރީ ހުމާޔޫނާ ބައްދަލު ކުރަން އައި ފަވާދް."

"އައި ކަމަށް ވެދާނެ." މިހާރުވެސް ބިލްގީސް ބަލަނީ އާރްޒޫގެ ފޮޓޯއަށެވެ. މެހެމަލަށް އާދަޔާ ޚިލާފު އިހުސާސެއް ކުރެވިއްޖެއެވެ. ބިލްގީސަށް އޮޅުނީ ބާވައެވެ؟

"ބިލްގީސް. މިއީ އެއްކަލަ ދުވަހު ހުމާޔޫނާ ބައްދަލު ކުރަން އައި މީހާ. ފަރިޝްތޭއާ ދިމާއަށް ހުމާޔޫން ހަޅޭއްލެވި ދުވަހު... ހަނދާންވެއްޖެތަ؟" އޭނާ އަލްބަމް ބިލްގީސާ ކައިރިކޮށްލިއެވެ. "އަހަރެން ގާތު ބުނީމެއްނު؟ ހަނދާން އެބަހުރިތަ؟"

"ނޫން މެޑަމް. ތިޔަ މީހަކު ދުވަހަކުވެސް މިގެޔަކަށް ނާދޭ."

"މީނާ... ދުވަހަކުވެސް ނާދެއޭ؟" އޭނާ ދިޔައީ ސިއްސައިގެންނެވެ. "ދެން އައީ ކާކު؟"

"އަޅުގަނޑަކަށް ނޭނގޭ. މެޑަމްގެ ތިމާގެ މީހެއް. ބޮޑުބޭބެގެ ދަރިއެއް."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.