
އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕްއާ ބެހޭގޮތުން އޭނާއަށް ބޮޑުބޭބެ ވިދާޅުވާ މޭރީ ލީ ޓްރަމްޕް ލިއުއްވާފައިވާ 'ޓޫ މަޗް އެންޑް ނެވާ އިނަފް: ހައު މައި ފެމިލީ ކްރިއޭޓެޑް ދަ ވާލްޑްސް މޮސްޓް ޑޭންޖަރަސް މޭން' މި ފޮތް ނެރުމާއެކު ފުރަތަމަ ދުވަހުގެ ތެރޭގައި އޭގެ ގާތްގަނޑަކަށް އެއް މިލިއަން ކޮޕީ ވިކިއްޖެއެވެ.
އެ ފޮތް ޗާޕުކޮށް ޝާއިއުކުރި ސައިމަން އެންޑް ޝުސްޓާއިން ބުނި ގޮތުގައި ފޮތް ނެރުނު ދުވަހު (ފާއިތުވި އަންގާރަ ދުވަހު) އެ ފޮތުގެ 9 ލައްކަ 50 ހާސް ކޮޕީ ވަނީ ވިކިފައެވެ. އޭގެ ތެރޭގައި ކުރިއަށް ދީފައިވާ އޯޑަރުތަކާއި، އިލެކްޓްރޯނިކް ފޮތްތަކާއި އޯޑިއޯ ފޮތްތައް ވެސް ހިމެނެއެވެ.
ރައީސު ޓްރަމްޕްގެ އެންމެ ދޮށީ ބޭބޭފުޅު ފެރެޑްގެ ދަރިކަަނބަލުން އަދި ސައިކޮލޮޖިސްޓް ޑރ. މޭރީ އެލް. ޓްރަމްޕް ލިއުއްވި ފޮތަކީ ރައީސު ޑޮނާލްޑް ޓްރަމްޕްގެ މާޒީއާ ބެހޭގޮތުން އޭނާގެ އާއިލާގެ ބޭފުޅަކު ލިއުއްވި ފުރަތަމަ ފޮތް ކަމުގައެެވެ. އެ ފޮތުގައި އޭނާ ވަނީ ޑޮނާލްޑް ޓްރަމްްޕްއަކީ އަމިއްލަ ނަފުސުގެ މޮޅުކަމާމެދު ފަޚުރުވެރިވެޑައިގަންނަވާ، އަނެކުންގެ ކަންކަމާމެދު އަޅާނުލައްވާ ބޭފުޅެއް ކަމުގައި ސިފަކުރައްވާފައެވެ. އަދި އޭނާއަކީ ނަފްސާނީ ގޮތުން 'ނާސިސިޓް' އެއް ކަމުގައި ބެލެވިދާނެކަމަށް ފޮތުގައި ބުނެފައި ވެއެވެ. ނަފްސާނީ އިލްމުގައި 'ނާސިސިޓް' އަކީ އަމިއްލަ ނަފުސުގެ މޮޅުކަން ފެނި ނަފުސަށް ލޯބިކުރުމުގައި ހައްދު ފަހަނައަޅައި ގޮސް، އަނެކުންނާމެދު ފަރުވާލެއް ނުބަަހައްޓާ މީހާއެވެ.
ވައިޓް ހައުސްއިން މި ފޮތް ސިފަކޮށްފައި ވަނީ "ހަގީގަތާޚިލާފު ވާހަކަތަކުގެ ފޮތެއް" ގެ ގޮތުގައެވެ.
މޭރީ ޓްރަމްޕްގެ ފޮތް ނެރުން ހުއްޓުވޭތޯ ރައީސު ޓްރަމްޕްގެ ކޮއްކޯފުޅު ރޮބަޓް ޓްރަމްޕް ކޯޓަށްވެސް ވަޑައިގަތެވެ. ސަބަބެއް ކަަމަށް އޭނާ ކޯޓުގައި ބަޔާންކުރެއްވީ މޭރީގެ ކާފާފުޅު އަދި ރައީސު ޓްރަމްޕްގެ ބައްޕާފުޅު 2001 ވަނަ އަހަރު އަވަހާރަވުމަށްފަހު އޭނާގެ ތަރިކަ މުދާ ބެހި އިރު، އާއިލާގެ އެއްވެސް ސިއްރެއް ހާމަނުކުރަން ވެފައިވާ އެއްބަސްވުމާ މޭރީ ޚިލާފުވެވަަޑައިގެންފައިވުމެވެ. އެހެންނަމަވެސް ކޯޓުން އެފަދަ އަމުރެއް ނެރެނުދިނެވެ.
ސައިމަން އެންޑް ޝުސްޓާއިން ބުނެފައި ވަނީ މިހާރު ފޮތުގެ އިތުރު ކޮޕީ ޗާޕުކުރުމުގެ މަސަައްކަތްކުރަމުންދާ ކަމުގައެވެ. މިއާއެކު، ފޮތުގެ 1.5 މިިލިއަން ކޮޕީ އެމެރިކާގެ ބާޒާރަށް އެކަނި ނެރޭނެއެވެ. މި ފޮތް މިހާރު އޮތީ އެމެޒޯން.ކޮމްއިން ވިކޭ ފޮތްތަކުގެ ޗާޓުގައި އެމެރިކާ، ކެނެޑާ އަދި އޮސްޓްރޭލިޔާގެ އެެއްވަނައިގައެވެ.