ހޯމަދުވަހުގެ ވާހަކަ: ރަސްގެފާނާއި ޖުހާ އަދި މޫނުބަލާ ލޯގަނޑު

ބަސްބަހުގެ އަދަބިއްޔާތުގެ ތެރޭގައި 'ސަމާސާ އަދަބު'ގެ ބައި ހިމެނެއެވެ. މިބާވަތުގެ ވާހަކަތަކުގެ ބަތަލަކީ، ބައެއްފަހަރު، ހެއްވާ މީހެކެވެ. މި ބަތަލު އޭނާ ކުރާ ކަންތަކުން ނޫނީ އޭނާ ބުނާ އެއްޗަކުން އޭނާގެ ޖުމްހޫރުން، (އޭނާގެ އޯޑިއަންސް) ހެއްވާލައެވެ. އަނެއް ބައިފަހަރު ތާކުންތާކު ނުޖެހޭ ސޭކުކަންތައް ވެސް އޭނާ ކުރެއެވެ. ނޫނީ އެފަދަ ވާހަކަތައް ކިޔައި އުޅެއެވެ. މީގެ އިތުރުން ބައެއްފަހަރު ވަރަށް ބުއްދިވެރި ކަންތައްތައްކުރެއެވެ. ނޫނީ އެފަދަ ވާހަކަތައް ވެސް ކިޔައިދެއެވެ. މިއިން ކޮންމެ ކަމަކާއި ވާހަކައެއްގައި ވެސް ދަރުސެއް، އިބުރަތްތެރި ފިލާވަޅެއް، އެކުލެވިގެން ވެއެވެ.

މިލިޔާ ވާހަކައަކީ އަރަބި ބަހުގެ ސަމާސާ އަދަބުގެ ތެރޭގައި ހިމެނޭ ވާހަކައެކެވެ. އަރަބި ބަހުގެ ސަމާސާ އަދަބުގައި މަޝްހޫރު ޖުހާގެ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މިވާހަކައިގައި ޖުހާއަކީ ރަސްގެފާނުގެ ދަރުބާރުގެ މުހައްރިޖެވެ. ހެއްވާ މީހާއެވެ. ރަސްގެފާނުގެ މަގުބޫލުކަން ހޯދާފައިވާ ރަސްގެފާނުގެ ވަރަށް އަރިސް މީހެކެވެ.

އެއްދުވަހު ރަސްގެފާނުގެ ދަރުބާރުގޭގައި އިންނަވަނިކޮށް މީހަކު ރަސްގެފާނުގެ ފައިންޕުޅުދެކެން އައެވެ. އިޒުނަ ލިބުމުން، އޭނާ ރަސްގެފާނުގެ އަރިހަށް ގޮސް، އަދަބު އިހުތިރާމު އަދާކުރިއެވެ. އަދި، ވަރަށް ރީތިކޮށް ބަންދުކޮށް، ޕާރުސަލްކޮށްފައިވާ ހަދިޔާއެއް، ވެދުމަކަށް، ރަސްގެފާނަށް، އެރުވިއެވެ. ރަސްގެފާނު، އެ ހަދިޔާ، ގަބޫލުފުޅުކުރައްވައި އެ މީހާއަށް ޝުކުރު އަދާކުރެއްވިއެވެ.

ދެން، އެ މީހާ ދިއުމުން، ރަސްގެފާނު ޕާރުސަލް ކަނޑުއްވައި ހުޅުވާލެއްވިއެވެ. އޭގެ ތެރޭގައި އޮތީ ވަރަށް ރީތިކޮށް ޖަރީކުރެވިފައިވާ މޫނުބަލާ ލޯގަނޑެކެވެ. ރަސްގެފާނު ލޯގަނޑު ނަންގަވައި ލޯގަނޑުން ރަސްގެފާނުގެ މޫނުފުޅު ބައްލަވައިލެއްވިއެވެ. އެވަގުތު ރަސްގެފާނަށް ރަސްގެފާނުގެ މޫނުފުޅުގެ ހުތުރުކަން ފާހަގަ ކުރެއްވުނެވެ. އަދި އެކަމާ ވަރަށް ބޮޑަށް ދެރަފުޅުވެ، ކީރިތިކުރައްވަން ފެއްޓެވިއެވެ. ރަސްގެފާނުގެ އަރިހުގައި އާދައިގެ މަތީން މުނިފޫހިފިލުވައިދީ ރަސްގެފާނުގެ ހިތްޕުޅު ހަމަޖައްސައިދޭން ޖުހާ އިނެވެ. އަދި، ރަސްގެފާނު ކީރިތިކުރައްވާ ތަން ފެނުމުން ރަސްގެފާނަށް ހަމްދަރުދީވެ، އެމަނިކުފާނުގެ ހިތާމައިގައި ބައިވެރިވުމުގެގޮތުން، ޖުހާ ވެސް ރޯންފެށިއެވެ. އިރުގަނޑެއް ފަހުން ރަސްގެފާނުގެ ހިތްޕުޅުގައި އުފެދި އުތުރިއަރައިގަތް ޖަޒުބާތުތައް ކޮންޓުރޯލުކުރައްވައި، ކީރިތިކުރެއްވުން ހުއްޓާލެއްވިއެވެ. އެހެން ނަމަވެސް، ހުއްޓާނުލައި ޖުހާ ރުއިން ކުރިއަށް ގެންދިޔައެވެ.

އިރުގަޑަކަށް ފަހު، އެންމެ ފަހުން، ޖުހާ ވެސް ރުއިން ހުއްޓާލިއެވެ. ދެން، ވަރަށް ބޮޑަށް ހައިރާންވެވަޑައިގެން ރަސްގެފާނު ޖުހާއާ މުހާތަބުކޮށް ވިދާޅުވިއެވެ. "ޖުހާއެވެ. ކަލޭ ރުއީ ކީއްވެގެންކަން އަހަންނަށް އެނގެއެވެ. އަހުރެން މޫނުބަލާ ލޯގަނޑަށް ބަލާލުމުން އަހުރެންގެ މޫނުގެ ހުތުރުކަން ފާހަގަކުރެވި، އެކަމާ ދެރަވެގެން އަހަންނަށް ރޮވުނީއެވެ. މިތަން ކަލެއަށް ފެނުމުން އަހުރެންގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން ކަލޭ ރުއިކަން އަހަންނަށް ވިސްނެއެވެ. އަދި އެކަމަށްޓަކައި ކަލެއަށް ޝުކުރުއަދާކުރަމެވެ. އަދި ހަދިޔާއެއްގެ ގޮތުން ސަތޭކަ އަސްރަފީ ވެސް ދޭނަމެވެ. އެހެން ނަމަވެސް، އަހަންނަށް ވިސްނައި ނުގަނެވުނު ކަމެއް އެބައޮތެވެ. އަހުރެން ރުއިން ހުއްޓާލީމައި ވެސް، ކަލޭ ހުއްޓާނުލާ ކަލޭ ރުއިން ކުރިއަށް ގެންދިޔައީ ކީއްވެގެން ހެއްޔެވެ؟"

ވަރަށް އަދަބުވެރިކަމާއެކެ ޖުހާ ރަސްގެފާނަށް ދެންނެވިއެވެ. "މާތް މަތިވެރި ރަސްގެފާނެވެ! ރަސްގެފާނުގެ މޫނުފުޅުގެ ހުތުރުކަން އެންމެ ދުވަހަކު މާތް މަނިކުފާނަށް ފާހަގަކުރެއްވުމުން އެކަމާ ހިތާމަކުރައްވައި ކެތްޕުޅު ނުކުރެއްވި ކީރިތި ކުރެއްވީއެވެ. އަޅުގަޑުމެންނަށް ކޮންމެ ދުވަހަކު ތި މާތް މޫނުފުޅު ފެނެއެވެ. އަދި އެ މޫނުފުޅުގެ ހުތުރުކަންވެސް އަބަދުމެ، އަބަދުމެ، ފާހަގަ ކުރެވެއެވެ. އެހެންވީމާ އަޅުގަޑުމެން އެކަމާމެދު މާބޮޑަށް ހިތާމަކޮށް އިތުރަށް ރޯންޖެހޭނެ ނޫންތޯއެވެ!"

ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް
ޑޮކްޓަރ ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ ތަފާތު މަވްޟޫޢުތަކަށް ލިޔުއްވާ ކުޅަދާނަ ލިޔުންތެރިއެކެވެ. ރާއްޖޭގެ މަޝްހޫރު ލިޔުންތެރިއެއް ކަމުގައިވާ އަލްމަރްޙޫމް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދުގެ ދަރިކަލެކެވެ. މާލޭގައި ތަޢުލީމު ހާސިލު ކުރެއްވުމަށް ފަހު އޭނާ ފުރަތަމަ ޑިގްރީ ނެންގެވީ މަދީނާގެ އިސްލާމިކް ޔުނިވަސިޓީންނެވެ. އޮސްޓްރޭލިޔާގެ ލެޓްރޯބް ޔުނިވަރސިޓީން މާސްޓަރސް ޑިގްރީ ހާސިލު ކުރެއްވުމަށް ފަހު ޕީއެޗްޑީ ނެންގެވީ މެލްބަން ޔުނވަސިޓީންނެވެ. އޭނާ ދިރި އުޅުއްވަނީ އޮސްޓްރޭލިއާގައެވެ. މިހާރު މަސައްކަތް ކުރައްވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައެވެ. އެތާނގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވާށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.