ރައީސް ވަހީދަށް ފުރައްސާރަ ކުރި އެކްޓިވިސްޓުގެ ދިފާޢުގައި މަޖިލީހުގެ މެޖޯރިޓީ ޕާޓީން ތެދުވެއްޖެ 

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސް ވަހީދަށް ފުރައްސާރަކުރި އެކްޓިވިސްޓުގެ ދިފާޢުގައި އެމްޑީޕީން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި އޭނާގެ ދިފާޢުގައި ތެދުވެއްޖެއެވެ.  

އިއްޔެ ހެނދުނުގެ ވަގުތު ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ފުރައްސާރަކުރި އެކްޓިވިސްޓުގެ ދިފާޢުގައި އެމްޑީޕީން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެންބަރ މުޙައްމަދު ވަޙީދެވެ. ކުއްލި މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ރާއްޖޭގައި އުފެދުނު ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރު "ބަޣާވާތަކުން" ވައްޓާލުމުގެ ފަހަތުގައި ވަނީ އޭރުގެ ނައިބް ރައީސް ޑޮކްޓަރ ވަޙީދެވެ. ރައީސް ވަޙީދަށް ފުރައްސާރަކުރިކަމަށް ތުހުމަތު ކުރެވޭ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ޖަޢުފަރަށް އެމްޑީޕީގެ ވެރިކަން ވައްޓާލުމާ ގުޅިގެންކުރި އިޙްތިޖާޖުތަކުގައި ނުޙައްޤު އެތައް އަނިޔާތަކެއް ދީފައިވާކަމަށް އުނގޫފާރު ދާއިރާގެ މެމްބަރ ވަޙީދު ވިދާޅުވިއެވެ. އެ އަނިޔާތަކުން އަދިވެސް އޭނާއަށް އަރައިނުގަނެވޭ ކަމަށް މެމްބަރ ވަޙީދު ވިދާޅުވިއެވެ. މިހާރުވެސް ހަފްތާއަކު ދެފަހަރަށް އޭނާ ފިޓް ޖެހޭކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެމްޑީޕީގެ ވެރިކަން ބަދަލުވުމާ ގުޅިގެން ކުރި އިހްތިޖާޖުތަކުގައި ޖަޢުފަރަށާއި އެނޫންވެސް މީހުންނަށް ނުޙައްޤުން ލިބިފައިވާ އަނިޔާތަކަށް އިންސާފު ލިބެންޖެހޭކަން ފާހަގަ ކުރައްވައި އެކަން ތަޙްޤީޤްކޮށް ބަލަންޖެހޭކަމަށްވެސް ވިދާޅުވިއެވެ. 

ޑރ. ވަޙީދާއި އާއްމު ރައްޔިތަކާ ދެމެދު ހިނގި ދެބަސް ވުމެއްގައި ރައީސް ވަޙީދަށާއި އަނބިކަނބަލުންނަށް ހަމަލާއެއް ދިންކަމަށް ބުނެ ދޮގު ބުހުތާނު ހަދައި ޙަޤީޤަތާ ޚިލާފު އިލްޒާމްތަކެއް އެމިހާގެ ބޮލުގައި އަޅުވައި ބިރުދައްކައިފައިވާ ކަމަށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައި ވެއެވެ. އަނގައިން ބުނި ބަހަކަށްޓަކައި ދޮގު މަކަރު ބަދުނާމެއް އަޅުވައިގެން ބާރާއި ނުފޫޒުން ފުލުހަށް މައްސަލަ ހުށަހަޅައި އޭނާއަށް އަނެއްކާވެސް ނުޙައްގުން އިތުރު އަނިޔާއެއް ދޭން ޑރ. ވަޙީދު މަސައްކަތް ކުރަމުންދާކަމަށް ކުައްލި މައްސަލައިފައި ވަނީ ބުނެފައެވެ.

މިއަދުގެ ބަހުސްގައި އެމްޑީޕީގެ މެމްބަރުން ވަނީ ކުރީގެ ރައީސް ވަޙީދު އަޑީގައި ހުންނަވައިގެން އެމްޑީޕީގެ ވެރިކަން ބަދަލު ކުރުމަށް ބަޣާވާތް ކޮށްފައިވާ ކަމަށް ވިދާޅުވެ "ބާޣީ" އަށް ވެސް ގޮވައިފައެވެ. އަދި ކުރީގެ ރައީސްގެ ހައިސިއްޔަތުން ޑރ. ވަޙީދަށް ލިބިވަޑައިގަންނަވާ އިނާޔަތްތައް ކަނޑާލުމަށް ވެސް ގޮވާލެއްވިއެވެ. އެމެޑީޕީގެ ވެރިކަން ބަޣާވާތަކުން ބަދަލުކުރުމަށްފަހު އެތައް ރައްޔިތަކަށް އަނިޔާ ދިން ކަމުގެ ތުހުމަތުގައި އެމަނިކުފާނު ހައްޔަރު ކުރުމަށްވެސް  އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ގޮވާލައްވައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.