އީދު ދުވަހު ޒަމާނީ ޓެކްނޮލޮޖީގެ އެހީގަިއ ގުޅުންތައް ބަދަހިކުރުމަށް ސަމާލުކަން ދެއްވުމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދް ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ. ރައީސް މިގޮތަށް އިލްތިމާސްކުރެއްވީ މި އަހަރުގެ ފިތުރު އީދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.
"ކޯވިޑް-19ގެ ސަބަބުން، އިޖުތިމާޢީ ގައިދުރުކަން ދަމަހައްޓަން މަޖުބޫރުވެފައި ވިޔަސް، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، އަޅުގަނޑުމެންގެ ގުޅުންތައް ބަދަހިކުރުމުގެ ވަރަށް ފަހި ފުރުޞަތުތަކެއް ތަނަވަސްވެފައި އެބަ އޮތެވެ. އެހެންކަމުން މިއަދަކީ، މުވާޞަލާތީ ވަސީލަތްތަކުގެ އެހީގައި، އެ ގުޅުންތައް ބަދަހިކުރުމަށް ހުރިހާ ބޭފުޅުންވެސް ޚާއްޞަ ސަމާލުކަމެއް ދެއްވާ ދުވަހެއް ކަމުގައި ހެއްދެވުމަކީ، އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެކެވެ." ރައީސްގެ ޚިތާބުގައި ވިދާޅުވިއެވެ.
މީގެ އިތުރުން އެކުގައި ދިރިއުޅޭ މީހުންނާ އެކީގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށް އިސްކަން ދިނުމަށާއި އަދި މުވާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ދުރުގައި ދިރިއުޅޭ ގާތް ތިމާގެ މީހުންނާއި އެކުވެރީންނާއި އެކުގައިވެސް ވަގުތުކޮޅެއް ހޭދަކޮށް ހާލު އަހުވާލު އޮޅުންފިލުވައި އީދުގެ ތަހުނިޔާ ބަދަލުކުރުމަކީ އީދާ ވަރަށް މުނާސަބު ކަމެއް ކަމުގައި ވެސް ވިދާޅުވިއެވެ.
އީދަކީ އެންމެންގެ ބައިވެރިވުމާއި މުޅި މުޖްތަމައުގެ ޝާމިލުވުމާެކު އުފާ ފާޅުކޮށް އުޅުމުގެ ދުވަހެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ އީދުގެ އުފާ ފާޅުކުރުން އޮތީ އެކި ފަންތީގެ އެކި ގިންތީގެ މެދުގައި ތަފާތުކުރުމެއް ނެތި ކަމަށެވެ. އަދި ކޯވިޑް ގެ ސަބަބުން ނިކަމެތިވެފައިވާ ބަޔަކު ތިބިކަން ހަނދާންކޮށް ވެވުނު މިންވަރަކުން އެމީހުންނަށް އެހީތެރިވުމަށް ރައީސް އިލްތިމާސަކުރެއްވިއެވެ. އަދި މިއީ ުފާވެރި ފިތުރު އީދުގެ ދަރުމަ އާއި ސަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
އަދި މިދުވަސްކޮޅު ގޭތެރޭގައި ބަންދުވެފައި ތިބޭ އިރު މައިންބަފައިންނާއި ދަރީން، ެއކަކު އަނެކަކަށް އަޅާލައި އެހީތެރިވެދިނުމުގެ ރީތި ސިފަ އަށަގަންނެވުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. "ގޭތެރޭގައި ބަންދުވެފައި ތިބޭ މި ދުވަސްކޮޅަކީ، މައިންބަފައިންނާއި ދަރިން، އެކަކު އަނެކަކަށް އަޅާލައި އެހީތެރިވެދިނުމުގެ ރީތި ސިފަ އަށަގަންނުވަންވީ ދުވަސްކޮޅެވެ. ޢާއިލާގެ ތުއްތު ކުދީންނަށް އޯގާތެރިކަމާއި ލޯތްބާއެކު، ހޭހަންކުރުމުގެ ދުވަސްކޮޅެވެ. ޢުމުރުން ދުވަސްވެފައި ތިބި މާމައިންނާއި ކާފައިންނަށް އޯގާތެރިކަމާއި ކުލުނާއެކު، ޚިދުމަތްކޮށްދިނުމުގެ ރޫޙު އާލާކުރަންވީ ދުވަސްކޮޅެވެ." ރައީސް ވިދާޅުވިއެވެ.