މުޞްޙަފް - 2

(1 މޭ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"މެހެމަލް!" ހީވީ ދަށްއުޑުން ގުގުރިއެއް ޖެހީ ހެންނެވެ.

"ކުޑައަންމާ... ކާވަބުކުރި މަސް ކާނަންތަ؟"

"ގޮތްކުޑަ. މަޑުމަޑުން ދޮރު ލައްޕާށޭ ކިތައް ފަހަރު ބުނެފިން. އެކަމަކު ކަލޭ..."

"ކުޑައަންމާ... މަޑުމަޑުން ވާހަކަ ދައްކާ. އާޣާޖާން އަށް ހޭލެވިދާނެ." އޭނާ ހޭވައްޓައިލައިފައި ނާނާއި މަސް ކަނީއެވެ.

"ބޯހަރު ކުއްޖާގަނޑާ. އިހުސާންތެރި ކަމެއް ހަނދާނެއް ނުހުރޭ. އާޣާ ދުވާލު ހަތަރު ދަމު މަސައްކަތް ކޮށްފައި..."

އޭނާގެ ވާހަކަ ނުނިމެނީސް  މެހެމަލް ނާނާއި މަސްކޮޅު ހިފައިގެން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

މެހެތާބަށް ޖެހުނީ ދަތްކުނޑި ވިކާލަވިކާލައި ހުންނާށެވެ.

ކޮޓަރިއަށް ވަން އިރު މުސްރަތަށް ވެސް އޮތީ އަޑުފައްގަނޑު ގަދަވެގެން ހޭލެވިފައެވެ.

"މެހެމަލް. ކިހިނެއްވީ؟ ފަހަރި ރުޅި އައިސްގެން އުޅެނީ ކީއްވެގެން؟"

"އޭނާ މޮޔަވީ. ސިކުނޑިއަށް ބައްޔެއް ޖެހުނީ. އެއީ އުފެދުމުގައިވެސް ހުރި ބައްޔެއް. މަންމަ ނުދެނަހުރިންތަ؟" އޭނާ އަތުގައި އޮތް ކޮތަޅު އެނދުމަތީގައި ބާއްވައިލިއެވެ.

"އަހަރެން މި އަހަނީ ކިހިނެއް ވީ ހެއްޔޭ؟" މުސްރަތުގެ ނަޒަރު ގޮސް ހުއްޓުނީ އެނދުމަތީގައި އޮތް ކޮތަޅަށެވެ. "އަނެއްކާ ބޭރުން ކާއެއްޗެހި ގަނެގެން އައީ؟ އައިސް އަލަމާރީގައި..." އޭނާ ޖުމުލަ ނުނިންމައި ހުއްޓައިލިއެވެ.

"މަންމައަށް ދޭން ގެނައި އެއްޗެއް. އެއްވެސް އެއްޗެއް ކައިފިންތަ؟"

"މަންމަ ކައިފިން. ދަރިފުޅު ކައިލާ. ތިޔަހަރީ އެއްވެސް އެއްޗެއް ނުކައިކަން މަންމައަށް އެނގޭ." ވަރުބަލިކަން ފޮރުވާން މަސައްކަތް ކުރަމުން މުސްރަތު ހިނިތުންވެލިއެވެ.

މެހެމަލް އޭނާގެ މަންމަޔާ ދިމާއަށް ބަލައިލިއެވެ. މަންމަ ލައިގެން ހުރީ ބައެއް ދިމަދިމާއިން ލޫދިފައިވާ ލިބާހެކެވެ. ބޮލުގެ އިސްތަށިގަނޑު އޮތީ މުޅީން ކަހަލަ ގޮތަކަށް ނުރައަށް ވެފައެވެ. މޫނުމަތީގައި ކުދި ރޫ ޖެހިފައެވެ. އެ ބަލިކަށި އަނަރޫފަ އަންހެން މީހާއަކީ އޭނާގެ މަންމައެވެ. މި ގަނޑުވަރެއް ކަހަލަ ގޭގެ ވެރިމީހާއެވެ. އެކަމަކު އަމިއްލަ ގޭގައި ދިރިއުޅެމުން އެ ގެންދަނީ ނޯކަރެއްގެ ގޮތުގައެވެ.

"ދަރިފުޅާ މެހެމަލް. ހިތް ބުރަނުކޮށް ބިސްމި ކިޔައިފައި ކައިލާ."

"އަހަރެން މި ހުންނަނީ އެ މީހުން ދެކެ ރުޅި އައިސްފައި."

ބޭރުން މެހެތާބް ހުއްޓައިނުލައި އަމުނަމުން ގެންދާ އަޑު އަދިވެސް އެބަ އިވެއެވެ. އެކި މީހުންނަށް ގޮވައި ގެނެސް ޚަބަރު ދެނީއެވެ.

"ޝުކުރުކުރާ ކުއްޖަކަށް ވޭ ދަރިފުޅާ. އަހަރެމެން ބޯ ހިޔައު ކޮށްލާނޭ ތަނެއް ދިނީ އެމީހުން.."

"އެއީ އެމީހުންގެ ހެޔޮ ކަމެއް ނޫން. މިއީ އަހަރެންގެ ބައްޕަގެ ގެ. މި ގެ ބައްޕަ އަޅައިފައި މިހިރީ އަހަރެމެން ދިރިއުޅެން. ވިޔަފާރިއާއި ކާރުޚާނާތަކަކީ ބައްޕަގެ މުދާ. ހުރިހައި އެއްޗެއް ބައްޕަ ހުރީ އަހަރެންގެ ނަމަށް ބަދަލު ކޮށްފައި."

"މެހެމަލް. ދަރިފުޅުގެ ބައްޕަ މިހާރަކު ދުނިޔެއަކު ނެތް. އަހަރެމެންނަށް އެހީތެރިވާކަށް ނާދެވޭނެ." މުސްރަތުގެ އަޑުގައި ހުރީ މާޔޫސީގެ އަސަރެވެ.

މެހެމަލް މަންމަޔާ ދިމާއަށް ބަލައިލައިފައި ހިމޭނުން ހުރެއްޖެއެވެ. އިރުކޮޅަކު އެހެން ހުރުމަށް ފަހު އެނދުމަތީގައި އޮތް ކޮތަޅު ނަގައިފިއެވެ. ނާނު މިހާރު ހުރީ ވަޅޯ ވެފައެވެ. މަސްކޮޅުގެ ހޫނުކަން ކެނޑިއްޖެއެވެ. އޭނާ ފޫހި ގޮތަކަށް ކުޑަ އެތިއެތިކޮޅުން ވީދައިގެން ނާނު ކާން ފަށައިފިއެވެ.

* * *

ރަހައަކުންކުރެ ރަހައެއް ނުލާ އެއްޗަެއް ކައިގެން ނިދާނަމޭ ހިތައި އޮށޯތީމާ ނިދުނީ ވަރަށް ކުޑަ އިރުކޮޅަކުއެވެ. ހަތަރެސްފައި ކޮޅަށް ޖެހުނީ ކޮޓަރީގެ ދޮރުފަތުގައި ބޯޅައިން ޖެހުނު އަޑަށެވެ.

އޭނާ ތެދުވެ އިށީނދެއްޖެއެވެ.

ބޯޅަ އައިސް ދޮރުފަތުގައި ކެނޑިނޭޅި ޖެހޭ އަޑު އިވެއެވެ.

ނިދީން ހޭލެވުނީތީ އޭނާ ހުރީ ނުރުހިފައެވެ. މަޑުމަޑުން އެނދުން ފައިބައި ފެން ފައިވާނަށް އަރައިގެން ގޮސް ދޮރު ހުޅުވައިލިއެވެ.

މެހެމަލާއި އޭނާގެ މަންމަ މުސްރަތުގެ ނިދާ ކޮޓަރި ހުންނަނީ ބަދިގެޔާ ޖެހިގެންނެވެ. އެއީ މީގެ ކުރީން ބަނޑަހަގެއަކަށް ބޭނުން ކުރި ތަނެކެވެ. އެތާގައި ހުރި ބާ ސާމާނު ނެރެފައި އެ ދެމައިން ނިދާ ތަނަކަށް ބަދަލު ކުރިތާ މިހާރު އެތައް އަހަރެއް ވެއްޖެއެވެ. އެ ކޮޓަރިއަކު ފާޚާނާއެއް ނުހުރެއެވެ. އެހެންވީމާ އޭނާއަށް ޖެހެނީ ފެންޑާ ހުރަސްކޮށް މެހުމާނުންނަށް ހަދައިފައި ހުންނަ ފާޚާނާއަށް ދާށެވެ.

ބޭރަށް ނުކުމެ ބަލައިލީ އިރު ނާޢިމާ ދައްތަގެ ދެ ދަރިން ކަމުގައިވާ މުޢާޒާއި މުޢީޒާ ދެކުދިން ފުޓުބޯޅަ ކުޅެނީއެވެ.

"ކަލޭމެންނަކަށް ކުޅޭކަށް މި ނޫން ވަގުތެއް ނުފެނުނުތަ؟ އަހަރެން އޮތީ ނިދާފައި. ކަލޭމެނާ ހެދި..."

ނާޢިމާ ދައްތަ އޭރު ހުރީ ބަދިގޭ ދޮރުމަތީގައެވެ. ބަދިގެ ތެރޭގައި ހުރި މީހަކާ ވާހަކަ ދައްކަނީއެވެ. އޭނާގެ އަޑު އިވިފައި އެނބުރި ބަލައިލިއެވެ.

"އަހަރެންގެ ދަރިން ކުޅުންވެސް މަނާވީތަ؟ ކަލޭގެ ކަމަކީ ރެޔާއި ދުވާލު ނިދުން. ވަކި ވަގުތެއް ނޯވޭ. ތާއަބަދު އޮންނަނީ އެނދަށް އަރައި."

"އާނ... ބަލަގަ އެއީ އަހަރެންގެ ބައްޕަގެ ފައިސާއަށް ގަނެފައި ހުރި އެނދެކޭ. އަރައި އޮތަސް، ފުމުނަސް އެއީ އަހަރެންގެ އަމިއްލަ ކަމެއް. މީހަކާ ބެހޭ ކަމެއް ނޫން. ބައްޕަ ނިޔާވީއިރު އަސަދުބޭބެއަކީ އަތުގައި އެންމެ ލާރި ފޮއްޗެއްވެސް ނެތް ފަގީރެއް. ނޫންތަ؟"

އޭނާ ވަކި ދޫކުރާނެ ހެއްޔެވެ؟ އޭނާއަކީ މެހެމަލެވެ. ދުލަށް އައިހައި އެއްޗެއް ކިޔަމުން ފާޚާނާއާ ދިމާއަށް ހިނގައިގެންފިއެވެ. ނާޢިމާ ދައްތަވެސް ކޮންމެވެސް ފަތިވަރެއް އެމުނިއެވެ. އޭނާ އަޑެއް ނާހައެވެ.

އަތާއި ފައި ދޮވެލުމަށް ފަހު އޭނާގެ ފަންފަން އިސްތަށިގަނޑު ކުރިމައްޗަށް ވައްޓާލައި އަތަށް އޮޅައިލުމަށް ފަހު ބޯ މައްޗަށް ވާ ގޮތަށް ހުޅިއެއް ޖަހައިލިއެވެ. އެއީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެކެވެ. އަދި ބައެއް ފަހަރަށް އިސްތަށިގަނޑު ދެފަށަށް ގަތާފައި ފުރަގަހަށް އެއްލައިގެން ދެފަށް ދެއަތަށް ހޫރޭ ގޮތަށް ހިނގުމަކީވެސް އޭނާ ކުރާ ހިތްވާ ކަމެކެވެ.

އޭނާގެ ލޮލަކީ ސާފު އަދި ރީތި ލޮލެކެވެ. ބިއްލޫރިކޮޅެއްހެން ވިދާލަވިދާލައި ހުންނަ އަސަރުގަދަ ދެ ލޮލެވެ. ޝައްކެއްވެސް ނެތް ގޮތުގައި މުޅި އާއިލާގައިވެސް ހުރި އެންމެ ރީތި ކުއްޖަކީ އޭނާއެވެ.

"އެންމެން ހަސަދަވެރި ވަނީ އެހެން ވެގެން." އޭނާގެ ގާތަށް ހިނި އަތުވެއްޖެއެވެ. ދޯޕައްޓާއާ ދިމާއަށް އޭނާ ބަލައިލިއެވެ. ކުރުތާއަކާއި ޖިންސެއް ލައިގެން ހުންނަ އިރު އޭނާ ފެންނަނީ އެހެން ކުދިންނާ ވަރަށް ތަފާތު ގޮތަކަށެވެ. ދޯޕައްޓާ އޮތީ އުނަގަނޑުގައި އައްސައިފައެވެ.

ބަދިގޭގައި މެހެތާބް އޭނާގެ މަންމަ ލައްވައި މަސައްކަތް ކުރުވަނީއެވެ. ދަރިން ކާން ޗިކެން ނަގެޓްސް ތެލުލައްވަނީއެވެ. މެހެމަލް އައިސް ބަދިގެއަށް ވަނުމާއެކީ ބުންޏެވެ. "މި ކުކުޅުކޮޅު ރަނގަޅަށް ތެލުލާފައި ބަހައްޓާ. ކުދިންނަށް ވަރަށް މީރު ވާނެ. ކޮންމެ ކޮންމެ މީހަކަށް ބޭރު ތަންތަނަށް ތުން ކޮއްޕަމަކުންނެއް ނުދުވެވޭނެއެއްނު؟"

"ކުޑައަންމާ... ތިޔަ ދެއްކީ ތެދު ވާހަކައެއް. ބޭރަށް ދަނީ ކީއް ކުރަން؟ މިގޭގައި މި އުޅެނީ އެހެން މީސްމީހުންގެ ތަކެއްޗަށް ގޭތެރޭގައި ތިބެގެން ތުން ކޮއްޕާ މީހުން." އޭނާ ފަރުވާ ކުޑަ ގޮތަކަށް މިހެން ބުނެފައި ޖަގުން ފެން ތަށްޓެއް އަޅައިގެން ބޯން ފަށައިފިއެވެ.

"އަނގަ މަޑުން ލައިގެން ހުރޭ މަނެޖޭ. އަހަރެމެންގެ ދަރިން ތިޔަ ކަހަލަ ގޮތަކަށް ބޮޑެތި މީހުން ކުރިމަތީގައި އަނގައެއް ނުތަޅާނެ."

"ފަހަރި. އެއްޗެކޭ ހީނުކުރައްވާ. އަޅުގަނޑު އޭނާއަށް ވިސްނައިދޭނަން." މުސްރަތު ބިރުން ހުރެ ބުނެލިއެވެ. އަދި މެހެމަލާ ދިމާއަށް ކަޅި އަޅައިލިއެވެ. މެހެމަލް ތުން އަނބުރައިލިއެވެ.

"އާނ. ވިސްނައިދީ." ރުޅިވެރި ގޮތަކަށް މެހެމަލާ ދިމާއަށް ބަލައިލާފައި މެހެތާބް ނުކުމެގެން ހިނގައްޖެއެވެ. ނާޢިމާ ދައްތަ މާ ކުރިން ހިނގައްޖެއެވެ. މިހާރު ބަދިގޭގައި ތިބީ އޭނާއާއި އޭނާގެ މަންމަޔާ ދެމީހުން އެކަންޏެވެ.

"މިއަދު ތެލިވެސް ދޮންނާން ޖެހޭނީ މަންމައަށްކަން ޔަގީން."

"އެއީ އެވަރުގެ ކަމެއްތަ؟ އެމީހުންގެ ހެޔޮކަން އަހަރެމެންގެ މައްޗަށް އެހައި ބޮޑެއްނު؟" އޭނާ މަސައްކަތާއިގެން އުޅެމުން ބުނެލިއެވެ.

މެހެމަލް އަތުކުރި އޮޅައިލުމަށް ފަހު ސިންކުގެ ކައިރިއަށް ޖެހިލިއެވެ. އޭނާ ތެލިތައް ދޮވެ ނުދިނިއްޔާ ދޮންނާން ޖެހޭނީ މަންމައަށްކަން އޭނާއަށް އެނގެއެވެ.

"ބަހައްޓާ ދަރިފުޅާ. މަންމަ ދޮވެލާނަން."

"މަންމަ ދޮވެލާނެކަން އަހަންނަށް އެނގޭ. އަހަރެންވެސް އެމީހުންގެ އިހުސާންތެރިކަމުގެ ބަދަލު ދޭން ޖެހޭނެއެއްނު؟"

މެހެމަލް ތެލިތައް ދޮވެ ނިމުނުއިރު މުސްރަތު ކުކުޅު ތެލުލައި ނިންމައިފިއެވެ. ތަށިތައް ތަބަކުގައި އަތުރައިލުމަށް ފަހު އޭނާ ބުނެލިއެވެ. "ދަރިފުޅާ. މި ތަބަށް ގެންގޮސްދީ. އެމީހުން މިހާރު ފެންޑާގައި ތިބޭނެ."

އޭނާ ތަބަށް ގާޑިޔަލަށް ލުމަށް ފަހު ކޮއްޕާފައި ބަދިގެއިން ނެރެފިއެވެ.

އާޣާ ކަރީމް އިނީ ނޫސް ކިޔާށެވެ. މެހެތާބާއި ނާޢިމާއާ ދެމީހުން ވާހަކަ ދައްކާން ތިއްބެވެ. ނާޢިމާއަކީ މެހެމަލްގެ ބައްޕަގެ އެންމެ ހަގު ކޮއްކޮ އަސަދުގެ އަނބިމީހާއެވެ. ދެން ހުންނަނީ ޣަފްރާނެވެ. ޣަފްރާނާއި މެހެމަލްގެ ބައްޕަ އިބްރާހީމާ ދެމީހުންނަކީ އެއްމާބަނޑު ދެބެއިންނެވެ. އެންމެ ދޮށްޓައް ހުންނަނީ އާޣާ ކަރީމެވެ. ޣަފްރާންގެ އަނބިމީހާގެ ނަމަކީ ފިޒާއެވެ.

ފިޒާ ފެންޑާގައި ހުރެގެން އޭނާގެ ދަރިފުޅަށް ގޮވަނީއެވެ. މެހެމަލް ގާޑިޔާ ކޮއްޕަމުން އަންނަތަން ފެނުނީމާ ހިނިތުންވެލިއެވެ.

"މެހެމަލް ކޮއިފުޅާ. އެކަނިތަ؟ ނިދާ ނޫނީ ސާމިޔާއަށް ގޮވައިލީނަމަ އެކުދިން އެހީވާނެއެއްނު؟"

ފިޒާއަކީ ނާޢިމާއާއި މެހެތާބްހެން ދޫ ވިހަ މީހެއް ނޫނެވެ. އެކަމަކު ވާހަކައިގައި މާ ބޮޑު ފޮނިކަމެއް ހުންނަ މީހެއްވެސް ނޫނެވެ. އޭނާގެ ފޮނި ވާހަކަތައް މީހެއްގެ އަރުތެރެއަށް ހިނގައްޖެނަމަ އަރުތެރޭގައި ކަށިފަޅައި ތޮރުފާ ގޮތް ވާން ފަށައެވެ. އޭނާގެ ފޮނި ވާހަކަތައް ހުންނަ ގޮތަކީ އެއީއެވެ. ފެށުން ރަނގަޅުކޮށް ނިމުން ހިތިކޮށެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.