މިހާލަތުގައި ސަރުކާރުގެ ސައިޒްކުޑަކުރުމަށް ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރ އަޙުމަދު ސަލީމް ގޮވާލައްވައފިއެވެ.
މެބަރ ސަލީމް މިކަމަށް ގޮވާލެއްވީ، މިހާރު ރާއްޖެއަށް ދިމާވެފައި މާލީ އަދި އިޤތިޞާދި ހާލަތުން އަރައިގަތުމަށް ބޭނުންވާ ފައިސާ ސަރުކާރަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ފިނޭން މިނިސްޓަރ މަޖިލީހަށް ފޮނުއްވި މައްސަލައިގެ ބަހުސް ގައި ވާހަކަ ދައްކަވަމުންނެވެ.
ސަރުކާރު ސައިޒް ކުޑަކޮށް މުސާރަތައް ވެސް ރިސްޓްރަކްޗަރ ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެކަން ކުރަންވާނީ ދަށް މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައާ ނުކުޅެކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކެރެންވީ އަހަރެއްހާ ދުވަހަށް ތަންކޮޅެއް ދަށުން މުސާރަ ލިބުނަސް އެކަން ޤަބޫލު ކުރާ ބަޔަކަށްވާން" ސަލީމް ވިދާޅުވިއެވެ.
ބައެއް މުއައްސަސާ ތަކަކީ މިވަގުތައް މުހިންމު ނޫން ތަންތަން ކަމަށް ވާނަމަ އެތަންތަން މިވަގުތަށް ހުއްޓާލުމަށް ވެސް މެމްބަރ ސަލީމް ގޮވާލެއްވިއެވެ. އަދި މިގޮތަށް ލިބޭ ސޭވިން ނުވަތަ ފައިސާ ކުދި އަދި މެދު ފަންތީ ވިޔަފާރިތަކަށާއި ނިކަމެތިންނަށް އެހީ ވުމަށް ބޭނުންކުރަންވީ ވަގުތަކީ މީކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މާލީ ޙާލަތު ރަނގަޅު ކުރުމަށް ވަރަށް ގިންކަންތައްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދިސަރުކާރުން އަޅުއްވާ ފިޔަވަޅުތަކިގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހާ ފުރިހަމައަށް ޙިއްޞާ ކުރެއްވުމަށް އެދި ވަޑައިގެނެވިއެވެ.
އެހީތެރިކަން ހޯދުމުގައި ކޮންމެހެން ނަގުދު ފައިސާ ހޯދަން ނުތިބެ ތަކެތީގެ އެހީތެރިކަން ވެސް މިވަގުތު ހޯދަންޖެހޭ ކަމަށް ސަލީމް ފާހަގަކުރެއްވިއެވެ. މިވަގުތު ކެޕިޓަލް ޚަރަދުތައް ކުޑަކުރަން ޖެހޭ ކަމަށާއި ކެޕިޓަލް ޚަރަދުތައް ކޮންޓްރޯލް ކޮށްގެން ނޫނީ މިހާރު އަތުގައި ހުރި ޑޮލަރު ކޮޅު ވެސް ގެއްލިގެން ހިނގައިދާނެކަމަށް ވިދާޅުވިއެވެ. މިހާރަށް ވުރެ ބޮޑަށް ބޭންކްތަކުން ވެސް ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ގޮވާލެއްވިއެވެ. އެގޮތުން މެޗުއަރިޓީ ހަމަވަން ކައިރިވެފައިވާ ޓީބިލްތައް އަލުން ރިއިންވެސްޓް ކުރަން ގޮވާލެއްވިއެވެ.
މީގެ އިތުރުން މިޙާލަތަކީ އެއްބަސްވެވޭ ގޮތެއްގެ މަތިން، އަމިއްލަ މީހުންގެ އަތުގައި ހުރި ޑޮލަރު ސޭވިން ސަރުކާރަށް ދޭންވީ ވަގުތު ކަމަށް ވެސް ސަލީމް ފާހަގަ ކުރެއްވިއެވެ. އެޑޮލަރު ރައްކާކޮށްފައި ބަހައިޓައިގެން މިވަގު ކުރާނެ ފައިދާއެއް ނޯންނާނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.
މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓަކީ ޙަޤީޤީ ބަޖެޓަކަށް މިޙާލަތުގައިނުވާނެކަމަށް ވެސް މެމްބަރ ސަލީމް ވިދާޅުވިއެވެ. ސަބަބަކީ އެ ބަޖެޓްގައި އަމްދަނީ ލިބޭނެކަމަށް އަންދާޒާ ކޮށްފައިހުރި ދޮރުތައް މިހާރު ބަނދުވެފައިވުމެވެ. އާމްދަނީ ހޯދުމަށް ޖަހަފައިވާ ބަޖެޓްގެ އަންދާޒާތައް ދިމާ ނުވާނެކަމަށް ހަމަ ބުއްދިހުރި ކޮންމެ މީހަކަށް ވެސް ޤަބޫލުކުރެވޭނެ ކަމަށް މެމްބަރ ސަލީމް ވިދާޅުވިއެވެ. އެހެން ކަމުން މިޙާލަތަށް ރިޢާޔަތް ކޮށް އާބަޖެޓެއް އެކުލަވާލައި މަޖިލީހަށް ފޮނުއްވުމަށް މެމްބަރ ސަލީމް ގޮވާލެއްވިއެވެ. އެބަޖެޓަކީ ކްރައިސިސް ބަޖެޓަކަށް ވާނެކަމަށް ވެސް ވިދާޅުވިއެވެ. ކުރުމުއްދަތުގައި މިހާލަތުން އަރައިގަތުމަށްޓަކައި އެކުލަވާލާ ޙަޤީޤީ ބަޖެޓަކަށް ވެސް އެބަޖެޓް ވާންޖެހޭނެކަށް ފާހަގަ ކުރެއްވިއެވެ.
މިހާރު މިއޮތީ ވަގުތީ ޙާލަތެއް ކަން ފާހަގަ ކުރައްވައި މިޙާލަތުން އަރައި ގަނެވޭނެކަމުގެ ޔަޤީންކަން އެބަ އޮތްކަމަށް ވެސް މެމްބަރ ސަލީމް ވިދާޅުވިއެވެ.