ކޮވިޑް-19: އައްޑޫސިޓީން ޝައްކު ކުރެވުނު ތިން މީހުންގެ ނަތީޖާ ނެގެޓިވް

ކޮވިޑް-19 އަށް އައްޑޫސިޓީން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުނު ތިން މީހުންގެ ސާމްޕަލްގެ ނަތީޖާ ނެގެޓިވެ ވެފައިވާ ކަމަށް އެޗުޕީއޭ އިން ވިދާޅުވެއްޖެއެވެ.

"ރައްކާތެރި ކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން، ކޯވިޑް19އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރެގެން އައްޑޫ ސިޓީ އިން 3 ދިވެހިންގެ ސާމްޕަލްގެ ނަތީޖާ ވަނީ ނެގެޓިވް ވެފައި،" އެޗުޕީއޭއިން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

ބަލީގެ އަލާމާތްތައް ހުރެގެން އައްޑޫސިޓީން ޓެސްކޮށްފައިވަނީ އިންޑިއާގައި އުޅެފައި އައްޑުއަށް އައި މީހަކާއި އޭނާއާ ޑިރެކްޓް ކޮންޓެކްޓް ވެފައިވާ ދެމީހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެމީހާ އިންޑިއާއިން ރާއްޖެ އައިސްފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އޭނާއާއި އަނެއް ދެމީހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ފެންނަން ހުއްޓައި ވަނީ އެޗުއާރުއެޗުގެ އިމަންޖެންސީއަށް ގޮސްފައެވެ. އެހެންވެ އެމީހުންނާ ދިމާވި ޑޮކްޓަރަކާއި ދެ ނަރުހަކު އައިސޮލޭޓް ކުރުމަށްފަހު ވަނީ ދޫކޮށްލައިފައެވެ. މިކަމާ ގުޅުގެން އައްޑޫ ރައްޔިތުންގެ ހިތުގައި ބިރުވެރިކަމެއް އުފެދިފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު ޢަބްދުﷲ ސާދިގު ވެސް ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 18 މީހުންނެވެ. އެއީ 3 ދިވެހީންނާއި، 15 ބިދޭސީންނެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ އަމިއްލަ ގައުމު ކަމަށްވާ އިޓަލީއަށް ގޮސްފައެވެ. އަނެއް 13 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުން ގެންދަނީ 3 ދިވެހީންނަށެވެ. މި ތިން ދިވެހީންނަކީ ވެސް އިނގިރޭސި ވިލާތުން ރާއްޖެއަށް އައި ތިން މީހުންނެވެ. އެމީހުން މިހާރުތިބީ އައިސޮލޭޝަން ފެސިލިޓީގައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.