ސަރުކާރުގެ ޕެކޭޖް ކުޑަ، މަދުގެން 5 ބިލިއަން ރުފިޔާގެ ޕެކޭޖެއް ތަޢާރަފް ކުރަންޖެހޭ – މެމްބަރ ޝިޔާމް

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުން ތަޢާރަފްކޮށްފައިވާ 2.5 ބިލިއަން ރުފިޔާއަކީ ސްޓިމިއުލަސް ޕެކޭޖަކަށް ކުޑަ މިނަވަރެއްކަމަށާއި މަދުވެގެން ފަސް ބިލިއަން ރުފިޔާގެ ބެކޭޖެއް ތަޢާރަފް ކުރަންޖެހޭކަމަށް ނައިފަރުދާއިރާގެ ޕީޕީއެމް މެމްބަރ އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކަނޑައަޅުއްވައިފައިވާ ސްޓިމިއުލަސް ޕެކޭޖާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ހާމަކުރުމަށް ކުރިއަށް ގެންދަވާ ބަހުސް ގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރ ވިދާޅުވީ ސަރުކާރުން ތަޢާރަފް ކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖަށް އެމްޑީޕީގެ މެމްބަރުން ތަޢްރީފް ކުރައްވަމުން ގެންދަވާއިރު މިދިޔައަހަރު އެކަނި ވެސް ބަދަލު ގެގޮތުގައި މިސަރުކާރުން 2.4 ބިލިއަން ރުފިޔާ ދީފައިވާ ކަމަށެވެ. އެމްޑިޕީ ޕީޖީ ލީޑަރ ވިދާޅުވެފައިވާ ފަދައިން ބަދަލުގައި ފައިސާ ދިނުމަކީ ވައްކަންކަމަށް، ޝިޔާމް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ބަޖެޓްގައި ހިލޭ އެހީގެ ގޮތުގައި 15 މިލިއަން ޔޫއެސް ޑޮލަރު ލިބޭނެކަމަށް ޖަހާފައިވާއިރު ހިލޭ އެހީގެ ގޮތުގައި ލިބުނު ކަމަށްވަނީ 10 މިލިއަން ޑޮލަރުކަށާއި ބާކީ ބައި ކޮބައިތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ. އިންޑިޔާ ސަރުކާރުން ލިބޭނެ ކަމަށް ބުނެފައިވާ 300 މިލިއަން ޑޮލަރު ކޮބައިތޯ ވެސް އޭނާ ވަނީ ސުވާލު އުފައްދަވައިފައެވެ. ހިލޭ އެހީގެގޮތުގައި ލިބެންހުރި ފައިސާ ހޯދަން ޖެހޭ ވަގުތަކީ މިއީ ކަމަށް ވެސް ނައިފަރު ދާއިރާގެ މެމްބަރ ވިދާޅުވިއެވެ.

މަސްވެރިންނަށް ދިމާވެފައިވާ މަސްނުކިރުމުގެ މައްސަލަ ފާހަގަކުރައްވައި ޝިޔާމް ވިދާޅުވީ މަސްވެރިންބާނާ މަސްކޮޅަށް ފައިސާ ނުލިބޭތާ 24 ދުވަސް ވެފައިވާ ކަމަށެވެ. ރިސޯޓްތަކުން ވަކި ކުރާ މީހުންވެސް މަހަށް ދާން ފަށައިފައިވާ ކަމަށް ފާހަގަ ކުރެއްވިއެވެ. ނަމަވެސް މަސްކޮޅު ނުކިރޭ ކަމަށް ވާނަމަ އެކަމުން ވެސް އާއްމުދަނީއެއް ލިބޭނެ ކަމުގެ އެއްވެސް އުމީދެއް އެމީހުންނަށް ނޯނާނެކަމަށް ފާހަގަ ކުރެއްވިއެވެ. ރިސޯރޓްތަކުން 11 ހާހަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލިގެން ގޮސްފައިވާއިރު އެމުވައްޒަފުންގެ ޙާލު ބަލާލީ ކޮން މިނިސްޓްރީއަކުންތޯ ވެސް ސުވާލު އުފެއްދެވިއެވެ.

"އިސްލާމްދީނާ ބީރަށްޓެހި މީހުން ނަޖިހުން ތާހިރުވަން ގެންގުޅޭ ޓިޝޫ ރޯލް ކޮޅުފައިން ތެޅިއަކަސް އަދި މިމައްސަލައެއް ޙައްލެއް ނުވާނެ." މެމްބަރ ޝިޔާމް ވިދާޅުވިއެވެ.

ސަރުކާރުން މިހާލަތުގައި ދިވެހި ރައްޔިތުން އުޅޭ ހާލު ދެނެގަންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ޤައުމުތަކުން ފެންނަނީ އެޤައުމުތަކުގައި ފުދުންތެރިކަން ނެތް ގޭބިސީތަކާއި ފުދުންތެރިކަން ނެތް ފަރުދުން ފާހަގަކޮށް އެހީތެރިކަން ފޯރުކޮށް ދެމުންދާތަންކަމަށް ނައިފަރު ދާއިރާގެ މެމްބަރ ޝިޔާމް ފާހަގަ ކުރެއްވިއެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އެއްކޮށް ހަލާކުވެގެންދާއިރު، ސަރުކާރުން ތަޢާރަފްކޮށްފައިވާ ޕެކޭޖުން އެކަމަށް ވެސް ޙައްލެއް ނެތްކަމަށް މެމްބަރ ޝިޔާމް ވިދާޅުވިއެވެ. ސަބަބެއްކަމަށް ފާހަގަ ކުރެއްވީ މީރާ ކްލިއަރެންސް ހޯދަން ޖެހުމެވެ. މީރާ ކުލިއަރެންސް ހޯދަން ބަލާއިރު ކުންފުންޏަށް ލިބެންޖެހޭ ފައިސާ ރިސޯރޓްތަކާއި ދައުލަތުގައި ހަރުލައިފައިހުންނަނަމަ މީރާ ކްލިއަރެންސް ހޯދޭނެ ގޮތެއް ނޯންނާނެކަމަށް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.