ގ.އޮލިވަރގްރީން, މޮނިޓަރިންގެ ޙާލަތަށް ގެނެސްފި

ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ގ. އޮލިވަރގްރީންގައި ހުރުމުން އެގެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަންއެޖެންސީ (އެޗުޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗުޕީއޭގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށް ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ އެ ގޭގައި އުޅޭ މީހެއްގެ ގައިން ބައްޔަށް ޝައްކުވާ އަލާމަތްތައްވަނީ ފެނިފައި ކަމަށެވެ. އެހެންކަމުން ސިއްޙީގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އެގެ ވަނީ މޮނިޓަރިން ހާލަތަށް ގެނެވިފައި ކަމަށެވެ. އެގެ މޮނިޓަރިންގެ ޙާލަތަށް ގެނެސްފައިވަނީ އެޗުޕީއޭއިން އެހެން އެންގުމެއް އަންގަންދެން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެހެންކަމުން އެގެ މޮނިޓަރިން ހާލަތުގައި ހުންނައިރު ފުލުހުން ކޮށްދެއްވަންޖެހޭ ކަންކަން ކޮށްދެއްވުމަށް ކޮމިޝަނަރ އޮފް ޕޮލިސްގެ އަރިހުން މައިމޫނާ އަބޫބަކުރުވަނީ އެދިވަޑައިގެންފައެވެ. މިފަދަ ޙާލަތްތަކުގައި ފުލުހުން ގެންދަވަނީ އެފަދަ ގެތަކުގެ ސެކިއުރިޓީ ބަލަހައްޓައި ދެމުންނެވެ.

މިހާތަނަށް ރާއްޖެއން ވަނީ 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެއީ 15 ބިދޭސީންނާއި 3 ދިވެހީންނެވެ. ކޮވިޑަށް ޕޮޒިޓިވްވި 15 ބިދޭސީންގެ ތެރެއިން 13 މީހަކުވަނީ ބަލިން ރަނގަޅުވެފައެވެ. ދެ މީހަކުވަނީ އެމީހުންގެ ގައުމު ކަމަށްވާ އިޓަލީއަށް ގޮސްފައެވެ. މިހާރު ފަރުވާ ދެމުން ގެންދަވަނީ 3 ދިވެހީންނަށެވެ. އެ ތިން މީހުންނަކީވެސް އިނގިރޭސިވިލާތުން ރާއްޖެއައި މީހުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.