ކޮވިޑް-19: އާލާމާތްތައް ފެނުނު ދެމީހަކު ޓެސްޓް ކުރަނީ

ކޮވިޑް-19 ގެ އަލާމާތްތައް ފެނުނު ދެމީހެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް އެޗުޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗުޕީއޭއިން ވިދާޅުވެފައިވަނީ އެ ދެމީހުންނަކީ ދިވެއްސަކާއި ބިދޭސީއެއް ކަމަށެވެ. އެމީހުންނަކީ ފިލިތެޔޮ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ދެމީހުންނެވެ. ސާމްޕަލް ނެގުމަށްފަހު އެދެ މީހުންވަނީ ހޯމް އައިސޮލޭޝަނަށްލައިފައި ކަމަށް އެޗުޕީއޭއިން ވިދާޅުވިއެވެ.

"ރައްކާތެރިކަމުގެ ގޮތުން ޢަމަލު ކުރަމުންދާ އުޞޫލުގެ ދަށުން،  ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ފިލިތެޔޮ އައިލެންޑް ރިސޯޓުން ދިވެއްސަކާއި ބިދޭސީއެއްގެ ސާމްޕަލް ނަގާ އެ ދެމީހުން މިހާރު ވަނީ ހޯމް އައިސޮލޭޝަންގައި ބެހެއްޓިފައި،" އެޗުޕީއޭއިން ވިދާޅުވިއެވެ.

އެމީހުންގެ ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފައި. ކަމަށްވެސް އެޗުޕީއޭއިން ވިދާޅުވިއެވެ.

މީގެ އިތުރުން ތާޖް އެގްޒޯޓިކާ ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެޗުޕީއޭއިން ވިދާޅުވިއެވެ. އޭނާވެސް ޓެސްޓް ކުރަނީ ބަލީގެ އަލާމާތްތަކެއް ފެނިގެންނެވެ. ޓެސްޓުގެ ނަތީޖާ ލިބެންދެން އޭނާ ހޯމް އައިސޮލޭޝަނަށް ލައިފައި ރިސޯޓުވަނީ މޮނިޓަރ ކުރަން ފަށައިފައެވެ.

މިބައްޔާ ގުޅިގެން 746 މީހުން ކަރަންޓީން ފެސިލީޓީތަކުގައި އެބަތިއްބެވެ. އައިސޮލޭޝަން ފެސިލިޓީ ތަކުގައި ތިބީ 19 މީހުންނެވެ. ރާއްޖެއިން ބަލި ޖެހިފައިވަނީ 14 މީހުންނަށެވެ. އޭގެ ތެރެއިން 9 މީހަކަށް ވަނީ ފަސޭހަވެފައެވެ. 5 މީހަކަށް ގެންދަނީ ފަރުވާ ދެމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.