ސަޢުދީގެ ނިންމެވުމަށް ކެތްތެރިވުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކުރައްވައިފި

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް  އިން ސަލާމާތްވުމަށް ސަޢުދީ އަރަބިއްޔާއިން އަޅައިފއިވާ ފިޔަވަޅުތަކަށް އިހްތިރާމްކޮށް ކެތްކުރުމަށް ރާއްޖެއިން މީހުން ޢުމްރާއަށް ގެންދާ ޖަމާޢަތްތަކަށާއި ޢުމްރާއަށްދާ މީހުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

އެބަލިން ސަލާމަތްވުމަށް ފިޔަވަޅު އެޅުމުގެ ގޮތުން ހުސްވި ފެބުރުއަރީ 27 އިން ފެށިގެން ބޭރު ޤައުމުތަކުން ސަޢޫދީ ޢަރަބިއްޔާއަށް ޢުމްރާވެރިން އެތެރެވުން ވަނީ ވަގުތީގޮތުން މަނާކޮށްފައެވެ. އެކަން މަނާކޮށް  ޢުމްރާވެރިންނަށް ވިސާ ދޫކުރުން ވެސް ވަނީ ހުއްޓާލައިފައެވެ.  ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުގެ އެ ނިންމުން، ދިވެހި ސަރުކާރުން ވަނީ ރާއްޖޭގައި ޙަރަކާތްތެރިވާ ޓްރެވަލް އެޖެންސީތާކާ ޙިއްސާކުރައްވައި ސަމާލު ކުރުވައިފައެވެ.

ޞިއްޙީ ނުރައްކާތެރި ކަމެއް މުޅި ދުނިޔެއަށް ފެތުރިފައިވާ މިދަނޑުވަޅުގައި ސަރުކާރުގެ އެންމެ އިސް ވާޖިބަކަށްވާނީ ދިވެހި ޢުމްރާވެރިންނާއި ޙައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރު ކުރުން ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެކަމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއިން އަޅުއްވާފައިވާ ފިޔަވަޅު ދިވެހި ސަރުކާރުންވަނީ ބަލައިގެންފައި ކަމަށް ވެސް އެމިނިސްޓްރީން ވިދާޅުވިއެވެ. "އެހެންކަމުން، ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ނިންމަވާފައިވާ ނިންމެވުމަށް އިޙްތިރާމްކޮށް، އެކަންކަމަށް ކެތްތެރިވެ ތިބުމަށް މި މިނިސްޓްރީން އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ." އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

 މި ނިންމެވުމުގެ ސަބަބުން، ޢުމްރާ ދަތުރުތައް ރާއްވަވާފައިވާ ކުންފުނިތަކާއި، ޢުމްރާއަށް ދިއުމަށް ތައްޔާރުވަމުންދާ ފަރާތްތަކަށް، ދިމާވާނެ ދަތިތަކާއި، ކަންބޮޑުވުންތައް ހުންނާނެކަމަށާއި އެހެންނަމަވެސް، އެ ކަމަކީ ދިވެހި ސަރުކާރާއި، ޢުމްރާއަށް މީހުން ގެންދާ ކުންފުނިތަކުގެ އަމިއްލަ ބާރު ހިނގާކަމެއް ނޫންކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެހެންކަމުން މިމައްސަލާގައި ދިވެހި ސަރުކާރުގެ ކަމާބެހޭ މުޢައްސަސާތަކުން ދޭ އިރުޝާދާއި ލަފަޔާއި އެއްގޮތަށް ޢަމަލުކުރެއްވުމަށް އެމިނިސްޓްރީން އިލްތިމާސް ކުރައްވާފައިވެއެވެ.

ކޮވިޑް-19 ވައިރަސްއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ޓާސްކް ފޯސްގެ  ލަފަޔާ އިރުޝާދާއެކު، ޢުމްރާވެރިންނާއި، ޢުމްރާއަށް މިހުން ގެންދާ ކުންފުނިތަކުން ޢަމަލުކުރަންވީގޮތް މިނިސްޓްރީން ޙިއްސާކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.