އެއްވެސް ސަބަބަކާހެދި ޤާނޫނޫގައި ބުނެފައިވާ މުއްދަތަށްވުރެ އިންތިޚާބު ލަސްކުރުމުގެ ބާއެއް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ނޯންނަ ކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.
ގައުމީ ލަފާދޭ ކޮމިޓީއާއެކު އެކޮމިޝަނުން މިހާރު ބާއްވަމުން ގެންދަވާ ބައްދަލުވުވުމުގައި ވާހަކަ ދައްކަވަމުން އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ ޤާނޫނޫ ބުނާގޮތުން އެކޮމިޝަނަށް އިންތިޚާބު އެންމެބޮޑަށް ލަސްކުރެވުނަސް ކުރެވޭނީ މެއި 3 އާ ހިސާބަށް ކަމަށެވެ.
ކޮވިޑް 19 ރާއްޖެއިން ފެނި އެކަމުގެ ކަންބޮޑުވުން މީހުންގެ ތެރޭގައި ބޮޑުވެފައި އޮތުމުން އިންތިޚާބު ފަސްކުރުމާ ބެހޭގޮތުން ވަރަށްގިނަ ފަރާތްތަކުން އެކޮމިޝަނަށް ގުޅަމުންދާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. އެހެންނަމަވެސް އެ ކޮމިޝަނަށް އިންތިޚާބު ލަސްކުރެވޭނީ ކޯޓަށް އެކަން ހުށަހެޅުމުން ކޯޓުން އަމުރެއް ލިބިގެން ކަމަށެވެ. "އަޅުގަނޑުމެންނާ ހަމައަށް ކޯޓު އަމުރެއް ގެނެސްފިއްޔާ އެއަށް ޢަމަލު ކުރާނަން،" ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިންތިޚާބު ފަސްކުރާ ހިސާބަށް ހާލަތު ހިނގައްޖެ ކަމަށް އެކޮމިޝަނުގެ މެމްބަރުންގެ މެދުގައި ތަފާތުވުމެއްނެތް ކަމަށެވެ. އެހެންނަމަވެސް އިންތިޚާބު ލަސްކުރާ ހިސާބަށް ޙާލަތު ގޮސްފި ކަމަށްވަނަމަ އީސީގެ އަމިއްލައަށް ވެސް ކޯޓަށް ހުށަހަޅައިގެން ކޯޓުގެ ލަފައެއް ހޯދަވާނެ ކަމަށެވެ.
މިހިސާބުން އިންތިޚާބު ފަސްކޮށްފި ކަމަށްވާނަމަ އަނެއްކާ ސަރުކާރުން ތީރީސް މިލިއަން ރުފިޔާ ޚަރަދު ކުރަންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެކަމަށްވުރެ ބޮޑަށް އީސީން އިސްކަންދެއްވަނީ ރައްޔިތުންގެ ސިއްހަތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ކޮރޯނާގެ ސަބަބުންކަމެއް ދިމާވެދާނެ ކަމަށް ބަލައި އެފަދަ ހާލަތެއްގައި ވަގުތުން ގޮތެއް ނިންމެވުމާބެހޭ ގޮތުން ހައިކޯޓު ސަމާލު ކުރުވާނެ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.