ހުރިހާ އިންތިޚާބެއް އެކުގައި ބާއްވާނަމަ ދައުލަތުގެ ބަޖެޓުން 148.5 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް ހޯރަފުށީ ދާއިރާގެ މެމްބަރ އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ. ސަލީމް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ ލޯކަލްކައުންސިލް އިންތިޚާބުގެ ޤާނޫނަށް ގެންނަ އިޞްލާހުގެ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
މެމްބަރ ސަލީމް ވިދާޅުވީ އެނާ ޖެއްސެވި ހިސާބުތަކުން ދައްކާގޮތުން ހުރިހާ އިންތިޚާބެއް އެކުގައި ބާއްވާނަމަ ޚަރަދުވާނީ 87 މިލިއަން ރުފިޔާކަމަށެވެ. އެހެންކަމުން ދައުލަތުގެ ބަޖެޓުން 148.5 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެކަމަށް ވިދާޅުވިއެވެ. މިހާރު ކޮންމެ ހަތަރު އަހަރެއްގެ ތެރޭގައި އިންތިޚާބުތަކަށް 235.5 މިލިއަން ރުފިޔާ ޚަރަދު ކުރެވޭކަމަށް ސަލީމް ފާހަގަ ކުރެއްވިއެވެ. ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް 87 މިލިއަން ރުފިޔާ ކަނޑައަޅައިފައިވާއިރު ރިޔާސީ އިންތިޚާބަށް 55.8 މިލިއަން ރުފިޔާ އަދި މަޖިލީސް އިންތިޚާބަށް 45.5 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާ ކަން މެމްބަރ ސަލީމް ފާހަގަ ކުރެއްވިއެވެ.
"އިންތިޚާބުތައް އެކުގައި ބާއްވައިފިނަމަ މަސައްކަތުގައި އަޅުގަނޑުމެން ކުރިއަށްދާނެ ވަގުތު ވެސް އެބަލިބޭ. އަދި ބޮޑު ޢަދަދެއް އަޅުގަނޑުމެންނަށް ސަލާމަތްވެސް އެބަކުރެވޭ" ހޯރަފުށީ ދާއިރާގެ މެމްބަރ ވިދާޅުވިއެވެ.
ރާއްޖޭގައި ބާއްވާ ހުރިހާ އިންތިޚާބެއް އެކުގައި ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް އެހެން މެމްބަރުން ވެސް ވަނީ ގޮވާލައްވައިފައެވެ.
މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފް ވިދާޅުވީ ވޯޓް ލުމުގެ ޚަރަދަކީވެސް ދައުލަތަށް ބުރަ ބޮޑު ކަމަކަށް ވެފައިވާ ކަމަށެވެ. އެހެން ކަމުން އެކަންކަމަށް ވިސްނައި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ކައުސިންލް އިންތިޚާބުގެ ވޯޓް އެކުގައި ބޭއްވުން މުހިންމުކަމަށެވެ. މިހާރުން މިހާރަށް ކުރެވޭނެ ކަމަކަށް ނުވިއަސް ދުރާލައި ރާވައިގެން ޤާނޫނު އަސާސީއާއި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙުތައް ގެނެސްގެން އިންތިޚާބުތައް އެއްކޮށް ބޭއްވުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. އެގޮތަށް އެކަން ގެންދެވޭނަމަ ޤައުމު އަބަދު ކެމްޕޭނު މޯޑްގައި ނޯވެ ޤައުމުގެ ކަންކަމާ މެދު ވިސްނާ ފިކުރުމަށް ރަށްޔިތުންނަށް ފުޞަތު ލިބިގެންދާނެކަން ފާހަގަ ކުރެއްވިއެވެ. އިންތިޚާބުތަކަށް ކެމްޕޭނުކޮށްފައި ހަމަ ނޭވާ ލާނެ ފުރުޞަތު ސިޔާސީ ޕާޓީތަކަށް ވެސް ނުލިބި މުޅި ޤައުމު އިންތިޚާބުތަކުގެ ކެމްޕޭން މޯޑްގައި އޮންނަކަމަށް ވިދާޅުވިއެވެ. އިންތިޚާބުތައް އެކުގައި ބޭއްވުމަކީ އެމެރިކާފަދަ ކުރިއަރައިފައިވާ އެހެން ޤައުމުތަކު މާކުރިން ފެށިގެން ވެސް ކުރަމުން އަންނަ ތަޖުރިބާއެއް ކަމަށް މެމްބަރ ޝަރީފް ފާހަގަ ކުރެއްވިއެވެ.