ރާއްޖޭގެ ރިސޯޓަކުން ދެ މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ޕޮޒިޓިވްވި ދެ މީހުން ފެނިފައިވަނީ ޅ. ކުރެއްދޫ ރިސޯޓުންނެވެ.
ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އެރިސޯޓުގެ މެނޭޖުމަންޓުގައި މަސައްކަތްކުރާ ދެ ބިދޭސީންނެވެ. އެހެންނަމަވެސް އެއީ ކޮންގައުމެއްގެ ބައެއް ކަމާއި އެމީހުންގެ ޖިންސާއި ނަން ސަރުކާރުން ހާމައެއް ނުކުރައްވައެވެ. މިރޭ ބޭއްވި ނޫސްކޮންފަރެންސްގައި ހެލްތު މިނިސްޓަރ ޢަބްﷲ އަމީން ވިދާޅުވީ އެފަދަ މަޢުލޫމާތު ހާމަކުރާގޮތަށް ހަމަޖެހިފައި ނުވާކަމަށެވެ.
މި ނިއުސްކޮންފަރެންސްގައި ހެލްތު މިނިސްޓަރ ވިދާޅުވީ މިހާރު ކަނޑައަޅާފައިވާ ގޮތުން، ބަލި ފެންނަ ކޮންމެ ރަށެއް ކަރަންޓީނުކުރެވޭނެ ކަމަށެވެ. އިއްޔެއިން ފެށިގެން ކުރެއްދުއަށް އަރައިފޭބުން ވަނީ މަނާކޮށްފައެވެ.
ދަރުބާރުގޭގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރ އަމީން ވިދާޅުވީ މިހާލަތުގައި ރައްޔިތުން ޕެނިކުނުވެ ކެތްތެރިކަން އިސްކުރަންޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި ކުރަންވީ ކަމަކީ އެންމެން ގުޅިގެން މިކަމާ ކުރިމަތި ލުންކަމަށް ވެސް ވިދާޅުވިއެވެ.
އެރަށުން ޕޮޒިޓިވްވި ދެ މީހުންވެސް މިހާރުވަނީ ފަރުކޮޅުފުށީ ކަރަންޓީން ފެސިލިޓީ އަށް ގެންގޮސްފައެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޢަލީ ލަތީފް ވިދާޅުވީ މި ބައްޔަށް ޕޮޒިޓިވްވި ދެ މީހުންގެ ޙާލުވެސް މިވަގުތު ރަނގަޅު ކަމަށެވެ. އެހެންނަމަވެސް ފަހުން ޙާލަތު ބަދަލުވަމުންދާނެ ގޮތެއް އެނގިވަޑައި ނުގަންނަވާކަމަށެވެ.
ކޮވިޑަށް ޝައްކުކުރެވިގެން ސަމާ އައިލެންޑު ރިސޯޓުން ވެސް ވަނީ 4 މީހަކު ކަރަންޓީނުކޮށްފައެވެ.
ހެލްތު މިނިސްޓަރ ވިދާޅުވީ ރައްޔިތުންގެ އެއްބާރުލުން ދިނުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ. އަދި އެހެނިހެން ކަންކަން އެއްފަރާތް ކުރުމަށްފަހު މިކަމަށްސަމާލުވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މިވަގުތު އެންމެ މުހިންމު ކަމަކީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދެމުންގެންދާ އިރުޝާދުތައް ރަނގަޅަށް އަޑުއަހައި އެގޮތަށް ޢަމަލުކުރުން ކަމަށާއި މި ކަމުގައި އަވަށްޓެރި ގައުމުތަކުގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ރާއްޖެއަށް ލިބޭނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރ މިރޭ ދެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ސިއްޙީ ޚިދުމަތްތެރިންވެސް ކެތްތެރިކަމާއި ހިތްވަރާއެކު މިކަމަށް ކުރިމަތިލައި ސާބިތުކަން މަތީ ތިބުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.