(1 މާރިޗު 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)
"ޝައިޠާނަކަށް ވުމާއެކުވެސް ކަލޭގެ ކިބައިގައި އަންހެންވަންތަކަން އެބަހުރި... މިތަނުން ފެއްސިގެން ދޭ." ރިޟަވާން ރަހުމް ކުޑަ ގޮތަކަށް ބުންޏެވެ.
ސަގީލާ އޭނާޔާ ދިމާއަށް ބިރުވެރި ގޮތަކަށް ބަލައިލުމަށް ފަހު ޣާއިބު ވެއްޖެއެވެ.
ރިޟްވާންގެ ސަމާލުކަން ހުއްޓުނީ އޭނާގެ ކުރިމަތީގައި ހުރި ރީތީގެ ރާނީގެ މައްޗަށެވެ. "އާދޭ... ކައިރިއަށް އާދޭ..."
"ވިދާޅުވީ ގޮތެއް..." ރިޟްވާންގެ ތިންވަނަ އެދުން މިހެން ބުނެފައި އޭނާޔާ ކައރިއަށް ޖެހިލިއެވެ.
ރިޟްވާންގެ ގައިން ހީބިހި ނެގިއެވެ. އޭނާގެ ޖަޒުބާތުތައް ކުއްލިއަކަށް ފިނި ވެއްޖެއެވެ. ބޮލުގައި ހުރި އިސްތަށިތައް އަމިއްލައަށް އުފުރާން ފަށައިފާނަމޭ ހިތަށް އެރިއެވެ. އެހައި ބޮޑަށް ފަރުވާތެރިވުމާއެކުވެސް އޭނާއަށް ކޮންމެވެސް ނުބައެއް ހެދިއްޖެއެވެ. ދެނެއް ބަދަލެއްވެސް ނުކުރެވޭނެއެވެ.
އަންހެންކުއްޖާގެ އަޑު އިވުނީމާ ހީވީ ބޯޓެއް ބަނދަރުޖަހާން ބަރުގޮނު އެޅީހެންނެވެ.
އެވަގުތު ސަގީލާ އަނެއްކާވެސް ފައުޅު ވެއްޖެއެވެ. އަދި ވަރަށް ބާރަށް ހީނގެންފައި ބުންޏެވެ. "އުފާކުރޭ... މަޖާކުރޭ... އަހަރެން ލޯބިވެރިޔާ... ދެން ދަނީ..."
"ސާހިބާ. އަޅުގަނޑަށް އޮތް ހުކުމަކީ ކޮބައިތޯ؟" އަންހެން ކުއްޖާ އޭނާގެ ބިރުވެރި ފިރިހެން އަޑުން އަހައިލިއެވެ.
"ޖެހިގެން އެހެރެ ކޮޓަރިއަށް ވަދެ ނިދާ."
އޭނާ ވަގުތުން ހިނގައްޖެއެވެ. ރިޟްވާން ދެއަތުން ބޮލުގައި ހިފަަހައްޓައިލިއެވެ. އޭނާގެ ހިތަށް އެރިއެވެ. ކިހައި ދެރަ ކަމެއް ހެއްޔެވެ؟ މިރޭ ހޭދަކުރާން މި ޖެހުނީ އެކަންޏެވެ. އެކަމަކު ސުލައިމާނަށް ކުރިމަތިވާނޭ މައްސަލައިގެ މަތީން ހިތަށް އެރީމާ އުފާވެސް ވިއެވެ.
* * *
ސުލައިމާނަށް ނިދުނުތާ މާާ ގިނަ އިރެއް ނުވާނެއެވެ. ހޭލެވުނީ ފޯނުގެ އަޑަށެވެ. އެއީ ގޭތެރޭގެ އެކި ތަންތަނަށް ގުޅާން ލައިފައި ހުންނަ ފޯނެވެ. "ކިހިނެއްވީ؟" އޭނާ ފޯނު ނަގައިފައި ރުޅިވެރިކަމާއެކު އަހައިލިއެވެ.
"ސާހިބާ... ދެ ހަންޑި އައިސް އެބަތިބި... ވަރަށް ބިރުވެރި ދެ ހަންޑި." ދޮރުފާރަވެރިޔާގެ ރޫރުއަޅާ އަޑު އިވުނެވެ. އޭނާ ހުރީ ނިހާޔަތަށް ބިރުގެންފައިކަން އެނގޭހައި ވެއެވެ.
"ކޮން ހާސަރެއް ތިޔަ..."
"ސާހިބާ... އަމިއްލަފުޅަށް ވަޑައިގެން ބައްލަވާ. އަޅުގަނޑަކަށް މި ދެމީހުން ނުއެއް ހުއްޓުވޭނެ. މިހާރު އެތިބީ އެތެރެއަށް ވަދެ."
"ދެ އަންހެނުންތަ؟"
"ހަންޑި... ފުރޭތަ... ހާމުންޑި."
"އަހަރެން މި އަންނަނީ." ސުލައިމާން ފޯނު ބޭއްވިއެވެ.
ކޮޓަރިން ނުކުމެގެން ގޮސް ގޭގެ މައިދޮރު ހުޅުވުމާއެކު އޭނާގެ ދެފައި ބިންމަތީގައި ތަތްލިއެވެ. ލިބުނު ސިހުމެއްގެ ބޮޑުކަމުން ގަނޑުވީ ކަހަލައެވެ. ދެލޯ ދެކާށިކިބަހެން ވެއްޖެއެވެ. އޭނާގެ ކުރިމަތީގައި ތިބީ ދެޔޯހެން ހީވާ ދެ އަންހެނުންނެވެ. އެހެރަ އިސްކޮޅަކީ އިންސާނަކާ އެކަށީގެންވާ ކަހަލަ އިސްކޮޅެއް ނޫނެވެ. ދޮރުފާރަވެރިޔާ ބުނީ ތެދު ވާހަކައެކެވެ. އެއީ ހަމަ ދެ ހަންޑިއެވެ.
ބިރުގަތް ކަމުގައި ވިޔަސް އޭނާ ވަރަށް އަވަހަށް ސަމާލު ވެގެންފިއެވެ. "ކޮން ބައެއް ތިޔައީ؟" އޭނާާ އަމުރުވެރި ރާގަކަށް އަހައިލިއެވެ.
"އަޅުގަނޑުގެ ނަމަކީ ނާޑިއާ." އެކަކު ބުންޏެވެ.
"އަޅުގަނޑުގެ ނަމަކީ ވާޑިއާ" އަނެކަކު ބުންޏެވެ.
ދެމީހުންގެ އަޑު އިވުނީމާވެސް ސުލައިމާން ސިހުނެވެ. ބަރު، ފިރިހެން އަޑެކެވެ. އޭނާ ވަރަށް ބޮޑަށް ބިރު ގެންފިއެވެ. އެކަމަކު ހަމަޔަކަށް އެޅިލާން މަސައްކަތް ކުރަމުން އަހައިލިއެވެ. "މިގެއަށް އައީ ކީއްކުރަން؟"
"ސާހިބާ. އަޅުގަނޑުމެން މި އައީ މަނިކުފާނަށްޓަކައި." ދެމީހުން އެއް އަޑަކުން ބުނެލިއެވެ. ހީވީ ދައް އުޑުން ގުގުރައިލީ ހެންނެވެ.
އެ ވަގުތު ދޮރުފާރަވެރިޔާ ދުވެފައި އެތަނަށް އަތުވެއްޖެއެވެ. "ސާހިބާ. ރަނގަޅުތޯ؟"
"އާނ... ކަލޭ ދޭ." ސުލައިމާން ބުންޏެވެ. އޭނާ ހަލުވިކަމާއެކު ވިސްނަމުން ދިޔައެވެ. ނިދި ބަރުވެފައިވާ ސިކުނޑި ފުރިހަމަ ހަރަކާތަށް އަތުވެއްޖެއެވެ. އަނެއްކާވެސް އެ ދެ އަންހެނުންނާ ދިމާއަށް ބަލައިލިއެވެ. ދެ މީހުންވެސް ވަރަށް ރީއްޗެވެ. އެކަމަކު އިސްކޮޅާއި ހަށިގަނޑުގެ ވަނާތައް އެތައް އިރަކު ބެލީމާވެސް ހަމަޔަކަށް ނުފެނެއެވެ.
ދެމީހުން ކުރެ ކޮންމެ މީހެއްގެ އިސްކޮޅުގައި އެގާރަ ވަރަކަށް ފޫޓު ހުންނާނޭ ކަމަށް އޭނާ ލަފާ ކުރިއެވެ.
"ސާހިބާ. އަޅުގަނޑުމެންނަށް އޮތް އަމުރުފުޅަކީ ކޮބައިތޯ؟" އެތަނުން އެކަކުގެ އަޑަށް ސުލައިމާން ދިޔައީ ސިއްސައިގެންނެވެ.
ސުލައިމާން ކަންބޮޑު ވެއްޖެއެވެ. މި ދެ މުސީބާތް ވައްދާނީ ކޮން ތަނަކަށް ހެއްޔެވެ؟ މެންދަމު މި އޮތީ ބޮޑު ބަލާވެރިކަމަކާ ލައިގެންފައެވެ. އެކަމަކު މިއީ މެންދަމުގެ ވަގުތު ކަމަށް ވީތީ އޭނާ ޝުކުރު ކުރިއެވެ. ދުވާލުގެ ވަގުތަށް ވީނަމަ މީހުން އެއްވެ، ބޮޑު ސަކަރާތްގަނޑަކަށް ހަދައިލީހެވެ.
"ކަލޭމެން މިތަނަށް ފޮނުވީ ކާކު؟" ސުލައިމާން އަހައިލިއެވެ.
"އެޔެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އެނގޭ ކަމަކީ ސާހިބާގެ ކޮންމެ އަމުރުފުޅަކަށް އަޅުގަނޑުމެން ކިޔަމަން ވާން ޖެހޭކަން." އެތަނުން އެކަކު ބުނެލިއެވެ.
"ކޮންމެވެސް ގޮތަކަށް ގޭތެރެއަށް ވަދެވިދާނެތަ؟" ސުލައިމާން އަހައިލިއެވެ.
"ބަލަމާތޯ؟"
މައިދޮރުގެ އުސްމިނަކީ ހަ ފޫޓު ބައެވެ. ދެމީހުން ވަރަށް ދަތި ހާލުގައި އުޅެގެން ގޭތެރެއަށް ދެމިގެންފިއެވެ. އެކަމަކު އެތެރޭގައިވެސް ހިންދެމިލެވޭ ގޮތެއް ނުވިއެވެ. ތަޅުންގަނޑާއި ފަންގިފިލައާއި ދެމެދު ހުރީ ދިހަ ފޫޓެވެ. ހިނގަމުން ދިޔައީ ގުދުވެގެން ތިބެއެވެ.
"އިށީނދޭ..." ސުލައިމާން ބިރުން ހުރެ ބުނެލިއެވެ.
ދެމީހުން ބިންމަތީގައި އިށީނދެއްޖެއެވެ. ސުލައިމާންގެ ހިތަށް އެރިއެވެ. މި ދެމީހުން ބޭރުގައި ބަގީޗާ ތެރޭގައި ނިންދެވުމަކީ އެންމެ ރަނގަޅު ގޮތެވެ. އެކަމަކު ދެވަނަ ސިކުންތުގެ ތެރޭގައި އެ ޚިޔާލު ދޫކޮށްލައިފިއެވެ. "މިތާނގައި އޮށޯވެ އަރާމު ކޮށްލާ. ހަދަންވާ ގޮތެއް ފަހުން އަހަރެން ބުނާނަން." މިހެން ބުނެފައި ސުލައިމާން ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
މިރޭ ދެން ނުނިދޭނޭކަން އޭނާއަށް އެނގެއެވެ. އޭނާ އެ ދެ އަންހެނުންނާ މެދު ވިސްނާން ފަށައިފިއެވެ. އެއީ އިސްކޮޅުގައި އެގާރަ ފޫޓު ހުރި ދެމީހުންނެވެ. ސިފައަށް ބަލާއިރު އާދަޔާ ޚިލާފަށް ރީއްޗެވެ. އިސްކޮޅުން ބާރަ ވަރަކަށް ފޫޓުގެ ފިރިހެނަކަށް އެ ދެމީހުން ފެނިއްޖެއްޔާ މޮޔަ ވާނޭކަން ގައިމެވެ. އެކަމަކު އޭނާ ގަންނަނީ ބިރެވެ.
މިއީ ކޮންފަދަ ބޮޑު މުސީބާތެއް ހެއްޔެވެ؟ އަހަންނާ މި ކަމެއް މި ލައިގަތީ ކީއްވެގެން ހެއްޔެވެ؟
ކުއްލިއަކަށް އެނާގެ ސިކުނޑީގެ ހުރިހައި ބޮތްކެއް ދިއްލި އަލިވެއްޖެއެވެ. މިއީ ރިޟްވާންގެ ތިންވަނަ އެދުމުގެ ދުއްޕާންކަން ޔަގީނެވެ. އޭނާއަށް ލިބޭ ގޮތަށް ހަމަ ޖެހިފައި އޮތީ ރިޟްވާނަށް ލިބޭ ކޮންމެ އެއްޗެއްގެ ދެގުނައެވެ. އެހެންވީމާ ރިޟްވާން އެދޭނީ ފަސް ފޫޓުބައިގެ އަދި ހަށިގަނޑުވެސް އެ އިސްކޮޅާ ގުޅޭ ކުއްޖަކަށްކަން ގައިމެވެ. އޭނާއަށް އެގާރަ ފޫޓުގެ ދެ މީހުން ލިބުނު ސަބަބަކީ އެއީއެވެ. މި ދެމީހުންގެ ހަށިގަނޑުގެ ސައިޒު މިހާރު އޭނާއަށް ޔަގީން ކުރެވިއްޖެއެވެ. އެއީ 42، 44، 172 އެވެ.
މި ދެމީހުންގެ ފަރާތުން އޭނާއަށް ލިބޭނޭ އެއްވެސް ފައިދާއެއް ނެތެވެ. ދެމީހުންގެ ފުށުން ސަލާމަތް ވާނޭ ގޮތް އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. މި ވަގުތު އޭނާ އެހެރީ ރިޟްވާން ދެކެ ވަރަށް ބޮޑަށް ރުޅި އައިސްފައެވެ. އޭނާއަށް އަދަބެއް ލިބޭން ވާނެއެވެ. ގަޑި ބަލައިލީ އިރު މެންދަމުން އަލިވެ ދެގަޑިބައި ވެއްޖެއެވެ.
އޭނާ ތެދުވެގެން ގޮސް ބޮޑު ކޮޓަރި ތެރެއަށް ވަދެއްޖެއެވެ. އެ ދެ އަންހެނުން އަރާމު ކުރާން ތިއްބެވެ. އޭނާ ފެނުމާއެކު ތެދުވެއްޖެއެވެ. "އޮށޯވެގެން ތިބޭ." އޭނާ ބުންޏެވެ. "އަހަރެންގެ ކޮންމެ އަމުރަކަށް ކަލޭމެން ކިޔަމަން ވާނަންތަ؟"
"އާދެ... ކޮންމެ އަމުރުފުޅަކަށް ފުރިހަމައަށް ކިޔަމަން ވާނަން."
"ކިޔަމަން ވާށޭ ބުނީ ކާކު؟"
"އެޔެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އެނގެނީ ކިޔަމަންވާން ޖެހޭކަން."
"އެންމެ ރަނގަޅު. އަހަރެން މިބުނާ ގޮތަށް ކަންތައް ކުރޭ. ކުރިމަތީގައި އެހެރަ ގެއަށް ރިޟްވާން ގާތަށް ކަލޭމެން ދެމީހުންވެސް ދޭ. އެންމެ ސިކުންތަކަށްވެސް އޭނާ އެކަނި ވިޔަ ދީގެން ނުވާނެ. އޭނާ އަޅާ ފިޔަވަޅުމަތީގައި ފިޔަވަޅު އަޅާ. ކަލޭމެން ތިޔައީ އަހަރެންގެ ގާތަށް ފޮނުވުނު ބައެކޭ އެއްވެސް މީހަކު ގާތު ބުނެގެން ނުވާނެ. ރިޟްވާން ބުނާ ކޮންމެ ކަމެއް ކޮށް ދޭތި. އެކަމަކު އަހަރެންގެ އަމުރާ ޚިލާފަށް އެއްވެސް ކަމެއް ކޮށްގެން ނުވާނެ. އޭނާ ބުނާހައި ކަމެއް ކޮށް ދޭނީ އަހަރެންގެ އަމުރަށް ކިޔަމަން ވެގެން ތިބެ. ވިސްނިއްޖެތަ؟"
"އާދެ... އާދެ. ވިސްނިއްޖެ. އަޅުގަނޑުމެން ކަންތައް ކުރާނީ ހަމަ ތިޔަ ވިދާޅުވީ ގޮތަށް." ދެމީހުން ތެދުވާން މަސައްކަތް ފަށައިފިއެވެ.
"ބަލައިގެން... ފަންގިފިލާގައި ހުރި ބޮތްކާއި ފަންކާ ސަލާމަތުން ބަަހައްޓާތި."
އެ ދެމީހުން ދިޔައީމާ ސުލައިމާން ފޯނު ދޮށުގައި އިށީނދެ ޓެލެފޯން ޑިރެކްޓަރީ ބަލައިގެން އޭނާ ބޭނުންވާ ނަންބަރުތައް ހޯދާން ފަށައިފިއެވެ. އެރޭ ނުއެއް ނިދޭނޭކަން އޭނާއަށް އެނގެއެވެ. ވަރަށް ބޮޑު މައްސަލައެއް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހައްލު ކުރެވުނީތީ އޭނާ ހުރީ ހިތްހަމަ ޖެހިފައެވެ.
ފަނަރަ މިނިޓުވެސް ރަނގަޅަކަށް ނުވެއެވެ. ފޯނު ރަނގަބީލު ވާން ފަށައިފިއެވެ. އޭނާ ހިނިތުންވެލިއެވެ. ހުރިހައި ކަމެއް އެ ދަނީ އޭނާ ލަފާކުރި ގޮތަށެވެ.
(ނުނިމޭ)
ލާހިދަރި ސަގީލާގެ މަސައްކަތް ޗާލާކު ކަމާއެކު ނިންމާލެވެނީ.ދެން އޮންނާނީ ލާހިދަރި ބާތިލް ގެ ހުރި ކުޅަދާނަކަމަކާ ފެންވަރު ދައްކާލުން ދޯ
ވާހަކަ އޭގެ ކުންނާ ހިސާބުގަ ބާ.ވަރަށް ޝައުގުވެރި. ކުރިޔަށް އޮތްބައި ކިޔުމުގެ އިންތިޒާރުގައި.މިއަދުވެސް ހާދަ ވަރަކަށް ބެލިފަހުންނޭ ވާހަކަ ކިޔާލަން މިލިބުނީ.މާދަން ހެނދުނު ހެނދުނާ ގެނެސްދެވޭނެ ގޮތެއް ނުވާނެތަ ނައީމްބޭބޭ
Huvaa. Hama obinovey.vaahaka habeys.ekuveriyaa hathurakah hadhaigen loti dheyn ulhumun athah govaifi.Rilvaan.kaloa ge dhuvas dhiyaee ennu.
Hama ran'galhah evee
Ma heen' heen' halaaku
???
ޙައްގު ތެދެއް.މިއީ ވާ ފައްކާ ވާހަކައެއް.މިކަހަލަ ވާހަކައެއް އަދި ނުކިޔޭ. ޢައްސަރިބަހާއި ސާބަސް އިނގޭ
??