މުރަކައިގެ ފަރުތަކާބެހޭ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙަމަދު ނަޝީދު ދެ ދުވަހުގެ ސަލާމެއް މަޖިލީހުގެ މަސައްކަތުން ނަންގަވައިފިއެވެ.
މަޖިލީހުގެ ރައީސް ސަލާމުގައި ހުންނެވުމާއެކު މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ރައްޔިތުންގެ މަޖިލީހުގެ ނާއިބް ރައީސް އިވާ ޢަބްދުﷲ އެވެ. ސަލާމް ވިދާޅުވި ސަބަބު ބަޔާންކޮށް މަޖިލީހުގެ ރައީސް ފޮނުއްވި ކުރު ނޯޓެއް މަޖިލީހުގެ ރިޔާސްތުން ވަނީ އިއްވައިފައެވެ. އެނޯޓްގައި ވަނީ މަޖިލީހުގެ ރައީސް، ސަލާމް ގައި ހުންނެވީ މޯލްޑިވްސް ކޮރަލް އިންސްޓިއުޓްގެ ފަރާތުން މިއަދާއި މާދަމާ ތުލުސްދޫގައި ބާއްވާ މުރަކައިގެ ފަރުތަކާބެހޭ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.
މިއަދުގެ މަސައްކަތު ބައްދަލުވުމުގެ އިތުރުން މާދަމާ އާއްމުނަށްވެސް ބައިވެރިވެވޭ ގޮތަށް ބާއްވާ ކޮރަލް ފެސްޓިވަލުގައިވެސް މަޖިލީހުގެ ރައީސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ކޮރަލް ފެސްޓިވަލުގައި ރައީސް ނަޝީދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ސަލާމްގެ ނޯޓްގައި ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
މުރަކައިގެ ފަރުތަކުގެ މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ މޫސުމަށް އަންނަ ބަދަލުތަކާއި އެކި ބާވަތުގެ އުމްރާނީ މަސައްކަތުން މުރަކައިގެ ފަރުތަކަށް ހުރި ގެއްލުންތަކުގެ މައްޗަށް ހޭލުންތެރިކަން އިތުރުކުރުމެވެ. އަލަށް ޤާއިމު ކުރެއްވި މޯލްޑިވްސް ކޮރެލް އިންސްޓިޓިއުޓްގެ މަސައްކަތް ކުރިއަށް އޮތް އަހަރުތަކަށް ރާވައި އެކުލަވާލުމަށް ދައްޔާރުކޮށްފައިވާ ދެލިކޮޕީއަކަށް ވެސް މި މަސައްކަތު ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ނަޝީދުގެ ސަލާމް ނޯޓުގައި ބަޔާންކުރަވައިފައި ވެއެވެ.
މާދަމާގެ ކޮރަލް ފެސްޓިވަލްގައި ރާޅާ އެޅަން ދަސްކޮށްދިނުމާއި، ސްނޯކްލީންގެ އިތުރުން ލައިވް މިއުޒިކާއި، ކުރެހުމާއި ފަންނުވެރިކަމާއި، މޫސުމީ ބަދަލުތަކާއި ފަރުތަކާ ގުޅޭ ތަޖުރިބާކާރުންގެ ޕެނަލް ޑިސްކަޝަންތައް ވެސް ކުރިއަށް ދާނެ ކަމަށް ރައީސް ނަޝީދު ސާލަމް ނޯޓްގައި ވެއެވެ.
މަޖިލީހުގެ ޤަވާޢިދުގައިވާ ގޮތުން އެއްވެސް ސަބަބެއް ނެތި ހާޒިރުވެވަޑައިނުގަންނަވާ ޖަލްސާތަކަށް މެންބަރުގެ މުސާރައިން އުނިކުރެވޭނެއެވެ. މި އިޞްލާހު މަޖިލިގެ ޤަވާޢިދަށް ގެނައީ މިހާރުގެ މަޖިލީހުންނެވެ.