ރާއްޖޭގެ އެއްރަށް އަނެއް ރަށާ އަޅުވައި ކުޑައިމީސްކޮށް ވާހަކަ ނުދެއްކެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގަންނަވައިފިއެވެ. މަޖިލީހުގެ ރައީސް މިކަމަށް އެދި ވަޑައިގެންނެވީ، މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެމްބަރު ހުށަހަޅައިފައިވާ، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް ގޮވާލާ ޤަރާރުގެ އިބްތިދާއީ ބަހުސް ފެށްޓެވުމުގެ ކުރިންނެވެ.
ރާއްޖޭގެ އެއްރަށާއި އަނެއް ރަށް އަޅުވައި ކުޑައިމީސް ކޮށް ވާހަކަ ދެއްކެވުމަކީ ރާއްޖެއަށް އެކަމުގެ ސަބަބުން ވަރަށް ގެއްލުން ބޮޑުވާނެކަމެއް ކަމަށް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. ރިސޯސް ނުވަތަ ވަޞީލަތްތައް މަދުވި މިންވަރަކަށް ހަމަނުޖެހުން އުފެދުން ގާތްވާނެކަމަށް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވަމުން ދިޔަ ވަރަކަށް އެހަމަ ނުޖެހުން އިތުރުވެގެން ދާނެ ކަމަށް ވެސް މަޖލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ.
"ސިޔާސީ ލީޑަރުންގެ ގޮތުގައި އަޅުގަނޑުމެންގެ މަސްއޫލިއްޔަތެއް އެއީ މިބާވަތުގެ ކަންކަން ފުޅާ ކުރުމަށް އަޅުގަނޑުމެން ބާރު ނޭޅުން" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ކަންކަން ހަމައިން ނެއްޓިގެންދާނެ ކަންކަން އެނގިހުރެ އެފަދަ ކަންކަން ނުކުރެއްވުމަށް މަޖިލީހުގެ ރައީސް އެދި ވަޑައިގެންނެވިއެވެ. އެއްރަށް އަނެއްރަށާ އަޅުވައި ކުޑައިމީސްކޮށް ވާހަކަ ނުދެއްކެވުމަށް މަޖިލީހުގެ ރައީސް އެދި ވަޑައިގެންފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ، އެމްޑީޕީ މެމްބަރ ޙުޞައިން ޝަހީމް ޓީވީ ޕްރޮގަރާމެއްގައި މާލޭގެ ގެދޮރުގެ ދަތިކަމާ ގުޅުވައި ދެއްކެވި ވާހަކައަކާ ގުޅިގެން މާލޭ އާއި ރާއްޖެތެރޭގެ ބަހުސް އެކި ފެންވަރުގެ ރައްޔިތުންގެ މެދުގައިވެސް ކުރެވެމުންދާ ދަނޑި ވަޅެއްގައެވެ. މެމްބަރ ޙުޞައިން ޝަހީމް ވިދާޅުވެފައި ވަނީ މާލެއަށް ދިމާވެގެން އުޅެނީ ފަލަސްތީނަށް ދިމާވެގެން އުޅޭކަހަލަ ކަމެއް ކަމަށެވެ. މިހެން ވިދާޅުވުމާ ގުޅިގެން އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އަތޮޅުތަކުގެ ބައެއް މެމްބަރުނާއި އެނޫންވެސް ސިޔާސީ ބޭފުޅުންނާއި އާއްމު ރަށްޔިތުންގެ ބަހުގެ ހަމަލާތައް މެމްބަރ ޝަހީމަށް ވަނީ ކުރިމަތިވެފައެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ވަކި ރަށެއްގެ މީހަކަށް ވީތީ ވަކިތަނަކުން، ބޯހިޔާވަހިކަން ހަމަޖައްސަން ޖެހޭނެކަމަށް ޤާނޫނު އަސާސީގެ އެއްވެސް މާއްދާއެއްގައިވެސް އަދި ޤާނޫނެއްގައި ވެސް ލާޒިމްކޮށްފައި ނުވާކަމަށެވެ. ބޯހިޔާވަހި ކަމަކީ އެކަމަށް ޝަރުތުހަމަވާ އެންމެންނަށް ވެސް ހަމަޖައްސައިދޭން ޖެހޭ ކަމެއްކަމަށް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ.