ގޮނޑީގައި އިށީނދެގެން އިނދެ ނަމާދުކުރާއިރު ބަލަންޖެހޭ ބައެއް ކަންތައްތައް (2)

(24 ޖަނަވަރީ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އިށީނދެގެން ފަރްޟުނަމާދު ކުރާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތައް

އިށީނދެގެން ނަމާދުކުރަނީ ރުކޫޢު ނުވަތަ ސަޖިދަ ނުކުރެވޭތީ ކަމުގައިވާނަމަ ނުވަތަ ގިނައިރު ކޮޅަށްހުންނަން ޢުޛްރުވެރިވާތީ ނަމަ ، ޙަރަމްބަންނަ ތަކްބީރު ކިޔާއިރު ކޮޅަށް ހުންނަންޖެހޭނެއެވެ. ކޮޅަށް ހުރުމަށް މުޅިން ނުކުޅެދޭމީހާއަށް ޙަރަމްބަން ތަކްބީރުކިޔާއިރުގައި ވެސް އިށީނދެގެން އިދެވިދާނެއެވެ.

ކުޅަދާނަވެގެންވާ މީހާ ޤުރްއާންކިޔަވާއިރުގައި ( އެބަހީ ޤިޔާމުގައި ) ކޮޅަށް ހުންނަން ޖެހޭނެއެވެ. ކޮޅަށް ހުރުމުގެ ކުޅާނަދާނަކަން ލިބިގެންވާ ޙާލަތުގައި އިށީނދެގެން ޤުރްއާން ކިޔަވައިފިނަމަ އޭނާގެ ނަމާދު ބާޠިލުވާނެއެވެ. ސުންނަތް ނަމާދަށް ބަލާއިރު ކުޅަދާނަކަން ލިބިގެންވާ ޙާލުގައި އިށީނދެގެން ނަމާދުކޮށްފިނަމަ އޭނާއަށް ލިބޭނީ ކޮޅަށްހުރެކުރާ ނަމާދަށް ލިބޭ ސަވާބުގެ ދެބައިކުޅަ އެއްބައެވެ.

ގޮޑީގައި އިށީނދެގެން ނަމާދުކުރާއިރު ދެފައި ދަމައިގެން ނުވަތަ އެއްފައި މައްޗަށް އަނެއްފައި ލައިގެން އިނދެގެންނުވާނެއެވެ. އިށީނދެ އިންނަންވާނީ ދެފައިގެ ބާރުމަތީގައެވެ. ބުރަކަށީގެ ބާރު މައްޗަކު ނޫނެވެ.

ރުކޫޢަށާއި ސަޖިދައަށްދާއިރު ގޮނޑި ތެޅިގެންނުވާނެއެވެ.

އިށީނދެ އިންނައިރު ގޮނޑީގައި ބާރަށް ލެގިގެން ނުވާނެއެވެ. އެހެނީ އޭނާއަށް އިށީނުން ހުއްދަވަނީ ޢުޛްރަކަށްޓަކައެވެ. ލެނގުން ހުއްދަވެގެންނުވެއެވެ. ގޮނޑީގެ ލެގޭބައި ނައްޓައިލުމުން އޭނާ ވެއްޓޭވަރަށް ލެނގިގެން ނަމާދުކޮށްފިނަމަ އެނަމާދު ބާޠިލުވާނެއެވެ.

ރުކޫޢަށް ތިރިވާވަރަށް ވުރެ ބޮޑަށް ސަޖިދައަށް ތިރިވުން . ގުދުވެލާމިންވަރުން މި ދެރުކުނުގެ ތަފާތު އެގެންޖެހޭނެއެވެ.

 ސަޖިދަކުރުމަށްޓަކައި ބޭއްވޭ އެއްޗެއްމަތީގައި ސަޖިދަ ނުޖެހުން.މިސާލަކަށް ގޮނޑިއާއެކު ހަނދާފައިވާ އަތްގަނޑެއްމަތީގައި ސަޖިދަކުރުން ހުއްދައެއްނުވާނެއެވެ. ނުވަތަ ބާލީހެއް ދެފައިމަތީ ބާއްވައިގެން އޭގެ މަތީ ސަޖިދަކުރުން ހުއްދައެއްނުވާނެއެވެ. މަތިންދާބޯޓުގައި ދަތުރު ކުރާ އިރު ކާއެއްޗެއްހި ބަހައްޓާ މޭޒު ތިރިކޮށްގެން އޭގެމަތީ ސަޖިދަ ޖަހާތަން ބައެއްފަހަރަށް ފެނެއެވެ. މިގޮތަށް ނަމާދުކޮށްފިނަމަ އޭނާގެ ނަމާދު ބާޠިލުވާނެއެވެ. އެހެނީ ސަޖިދަޖަހަން ޖެހޭތަނަކީ ބިންމައްޗެވެ.ބިންމަތީގެ ބަދަލުގައި އެހެންތަނެއްގައި ސަޖިދައެއް ނުޖެހޭނެއެވެ. ބިންމަތީގައި ސަޖިދަނުޖެހޭތީ އޭނާއަށް އޮތީ ގުދުވެލުމެވެ. ރުކޫޢަށް ގުދުވެލާ ވަރަށްވުރެ ސަޖިދައަށް ގުދުވެލާ މިންވަރު ބޮޑުކުރަންވާނެއެވެ.

އިށީނދެގެން ނަމާދުކުރަނީ ރުކޫޢު ސުޖޫދު ކުރުމަށް ނުކުޅެދޭތީ ކަމުގައިވާނަމަ އޭނާ ނަމާދުކުރަންވާނީ ކޮޅަށްހުރެގެންނެވެ. ރުކޫޢަށް ގުދުވެލައިފާ ތެދުވެ އިޢުތިދާލަށް އަންނާނީއެވެ. އެއަށްފަހު ސަޖިދައަށް ދާންވުމުން ގޮނޑީގައި އިނށީންނާނީއެވެ. ކުޅަދަނަވެގެންވުން މިންވަރު އެގޭނީ ހަމަ އެމީހަކަށެވެ. ދީނުގައި އެއްވެސް ބުރަކަމެއް ނެތެވެ. ކުޅަދާނަވެގެން ނުވާކަމެއް ކުރާކަށް ނާންގަވައެވެ.

އިށިނދެގެން ނަމާދުކުރާއިރު ދެއަތްތިލަ ބާއްވާނީ ދެ ކަކޫމަތީގައެވެ. ނަމަވެސް ރުކޫޢާ ސުޖޫދު ވަކިކުރުމަށްޓަކައި ސަޖިދައަށްދާއިރު ދެއަތްތިލަ ބާއްވާނީ މާކަޅުވާމަސްގަނޑާ ދިމާ އިން ކުރިމަތީގައެވެ. ނުވަތަ އެ ދެމަސްކަނޑުގެ ދެފަރާތުގައެވެ.

ކޮޅަށްތިބެ ނަމާދުކުރާބައެއްގެ އިމާމަކަށް ނުވުން . އެކަމަކު މުސާރަލިބޭ އިމާމަށް ޢުޛްރުވެރިޙާލުގައި އިށީނދެ އިދެ އިމާމުވެ ނަމާދުކުރުން ހުއްދަވާނެއެވެ.ދަންނަބޭކަލުން ވިދާޅުވާގޮތުގައި މިޙާލަތުގައި މައުމޫމުންނަށް ކޮޅަށްވެސް އަދި އިށީނދެގެންވެސް ތިބެވިދާނެއެވެ. ޖަމާޢަތުގައި ނަމާދުކުރާ އެންމެންނަކީ ޢުޛްރުވެރިންކަމުގައވާނަމަ އެމީހުންނަށް ބިންމަތީގައި ނުވަތަ ގޮނޑީގައި އިނށީދެގެން ނަމާދުކުރެވިދާނެއެވެ. މިޙާލަތުގައި އިމާމާއަކީވެސް ޢުޛްރުވެރިއަކަށް ވާތީ އޭނާއަށް ވެސް އިށީނުން ހުއްދަވާނެއެވެ.

ނަމާދު ކުރަނިކޮށް ކޮޅަށްހުރުމަށް ނުކުޅެދުންތެރިވެއްޖެ ނަމަ އިށީންނާނީއެވެ. އިނށީދެގެން ނަމާދުކުރަނިކޮށް ކޮޅަށްހުރުމަށް ކުޅަދާނަކަން ލިބިއްޖެނަމަ ކޮޅަށްތެދުވާނީއެވެ.

މިސްކިތުގައި ނަމާދު ކުރާ އިރު އިށީނުމަށް މާބޮޑު ގޮނޑިއެއް ބޭނުންކުރުމަކީ ރަނގަޅުކަމެއް ނޫނެވެ.މިކަމުގެ ސަބަބުން މިސްކިތުން ޖާގަ ގެއްލޭވަރު ބޮޑުވާނެތީއެވެ.

ޖަމާޢަތުގައި އިނށީދެގެން ނަމާދުކުރާ އިރު ސަމާލުކަންދޭންޖެހޭ ކަންތައްތައް

ކުރިން މިދެންނެވީ އެކަހެރިކޮށް ނަމާދުކުރާ އިރު ސަމާލުކަންދޭން ޖެހޭ ކަންތައްތަކެއްގެ ވާހަކައެވެ.މިކަންތައްތަކުގެ އިތުރަށް ޖަމާޢަތުގައި ނަމާދުކުރާނަމަ ސަމާލުކަންދޭންޖެހޭ އިތުރު ކަންތައްތަކެއްވެއެވެ. އޭގެ ތެރޭގައި:

(1) ގޮނޑި، ސަފުގެ ނިމޭކޮޅުގައި ( ކަނާތްފަރާތުން ވިޔަސް ވާތްފަރާތުންވިޔަސް) ބެހެއްޓުން. އިމާމާ އާ ސީދާ ފަހަތުގައި ނުވަތަ ސަފުގެ މެދު ތެރޭގައި ގޮނޑިބެހެއްޓުން ހުއްދަވެގެންނުވެއެވެ. ދަންނަބޭކަލުން ވިދާޅުވާގޮތުގައި މިގޮތަށް ގޮނޑިބެހެއްޓުމަކީ ސަފު ގުދުވެގެން ހިގައިދާނެކަމެކެވެ. އަބޫ މަސްޢޫދުގެ އަރިހުން ރިވާވެގެންވެއެވެ. ނަމާދުކުރުމަށް ސަފުހަދާއިރު އެކަލޭެފާނު އަހުރެމެންގެ ކޮޑުތަކުގައި އަތްޕުޅު ބީއްސަވާވިދާޅުވެއެވެ. { لَا تَخْتَلِفُوا فَتَخْتَلِفَ قُلُوبُكُمْ لِيَلِيَنِّي مِنْكُمْ أُولُوا الْأَحْلَامِ وَالنُّهَى ثُمَّ الَّذِينَ يَلُونَهُمْ ثُمَّ الَّذِينَ يَلُونَهُمْ [1] – ތިޔަބައިމީހުން ތަފާތު ގޮތްގޮތަށް ނުތިބޭށެވެ. އޭރުން ތިޔަބައިމީހުންގެ ހިތްތައް ބައިބައިވެގެން ހިގާދާނެއެވެ.ތިމަންކަލޭގެފާނާ އެންމެ އަރިހުގައި ތިޔަބައިމީހުންގެ ތެރޭގައި ތިބި ހަރުމީހުންނާއި ވިސްނުންތެރިން ތިބޭހުށިކަމެވެ. ދެން އެބައިމީހުންނާ ޖެހުނުބަޔެކެވެ. ދެން އެބައިމީހުންނާ ޖެހުނުބައެކެވެ.}  މިބަސްފުޅުގެ މުރާދަކީ ޢުޛްރުވެރިން ނޫން ބުއްދިވެރިންނާއި ބާލިޣުވެފައިވާ ބޮޑެތިމީހުންނެވެ.

(2) އޭނާގެ ބަލީގެ ސަބަބުން އިށީނުމަށާއި ރުކޫޢުކުރުމަށާއި ސަޖިދަކުރުމަށް ނުކުޅެދުންތެރިވެގެންވާނަމަ އޭނާ ކޮޅަށް ހުންނައިރު އޭނާގެ ސަފުން ބޭރަށް ނުކުމެގެން ނުވާނެއެވެ.

(3) އޭނާ އަކީ ކޮޅަށްހުރުމަށް ނުކުޅެދޭމީހެއްކަމުގައި ވާނަމަ އޭނާ މުޅިނަމާދު ކުރާނީ އިށީނދެގެންނެވެ. އޭނާ ފަހު އައްތަޙިއްޔާތު ކިޔަން އިންނައިރުގައި މެނުވީ ، އިށީނދެ އިންނާނީ އިފްތިރާޝްކޮށްގެންނެވެ.މިގޮތަށް އިންނަން ކުޅަދާނަވެގެން ނުވާނަމަ އިށީންނާނީ އިށީނދެވޭގޮތަކަށެވެ. މިޙާލަތުގައި ސަފުން ތަންކޮޅެއް ކުރިއަށް ނުވަތަ ފަހަތަށް ނުކުތުމަކުން މަސްއަލައެއް ނެތެވެ.

ޢުޛްރެއް ނެތި ސުންނަތްނަމާދު އިށީނދެގެން ކުރުމުގެ ޙުކުން

ކުރިން މިދަންނަވާލީ ޢުޛްރުވެރިޔާ ފަރްޟުނަމާދު އިށީނދެގެން ކުރުމުގެ ޙުކްމެވެ. ޢުޛްރަކާ ނުލައިވެސް ސުންނަތް ނަމާދު އިށީނދެގެން ކުރެވިދާނެއެވެ. ކުރިން ދެންނެވި ޙަދީޘްފުޅަށް ބަލާއިރު ޢުޛްރެއްނެތި ފަރްޟުނަމާދު އިށީނދެގެން ނުވަތަ އޮށޯވެގެން ކުރުމަކީ އެ ނަމާދު ޞައްޙަވާނެކަމެއްނޫނެވެ. ސުންނަތްނަމާދު އިށީނދެގެން ކުރެވިދާނެއެވެ. ނަމަވެސް އޭނާއަށް ލިބޭނީ ކޮޅަށް ހުރެ ނަމާދުކުރާމީހާ އަށް ލިބޭ ސަވާބުގެ ދެބައިކުޅަ އެއްބައެވެ. އައްސައްޔިދާ ޙަފްޞާ ވިދާޅުވާ ގޮތުގައި ރަސޫލުﷲ صلى الله عليه وسلم ސުވަރުގެ ވަޑައިގަތުމުގެ އެއްއަހަރު ކުރިން މެނުވީ އިށީނދެވަޑައިގެން އިންނަވާ ސުންނަތް ނަމާދެއްވެސްް ކުރައްވާފައެއް ނުވެއެވެ. ޙަސަނުލްބަޞްރީ އާ ޙަވާލާދެއްވާ ތިރްމިޛީ ރިވާކުރައްވާގޮތުގައި ސުންނަތްނަމާދު ކުރާމީހާ ބޭނުންނަމަ ކޮޅަށްހުރެގެން، އަދި ބޭނުން ނަމަ އިށީނދެގެން ނުވަތަ އޮށޯވެގެން ނަމާދުކުރެވިދާނެއެވެ. ޖުމްހޫރުންގެ ބަސްފުޅަކީ މިއެވެ. މުވައްޠައު ބުނާގޮތުގައި ސުންނަތްނަމާދު ކުރާ އިރު ރުކޫޢު އަށް ވުރެ ބޮޑަށް ސުޖޫދަށް ބޯ ތިރިކުރަން ވާނެއެވެ. ބިން ބާޒު ވިދާޅުވާގޮތުގައި ބިންމަތީ އިށީނދެގެން އިނދެ ނަމާދުކުރާ އިރު ރުކޫޢަށްވުރެ ބޮޑަށް ސަޖިދައަށް ތިރިވުން ބޮޑުކުރަން ޖެހޭނެއެވެ. އޭނާ ވިދާޅުވާ ގޮތުގައި ސަޖިދަކުރާ އިރު ކުޅަދާނަވެގެންވާ މީހާ ސަޖިދަޖަހަންވާނީ ބިންމަތީގައެވެ.

ޢުޛްރަކާ ނުލައި ސުންނަތްނަމާދު އިށީނދެގެން ކުރާމީހާއަށް ލިބޭ ސަވާބު މަދުވާނެކަމަށް ހުރިހާ ޢިލްމުވެރިންވެސް އެއްބަސްވެ ވަޑައިގަންނަވައެވެ.އެކަމަކު ޢުޛްރަކާ ލައިގެން އިށީނދެގެން ނަމާދުކުރާމީހާ އަށް ފުރިހަމަ ސަވާބު ލިބޭނެއެވެ.

ރަވާތިބު ސުންނަތް

ރަވާތިބު ސުންނަތަކީ ފަރްޟުނަމާދާ ގުޅިފައިވާ ނަމާދުތަކަކަށް ވާތީ ، ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ރަވާތިބު ނަމާދުތައް ކުރުން އިތުރުވެގެންވަނީ ކޮޅަށްހުރެގެންނެވެ. ކުޅަދާނަކަން ލިބިގެން ހުރެ ރަވާތިބު ސުންނަތްތައް ކުރާމީހާއަށް ލިބޭނީ ކޮޅަށްހުރެ ނަމާދުކުރާމީހާއަށް ލިބޭ ސަވާބުގެ ދެބައިކުޅައެއްބައެވެ.
(ނިމުނީ)

[1]  -  ރިވާކުރެއްވީ އިބްނު މާޖާ

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.