މިހާރަކަށް މިސްތަކުގައި ގޮނޑީގައި އިށީނދެގެން ނަމާދުކުރާމީހުން ފެނެއެވެ. މި ގޮތަށް ފަރްޟުނަމާދާއި ސުންނަތް ނަމާދުވެސް ކުރެއެވެ. މިކަމުގެ ޙުކުން އެގުމަކީ މުހިއްމު ކަމެއްކަމުުގައި ދެކެމެވެ.
ކުޅަދާނަވެގެންވާމީހާ ފަރްޟުނަމާދަށް ކޮޅަށްހުރުމަކީ ނަމާދުގެ ރުކްނެކެވެ. މީގެ މާނައަކީ ކުޅަދާނަވެގެންވާ މީހާ އިށީނދެގެން ކުރާ ފަރްޟުނަމާދު ޞައްޙައެއްނުވާނެއެވެ. ނަމަވެސް ކޮޅަށްހުރުމުގެ ކުޅަދާނަކަން ލިބިގެންނުވާ މީހާއަށް އިށީނދެގެން ނަމާދުކުރުމުގެ ހުއްދަ ޝަރްޢުކުރައްވާފައިވެއެވެ. މިއީ ދީނުގައިވާ ލުއިފަސޭހަކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.އިސްލާމީ ފިޤްހީ ޤަވާޢިދުތައް ބުނާގޮތުގައި ބުރަކަމެއް ކުރިމަތިވުމަކީ އެކަމަށް ޝަރްޢުގައި ލުއިކަން ލިބިދޭނެ ކަމެކެވެ.އެހެންކަމުން ނަމާދުކުރާ މީހާއަށް ނަމާދުގެ ރުކުންތައް ނުވަތަ އެ ރުކުންތަކުން ބައެއް ޝަރްޢުގައި ކަނޑައަޅުއްވައިފައިވާ ގޮތަށް ގެނެސްގަތުމަށް ނުކުޅެދިއްޖެނަމަ އެ މީހާއަށް ފަސޭހަވެގެންވާ ގޮތަކަށް އެ ރުކްނެއް އަދާކުރެވިދާނެއެވެ.އިބްނު ތައިމިއްޔާ " މަޖްމޫޢުލް ފަތާވާ (438 / 8 ) ގައި ވިދާޅުވެފައިވަނީ "ނަމާދުކުރާ މީހާ ޤިޔާމުގައި ނުވަތަ އިޢުތިދާލުގައި ކޮއްޅަށް ހުރުމަށް ނުވަތަ ރުކޫޢުކުރުމަށް ނުވަތަ ސަޖިދަކުރުމަށް ނުވަތަ އައްތަޙިއްޔާތު ކިޔުމަށް އިށީނުމަށް ނުވަތަ ޤިބްލައަށް ކުރިމަތިލުމަށް ނުކުޅެދުންތެރިވާނަމަ އޭނާއަށް ކުރަން ނުކުޅެދުންތެރިވީ ކަމެއް ކުރާކަށް ނުޖެހޭނެއެވެ.އެކަންކަން ކުރާނީ ކުޅަދާނަވީ މިންވަރަކަށެވެ. " އެހެނަސް ކޮންމެ ބުރައަކީ ނަމާދުގައި ރުކުންތައް އެޅުން ހުއްދަކުރާނެ ކަމެއް ނޫނެވެ. މިކަމުގައި ބަލަންޖެހޭ މިންގަނޑަކީ އެކަމެއް ކުރުމުން ބަލި ބޮޑުވުން ނުވަތަ ބަލިފަސޭހަވުން ލަސްވުން ނުވަތަ އެކަމެއް ކުރުން ބޮޑު ބުރައަކަށް ވުމެވެ.
އައްޝައުކާނީ " ނައިލުލް އަވްޠާރު ( 237 / 3 ) ގައި ވިދާޅުވިއެވެ. " ޝާފިޢީންގެ އަރިހުގައި ނުކުޅެދުމުގެ މާނައަކީ އެ ކަމެއް ކުރުން ބުރަކަމަކަށް ވުމެވެ. ނުވަތަ އެކަމެއް ކުރުމުން ބަލިބޮޑުވުމެވެ. ނުވަތަ ބަލި ފަސޭހަވުން ލަސްވުމެވެ.އެެއީ ވޭނެއް ތަޙައްމުލުކުރަން ޖެހުމެއް ނޫނެވެ."
އިބްނު ޢުޘައިމީން " އައްޝަރްޙުލް މުމްތިޢު (461/ 4 ) ގައި ވިދާޅުވަނީ " ބުރަކަމުގެ މިންގަނޑަކީ އެކަމެއްގެ ސަބަބުން ޚުޝޫޢަތްތެރިކަން ފިލައިގެންދާ ކަންކަމެވެ.
ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޤިޔާމުގައި ކޮއްޅަށް ހުރެވޭވަރުގެ މީހަކު އިށީނދެގެން ނަމާދުކޮށްފިނަމަ އޭނާގެ ނަމާދު ބާޠިލުވާނެއެވެ.މާތްﷲގެ ބަސްފުޅަކީ {حَافِظُوا عَلَى الصَّلَوَاتِ وَالصَّلَاةِ الْوُسْطَى وَقُومُوا لِلَّهِ قَانِتِينَ[1]- މާނައީ : ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން اللَّه އަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާއެކު (ނަމާދުގައި) قائم ވެ ތިބޭށެވެ.}
މާތް ﷲ ރުއްސުންލެއްވި ޢިމްރާން ބިން ޙުޞައިން ވިދާޅުވިއެވެ.{ سَأَلْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَنْ صَلَاةِ الرَّجُلِ قَاعِدًا فَقَالَ إِنْ صَلَّى قَائِمًا فَهُوَ أَفْضَلُ وَمَنْ صَلَّى قَاعِدًا فَلَهُ نِصْفُ أَجْرِ الْقَائِمِ وَمَنْ صَلَّى نَائِمًا فَلَهُ نِصْفُ أَجْرِ الْقَاعِدِ[2] – މާނައީ : އިށީނދެގެން ނަމާދުކުރުމާ ބެހޭގޮތުން ރަސޫލުﷲގެފާނަށް ސުވާލުދެންނެވީމެވެ. އެހނިދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ކޮޅަށްހުރެ ނަމާދުކުރުން އެއީ އެންމެ ރަނގަޅުގޮތެވެ. އިށީނދެގެން ނަމާދުކުރާ މީހާއަށް ލިބޭނީ ކޮޅަށްހުރެ ނަމާދުކުރާމީހާއަށްް ލިބޭ ސަވާބުގެ ދެބައިކުޅައެއްބައެވެ. އޮށޯވެ އޮވެ ނަމާދުކުރާމީހާއަށް ލިބޭނީ އިށީނދެ އިނދެ ނަމާދުކުރާމީހާއަށް ލިބޭ ސަވާބުގެ ދެބައިކުޅައެއްބައެވެ.} މި ޙަދީޘްފުޅަށް ބައްލަވައި ދަންނަބޭކަލުން ވިދާޅުވާގޮތުގައި، ކޮޅަށްހުރުމަށް ނުކުޅެދޭމީހާއަށް ކުޅަދާނަވެގެންވާ ގޮތަކަށް އިށީނދެގެން ނަމާދުކުރެވިދާނެއެވެ.
ގޮނޑީގައި އިނދެ ނަމާދުކުރާ މީހާގެ ޙާލަތުތައް
- ރުކޫޢު ކުރުމަށައި ސަޖިދަކުރުމަށާއި ކޮއްޅަށްހުރުމަށް ނުކުޅެދުންތެރިވުން : މި ޙާލަތުގައި އޭނާ ނަމާދު ކުރާނީ އިށީނދެއިނދެގެންނެވެ. އިސްވެ ބަޔާންުރި ޙަދީސުގައި ބުނާފަދައިންނެވެ.ރުކޫޢާއި ސަޖިދަ ކުރާނީ ބޯ ތިރިކޮށް ބޮލުގެ އިޝާރަތުންނެވެ.ރުކޫޢަށްވުރެ ސަޖިދައަށް ބޮޑަށް ބޯ ތިރިކުރަންވާނެއެވެ. މާތްﷲ ރުއްސުންލެއްވި ޖާބިރުގެފާނުގެ އަރިހުން ރިވާވެގެންވެއެވެ.{ ބާލީހެއްމަތީގައި ނަމާދު ކުރަން ހުރި މީހާގެ ބާލީސް ދުރަށް ލައްވައި ވިދާޅުވިއެވެ. ތިޔަ ބާލީސް ދުރަށްލާށެވެ. އަދި ކުޅަދާނަވެގެންވާނަމަ ބިންމަތީގައި އިށނދެއިދެ ނަމާދު ކުރާށެވެ. އެ ގޮތަށް ނުކުރެވޭނަމަ ބޯ ތިރިކޮށް ނަމާދު ކުރާށެވެ! ތިބާގެ ރުކޫޢަށްވުރެ ތިބާގެ ސަޖިދައަށް ބޯ ބޮޑަށް ތިރިކުރާށެވެ!}[3]
- ކޮންމެވެސް ވަރަކަށް ކޮޅަށް ހުރުމަށް ކުޅަދާނަވުމާއި އެކަމުގެ ސަބަބުން ބަލި ބޮޑުނުވުމާއި އެކަން ކުރުމަށް ބޮޑު ބުރައަކަށް ނުވުން: މި ޙާލަތުގައި ނަމާދު ކުރާނީ ކުޅަދާނަވީ މިންވަރަކަށް ކޮޅަށް ހުރެގެންނެވެ.ބުރަ ކަމަކަށް ވާ ހިސާބުން އިށިނދެއިނދެ ނަމާދު ކުރާނީއެވެ.މާތް ﷲ ވަޙީ ކުރެއްވިއެވެ. { فَاتَّقُوا اللَّهَ مَا اسْتَطَعْتُمْ[4] - ފަހެ، ތިޔަބައިމީހުންނަށް ކުޅަދާނަވީވަރަކުން، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ!} މި ބަސްފުޅުން އެނގެނީ ﷲގެ އަޅާއަށް ކުރުމަށް ނުކުޅެދިގެންވާ ކޮންމެ ވާޖިބުކަމެއް ވެއްޓިގެންދާނެ ކަމެވެ. މިކަން ކަށަވަރުކޮށްދެއްވައި ރަސޫލާ صلى الله عليه وسلم ޙަދީސް ކުރެއްވިއެވެ. { إذا أمرتُكم بأمرٍ فأتوا منه ما استطعْتُم وإن نهيتُكم عن شيءٍ فاجتنِبوه – މާނައީ : ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކަމަކަށް އަމުރުކުރައްވައިފިނަމަ ތިޔަބައިމީހުންނަށް ކުޅަދާނަވީ މިންވަރަކުން ތިޔަބައިމީހުން އެ ކަމެއް ކުރާށެވެ! އެހެނަސް ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކަމެއް މަނާ ކުރައްވައިފިނަމަ އެކަމަކކާ ތިޔަބައިމީހުން ދުރުހެލިވާށެވެ! }[5]
- ކޮއްޅަށް ހުރުން ވަރަށް ބުރަ ކަމަކަށް ވުން ނުވަތަ ކޮއްޅަން ހުރުމުން ބަލި ބޮޑުވުން :މި ޙާލަތުގައި އޭނާ ނަމާދު ކުރާނީ އިށީނދެއިނދެގެންނެވެ. އެކަމަކު އޭނާ ޙަރްންބަންނަން ވާނީ ކޮއްޅަށްހުރެގެންނެވެ. ޙަރަންބަނދެ ތަކްބީރު ކިޔުމަށްފަހު އިށީންނާނީއެވެ.އޭނާ އިށީނދެއިދެގެން ޙަރަންބަން ތަކްބީރު ކީނަމަ އޭނާގެ ނަމާދު ޞައްޙައެއް ނުވާނެއެވެ.އެއަށްފަހު ރުކޫޢަށް ދާނީ ކޮއްޅަށް ހުރެއެވެ.ރުކޫޢުން ތެދުވެ އިށީންނާނީއެވެ.ސަޖިދަ ކުރާނީ ބިންމަތީގައެވެ.
- ކޮއްޅަށް ހުރުމަށް ކުޅަދާނަ ވިޔަސް ރުކޫޢު ކުރުމަށް ނުކުޅެދުންތެރިވުން: މި ޙާލަތުގައި އޭނާ އިށީނދެއިނދެ ނަމާދު ކުރުން ޞައްޙަ ނުވާނެތެވެ. ރުކޫޢު ކުރާނީ ކޮއްޅަށް ހުރީ ބޯ ތިރިކޮށްގެންނެވެ. ސިޖަދަ ކުރާނީ ހަމަ އާދަކޮށް ސަޖިދަ ކުރާ ގޮތަށެވެ.
- ކޮއްޅަށް ހުރުމަށް ކުޅަދާނަވެގެންވާއިރު ސަޖިދައަށް ދިޔުމަށް ނުކުޅެދުންތެރިވުން: މި ޙާލަތުގައި އިށީނދެއިނދެގެން ނަމާދު ކުރުން ހުއްދަ ނުވާނެތެވެ. އޭނާ ޤިޔާމުގައި ކޮޅަށް ހުންނަން ޖެހޭނެއެވެ. އަދި ރުކޫޢު ކުރާނީ ވެސް ކޮއްޅަށް ހުރެގެންނެވެ. އޭނާ ސަޖިދަކުރާނީ އިށީނދެއިނދެ ބޯ ތިރިކޮށްގެންނެވެ. އިބްނު ބާޒު ވިދާޅޫވާ ގޮތުގައިސަޖިދަކުރާނީ ބިންމަތީގައެވެ.ބިންމަތީގައި ސަޖިދަ ނުކުރެވޭނަމަ ސަޖިދަ ކުރާނީ ދެ ފަލަމަސްގަނޑު މަތީގައެވެ.އެއީ ހަތް ގުނަވަން މަތީގައި ސަޖިދަކުރަން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަންގަވައިފައިވާތީއެވެ. :
ގޮނޑީގައި އިށީނދެގެން ނަމާދު ކުރާނެ ގޮތް
- މުޅި ނަމާދުގައި ގޮނޑީގައި އިނދެ ނަމާދު ކުރާމީހާ އޭނާގެ ގޮނޑި ބަހައްޓާނީ އައްޝައިޚު ޢުޘައިމީން ވިދާޅުވާ ފަދައިން ގޮނޑީގެ ފަހަތު ދެ ފައި ސަފުގައި ނަމާދު ކުރާ މީހުންގެ ފައތިލަތަކަކާ ހަމަހަމަކޮށެވެ. ގޮނޑީގެ ކުރީ ދެ ފައި ކުރިއަށް ނުކުތުމަކީ މަސްއަލައެއް ނޫނެވެ. ގޮނޑީގެ ކުރީ ދެ ފައި ސަފާ އެއްވަރުކޮށް ބަހައްޓައިފިނަމަ ފަހަތު ސަފުގައި ނަމާދު ކުރާ މީހުންނަށް އުދަނގޫ ވާނެއެވެ.
- ގޮނޑީގައި އިނދެގެން ނަމާދުކުރާ މީހާ އިމާމާގެ ސީދާ ފަހަތުގައި ނުހުރުމަށް ޢިލްމުވެރިން ވިދާޅުވެއެވެ.ބައެއް އިލްމުވެރިން ވިދާޅުވާ ގޮތުގައި ގޮނޑީގައި ތިބެ ނަމާދުކުރާވ މީހުން ތިބޭނީ ސަފުގެ ދެ ކޮޅުގައެވެ.
- ގޮނޑި ބަހައްޓައިގެން ކުރީ ސަފުން ޖާގަ އޭނާއަށް ޚާއްޞަ ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.ކުރީ ސަފުން ތަން ހޯދަން ބޭނުންވާ މީހާ ކުރިން މިސްކިތަށް ދިޔުން ހުށްޓެވެ. ފަހުން މިސްކިތަށް ގޮސް ސަފުތައް ފޫއަޅުވަމުންމީހުންގެ ކޮނޑުތައް މަތިން ހުރަސްކުރަމުން ދިޔުމަކީ މަނާކުރައްވައިފައިވާކަމެކެވެ.
(ނުނިމޭ)
[1] - ބަޤަރާ ސޫރަތް : 238
[2] - ރިވާކުރެއްވީ އަލްބުޚާރީ
[3] - ރިވާ ކުރެއްވީ އަލްބައިހަޤީ
[4] - އައްތަޣާބުނު ސޫރަތް : 16
[5] - متفق عليه