ކަނޑުހުޅުދޫ އިސް މެޖިސްޓްރޭޓްގެ ތަފާތު ހަތް މައްސަލައެއް ދަނީ ބަލަމުން: ޖޭއެސްސީ

ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓް ޙަސަންދީދީގެ ތަފާތު ހަތް މައްސަލައެއް ބަލަމުންދާކަމަށް ޖުޑީޝަލްސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ހާމަކޮށްފިއެވެ.

ޖޭއެސްސީ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ޖޭއެސްސީއަށް އިސްމެޖިސްޓްރޭޓް ޙަސަން ދީދީ ގެ މައްސަލަ ހުށަހެޅުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 24 ގައި ކަމަވެ. އެދުވަހުން ފެށިގެން ޖޭއެސްސީ ބަލަމުންދާ ޙަސަންދީދީ ގެ ހަތް މައްސަލައިގެ ތެރޭގައި  ހިމެނެނީ :


• މުވައްޒަފުންނަށް ޖިންސީ ގޯނާކުރުމުގެ ޝަކުވާ އަކާއި މާލިއްޔަތު ޤަވާއިދާ ޚިލާފަށް ޢަމަލުކުރުމަށް މުވައްޒަފުންނަށް މަޖްބޫރުކުރާ މައްސަލަ.
• އަވަގުރާނަ ގޮވިކަމަށް ބުނެ ހުށަހެޅުނު މައްސަލަ.

• އޮރިޔާން ވީޑިއޯ މުވައްޒަފުންނަށް ދައްކާކަމަށްބުނެ ހުށަހެޅުނު މައްސަލަ.

• ކޯޓްގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރާކަމަށް ބުނެ ހުށަހެޅުނު މައްސަލަ.

• ހެކިންގެ ބަޔާން ނެގުމަށް ހުރަސް އަޅާކަމަށް ބުނެ ހުށަހެޅުނު މައްސަލަ.

• މާރާމާރީ ހިންގުމަށް ހިތްވަރުދިންކަމަށް ބުނެ ހުށަހެޅުނު މައްސަލަ.

• ހުތުރު އެއްޗެހި ގޮވިކަމަށް ބުނެ ހުށަހެޅުނު މައްސަލަ.

މިމައްސަލަތަކުގެ ތަޙްޤީޤް ފުރިހަމަކޮށް ވަކިގޮތެއް ނިންމަންދެން އިސްމެޖިސްޓްރޭޓް ވަޒިފާއަށް ނުނިކުމެ މަޑުކުރުމަށް ޖޭއެސްސީ އިން ވަނީ އަންގައިފައެވެ. ޖޭއެސްސީ އިން އޭނާ ވަޒީފާއަށް ނުނުކުމެ މަޑުކުރުމަށް އަންގައިފައިވަނީ އޭނާ ވަޒީފާއަށް ނުކުތުމަކީ ތަޙްޤީޤަށް ހުރަސްއެޅިދާނެ ކަމަކަށް ވާތީއެވެ. ޖޭއެސްސީ އިން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ދެފަހަރެއްގެ މަތިން އިސް މެޖިސްޓްރޭޓް ވަނީ ހާޒިރުކޮށް ޖަވާބު ދާރީވުމުގެ ފުރުޞަތު ދެއްވައިފައެވެ.

އިސްމެޖިސްޓްރޭޓްގެ މައްސަލަ ތަޙްޤީޤްކުރަމުން ދަނިކޮށް ޖީނާއީ މައްސަލަތަކެއް ފާހަގަކުރެވުމާ ގުޅިގެން މިދިޔައަހަރުގެ އޮކްޓޫބަރ 30 ގައ ފުލުހުންނަށް ހުށަހެޅިކަމަށް ޖޭއެސްސީގެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ. 31 އޮކްޓޫބަރ ގައި ފުލުހުން އެމައްސަލަ ބަލަން ފެށްޓެވުމުން މުއްދަތެއް ނެތް ގޮތަށް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އިސް މެޖިސްޓްރޭޓަށް އެންގެވި ކަމަށްވެސް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ. މިމައްސަލައިގައި، މިހާރު ކުރިޔަށްދަނީ ތަޙްޤީޤު ރިޕޯރޓްގެ އެންމެ ފަހު މަރުޙަލާގެ މަސައްކަތްތަކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.