ޕީޕީއެމްގެ ފިކުރަށް އެއްވެސް މީހަކު ދެކޮޅު ނުހަދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމްގެ ފަރާތުން ބޭއްވި ބައްދަލުވުމެއްގައެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ފިކުރަކީ އަދި ސަރުކާރުގެވެސް ފިކުރަކީ ރާއްޖޭގައި އިސްލާމް ދީން ނޫން ދީނެއް ނުބޭއްވުމާއި، ގައުމީ ރޫހު އާލާ ކުރުމާއި ޒުވާނުން ބާރުވެރި ކުރުމާއި ތަރައްގީ ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި އެމަނިކުފާނު ވެރި ކަމަށް ވަޑައިގެންނެވި އިރު މުސާރައާއި އޮފީހުގެ ޚަރަދު ހިމަނައިގެން ޔޫތު މިނިސްޓްރީގެ ބަޖެޓުގެ ގޮތުގައި އޮތީ 60 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް މިހާރު ކޮންމެ އަހަރަކު 300 މިލިއަން ޔޫތު މިނިސްޓްރީގެ ބަޛެޓުގައި ހިމަނައިގެން ޚަރަދު ކުރަމުން އެބަ ގެންދެއެވެ. ޒުވާނުންގެ ތަރައްގީއަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅޮތަކުގައި ކުރަމުން ގެންދާ މަސައްކަތްތައް ފެންނަން އެހެރީ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރަށް ސިއްހީ ދާއިރާގެ ތަރައްގީ އަށްވެސް އެމަނިކުފާނު އަލިއަޅުވައި ލެއްވިއެވެ.
މިރޭ ދެއްކެވި ވާހަކލަފުޅުގައި އެހެން ޕާޓީއަކަށް އެއްވެސް މީހަކު ދާނޭ ސަބަބެއް ނެތް ކަމަށް ވިދާޅުވެ، ވަލކި ޕާޓީއެއްގެ ނަން ވިދާޅު ނުވެ، ޕާޓީތަކަށް ފާޑު ވިދާޅުވިއެވެ. މެނިފެސްޓޯގައި ވާހަކަތަކެއް ލިޔެފައި އެކަންކަން ކުރަމުން ދަނީ ޕީޕީއެމުން ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
ޕާޓީގެ ހަމަޖެހުން ހިފެހެއްޓުމަށާއި، އެކަން ހިފެހެއްޓޭނީ އަޣުލަބިއްޔަތަށް ތާއީދު ކުރުމުން ކަމުގައެވެ. އެންމެން މަޝްވަރާ ކޮށްގެން ވަކި ގޮތަކަށް ނިމުނީމާ އެކަމަށް އެންމެން ބޯލަނބަން ވާނެ ކަމަށާއި، އެކަމުގައި ވަކި މީހަކު އިސްތިސްނާ ވެގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.