ކައުންސިލް ތަކަށް ބާރު ދޫކޮށްލައްވާއިރު ޕަބްލިކް ހެލްތުސެކްޓަރ އަކީ ވެސް ކައުސިލްތަކުގެ ދަށުން ބަލަހައްޓަންޖެހޭ ބޮޑު މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީގައި ކުރިއަށްދާ އެމްޑީޕީގެ އިރުވައި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވީ ކައުންސިލްތަކުން އެދާއިރާ ބަލަހައްޓަވާނެ ގޮތާ ބެހޭގޮތުން އެ ކޮންފަރެންސްގައި ވާހަކަދެކެވި ގޮތްތަކެއް ކަނޑައެޅިގެންދާ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"ލާމަރުކަޒީ ގާނޫނަށް މިގެނެވުނު ބަދަލުތަކުގެ ތެރޭގައި އަޅުގަނޑުމެން ބާރުތައް ދޫކޮށްލާއިރުގައި ޕަބްލިކްހެލްތު ސެކްޓަރއަކީވެސް ކައުންސިލްތަކުގެ އަތްމައްޗަށް ވަރަށްބޮޑަށް ދޫކޮށްލައިފައިވާ ބާރެއް. އެކަން ހިންގުމާއި އެކަން ބެލެހެއްޓުމަކީ ސީދާ ކައުންސިލްތަކުގެ ދަށުން ކުރަންޖެހިފައިވާ ކަމެއް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަހަރުގެ ބަޖެޓަކީ ވަރަށްބޮޑު ބަޖެޓެއް ކަމަށާއި ކައުންސިލަށް ވެސް ވަނީ ވަރަށްބޮޑު ބަޖެޓެއް ކަނޑައެޅިފައި ކަމަށެވެ. އެ ބަޖެޓު ތަންފީޒު ކުރާނެ ގޮތްތަކާއި މަޝްރޫއުތައް ރާވާނެ ގޮތްތަކަކީ ވެސް ވަރަށް ވިސްނުންތެރި ކަމާއެކު ކުރަންޖެހޭނެ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ފޯރަމުގައި ރައީސް ވިދާޅުވީ މިއަދުގެ ބައްދަލުވުމުން ލިބޭ މައުލޫމާތުގެ އަލީގައި ރަށްރަށާއި އަތޮޅުތަކަށްވާނެ ވައުދުތައް ކަނޑައެޅިގެންދާނެ ކަމަށެވެ.
ސަރުކާރުގެ ވަޒީރުންނާއި މަޖިލިސް މެމްބަރުން ދެއްވާ މައުލޫމާތުގެ އަލީގައި ކައުންސިލްތަކުގެ މަސައްކަތް ރަނގަޅަށް ރޭވި ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެމަނުކުފާނު ވިދާޅުވީ އޮޅުމެއްނެތް ގޮތުގައި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއް ކަމަށެވެ. އެމްޑީޕީ ވުޖޫދުވުމާއެކު ރާއްޖެ ތަރައްގީ ކުރެވޭނީ ލާމަރުކަޒީ ނިޒާމެއްގެ ތެރެއިންކަމަށް ގަބޫލުކުރެއްވި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ތިލަދުންމަތީގެ ތަރައްގީއަށް ވެސް މިއަހަރުވަނީ ބޮޑެތި މަޝްރޫއުތަކެއް ރާވާފައި ކަމަށެވެ. އެގޮތުން 200 މިލިއަން ރުފިޔާގެ މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. މި މަޝްރޫއުތަކުގެ ސަބަބުން ވަޒީފާތައް އިތުރުވެގެންދާނެ ކަމަށާއި އެގޮތުން ވަޑީންނާއި ކޮންސްޓްރަކްޝަން މަސައްކަތްކުރާ މީހުން ވެސް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެފަދަ މީހުން އުފެއްދުމަކީ ވެސް ކައުންސިލްގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭ ތަރައްގީ ކުރެވޭނީ މާލެއާއި އަތޮޅުތަކުގެ ތަފާތުވެސް ނައްތާލައިގެން ކަމަށެވެ. އެ ތަފާތުނައްގައިގެން މެނުވީ ތަރައްގީވާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.