ހަރުކަށި ފިކުރުގެ މީހުން ގެންދަނީ އެމީހުންގެ ފަނާކުރަނިވި އެފިކުރު ފެތުރުމުގެ މަސައްކަތް ރެއާދުވާލު ކުރަމުން ކަމަށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ވިދާޅުވެއްޖެއެވެ.
އެ ސެންޓަރުން މިރޭ ވަނީ މިކަންކަން ހުއްޓުވަން ސަލާމަތީ ޚިދުމަތްތަކުން ކުރަމުންދާ މަސައްކަތްތަކަށް އާންމުންގެ އެހީތެރިކަމަށް އެދިވަޑައިގެންފައެވެ. އާންމުގެ އެހީތެރިކަމަށް އެދި އެސެންޓަރުން މިރޭ ޢާއްމުކޮށްފައިވާ ކުރު ބަޔާނެއްގައި ވިދާޅުވެފައިވަނީ އެ ފިކުރު ފަތުރާ މީހުން ގެންދަނީ ރެއާދުވާލު އިންޓަރނެޓާއި ސޯޝަލް މީޑިއާ ބޭނުންކޮށްގެން އެފިކުރު ފަތުރަން މަސައްކަތް ކުރަމުން ކަމަށެވެ.
"ހަރުކަށި ފިކުރުތައް ފަތުރާ މީހުން ރެއާދުވާލު އިންޓަރނެޓު ވަސީލަތްތަކާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކާއި ސިއްރިޔާތުގައި އެބައިމީހުންގެ ފަނާކުރަނިވި ފިކުރުތައް ފަތުރަން ގިނަގުނަ ރޭވުންތައް ރާވައި އެބައި މީހުންގެ ފިކުރު ފެތުރުމަށްޓަކައި މަސައްކަތް ކުރަމުންދެއެވެ.،" އެންސީޓީސީ ގެ ބަޔާނުގައި ވެއެވެ.
އެބަޔާނުގައި ވިދާޅުވެފައިވަނީ ޓެރަރިޒަމާއި ހަރުކަށި ފިކުރަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެއް ކަމަށެވެ. އަންނަންއޮތް ޖީލުތައް ފިކުރީގޮތުން ކުރިއަރާ ދިއުމާއި ޤައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް އޭގެ ސަބަބުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުން އަންނަ ކަމަށްވެސް އެސެންޓަރުން ވިދާޅުވެފައިވެއެވެ.
"އެހެން ކަމުން މިކަންކަމަށް އެންމެހާ ލޮބުވެތި ރައްޔިތުން ސަމާލުވެ ވަޑައިގަތުމަށް މިސެންޓަރުގެ ފަރާތުން އިލްތިމާސް ކުރަމެވެ. އެގޮތުން މިފަދަ ނުރައްކާތަކާމެދު ސަމާލުވެލައްވައި ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކާ ބެހޭ މައުލޫމާތު ސަލާމަތީ ޚިދުމަތްތަކަށް ފޯރުކޮށް ދެއްވަމުން ގެންދިއުމަށް ދަންނަވަމެވެ." އެންސީޓީސީން ވިދާޅުވެފައިވެއެވެ.
އެންސީޓީސީން މި ބަޔާން މިރޭ ނެރުއްވީ އެމްއެންޑީއެފްގެ ސްޓޭޓަސް ޔެލޯ 2 އަށް ބަދަލުކޮށް ހަތިޔާރާއެކު ރާއްޖޭގެ އެކިސަރަހައްދު ތަކުގައި މިރެއިން ފެށިގެން ހަރަކާތްތެރި ވަމުން ދަނިކޮށްނެވެ.
އެމްއެންޑީއެފްގެ އެލަރޓް ސްޓޭޓަސް "ޔެލޯ 2" އަށް ބަދަލު ކުރާނީ ޤައުމުގެ ސުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެ ކަމަށް ބެލެވުން ނުވަތަ އެފަދަ މަޢުލޫމާތެއް ލިބުންނެވެ.