އެމީހެއްގެ އަޖަލު ހަމަވުމުން އެމީހެއްގެ މަރު އެމީހެއްގެ ގާތަށް އާދައެވެ. މިކަމާ ވިދިގެން އަންނަނީ ކަށްވަޅުގެ ޙަޔާތެވެ. މި ފިޔަވަހި ނިމެނީ ޤިޔާމަތްދުވަހު އެންމެން އަލުން ދިރުއްވާ ހިސާބުންނެވެ. އަލުން ދިރުއްވުމަށްފަހު އޮތް ޙަޔާތާ އަޅައިބަލައިފިނަމަ ކަށްވަޅުގެ ޙަޔާތަކީ އަދި ދުނިޔޭގެ ޙަޔާތަކީ ވަރަށް ކުރު ޙަޔާތެކެވެ.
މާތް ﷲ ކަށްވަޅުގެ ޙަޔާތް ސިފަ ކުރައްވާފައި ވަނީ ޒިޔާރަތެއް ކަމުގައެވެ. މާތް ﷲ ވަޙީ ކުރައްވަނީ " حَتَّىٰ زُرْتُمُ الْمَقَابِرَ - التكاثر :2 - ތިޔަބައި މީހުން ކަށްވަޅުތަކަށް ޒިޔާރަތް ކޮށްފުމަށް ދާންދެނެއެވެ." މިއިން އެގެނީ ކަށްވަޅުގައި އިންސާނާއަކީ އެތަނަށް ޒިޔާރަތްކުރާ މީހެއް ކަމެވެ. ޒިޔާރަތް ކިތަންމެ ދިގު ކަމުގައި ވިއަސް އޭނާ އެތާނގައި ދާއިމަކަށް ނުހުންނާނެއެވެ. އެކަމަށް ނިމުމެއް އަންނާނެ ވަގުތެއް ވާނެއެވެ. މި ޒިޔާރަތް ނިމޭނީ މަޙްޝަރު ދުވަހުއެވެ. އެންމެން އެއްކުރައްވާ ދުވަހުއެވެ.
މަރަކީ އިންސާނާ އެއް ޤާނޫނަކުން އެހެން ޤާނޫނަކަށް ބަދަލުކުރާ އެއްޗެކެވެ. ދުނިޔަވީ ޙަޔާތުގައި އިންސާނާއަކީ މާއްދީ ހަށިގަނޑެކެވެ. ނަމަވެސް އޭނާ މަރުވުމުން މި މާއްދީ ހަށިގަނޑު އަނބުރާ ބިމަށް ރުޖޫޢަވެއެވެ. ޤިޔާމަތްދުވަހު އޭނާއަށް މި ހަށިގަނޑު އަލުން ރައްދު ކުރައްވާނެއެވެ.
އިޚްތިޔާރު ނެތް ފިޔަވަހި
މަރު ފެށެނީ މަރަށް ޙާޟިރުވާ ވަގުތުންނެވެ. ނުވަތަ އިޙްތިޟާރުވުމުންނެވެ. އިޙްތިޟާރުގެ މާނައަކީ އިންސާނާއަށް އިޚްތިޔާރު ލިބިގެންވާ ޙަޔާތް ނިމުމެވެ. ދުނިޔަވީ ޙަޔާތުގައި އިންސާނާއަށް މާތް ﷲ އިޚްތިޔާރުތަކެއް ދެއްވައިފައިވެއެވެ. މި އިޚްތިޔާރުތަކުން ބޭނުންކަމެއް އިޚްތިޔާރު ކުރުމަށްޓަކައި އޭނާއަށް ވިސްނުން ދެއްވިއެވެ. ނަމަވެސް މަރަށް ޙާޟިރުވުމުން މި އިޚްތިޔާރު ނެތިގެންދެއެވެ. ދެން ފެށެނީ އިޚްތިޔާރުނެތް ފިޔަވައްސެވެ. އިންސާނާ މަރަށް ހާޟިރުވުމުން އޭނާއަށް މަރުވާކަން ޔަޤީންވެއެވެ. އެހިނދު އޭނާއަށް މަލާއިކަތުން ފެނެއެވެ. އޭނާއަށް މިކައުނުގައި ވަންހަނާ ކުރެވިގެންވާ އެއްޗެހިތައް ފެންނަން ފަށައެވެ. މާތް ﷲ ވަޙީ ކުރައްވަނީ " لَّقَدْ كُنتَ فِي غَفْلَةٍ مِّنْ هَـٰذَا فَكَشَفْنَا عَنكَ غِطَاءَكَ فَبَصَرُكَ الْيَوْمَ حَدِيدٌ – ق : 22 - ތިބާއަށް ފެންނަމުން މިދާ ކަންތައްތަކާމެދު ތިބާވަނީ ޣާފިލުވެފައެވެ. ފަހެ ތިމަންރަސްކަލާނގެ ތިބާގެ ކިބައިން ޣާފިލުކަމުގެ ފަރުދާ ކަޝްފުކުރެއްވީމެވެ. ފަހެ ، މިއަދު ތިބާގެ ލޮލަކީ ތޫނު ލޮލެކެވެ. "
މިވަގުތު އޭނާއަށް ރަޙްމަތުގެ މަލާއިކަތުން ނުވަތަ ޢަޛާބުގެ މަލާއިކަތުން ފެންނަން ފަށާނެއެވެ. މާތްﷲއަށް އީމާންވެ ޞާލިޙު ޢަމަލުތައް ކޮށްފައިވާ މީހުންނަށް އިޙްތިޟާރުގެ ވަގުތުގައި ފެންނާނީ ރަޙްމަތުގެ މަލާއިކަތުންނެވެ. އެއީ ސުވަރުގޭގެ އަހްލުވެރީންކަމުގެ ފުރަތަމަ ހެޔޮ ޚަބަރެވެ. އެމީހުން އެހިނދު އުފާވެ ހިނިތުންވާނެއެވެ. އެމީހުން މަރުވުމަށްފަހު ދިރިތިބީންނަށް އެމީހުންގެ މޫނުމަތިން ހިތްހަމަ ޖެހުން ފެންނާނެއެވެ.
އެކަމަކު މާތް ﷲ އަށް ކާފިރުވެ އުރެދުނު މީހުންނަށް ފެންނާނީ ޢަޛާބުގެ މަލާއިކަތުންނެވެ. އޭނާއަށް ނަރަކައިގައި އޭނާއަށް ހުރި ގޮނޑި ފެންނާނެއެވެ. މަލާއިކަތް ބޭކަލުން އެމީހުންނަށް އިހާނަތްތެރިކޮށް ހިތްތަވާނެއެވެ. އޭނާގެ މޫނުމަތީގައްޔާއި ބުރިކަށިމަތީގައި ޖައްސަވައި ޢަޛާބުގެ ރަހަ ދައްކަވާނެއެވެ. ދުނިޔޭގައި އޭނާއަށް ލިބިފައިވާ ޢިއްޒަތާއި، ޖާހާއި ، މަޤާމާއި. މުއްސަނދިކަން ކޮބައިތޯ އައްސަވާނެއެވެ. މިއިން ވަސީލަތެއް ބޭނުންކޮށްގެން އެނާގެ ނަފްސު ސަލާމަތް ކުރުމަށް ވިދާޅުވާނެއެވެ. މިކަމާ ހެދި އޭނާގެ މޫނުމަތިން ފެންނާނީ ހާސްކަމާއި ކަންބޮޑުވުމެވެ. މޫނުމަތި ކުނިކޮށްފައި ވާތަނެވެ. އޭނާއަށް ފެންނަމުންދާ ބިރުތަކުގެ ސަބަބުން ހަށިގަނޑު ކުރުގެޅެމުންދާނެތެވެ.
މިހެންވެ، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އާޚިރަތަށްޓަކައި މަސައްކަތް ކުރުމަށް މި އުއްމަތަށް ނަޞީޙަތް ދެއްވިއެވެ. މުސްކުޅިވުމުގެ ކުރިން ޒުވާންފުރައިގެ ބޭނުން ކުރުމަށް އެންގެވިއެވެ. ބަލިވުމުގެ ކުރިން ދުޅަހެޔޮ ދުވަސްވަރުގެ ބޭނުން ރަނގަޅަށް ކުރަން އެންގެވިއެވެ. މި ދުނިޔޭގެ ޙަޔާތުގެ ބޭނުން ކޮށްގެން އާޚިރަތް ކާމިޔާބު ކުރެވޭތޯ މަސައްކަތް ކުރުމަށް އެންގެވިއެވެ. މިދުނިޔެއަށް ފަހު އޮތީ ސުވަރުގެ ނުވަތަ ނަރަކަ ކަމަށް ޙަދީޘް ކުރެއްވިއެވެ.
މަރު އައިސް ކުރިމަތިވެ އިޙްތިޟާރުގެ ވަގުތު އައުމުން އޭނާއަށް ވަންހަނާ ވެފައިވާ ކަންތައްތައް ފެންނަން ފަށާނެއެވެ. މިއީ އާޚިރަތުގެ ފުރަތަމަ މަންޒިލެވެ. އޭނާ މަރުވާއިރު އޭނާއަށް އަޑުއިވެއެވެ. ނަމަވެސް އެ އަޑުތަކަށް އޭނާއަށް ރައްދެއް ނުދެވޭނެއެވެ. އޭނާއަށް ތަފާތު އެއްޗެއްސާއި ކަންތައްތައް ފެންނާނެއެވެ. އެކަމަކު މިފެންނަ އެއްޗެހި ކިޔައެއް ނުދެވޭނެއެވެ. ދިރިހުރި މީހަކަށް އެނގޭ ފަދައިން އޭނާއަށްވެސް އެނގޭނެއެވެ.
މިހެންވެ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަންގަވަނީ ތިޔަބައިމީހުން ޤަބްރުސްތާނަށް ގޮސް އެތާނގައި ވަޅުލައިފައިވާ މީހުންނަށް ސަލާމް ގޮވާލާށެވެ. ސަލާމް ގޮވާލާނީ ކިހިނެއްކަން ބަޔާން ކޮށްދެއްވަމުން ޙަދީސް ކުރެއްވިއެވެ." إِنَّ رَبَّكَ يَأْمُرُكَ أَنْ تَأْتِيَ أَهْلَ الْبَقِيعِ فَتَسْتَغْفِرَ لَهُمْ قَالَتْ قُلْتُ كَيْفَ أَقُولُ لَهُمْ يَا رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ قُولِي السَّلَامُ عَلَى أَهْلِ الدِّيَارِ مِنْ الْمُؤْمِنِينَ وَالْمُسْلِمِينَ وَيَرْحَمُ اللَّهُ الْمُسْتَقْدِمِينَ مِنَّا وَالْمُسْتَأْخِرِينَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لَلَاحِقُونَ - صحيح مسلم – މާނައަކީ : ޖިބްރީލުގެފާނު ވަޑައިގެން ވިދާޅުވިއެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ ބަޤީޢުގެ އަހްލުވެރިންގެ ގާތަށް ކަލޭގެފާނު ވަޑައިގެން އެބައިމީހުންނަށް ފާފަފުއްސަވައިދެއްވުމަށް ދުޢާ ކުރެއްވުމަށް އަމުރުކުރައްވައެވެ. ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ތިމަންކަމަނާ ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއޭވެ! އެބައިމީހުންނާ މުޚާޠަބުކޮށް ބުނާނީ ކީކޭތޯއެވެ؟ އެކަލޭގެފާނު ވިދާޅުވިއެވެ. ކަމަނާ ވިދާޅުވާށެވެ! السَّلَامُ عَلَى أَهْلِ الدِّيَارِ مِنْ الْمُؤْمِنِينَ وَالْمُسْلِمِينَ وَيَرْحَمُ اللَّهُ الْمُسْتَقْدِمِينَ مِنَّا وَالْمُسْتَأْخِرِينَ وَإِنَّا إِنْ شَاءَ اللَّهُ بِكُمْ لَلَاحِقُونَ " އަޅުގަނޑުމެންނަށް މިގޮތަށް ކަންތައް ކުރުމަށް މިއެންގެވީ އެމީހުންނަށް (އެބަހީ ކަށްވަޅުގެ އަހްލުވެރިންނަށް) އަޅުގަނޑުމެންގެ މިސަލާން އެގޭނެތީއެވެ.
ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި ކަށްވަޅުގައި ތިބޭއިރު އެމީހުންނަށް އުއްމީދާއި ނާއުއްމީދުވެސް އިޙްސާސް ކުރެވޭނެއެވެ. މުއުމިނުންނަށް ފޮނި އުންމީދުތަކެވެ. ކާފިރުންނަށް މާޔޫސްކަމުގެ އުއްމީދުތަކެވެ.
ބަރްޒަޚުގެ ޙަޔާތް
މިއިން އެގެނީ ބަރްޒަޚުގެ ޙަޔާތުގައިވެސް މައްޔިތުންނަށް އިޙްސާސްތަކެއް ލިބިގެންވާނޭ ކަމެވެ. އެހެނަސް ބަރްޒަޚުގެ ޙަޔާތަކީ ވަގުތު އިޙްސާސްވުން އޮތް ޙަޔާތެއް ނޫނެވެ. އިންސާނާ ކިތަންމެ ދުވަހަކު މިޙަޔާތުގައި އޮންނަން ޖެހުނު ކަމުގައި ވިއަސް ، އޭނާއަށް ހީވާނީ އެއީ އެންމެ ދުވަހެއް ނުވަތަ ބައިދުވަސް ހެނެވެ. ކަހްފު ބާގައިގެ މީހުންނަކީ މާތް ﷲ މިކަމުގައި އަޅުގަނޑމެންނަށް ދައްކަވައިފައިވާ މިސާލެކެވެ. އެމީހުން 309 އަހަރު ނިދާފައި ތިއްބެވެ. އެމީހުން ހޭލާފައި ނިދާފައި ތިބީ ކިތައް ދުވަހުތޯ އެކަކު އެނަކަކާ ސުވާލު ކުރިއެވެ. އެމީހުން އެކަކު އަނެކަކާ ދިމާއަށް ބަލާލާފައި ބުނީ އެމީހުން ނިދީ އެއްދުވަސް ނުވަތަ ބައިދުވަސް ވަންދެނެވެ. އެމީހުންގެ ހެދުމަކަށް އެމީހުންގެ ހަށިގަނޑަކަށް މި 309އަހަރުގެ ސަބަބުން ބަދަލެއް ނާދެއެވެ. އެމީހުންނަށް އެމީހުންގެ ނިޔަފަތިތައް ދިގުވެފައި، ބޯދިގުވެފައި، ތުބުޅި ދިގުވެފައި، ބޯ ނުރަވެފައި، ހަށިގަނޑު ބަލިކަށިވެފައިވާ ތަން ފެނުނުނަމަ އެމީހުން މިގޮތަކަށް ނުބުނާނެއެވެ. މި 309 އަހަރު އެމީހުން ހޭދަކުރީ ،ވަގުތުގެ ތާސީރުން ބޭރުގައެވެ. ވަގުތު ފާއިތުވުމުން އަންނަ އެއްވެސް ބަދަލެއް އެމީހުންނަކަށް ނާދެއެވެ.
ކަށްވަޅުގެ އަހްލުވެރިންވެސް އަލުން ދިރުއްވާ ދުވަހު ކަށްވަޅުން ތެދުވާނީ އެމީހުން ވަޅުލެވުނު ގޮތުގައެވެ. ޒުވާން ޙާލުގައި މަރުވި މީހަކު ޤިޔާމަތްވާ ދުވަހު މުސްކުޅި ވެފައެއް ނުހުންނާނެއެވެ. މިއިން އެނގެނީ ބަރްޒަޚުގެ ޙަޔާތަކީ ވަގުތަށް ތަބާވާ ޙަޔާތެއް ނޫންކަމެވެ.
ކަށްވަޅުގައި ޢަޛާބު ލިބޭނެތަ؟
ދެން އޮތް ސުވާލަކީ ކަށްވަޅުގައި ޢަދާބު ލިބޭނެ ހެއްޔެވެ؟ ދަންނަ ބޭކަލުން ވިދާޅުވާ ގޮތުގައި ޙަގީޤީ ޢަޛާބާއި ނިޢުމަތް އޮންނާނީ ޤިޔާމަތް ދުވަހު ހިސާބު ބެއްލުވުމަށް ފަހުގައެވެ. އެކަމަކު ކަށްވަޅުގައި ބަރްޒަޚުގެ ޙަޔާތުގައި އޭނާއަށް ޤިޔާމަތް ދުވަހު އޮތްގޮތް ދައްކަވާނެއެވެ. އޭނާގެ ގޮނޑި ހުރީ ސުވަރުގޭގައިކަން ނުވަތަ ނަރަކައިގައިކަން އޭނާއަށް ދައްކަވާނެއެވެ. މިއީ މާތް ﷲ މުއުމިނުންނަށް ދެއްވާ ދަރުމަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އޭނާ ނަރަކައިން މިންޖު ކުރައްވާނެކަން އެންގެވުމުންނެވެ. ރަނގަޅަށް އުޅުނު މީހުންނާ ނުބައިކޮށް އުޅުނު މީހުންގެ ތަފާތު ހާމަވެގެން ދަނީ މި ހިސާބުންނެވެ.
މުއުމިނުންނަށް ﷲ ގެ ދަރުމައާއި ރަޙްމަތް އިޙްސާސް ކުރެވޭނެއެވެ. އޭނާ ނަރަކައިން ސަލާމަތް ކުރެއްވިކަމުގެ އުފާވެރިކަން ލިބޭނެއެވެ.
ފިރްޢައުނާ ބެހޭގޮތުން މާތް އަންގަވަނީ ހެނދުނާއި ހަވީރު ފިރްޢައުނުގެ އާލުން ނަރަކައަށް ހުށައެޅޭނެއެވެ. އަދި ޤިޔާމަތް ދުވަހު އެމީހުން ގަދަފަދަ ޢަޒާބުގެ ތެރެއަށް ވައްދަވާނެއެވެ. ފިރްޢައުނުގެ އާލުން ނަރަކައަށް ހުށައެޅުނީ ދުނިޔޭގައި ނޫންކަން ކަށަވަރެވެ. އެމީހުން ދުނިޔޭގައި ތިއްބާ ނަރަކައަށް ހުށައެޅުނު ނަމަ ފިރްޢައުނަށް އެންމެ އިރުކޮޅަކަށްވެސް އަޅުކަމެއް ނުކުރީހެވެ. އަދި ކިއެއްތޯއެވެ؟ އެހެންވީނަމަ އެ ފިރްޢައުނު މަރާލައި ކަނޑަށް އެއްލައިލާނީ އެމީހުންގެ އަތުންކަން ކަށަވަރެވެ.
ފިރްޢައުނުގެ އާލުން ނަރަކައަށް ހުށައެޅޭނީ އާޚިރަތް ދުވަހުގައި ހެއްޔެވެ؟ އާޚިރަތް ދުވަހު އެއްވެސް މީހަކު ނަރަކައަށް ހުށައެއްނޭޅޭނެއެވެ. ޤިޔާމަތް ދުވަހު ހުށައެޅުމެއް ނޯންނާނެއެވެ. ކާފިރުންނާއި އުރެދުނު މީހުން އެދުވަހު ނަރަކައަށް ވެއްދޭނެއެވެ.
ވީމާ ނަރަކައަށް މި ހުށައެޅެނީ ބަރްޒަޚުގެ ޙަޔާތުގައެވެ. މިއިން އެގެނީ ކަށްވަޅުގެ ޢަދާބަކީ އޮތް އެއްޗެއް ކަމެވެ. ކަށްވަޅުގައި ދެއްވާ ޢަޛާބުގެ ނުވަތަ ދެއްވާ ނިޢުމަތުގެ ޙަގީޤަތެއް ނޭގެއެވެ. ކަށްވަޅުގައި އެމީހަކަށް ހުރި ޢަޛާބަކީ މިއީކަން އަންގަވާ ދެއްކެވުން އެއީ ޢަޛާބެއް ނޫންތޯއެވެ. ފިރްޢައުނުގެ އާލުންނަށް ދުވާލަކު ދެފަހަރު މިޢަޒާބު ދައްކަވައެވެ. މިފަދަ ވޭންދެނިވި ޢަޛާބަކަށް އިންތިޒާރު ކުރަން ޖެހުމަކީވެސް ޢަދާބެކެވެ.
މާތް ﷲ ވަޙީ ކުރައްވަނީ " وَمِن وَرَائِهِم بَرْزَخٌ إِلَىٰ يَوْمِ يُبْعَثُونَ - المؤمنون: 100 -މާނައީ : މަރުވުމަށްފަހު އެބައިމީހުން އަލުން ދިރުއްވަންދެން އެބައިމީހުންގެ ފަހަތުގައި އޮތީ ބަރްޒަޚެވެ."
ބަރްޒަޚަކީ ދިރިތިބީންނާއި މައްޔިތުންނާ ދެމެދުގައިވާ ހުރަހެވެ. މަރުވެއްޖެ މީހަކަށް އެބުރި ދުނިޔަވީ ޙަޔާތަށް އެނބުރި ނާދެވެނީ މިހުރަހުގެ ސަބަބުންނެވެ. ޝަހީދުންނަށް މާތް ﷲ ޙަޟްރަތުގައިވާ މަތިވެރި ނިޢުމަތްތައް ފެނުމުން މި ނިޢުމަތްތަކުގެ ޚަބަރު ދުނިޔޭގެ އަހްލުވެރިންނަށް ދިނުމަށްޓަކައި ދުނިޔެއަށް އަލުން ފޮނުއްވާ ދެއްވުމަށް ދެންނެވިއެވެ. އެހިނދު މާތް ﷲ އެމީހުންނަށްވެސް އެންގެވީ މަރުވެއްޖެ މީހަކު ދުނިޔަވީ ޙަޔާތަށް އެނބުރި ދިއުމެއްނެތެވެ. ޝަހީދުންނަށް ލިބިގެންވާ ނިޢުމަތްތަކުގެ ވާހަކަ ދުނިޔޭގެ އަހްލުވެރިންނަށް އަންގަވާ ދެއްވާނެކަމަށް މާތް ﷲ އެންގިއެވެ.އެކަލާނގެ ވަޙީކުރައްވަނީ " وَلَا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّـهِ أَمْوَاتًا ۚ بَلْ أَحْيَاءٌ عِندَ رَبِّهِمْ يُرْزَقُونَ ﴿١٦٩﴾ فَرِحِينَ بِمَا آتَاهُمُ اللَّـهُ مِن فَضْلِهِ وَيَسْتَبْشِرُونَ بِالَّذِينَ لَمْ يَلْحَقُوا بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ ﴿١٧٠﴾ يَسْتَبْشِرُونَ بِنِعْمَةٍ مِّنَ اللَّـهِ وَفَضْلٍ وَأَنَّ اللَّـهَ لَا يُضِيعُ أَجْرَ الْمُؤْمِنِينَ – آل عمران : 169- 171 – މާނައީ : اللَّه ގެ މަގުގައި ހަނގުރާމަކޮށް شهيد ވީ މީހުންނަކީ، މަރުވެފައިވާ ބަޔެކޭ ހީނުކުރާ ހުށިކަމެވެ! އަދި، ކިއެއްތަ! އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި رزق ލިބޭ حال، ދިރިތިބި ބަޔެކެވެ. ( އެއުރެން ތިބޭހުށީ) اللَّه، އެކަލާނގެ فضل ވަންތަކަމުން އެއުރެންނަށް ދެއްވި ކަންތަކާމެދު، އުފާކުރާ حال ގައެވެ. އަދި، އެއުރެންގެ ފަހަތުން އައިސް އަދި، ބައްދަލުނުކޮށްތިބި މީހުންނާމެދު އެއުރެންގެ މައްޗަށް ބިރެއް ނެތްކަމަށާއި، އަދި، އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައި ނުވާކަމާމެދު، އެއުރެން އުފާކުރާ حال ގައެވެ.އެއުރެން (ވަނީ) اللَّه ގެ حضرة ން ދެއްވާ نعمة އާއި، فضل ވަންތަކަމަށާއި، އަދި، ހަމަކަށަވަރުން اللَّه، مؤمن ންގެ ދަރުމަ ގެއްލެނި ނުކުރައްވާނޭކަމަށް އުފާކުރާ ގޮތުގައެވެ."