(12 ޑިސެންބަރު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަހަރުތެރޭ އެކި ދުވަސްވަރު ޖަނަވާރުތައް އެކި ތަންތަނަށް ބަދަލުކުރެއެވެ. ހޫނު މޫސުމުގައި އެތަކެތީގެ ޖާގައަކީ ބޭރު ގޯއްޗެވެ. ވާރޭ މޫސުމުގައި އަސްކަންޏެވެ. ފިނި މޫސުމުގައި މި ކޮޓަރިއެވެ. އާނއެކެވެ. ދުއިސައްތަ ހަތްދިހަ ދެ އަކަފޫޓުގެ ކުޑަކުޑަ ޖިފުޓިގަނޑެއްގައި ހުންނަ މި ކުޑަކުޑަ ކޮޓަރިއަށެވެ. ގޭގައި ހުންނަނީ އެހައި ކުޑަކުޑަ ބަދިގެއެކެވެ. ގޭގައި ހިފައި ގެންގުޅޭ އެއްވެސް އެއްޗެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އައިސް އަލަމާރިއެއް، ޓީވީ އެއް، ހީޓަރެއް، އެކައްޗެއް ވެސް ނެތެވެ. މި އަލިފާން ފޮށީގައި ބަންދުވެފައި އިންނަން ޖެހުމުން އޭނާ ހުންނަނީ އަބަދު ނޭވާ ހާސްވެފައެވެ. މިތަނުން ރައްކާވާން އެތައްފަހަރަކު ހިތަށް އަރައެވެ. ބައެއް ފަހަރު ރުޅި އައިސްގެން މަންމައާ ދިމާއަށް އޭނާ ބުނެއެވެ. "ކީއްކުރަން ގެއަށް ކަރަންޓު ލީ؟ ކަރަންޓާ ނުލާވެސް އަހަރެމެންނަށް އުޅެވޭނެ. ފުޅިބައްތި، ފާނޫޒު ނުވަތަ އުއްބައްތި ދިއްލައިގެން ވެސް ތިބެވޭނެ އެއްނުން. ކީއްކުރާ ކަރަންޓެއް؟"
އެވާހަކަ އަޑުއިވޭ ކަމަކަށް މަންމަ ނަހަދައެވެ. ހިމޭނުން އިންނަނީ އެވެ. އެ ހިމޭންކަމަކީ އޭނާ ބަލިކަށިކޮށްލާ ހަތިޔާރުތަކެއްހެން އަބަދު ހީވެއެވެ. ކޮންމެ ފަހަރަކު މޮޅުވަނީ މަންމައެވެ.
ކުރިއަށްވުރެ ވާރޭ ބޯކޮށްލައިފިއެވެ. އެއާ އެކު މަރިޔަމްގެ ރުޅިވެސް ދިޔައީ ގަދަވަމުންނެވެ. އަހަރުގެ ކޮންމެ ދުވަސްވަރަކު ވެހުނަސް އޭނާ ވާރެއާ މާ ގަޔާއެއް ނުވެއެވެ. އެކަމަކު ވާރޭ މޫސުމުގައި އަދި މާ ބޮޑަށް ރުޅި ގަދަވެއެވެ. ސަހަރާއެއްގައި ދިރިއުޅެން ދާން ހިތަށް އަރައެވެ. އެތަނުން ފެން ތިއްކެއް ކީއްހެއްޔެވެ. ބޯނެ ފެނެއްވެސް ނުހުންނާނެއެވެ.
ވާރޭ މޫސުމުގައި އެކި ދިމަދިމާއިން ފައިބައިގެން އަންނަ ނަޖިސް ފެނުން ކޮލެޖަށް ދާ މަގު ފުރާލައެވެ. ކޮލެޖަށް ދާން ޖެހެނީ ނަޖިސް ފެނަށް އެރިގެންނެވެ. ދެވޭ އިރު ލައިގެން ހުންނަ ހެދުން އޮންނަނީ ކިސަޑުން ތަތްތެޅިފައެވެ. ލަދުން ސަލާމަތް ވުމަށް އޮންނަ ހަމައެކަނި ހައްލަކީ އެދުވަސްކޮޅު ކޮލެޖަށް ނުގޮސް ގޭގައި މަޑުކުރުމެވެ. ނަމަވެސް ވިއްސާރަ ދިގުލައި މާގިނަ ދުވަސްވެއްޖެނަމަ ކަކުލާ ހަމައަށް ހަރުވާޅު އޮޅާލައިގެން ދިއުން ނޫން ގޮތެއް ނެތެވެ. ފަށުވީގެ ހެދުމުގައި ކިސަޑު އުނގުޅުނަސް ހުތުރު ކަމަކަށް ނުދައްކައެވެ. އެނާ ލައިގެން ހުންނަ އާދައިގެ އުއި ފޮތީގެ ހެދުމުން ކިލާ ފިލުވާކަށް ފަސޭހައެއް ނޫނެވެ. މީހުންނަށް ފެންނާނީ އެ ހެދުން ލައިގެން ހުންނަ މީހާގެ ފަގީރުކަމެވެ.
މަންމަ އައިސް ކޮޓަރިއަށް ވަނެވެ. މަރިޔަމް އަވަސް އަވަހަށް އުނގުގައި އޮތް ފޮތް ނަގައިގެން ފޮތަށް ގެއްލިފައި އިންކަމަށް ހެދުނެވެ. މަންމަ ހުރީ ވާރެއިން ތެމި ފޯވެފައެވެ. ހެދުން ގައިގައި ތަތްލަވާފައި އޮތުމުން ގައިގެ ކަށިތައް ވަކިވަކީން ފާޅުވެއެވެ. ފެންނަ ފެނުމަށް މާ ނިކަމެއްޗެވެ. ގަިއގައި އޮޅާފއި އޮތް ޗާދާރު ނަގައި އެނދު މަތީގައި ފަތުރައިލިއެވެ. އެއަށްފަހު މުސައްލާ ފަށް ޖަހައިލާފައި ހިނިތުންވެލަމުން ފަންގިފިލާއަށް ބަލައިލިއެވެ. "ވާރޭ ނުވެހި އެހާ ގިނަ ދުވަސް ވީއިރުވެސް މި ކަނުން ފެނެއް ނުފައިބާ ދޯ މިހާރު؟ މަންމަ ހުރީ ހިތްހަމަޖެހިފައެވެ.
"އާނ، ވާރޭ ވެހެން ފެށުމުގެ ކުރިން ފުރާޅު މަތީގައި މަންމަ އެޅި ގޮންގިރިޓު ޝީޓު ރަނގަޅީ." ފެންފައިބަން އުޅޭ ދިމާއަކަށް އިޝާރާތް ކުރަމުން މަރިޔަމް ބުނެލިއެވެ.
އެއަށް އިޖާބަ ދިނުމެއް ނެތި މަންމަ ކޮޓަރިން ނުކުތެވެ. އެނބުރި އައީ އެ ދިމާގައި ބަހައްޓާން ތަށްޓެއް ހިފައިގެންނެވެ.
ވިއްސާރަ މޫސުން ފެށުމުގެ ކުރިން ކޮންމެ އަހަރަކު ގަވައިދުން މަންމަ ފުރާޅު މަރާމާތު ކުރެއެވެ. ފުރާޅުމަތީގައި ކަށިވެއްޔާއި ސިމެންތި ގަށައި ފުރާޅު މަތީގައި ފަތުރައެވެ. ބޯކޮށް ވާރޭ ވެހެން ފެށުމުން ފުރާޅު އެކަށް ހަލާކުނުވަނީ އެހެންވީމައެވެ. މިދިޔަ ތިން އަހަރު މަންމަ މަރާމާތުގެ މަސައްކަތް ފަށަނީ ފުރާޅު މަތީގައި ޕްލާސްޓިކް ޝީޓެއް ފެތުރުމަށްފަހު އެވެ. ގަށާފައި ހުންނަ ގޮންގިރިޓު އަޅަނީ އެ ޝީޓުގެ މަތިންނެވެ. އެހެން ކަމުން މިހާރު ފުރާޅު މަތީގައި ތިން ޕްލާސްޓީކް ޝީޓު އޮވެއެވެ. ނަމަވެސް ވާރޭ މޫސުމުގައި ގޭތެރެއަށް ފެން ފޭބުމެއް ނުހުއްޓެއެވެ. ވާރޭ ބޯކޮށްލާއިރަށް ހީވަނީ ދެންމެ ދެންމެ ފުރާޅު ބޮލަށް ވެއްޓިދާނެހެންނެވެ.
މޫސުން ފެށުމުގެ ކުރިން މަންމަ ފުރާޅު މަރާމާތުކުރުމުގެ މަސައްކަތް ފަށައެވެ. މަންމަ ސިމެންތި ގަށާން އިންނަ މަންޒަަރަކީ ވެސް މަރިޔަމް މާ ގަޔާވާ މަންޒަރެއް ނޫނެވެ. އުޅަނބޮށްޓާ ހަމައަށް ހުންނަނީ ސިމެންތިއެވެ. އެދުވަސްކޮޅު މަންމަ ކައްކާ އެއްޗެއް ކާންވެސް މަރިޔަމް ފަކުރުގަނެއެވެ. މަންމައަށް އެކަން ފާހަގަކުރެވުމުން އެދުވަސްވަރު ކާއެއްޗެހި ގެންނަނީ ބޭރުންނެވެ.
ކޮޓަރީގައި ހުރި ފަންކާއިން މަރިޔަމަށް އިތުރު އުނދަގޫވެއެވެ. ފަންކާ އެނބުރޭ އަޑު އިވުމުން އޭނާ އިތުރަށް ރުޅި ގަދަވެއެވެ. އެ ފަންކާގެ އަޑަކީ އޭނާގެ ދިރިއުޅުމުގެ ބައެކެވެ. ފަންކާގެ އަޑު ކަންފަތުގައި ގުގުމުން ހުއްޓޭ ދުވަހަކު އޭނާގެ ލޮލަށް ނިންޖެއް ނާންނާނެއޭ ވެސް ހީވެއެވެ.
"ވީރާނާ ވެފައިވާ ޖިފުޓި ގަނޑެއްގައި، ޖަނަވާރުތަކާއެކު، ވެހޭ ވާރެޔާއި ދޭ އަތްވެއްގައި އެކަނިމާއެކަނި އިންސާނަކަށް ކެތްކުރެވޭނީ ކިހައި ދުވަހަކު ހެއްޔެވެ؟" މަރިޔަމް ހިތާހިތުން ސުވާލުކުރެއެވެ. "އެހެން އުޅެނީ ކިހިނެއް ހެއްޔެވެ؟ އެއަށްވުރެ ރަނގަޅު ފުރުސަތެއް ފަހިވެފައި އޮތް އިރު އެ ފުރުސަތުގެ ބޭނުން ނުހިފާންވީ ކިއްވެހެއްޔެވެ؟ މަންމައަށް އެކަން ވިސްނައިދެވޭނީ ކާކަށް ހެއްޔެވެ؟ ވަޅުގައި އޮންނަ ބޮއް އުޅޭ އުސޫލުން އުޅެން މަންމަ ބޭނުމިއްޔާ އެގޮތަށް އުޅޭށެވެ. މަންމަގެ މުޅި ދިރިއުޅުން ވޭތިކުރީ މިގޮތުގައެވެ. އަހަރެންވެސް އުޅެންވީ އެ ދިރިއުޅުން ހެއްޔެވެ؟ ކުޑަކުޑަ ކޮޓަރިއެއްގައި ޖަނަވާރާއި އެކު ބަންދުވެ އިންނާން އަހަރެން ބޭނުންވާނެ ހެން މަންމައަށް ހީވަންޏާ އެއީ ކުށްހީއެއް؟" މަރިޔަމްގެ ރުޅި ކުޑަކޮށްވެސް މައިތިރިއެއް ނުވެއެވެ.
"އަހަންނަށް މުޅި އުމުރު މިތާކު ނޫޅެވޭނެ. އަހަންނަކީ ޖަނަވާރެއް ނޫން." އެ ޚިޔާލު އަނެއްކާވެސް އޭނާގެ ސިކުނޑިއަށް އައެވެ. "ޗޭނު ޖަހައިގެން މިތާ އަހަރެން ގެނގުޅެވޭނީ ކިހާ ދުވަހަކަށް؟ ކޮންމެވެސް ދުވަހަކު މިތަނުން ރައްކާވާނަން. މިތާ ތެރޭ އަހަރެން ޗޭނު ޖަހައިގެން މަންމައަށް އަބަދަކު ނޫޅެވޭނެ." އޭނާ އަނެއްކާވެސް ނިޔަފަތި ކާން ފެށިއެވެ.
އިރުކޮޅަކުން މަންމަ ކޮޓަރިއަށް ވަނެވެ. މަރިޔަމް އަވަސްއަވަހަށް ފޮތް ނަގައިގެން އޭގެތެރެއަށް ޣަރަގުވިއެވެ. މަންމަ ތެތް އެއްޗެހި ބަދަލުކުރުމަށްފަހު ކޮޓަރި ސާފުކުރުމާއިގެން މަޝްޣޫލުވެއްޖެއެވެ. މަރިޔަމް ދުވަސް ހޭދަކުރީ ކުރެހުމުގައެވެ. ކުލައާއި ފިއްސާއި ކުރަހަން ބޭނުންކުރި ހުރިހާ އެއްޗެހި ހުރީ އެތަންމިތަނުގައެވެ. މަންމައަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށް ނުދޭތާނގައި ޝުކުރުގެ ބަހެއްވެސް މަރިޔަމް ބުނެނުލައެވެ. ފަހަރަކު އެއްޗެއް ނަގައި މަންމަ އެ އެއްޗެއް ހުންނަންވާ ތަނުގައި ބެހެއްޓިއެވެ. އޭނާ ދެކޭގޮތުގައި އެއީ ހަތަރު ފާރުތެރޭގައި އޭނާ ބަންދުކޮށްގެން ގެންގުޅުމުގެ ބަދަލެވެ.
"އަހަންނަށްޓަކައި އަދާކުރަންޖެހެ ކަމެއް..." މަރިޔަމް ހިތާ ހިތުން ބުނެއެވެ. "އަހަންނަށް އޭނާގެ ފަރާތުން ލިބޭ ތަދާއި ވޭނުގެ ބަދަލު... މިހެން އުޅެންޖެހެނީ މަންމަގެ ބޯހަރުކަމުން. އެހެންވީމާ ބުރަކޮށް މަސައްކަތް ކުރަންޖެހުމަކީ އަހަންނާ ބެހޭ ކަމެއް ނޫން. އަހަރެންގެ ބަސް އެހިނަމަަ ބުރަ އުފުލާން ނުޖެހުނީސް. ބުނާ އެއްޗެއް އަޑު ނާހައި، ގޮތުގައި ހިފަހައްޓަންޏާ ބުރަ މަސައްކަތްވެސް ކުރަންޖެހޭނެ. އެއީ އަހަރެންގެ މައްސަލައެއް ނޫން. އެހީއެއް ނުވާނަން."
"ދަރިފުޅު އަދި ސައިނުބޮމެއްނު." ޚިޔާލީ ދުނިޔެއިން އޭނާއަށް ހޭލެވުނީ މަންމަގެ އަޑަށެވެ.
"ސައި ނުބޯނަމޭ ބުނީމަވެސް..." އިސްދަށަށް ޖަހައިގެން އިނދެ އޭނާ ބުންޏެވެ.
'މަންމަ ސައި ގެނައީ ދަރިފުޅު މިއަދު އެއްވެސް އެއްޗެއް ނުކައި ހުރީމަ." ހިހޫވެފައި ހުރި ސައިތަށި މޭޒުމަތިން ނަގަމުން މަންމަ ބުންޏެވެ.
"ދެން ދުވަހަކުވެސް ނުކާނަން. ގައިމު މިގެއަކުން ނުކާނަން."
"ކޮންކަމަކާތަ ދަރިފުޅު މާ ރުޅިގަދަވެގެން ތިއުޅެނީ، ހާދަ ބޯހަރު ކުއްޖެކޭ؟" މަރިޔަމް ގާތު އިށީންނަމުން އޯގާތެރިކަމާއެކު މަންމަ އެހިއެވެ.
"އަހަންނެއް ނޫން ބޯހަރުވެގެން އުޅެނީ، މަންމައެއްނު." އައި ރުޅީގައި މަރިޔަމް އަތުގައި އޮތް ފޮތް ލައްޕައިލިއެވެެ.
"މަރިޔަމް، މަންމަ ކުރާ ކޮންމެ ކަމެއް މިކުރަނީ ދަރިފުޅަށްޓަކައި. ދަރިފުޅަށް ރަނގަޅު ގޮތް ހޯދައިދޭން."
"ހެޔޮނުވާނެ، އަހަންނަށް ހެޔޮގޮތް ހޯދައިދޭން އުޅޭނެ ކަމެއް ނެތް. ތި ވާހަކަ މީގެ ފަހުން ތަކުރާރު ނުކުރާތި." މަރިޔަމް ބުންޏެވެ. "ތަގްދީރަށް އަހަރެން ދޫކޮށްލާ. އަހަރެން ބޭނުންގޮތަކަށް އުޅެން ދޫކޮށްލާ. ތީ އަހަރެންގެ ކުރިއެރުމަށް އެޅޭ ހުރަހެއް."
'ދަރިފުޅުގެ ކުރިއެރުމަށް މަންމަ ހުރަސް އަޅަންވީ ކީއްވެ؟ މަންމަ މަސައްކަތް މިކުރަނީ ދަރިފުޅަށް ކުރިމަތިވެދާނެ މުސީބާތަކުން ސަލާމަތް ކުރުމަށް."
"އަހަންނާ މެދު އެއްވެސް ވަރަކަށް ވިސްނާނަމަ މި ޖިފުޓިގަނޑުގައި އަހަރެން ނުގެންގުޅޭނެ. އަހަރެން ގޮވައިގެން އިންގްލެންޑަށް ހިނގާ. އެތަނުގައި އަހަންނަށް ހިތްހަމަޖެހިގެން އުޅެވޭނެ. އަހަންނަށް މީހަކަށް ވެވޭނެ. އެކަމަކު... މަންމަގެ ބޯހަރުކަމާއި އަމިއްލަ އެދުން ބޮޑުކަމުން ހުރިހާ ކަމަކުން އަހަރެން މަހްރޫމުކޮށްފި. އަސާސީ ހައްގުވެސް ލިބެނީ ކިރިޔާ. ކޮންމެ ކަމެއް ބޭނުންވިޔަސް ޖެހެނީ މަންމައަށް އާދޭސްކުރަން. އެކަމަކު ތިދައްކަނީ އަހަންނަށް ހެޔޮގޮތް ހޯދައިދޭ ވާހަކަ. އަހަންނަށް ރައްކާތެރިކަން ހޯދައިދޭ ވާހަކަ. ކޮން ކަމަކުންބާ؟ އިތުރަށް އަހަރެން ބޭނުންވާ ކަންކަމުންބާ؟ އަހަންނަށް މަޝްހޫރުކަން ލިބުމުން ވާނެ ގެއްލުމަކީ ކޮބާ؟ އަހަރެން، އަހަރެންގެ ގޮތުގައި މީހުންނަށް އެނގުންތަ؟ މީހުން އަހަރެންގެ މަސައްކަތް ފާހަގަކުރަން ފެށުން ގެއްލުމަކަށް ވާނެތަ؟ މާލީ ރައްކާތެރިކަން ލިބުމަކީ ގެއްލުމެއްތަ؟" މަރިޔަމްގެ އުދާސްތައް ބަންޑުންކޮށްލިއެވެ.
ހިމޭނުން އިނދެ މަންމަ އޭނާގެ ޝަކުވާ އަޑުއެހިއެވެ. "ސައިތަށްޓެއް ގެނެސްދެންތަ އަލުން؟" މަރިޔަމް ދެއްކި ވާހަކަ މަންމައަށް އޑުއިވުނުހެން ހިއެއްނުވެއެވެ. އޭނާގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. "މަންމަގެ ދިރިއުޅުން އުޅޭން އަހަންނަށް މަޖުބޫރުކުރުމަކީ އަހަންނަށް ކޮށްދޭ ހެޔޮކަމެއް ނޫން. މަންމަގެ އުސޫލުތައް އަހަރެންގެ މައްޗަށް ހިންގަން ނޫޅޭ." ރުޅި އައިސްގެން މަރިޔަމް މަންމައާ ދުރަށް ޖެހިލިއެވެ. "ތީ އަހަރެން ދެކެ ލޯބިވާ މީހެއް ނޫން. ލޯބިވާނަމަ..."
ވާހަކައިގެ މެދުތެރޭން މަންމަ ކޮޓަރިން ނުުކުމެގެން ހިނގައްޖެއެވެ. އެހެންވީމާ އިތުރަށް ވާހަކަ ކުރިއަށްގެންދިއުމުގެ ބޭނުމެއް ނެތެވެ.
(ދެވަނަ ބާބު)
ފުރަތަމަ ފަހަރަށް ހަށިވިއްކިި އިރު ކެތަރިން ބްރައުން ގެ އުމުރުން ވާނީ ސޯޅަ އަހަރެވެ. ހަށިވިއްކީ ކީއްވެގެން ކަމާމެދު އޭނާ ދުވަހަކުވެސް ފިކުރެއް ނުކުރެއެވެ. ހަމަގައިމުވެސް މަޒްހަރް ޚާން އާ ދިމާވުމުގެ ކުރިން ނުވިސްނައެވެ. އޭރު އޭނާގެ މަވަންތަކަން ގެއްލިއްޖެއެވެ. އަބުރު ވެއްޔާ މޮޑެވިއްޖެއެވެ. އެންމެންނަށް އޭނާ އެނގެނީ ޑަސްކީ ޑެމްޒެލް ގެ ނަމުންނެވެ.
ކެތަރިންގެ މަންމަ ރޫތު ބްރައުން އަކީ ބޯދާ، މުސްކުޅި ޚިޔާލުގެ އާއިލާއަކަށް ނިސަބަތްވާ މީހެކެވެ. އެ އާއިލާއަކީ އަންހެން ކުދީންނާއި ފިރިހެން ކުދީން ތަފާތުކުރުމާއި އަންހެނުން ވަޒީފާ އަދާކުރުމާ ދެކޮޅު އާއިލާއެކެވެ. ރޫތު ބްރައުންގެ މަންމަ ދުވަހަކު ވަޒީފާއެއް އަދާކޮށްފައިނުވާކަން ބައްޕަ އަބަދުވެސް ފަޚުރުވެރިކަމާއެކު ފާހަގަކުރެއެވެ. ނަމަވެސް އިބްތިދާއީ މަރުހަލާ ނިމެންދެން ސްކޫލަށް ދިޔައެވެ. ކާވެންޏަށް ފަހު އޭނާގެ ހުރިހާ ވަގުތެއް ހޭދަކުރީ ފިރިމީހާއާއި އާއިލާއަށެވެ.
ރޫތު ވެސް އޭނާގެ އާއިލާގެ އާދަކާދަތައް ހިފެހެއްޓިއެވެ. އިބްތިދާއީ ތަައުލީމު ނިންމައި އޭނާ އިންތިޒާރުކުރީ އިންނާނެ ރަނގަޅު މީހަކު އާއިލާއިން ހަމަޖައްސަން ދެނެވެ. ނަމަވެސް އޭގެ ކުރިން ޕާކިސްތާނު މީހަކާ ދިމާވުމުން އޭނާގެ ޚިޔާލު ބަދަލުވިއެވެ. އެ މީހާއަށް ހިތް ލެނބުނީ ކިހިނެއްކަމެއް ޚުދު ރޫތަކަށް ވެސް ނޭނގެއެވެ. އެމީހާއާ ދިމާވުމުން އާއިލާއަށް ފިލައިގެން ގޮސް އެމީހާއާއެކު ދިރިއުޅެން ފެށިއެވެ. އޭނާ ކަންކުރި ގޮތުން އާއިލާއަށް ބޮޑު ސިހުމެއް ލިބުނެވެ. އާއިލާގެ ތިން ބޫނުންގެ ތެރެއިން އެކަހަލަ ކަމެއް ކޮށްފާނެހެން ހީނުވާ ހަމައެކަނި މީހަކީ އޭނާއެވެ. އޭނާ ހަމައެކަނި މައިންބަފައިންނަށް ނުކިޔަމަންތެރި ވީއެއް ނޫނެވެ. ކާވެނި ނުކޮށް،އެހެން ނަސްލެއްގެ އެހެން ދީނެއްގެ މީހަކާއެކު ދިރިއުޅެން ފެށީއެވެ. އެެހެން ދީންތަކުގެ މީހުންނާ އިނުމަކީ އާއިލާއިން ރުހޭނެކަމެއް ނޫންކަން ރޫތު ވަރަށް ރަނގަޅަށް ދަނެއެވެ. އެހެންކަމުން ގެއިން ނުކުމެވެންދެން ޢަލީމްގެ އެއްވެސް ވާހަކައެއް އާއިލާއަށް ނާންގައެވެ. އެނގިއްޖެނަަ ގެއިން ބޭރަށް ނުފޮނުވާނެކަން އެނގޭތީއެވެ. އަލީމާއެކު ދިރިއުޅެން ފަށައި ސިޓީއަކުން ހުރިހާ ވާހަކައެއް އާއިލާއާ ހިއްސާކުރިއެވެ. އެ ސިޓީގެ ޖަވާބެއް ނުލިބެއެވެ. ޖަވާބަކަށް އޭނާ އިންތިޒާރެއްވެސް ނުކުރެއެވެ.
ޢަލީމާ ކާވެނިކުރި ނަމަވެސް މާގިނަ ދުވަހަކު އޭނާއާއެކު ރޫތު ނޫޅެއެވެ. އިސްލާމް ދީން ގަބޫލުކުރީ އަލީމާއެކު ހަޔާތް ވޭތިކުރުމުގެ ފޮނި އުއްމީދުގައެވެ. ނަަމަވެސް ކަންވީ އެއާ ޚިލާފަށެވެ. އަލީމަކީ ގާނޫނާ ޚިލާފަށް އިންގްލެންޑަށް އެތެރެވެގެން ހުރި މީހެކެވެ. އޭނާ ރޫތު އާ އިނީ އެގައުމުގެ ރައްޔިތުކަން ހޯދާށެވެ. މަގްސަދު ހާސިލުވުމުން ކެތަރިން އުފަންވުމުގެ ދުވަސްކޮޅެއް ކުރީން އަލީމް އޭނާ ދޫކޮށްފައި ހިނގައްޖެއެވެ. އަލީމް ދުވަހަކުވެސް އޭނާ ނަގައި އެއްލައިލާނެ ކަމަކަށް ރޫތު ހިއެއް ނުކުރެއެވެ. އަލީމްގެ ހަނދާންތަކާ ދުރަށް ނުދެވުމުން އޭނާގެ ހުރިހާ އެކުވެރީން ގާތަށް ރޫތު ދިޔައވެ. އެއިން އެއްވެސް މީހަކަށް އޭނާ ވީތަނެއް އެނގޭ ކަމަކަށް ނުވިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ހަގީގަތް ގަބޫލުކުރެވެން ފެށިއެވެ. އަލީމް އޭނާ ނަގައި އެއްލައިލީއެވެ. އޭނާ ދެނެއް އެނބުރި ނާންނާނެއެވެ. ރައްޓެހީން އޭނާގެ މަކަރުވެރި ރޭވުން ދިފާއުކުރާނެއެވެ. "އޭނާ ދިޔައީ ސްޕެއިނަށް.. ފްރާންސަށް... އެނބުރި ޕާކިސްތާނަށް..." މަކަރުވެރިކަމަކަށް ނިމުމެއް ނެތެވެ.
(ނުނިމޭ)
Kobaathoa thivana bai
Miadhuge bai ?
??