ރޯޑު ސޭފްޓީ ވޯކް އިފްތިތާހު ކޮށްދެއްވައިފި

"ރޯޑް ސޭފްޓީ ވޯކް" ގެ ނަމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާއްމުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ހިންގޭ ޤައުމީ ހަރަކާތް ނާއިބު ރައީސް ފައިސަލް ނަސީމް އިފްތިތާހު ކޮށްފިއެވެ.

މިއީ މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ސަރުކާރުގެ މުވައްސަސާތަކާއި އަމިއްލަ ޖަމިއްޔާތައް ބައިވެރިވެގެން މުޅިރާއްޖޭގައި އެއްވަގުތެއްގައި ހިންގި ގައުމީ ހަރަކާތެކެވެ.

މިހަރަކާތް އިފްތިތާހު ކޮށްދެއްވި ރަސްމިއްޔާތުގައި ނާއިބު ރައީސް  ވިދާޅުވީ މި ހަރަކާތަކީ މިއަހަރު ކުރީކޮޅު މި ސަރުކާރުން ފެށި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން ހިންގޭ ހަރަކާތެއްކަމަށެވެ. މިއީ ރައްޔިތުންގެ ސަލާމަތަށްޓަކައި ހިންގާ ހަރަކާތެކެވެ. ރާއްޖޭގެ މަގުމަތީގައި ހިނގާފައިހުރި ނުރައްކާތެރި ހާދިސާތަކާއި އަދި މިހާރުވެސް ހިނގަމުންދާ ހާދިސާތަކަކީ ރައްޔިތުން ނުހަނު ކަންބޮޑުވާ މައްސަލަތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ދުއްވާއިރު ވީހާވެސް މަޑުން ދުއްވުމަކީ އެންމެ ސަލާމަތްތެރި ގޮތްކަމަށެވެ. އެކްސިޑެންޓުތަކުގައި އެއްވެސް މީހަކު އެމީގެއްގެ ދަރިއަކު ނުވަތަ ތިމާގެ މީހަކު ދުނިޔެ ދޫކޮށްފައި ދާން އެއްވެސް އާއިލާއަކުން ބޭނުން ނުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ކަމުން ދުއްވާއިރު ދުވެލި މަޑުކުރުމަށް އެންމެންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

"ގަވައިދުތަކާއި ޤާނޫނު ހެދިފައި ހުންނަނީ ރައްޔިތުންގެ ރައްކާތެރިކަމަށް. އެއްވެސް ޙާލެއްގައި ޤާނޫނަކީ ނުވަތަ ޤަވާޢިދަކީ މީހަކަށް އަނިޔާއެއްދިނުމުގެ ގޮތުން ހެދޭ އެއްޗެއް ނޫން. އެއީ އަޅުގަނޑުމެންގެ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފަ ހުރި ޤާނޫނުތައް." އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ ކަންކަން ވެސް ހަމައަކަށް އެޅިގެންދާނީ އެމީހުންނަށް ދިވެހީންގެ ފަރާތުން ނަމޫނާ ފެނިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ބިދޭސީންނަށް ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާއި ހަމަތައް ވެސް ކިޔައިދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.