އަޅުގަނޑަށް އެންމެބޮޑު ބަދަލެއް އައީ ޒަކީގެ ނަސޭހަތް އަޑުއަހައިގެން: ޓޫރިޒަމް މިނިސްޓަރ

އެމަނިކުފާނަށް އެންމެބޮޑު ހެޔޮބަދަލެއް އައީ ކުރީގެ ޓޫރިޒަމް މިނިސްޓަރ އިބްރާހީމް ޙުސައިން ޒަކީގެ ނަސޭހަތް އަޑުއައްސަވައިގެން ކަމަށް މިހާރުގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

މިނިސްޓްރީއަށް 31 އަހަރު ފުރުމުގެ މުނާސަބަތުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރުން ކަމަށްވާ ޑރ. މަހުމޫދު ޝައުގީއާއި، އިބްރާހީމް ޙުސައިން ޒަކީއާއި، ޑރ. މުސްތަފާ ލުތުފީ ބައިވެރިވެ ވަޑައިގެން ބޭއްވި ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި ޢަލީ ވަނީ އެ ތިންބޭފުންގެ މިނިސްޓަރު ކަމުގައި ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާ ކުރައްވައިފިއެވެ.

މިނިސްޓަރ ވިދާޅުވި މިއަދު އެ ތިން ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް ވިޔަސް ދެން ފަހަރަކުން ކުރީގެ ގިނަ މިނިސްޓަރުންނަށް ބައިވެރިވެވަޑައިގަނެވޭނެ ގޮތަށް ކުރިން ދަޢުވަތު ދެއްވާނެ ކަމަށެވެ.

ކުޑަކުޑަ އެ ހަފްލާގައި ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެ ހަފްލްގައި މިނިސްޓަރ ވިދާޅުވީ މީހުން ދެއްވާ ރަނގަޅު ނަސޭހަތް ގަބޫކުރުމަކީ ބޭނުންތެރި ކަމެއް ކަމަށެވެ. އެގޮތުން އިބްރާހީމް ޙުސައިން ޒަކީއަކީ "މީހެއްގެ ނަސޭހަތެއް އަހައިގެން އަޅުގަނޑަށް އެންމެބޮޑަށް ފައިދާވި އެއްބޭފުޅާކަން ފާހަގަކޮށްލާނަން. އަޅުގަނޑު ރާއްޖެ ދޫކޮށްދާން ސްރީލަންކާއަށް ފުރަތަމަ ދިޔުމަށްފަހު ވަރަށްގިނަ ބޭފުޅުންނާ ދިމާވި. އެތަނުން އެއްބޭފުޅެއް އިބްރާހީމް ޙުސައިން ޒަކީއަކީ،" ޢަލީ ވަޙީދު ވިދާޅުވިއެވެ.

އެދުވަހު އިބްރާހީމް ޙުސައިން ޒަކީ ދެއްވި ނަސޭހަތަކީ ޢަލީ ވަޙީދު ބޭނުން ކޮންމެ ޤައުމެއްގައި އުޅެން ފުރުސަތު ލިބުނަސް އެންމެ ރަނގަޅުވާނީ އިނގިރޭސިވިލާތަށް ވަޑައިގެންނެވުން ކަމަށް ވިދާޅުވެ ޒަކީ ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. އެ ނަސޭހަތުގައި ފައިދާ މިހާރު ކުރާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑަށް މީހެއްގެ ގޮތުގައި އެންމެ ބޮޑު ހެޔޮ ބަދަލެއްއައީ އެ ނަސޭހަތް އަޑުއަހައިގެން،" މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.