ދުނިޔޭގެ ހުރިހާ ބޮޑެތި ކުޅިވަރު މުބާރާތަކުން 4 އަހަރު ދުވަހަށް ރަޝިޔާ ސަސްޕެންޑުކޮށްފި

ކުޅުންެތެރިން ބޭނުންކުރުން މަނާ ބޭސް ބޭނުންކުރުމުގެ (ޑޯޕިންގގެ) މައްސަލައިގައި ދުނިޔޭގެ ހުރިހާ ބޮޑެތި ކުޅިވަރު މުބާރާތަކުން ހަތަރު އަހަރު ދުވަހަށް ރަޝިޔާ ސަސްޕެންޑުުކުރަން ވާލްޑް ޑޯޕިންގެ އެޖެންސީ (ޑަބްލިއުއޭޑީއޭ) އިން ނިންމައިފިއެވެ. އެ އެޖެންސީން ބުނެފަައިވާ ގޮތުގައި ރަޝީޔާ ސަސްޕެންޑުކުރީ ކުޅުންތެރި ބޭނުންކުރާ ބޭހާ ބެހޭ ޑާޓާ އޮޅުވާލުމުގެ ސަބަބުންނެވެ.

މި ނިންމުމާއެކު 2020 ވަނަ އަހަރު ޓޯކިޔޯގައި އޮންނަ އޮލިމްޕިކްސްއާއި، 2022 ވަނަ އަހަރު ޤަޠަރު ގައި ބާއްވަން ހަމެހިފައިވާ ފުޓްބޯޅަ ވާލްޑް ކަޕްގައި ރަޝިޔާއަށް ބައިވެރިނުވެވޭނެއެވެ. ރަޝިޔާގެ ދިދައިގެ ދަށުގައި ކުޅުންތެރިންނާއި، އޮފިޝަލުންނަށް ބައިވެރި ނުވެވޭއިރު އޮލިމްޕިކްސް ފަދަ މުބާރާތްތަކުގެ ތެރޭގައި ވަކި ފަރުދުން ބައިވެރިވާ ކުޅިވަރުތަކުގައި ރަޝިޔާގެ އެތުލީޓުންނަށް އަމިއްލަގޮތުން ބައިވެރިވެވިދާނެއެވެ. މިގޮތަށް ބައިވެރިވެވޭނީ މަނާ ބޭހަށް ޕޮޒިޓިވްވެފައި ނުވާ އެތުލީޓުންނަށެވެ. އަދި އެެފަދަ ކުޅުންްތެރިއަކަށް މެޑަލެއް ލިބުނަސް، ރަޝިޔާގެ ދިދައާއި ރަޝިޔާގެ ގައުމީ ސަލާމް ބޭނުން ނުކުރެވޭނެއެވެ.

ޑަބްލިއުއައިޑީއޭގެ އެގްޒެކެޓިވް ކޮމިޓީގެ އިއްތިފާގުން ނިންމި ނިންމުުމުގައި ބުނެފައިވާ ގޮތުގައި، ރަޝިޔާއިން ވަނީ ލެބޯޓްރީ ޑާޓާއާ ކުުޅެ، އަސްލެއް ނެތް ހެކި ވައްދައި، ކުޅުންތެރިން މަނާ ބޭހަށް ޕޮޒިޓިވް ވި ޓެސްްޓްތަކުގެ ޑާޓާ ފޮހެލާފައެވެ.

ދުނިޔޭގެ ކުޅިވަރުގެ ވަރުގަދަ ބާރެއްގެ ގޮތުގައި ބެލެވެމުން އަންނަ ރަޝިޔާއާ ވަނީ 2015 ވަނަ އަހަރުން ފެށިގެން މަނާ ބޭސް ބޭނުންކުރުމުގެ މައްސަލަތައް ކުރިމަތިވެފައެވެ.

އެންޓި ޑޯޕިންގް އެޖެންސީގެ މިނިންމުމާ ގުޅިގެން ރަޝިޔަން އޮލިމްޕިކް ކޮމިޓީ (އާރްއޯސީ) ގެ ރައީސު ސްޓަނިސްލާވް ޕޮޒްނިޔަކޯވް ވިދާޅުވީ މި ނިންމުމުގައި އާރްއޯސިގެ ހައްގަށް އަރައިގެންފައިވާ ކަމުގައެެވެ.

"މަނާ ބޭސް ބޭނުންކޮށްފައިވޭތޯ ބަލަން ހެދި ޓެސްޓްތައް އޮޅުވާލުމުގައި ރަޝިޔަން އޮލިމްޕިކް ކޮމިޓީގެ އެއްވެސް ބައިވެރިވުމެއް ނެތް. މި ނިންމުމުން މިވަނީ އާރްއޯޯސީގެ ހައްގަށް އަރައިގަނެވިފައި." އޭނާ ވިދާޅުވިއެވެ.

ޑަބްލިޔުއޭޑީއޭ އިން ވަނީ 21 ދުވަހުގެ ތެރޭގައި މި ނިންމުން ގަބޫލުކުރުމަށް ނުވަތަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) އަށް މައްސަަލަ ހުށަހެޅުމަށް ރަޝިޔަން އެންޓި ޑޯޕިންގ އެެޖެންސީއަށް މުހުލަތު ދީފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.