ޖީއެމްއާރުގެ އެގްރިމެންޓް ބާޠިލްކުރި މީހުން އެކަމުގެ ޒިންމާނަގަން ޖެހޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލަށް ޖަވާބު ދެއްވުމަށް ހޮނިހިރު ދުވަހުގެރޭ ވަގުތުން ގެނެސް ދިން ޓިވީ ޕްރޮގަރާމް "އާސްކް ސްޕީކަރ" ގައި މީހަކުކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މުޙައްމަދު ޖަލީލު ކިޔާ މީހަކު ކޮށްފައިވާ ސުވާލުގައި ބުނީ ޖީއެމްއާރު މައްސަލައިގައި އެއަރޕޯރޓް އެގްރިމެންޓް ބާޠިލްކޮށްގެން ސަރުކާރުން ޖީއެމްއާރައަށް ދޭންޖެހޭ ބަދަލު ހޯދުމަށްއޭރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޒިންމާ ދާރުވާނެކަމަށް ޤަބޫލުފުޅުކުރައްވަންތޯއެވެ.
ޖީއެމް އާރު އެއްބަސް ވުމަކީ ނުލާހިކު ރަނގަޅަށް ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް ހަދައިފައިވާ ޞައްޙަ އެއްބަސް ވުމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެހެންކަމުން ޤާނޫނާ ޚިލާފަށް އެ އެގްރިމަންޓް އުވާލި ފާރަތަކުން އެކަމުގެ ޒިންމާނަގަން ޖެހޭނެކަމަށް ވިދާޅުވިއެވެ.
"އެއީ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް، ނުލާހިކު ރަނގަޅަށް ޞައްޙަކޮށް ހަދާފައިއޮތް އެގްރިމެންޓެއް އެ އެގްރިމެންޓް ޤާނޫނާ ޚިލާފަށް އުވާލުން އެއީ އަޅުގަނޑު ހިތުން ދިމާވީ މައްސަލައަކީ. އެހެންވީމާ އެކަމެއްކުރި ބަޔަކު ޒިންމާނަގަން ޖެހޭނެކަމާމެދު އަޅުގަނޑު އެއްބަސް" ރައީސް ނަޝީދު ވިދާޅުވިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު 35 އަހަރަށް ޖީއެމްއާރަށް ކުއްޔަށް ދިނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ދައުލަތަށް ގެއްލުންވާ ގޮތަށް ވި އެއްބަސްވުމެއް ކަމަށްބުނެ ކުރީގެ ރައީސް މުޙައްމަދު ވަޙީދުގެ ސަރުކާރުން އެއްބަސްވުން ވަނީ ބާޠިލް ކުރައްވައިފަ އެވެ. އޭގެ ފަހުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ހިންގަމުން އަންނަނީ ސަރުކާރުގެ ކުންފުނި މޯލްޑިވްސް އެއަރޕޯރޓްސް ކޮމެޕެނީ ލިމިޓެޑް (އެމްއޭސީއެލް) ނެވެ.
ޖީއެމްއާރުގެ އެއްބަސްވުން ބާޠިލްކުރި މައްސަލައިގައި އެ ކުންފުންޏަށް 271 މިލިއަން ޑޮލަރު ދައުލަތުން ދޭން ޖެހޭނެ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ވަނީ ނިންމައިފައެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ފައިސާ ވަނީ ދައްކައި ޚަލާސްކޮށްފަ އެވެ.