ދިވެހިރާއްޖެ އިސްލާމްވި ހާދިސާއަށް ބަހަވީ ނަޒަރަކުން ކަޅިއެއް

ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާންދީން ގަބޫލު ކުރި ކުރުމަކީ ދިވެހި ތާރީހުގެ މުޅިން އައު ބާބެއްގެ ފެށުމެވެ. އެއީ ދިވެހި ތާރީހުގައި ހިނގާފައިވާ އެންމެ މުހިއްމު އެއް ހާދިސާއެވެ. އެހެން ކަމުން މި ހާދިސާއާ ބެހޭ ގޮތުން ތަފާތު އެކިއެކި ދިރާސީ އުސްލޫބުތައް ބޭނުން ކޮށްގެން ދިރާސާކޮށް ބަލައި ހޯދުމަކީ ވަރަށް ވެސް މުހިއްމު ކަމެކެވެ.

ބަހުގެ އެޓިމޮލޮޖީ އާއި ފިލޮލޮޖީ ފަދަ އިލްމުތަކުގެ އަލީގައި މިފަދަ ދިރާސާތައް ކުރުމަކީ އިލްމީ މައިދާނުގައި މިހާރު ވަރަށް ބޮޑަށް ތަރުހީބު ދެވޭ ކަމެކެވެ. ތާރީހާ ގުޅުން ހުރި ކަންތައްތައް ދިރާސާ ކުރަމުން ދާ އިރު، ބަހުގެ ލަފްޒުތަކުގެ ތެރެއިން އެ ކަމަކާ ގުޅުން ހުރި ބަސްކޮށާރުގައި ހިމެނޭ ލަފްޒުތަކަކީ “ފޮސިލްއެއް” ގޮތުގައި ތާރީހު އިލްމުވެރިން ސިފަ ކުރައްވައެވެ. މިސާލަކަށް، ބައެއްގެ ދިރިއުޅުމުގެ އަސާސީ ކަންކަމާ ގުޅިގެން ބޭނުން ކުރާ ބަސްކޮށާރުގައި ހިމެނޭ ލަފްޒުތައް ދިރާސާ ކޮށް، އެ ލަފްޒުތައް ހަމަ އެ މާނައިގައި ބޭނުން ކުރަނީ އެހެން ކޮން ބަހެއްގައިތޯ ބަލައި ދިރާސާ ކޮށްގެން، އެ ބަޔަކާ އެންމެ ގުޅުން ހުރި ގަބީލާތަކާއި ވަންހަތަކަކީ ކޮބައިކަން ހޯދިދާނެއެވެ.
   

ދިވެހިރާއްޖެ އިސްލާމް ވީ ހާދިސާ ވެސް ބަހުގެ އަލީގައި ދިރާސާ ކުރުމުން، މި ހާދިސާއާ ބެހޭ ގޮތުން މިހައިތަނަށް ޖަވާބު ނުލިބި ހުރި އެތައް ސުވާލަކަށް ޖަވާބު ލިބުމުގެ ފުރުސަތު އެބަ އޮތެވެ. “ރަންނަމާރި ވާހަކަ”އިގެ ހަގީގަތަކީ ކޮބައިކަމާއި ދިވެހިރާއްޖެއަށް އިސްލާމް ދީން ގެންނެވި ބޭކަލަކު ނިސްބަތް ވަނީ ކޮންތަނަކަށްކަން ދެނެގަތުމަށް ޓަކައި ބަހުގެ އަލީގައި ކުރެވޭ މި ފަދަ ދިރާސާއަކަށް ވަނީ ވަރަށް ބޮޑަށް ބޭނުން ވެފައެވެ. 
މި ލިޔުމަކީ މި ނަޒަރުން މި ހާދިސާގެ މައްޗަށް ބަލައިލުމަށް ކުރެވިފައި ވާ މަސައްކަތެކެވެ. މި ގޮތުން މި ލިޔުމުގައި ބަލައިލާނީ ރަންނަމާރި ވާހަކައިގެ މައްޗަށެވެ.
   

ދިވެހިރާއްޖެ އިސްލާމް ވުމާ ގުޅޭ ގޮތުން ކިޔެމުން އަންނަ ރަންނަމާރި ވާހަކައަކީ ބޭރު ފުށުން ބަލާއިރު އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫނެވެ. އެ ވާހަކައަކީ ބުއްދިއަށް ގަބޫލު ނުކުރެވޭ ފަދަ އެތައް ކަމެއް މަސްހުނި ވެފައި އޮތް ވާހަކައެކެވެ. އެހެން ނަމަވެސް އެ ޒަމާނުގައި ދިވެހިރާއްޖޭގައި އޮތް ދީނާއި ސަގާފަތާއި އާދަކާދައާ އެއްގޮތަށް ކަންކަން އޮތް އެހެން ތަންތަނުގައި ހިނގާފައި ވާ ހާދިސާތަކަށް ބަލާއިރު، ރަންނަމާރި ވާހަކައާ އެ ހާދިސާތަކާ އެއްގޮތްކަމެއް ހުރި ކަން ފާހަގަ ކުރެވެއެވެ. އާންމުކޮށް މިފަދަ ތާރީހީ ކޮންމެ ފުލޯކު ވާހަކައެއްގެ ވެސް އަސްލަކީ ކޮންމެވެސް ހަގީގީ ހާދިސާއެކެވެ.
   

އެންމެ ފުރަތަމަ “ރަންނަމާރި” މި ލަފްޒުގެ މާނައަށް ބަލަމާ ހިނގާށެވެ. “ރަންނަމާރި” މި ލަފްޒަށް ބަލާއިރު “ރަންނަ” މިއީ ސެންސްކްރިތު ބަހުން އައިސްފައި ވާ ލަފްޒެކެވެ. “ރަންނަ” މި ލަފްޒުގެ އަސްލަކީ “ރައްތްނަ”އެވެ. ލަފްޒުގެ އަސްލުގައި ތާސުކުނެއް އޮތް ކަމުގައި ވިޔަސް، ދިވެހި ބަހުގައި ތާސުކުނަކީ ސިފަރުސުކުންތައް ކަމުގައިވާ “އުނިތޮށި” މި ބައިގައި ހިމެނޭ ސުކުނެއް ކަމުން، އެ ސުކުނުގެ އަސްލު އަޑު ގެއްލިގެންދާ ސުކުނެކެވެ. އެހެން ކަމުން ތާސުކުން، އެއާ ޖެހިގެން އޮތް ނޫނާ އެކުވެ، ނޫނުސުކުނެއްގެ އަޑަށް ބަދަލުވެގެން ދިޔައީއެވެ. “ރަންނަ” މި ލަފްޒުގެ މާނައަކީ ޖަވާހިރު، ބޮޑު، މަތިވެރި އަދި ދޭވަތާއެވެ. ވަރަށް ފަހަކާ ޖެހެން ދެން ވެސް ދިވެހިން “ރަންނަ” މި ލަފްޒު، ބޮޑު، ގަދަރު ލިބިގެން ވާ، އަދި މަތިވެރި މި މާނައިގައި ބޭނުން ކޮށްފައި ވެއެވެ. “ރަންނަ ބަނޑޭރި” ފަދަ ލަފްޒުތަކުން ވެސް މި ކަން އެނގެއެވެ. “ރަންނަމާރި” މި ލަފުޒުގެ ދެވަނަ ބައި ކަމަށް ވާ “މާރި” ގެ އަސްލަކީ “މާރް”އެވެ. މާނައަކީ ބޮޑުފެންގަނޑު، ކޯރު ނުވަތަ ކަނޑެވެ. 
   

ބަހުގެ އިލްމުވެރިން ދިވެހިބަސް ހިމަނުއްވާފައި ވަނީ އިންޑޯޔޫރަޕިޔަން އާއިލާގެ ބަސްތަކުގެ ތެރޭގައެވެ. “މާރް” މި ލަފްޒަކީ ޕްރޮޓޯ-އިންޑޯޔޫރަޕިޔަން ބަސްކޮށާރަށް ނިސްބަތްވާ ލަފްޒެކެވެ. މިއަދު ވެސް އިންޑޯޔޫރަޕިޔަން އާއިލާއަށް ނިސްބަތްވާ ބަސްބަހުގައި “މާރް” މި ލަފްޒު، ކަނޑުގެ މާނައިގައި އެބަ ބޭނުން ކުރެއެވެ. ފަރަންސޭސި ބަހުން ކަނޑަށް ކިޔަނީ “mer” އެވެ. ޖަރުމަނުބަހުން ކަނޑަށް ކިޔަނީ “meer” އެވެ. އިޓަލީ އަދި ރުމޭނިޔާބަހުން ކަނޑަށް ކިޔަނީ “mare” އެވެ. ޕޯޗުގީޒު އަދި ސްޕޭނުބަހުން ކަނޑަށް ކިޔަނީ “mar” އެވެ. އިނގިރޭސި ބަހުން ކަނޑާ ގުޅޭ ގޮތުން ބޭނުން ކުރާ “marine” އަދި “maritime” ފަދަ ލަފްޒުތަކުގައި އޮތް “mari” އާ ވެސް މިއާ ގުޅުން އެބަ ހުއްޓެވެ. 
   

މިކަމަށް ރިއާޔަތްކޮށް ބަލާނަމަ، އިލްމީގޮތުން އެންމެ އެކަށޭނަ ގޮތަކީ، ނުވަތަ “ޕްލޯޒިބަލް” ގޮތަކީ “ރަންނަމާރި”އަކީ “ކަނޑުގެ ދޭވަތާ” ކަމަށް ބެލުމެވެ. އާދެ، “ކަނޑު ކަލާނގެ”އެވެ. ތަމަޅައިންގެ ތެރޭގައި “މާރި” އަކީ ނުވަތަ “މާރިޔައްމާ” އަކީ “މާރި މަންމަ” ނުވަތަ “މާރި ކަލާނގެ” އެވެ. މަރާޓީހ ބަހުން ކިޔަނީ “މާރި އާއި” އެވެ. މީގެ މާނައަކީ “ކަނޑު މަންމަ” އެވެ. މިއީ އުތުރު އިންޑިޔާގައި ގަންގާ ކޯރަށް، “ގަންގާ މާނ” ނުވަތަ “ގަންގާ މަންމަ” އޭ ކިޔާ ފަދައިންނެވެ. އިންޑިޔާގެ ޓެމިލްނާޑޫ އާއި، މަހާރާޝްތްރާ އާއި އަންދްރަޕްރަދޭޝް އަދި ކަރްނާޓަކާގައި “މާރި” ކަލާނގެއަކީ ވަރަށް މަގުބޫލު ކަލާނގެއެކެވެ. އަދި “މާރި ކަލާނގެ” އަކީ އިންޑިޔާ އާއި ސިލޯނުގައި ލޭގެ ގުރުބާން ހާއްސަކުރެވޭ ކަލާނގެއެކެވެ.
   

ރަންނަމާރިއަށް ގުރުބާން ކުރުމަކީ ކަނޑުގެ ދޭވަތާއަށް ގުރުބާން ކުރުމެވެ. މިއީ ބޫދިއްޔަތާއި ހިންދޫ ދީނުގެ ސަގާފަތް އޮތް އެހެން ތަންތަނުގައި ވެސް ކޮށްފައި ވާ ކަމެކެވެ. މި ނޫން އެހެން ގަދީމީ ސަގާފަތްތަކުގައި ވެސް މިފަދަ އާދަތައް ހުއްޓެވެ. މިސްރުގެ ގަދީމީ ތާރީހުގައި ނީލަކޯރަށް ވެސް ބިކުރުވެރި އަންހެން ކުދީން ގުރުބާން ކުރެވެމުން ދިޔަ ކަން ތާރީހީ ފަތްފުށްތަކުން އެނގެއެވެ. މިސްރު މީހުންނަށް ނީލަކޯރު މުހިއްމު ވާ ފަދައިން، ހިންދޫންނަށް ގަންގާކޯރު މުހިއްމު ވާ ފަދައިން، ދިވެހި ކަނޑަކީ ދިވެހިންނަށް މުހިއްމު ތަނެކެވެ. އެހެން ކަމުން “ކަނޑުގެ ދޭވަތާއެއް” ނުވަތަ “ކަނޑުގެކަލާނގެއެއް” އެއިރުގެ ދިވެހިންގެ އަގީދާގެ ތެރޭގައި ވުމަކީ ވަރަށް ބޮޑަށް އެކަށީގެން ވާ ކަމެކެވެ. 
   

މި ދެންނެވި ނުކުތާތަކަށް ވިސްނާލުމުން، އެއިރު ދިވެހިން ވެސް ބިކުރުވެރި އަންހެން ކުއްޖަކު ގުރުބާން ކުރަމުން ދިޔައީ ދިވެހިންގެ “ކަނޑު ކަލާނގެ”އަށް ކަމުގައި ގަބޫލުކުރަން ޖެހޭ ސަބަބުތައް ފެނެއެވެ. 
   

ދިވެހިންގެ ތެރެއިން ބައެއް މީހުން މިހާރު ދެކޭ ގޮތުގައި “ރަންނަމާރި”އަކީ އޭރު ހުންނެވި ރަސްގެފާނެވެ. އެހެން ނަމަވެސް އެ ޒަމާނުގެ އާދަކާދަތަކަށް ބަލާއިރު ވެސް، އަދި މިހާރަށް ބަލާއިރު ވެސް ރަސްކަން އޮންނަ ތަންތަނުގައި “ރަދުންނަށް ހާސް އަނބީން ހުއްދަ”ކަން ރައްޔިތުން ލޮލުންބޮލުން ގަބޫލު ކުރެއެވެ. އެހެން ކަމުން “ރަންނަމާރި”އެއްގެ ނިވަލުގައި ހުންނަވައިގެން އެ ފަދަ ކަމެއް ކުރުއްވާކަށް ރަސްކަލަކަށް ޖެހިވަޑައެއް ނުގަންނަވާނެއެވެ. ރަސްގެފާނު ބޭނުންފުޅުވެގެން ވިދާޅުބަސްފުޅު އިއްވައިފި ނަމަ، އަމިއްލައަށް، ރުހުމުގައި އެމީހުންގެ ދަރީން ރަދުންނަށް ވެދުމަށް އެރުވުމަކީ މައިންބަފައިން ވެސް ފަހުރުވެރިކަމާ އެކު ކުރާނެ ކަމެކެވެ. “ރަންނަމާރި”އެއްގެ ނިވަލުގައި މިކަހަލަ ކަމެއް ކުރަން ޖެހޭނީ އެ ނޫން ގޮތެއް ނެތް މީހުންނެވެ. މި ގޮތުން ބަލާއިރު މިފަދަ މަޖުބޫރީ ހާލަތެއްގައި ތިބޭ ބަޔަކީ “ކައިވެނި ފަދަ އިންސާނީ އެދުންތަކުން ދުރުވެގެން ތިބޭ މާތް ސަގުން”ނެވެ. ހަމަ އެހެންމެ “ރަންނަމާރި”އަށް ވެދުން ކުރެވޭ ކުއްޖާ ގެންދެވެނީ ބުދުކޯލަށް ކަމަށް ވާތީ ވެސް މި ކަން އިތުރަށް ކަށަވަރު ވެގެން ދެއެވެ. އެ ޒަމާނަކީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ދީނުގެ މާތް މީހުން ނުވަތަ ސަގުންނަކީ ކަލާނގެތަކުގެ ފަރާތުން ތިބޭ ނާއިބުން ކަމުގައި ގަބޫލުކުރެވުނު ޒަމާނެވެ. މުޖުތަމައުގެ އެންމެ މަތީ ފަންތީގައި ތިބެނީ ސަގުންނެވެ. ރަސްރަސްކަލުން ވެސް ތިއްބަވަނީ އޭގެ ދަށުގައެވެ. އެހެންވީމާ ފައްޅީގައި ނުވަތަ ބުދުކޯލުގައި ހިނގާ މިފަދަ ކަމެއްގެ ރާހަތު ރަސްގެފާނަށް ކުރުމަކީ ވަރަށް ދުރުކަމެކެވެ. އަނެއްކާ، ރަސްގެފާނު ކުރައްވާ ކަމެއް ބުދުކޯލުގައި، އެއްކަލަ “ސަގުން”ގެ ނޯށްދަށުގައި ކުރައްވަންވީ ސަބަބަކީ ކޮބައިބާވައެވެ؟ 
   

ހަގީގަތުގައި އެ ގޮތަށް ގުރުބާން ކުރެވޭ ތާހިރު ކުދީންގެ “ފޮނި މީރުކަން ހާސިލު ކުރަނީ” ފައްޅިތަކާއި ކޯލުތަކާއި ގިރިޖާތަކުގައި ތިބޭ ހާމުދުރުންނެވެ. ސަގުންނެވެ. ކައިވެނި ކުރުމަކީ އެއުރެންނަށް ހުއްދަ ވެގެން ވާ ކަމަކަށް ނުވާތީ، އެއުރެންގެ އެތެރެހަށީގެ ހޫނުކަން ފިނިކުރަނީ “ރަންނަމާރީ”ގެ އެހީގައެވެ. މި ގޮތުން “ރަންނަމާރި”ތަކަށް ވެދުން ކުރެވޭ ކުދީންގެ ފުރާނައާ އެ ކުދީންނަށް އަލްވިދާ ކިޔަން ޖެހެނީ، “ރަންނަމާރީ”ގެ ނާޗަރަންގީ ނިމޭ ފަހުން އެ ކުދީން ދިރި ތިބެއްޖެ ނަމަ “ރަންނަމާރީ”ގެ ހަގީގަތް މީހުންނަށް އެނގި، “ނަފްސުގެ އެދުންތަކުން ދުރު ވެގެން ތިބޭ މާތް ސަގުންނަށް” މީހުން ކުރާ އިތުބާރާއި ގަދަރު ގެއްލިގެން ހިނގައިދާނެތީ، އެ “މަތިވެރި ސިއްރު” ހިފެހެއްޓުމަށެވެ. ރާއްޖޭގައި މިކަންތައް ހިނގާފައި ވަނީ މިގޮތަށް ކަމަށް ވުން، އިލްމީ ވިސްނުމަކުން ބަލާއިރު ވަރަށް ގާތް ކަމަށް ބަލަން ޖެހެނީ ރާއްޖެ ފަދަ އެހެން މުޖުތަމައުތަކުގައި އެކަހަލަ ކަންތައް ހިނގާފައިއޮތް ގޮތަށް ބަލައިލުމުންނެވެ. ރާއްޖެ ފަދައޭ މި ދެންނެވީ ދީނީ ސަގާފަތަށް އިޝާރާތްކޮށެވެ. އެންމެ މިސާލެއް ދަންނަވާލާނަމެވެ. މުސްލިމުން އިންޑިޔާގެ ސޯމްނާތު ފަތަހަ ކުރި އިރު، އެ ތަންތަނުގައި ވެސް ބިކުރުވެރި އަންހެން ކުދީން ދިޔައީ “ރަންނަމާރި” އަށް ގުރުބާން ކުރެވެމުންނެވެ. އަދި އެ ތަންތަނުގައި އުޅެމުން ދިޔަ “ރަންނަމާރި”ތަކުގެ ހަގީގަތް ވަނީ މީހުންނަށް ހާމަ ވެފައެވެ.
   

މި ހިސާބުން ދެން އުފެދޭ ސުވާލަކީ “ރަންނަމާރި” އަކީ އޭރުގެ ދިވެހިންގެ އަގީދާގައި ކަލާނގެއެއް ކަމުގައި ވާނަމަ، “ރަންނަމާރި”އޭ ބުނުމުން ޖިންނި ފުރޭތައެއްގެ ގޮތުގައި މިހާރު ސިފަ ކުރެވެނީ ކީއްވެ ބާވައެވެ. ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް، ކުރީން ތިބި ދީން ބަދަލުވުމުން ކުރީގެ ދީނުގެ ކަލާނގެތަކުގެ ނަންތަކަކީ ޖިންނި ޝައިތާނުން ނުވަތަ ބިރުވެރި ފުރޭތަތަކުގެ ނަންތަކުގެ ގޮތަށް ބަދަލުވެގެން ދިއުމަކީ އާންމު ކަމެކެވެ. މިސާލަކަށް ފާރިސްކަރައަށް އިސްލާންދީން އައުމުން އެމީހުންގެ ކުރީގެ ކަލާނގެތަކަށް ކިޔާފައިވާ ނަންތައް ކަމުގައިވާ “ދޭވާ” ފަދަ ނަންތަކަކީ ބިރުވެރި އެއްޗެއްސަށް ކިޔާ ނަންނަމަށް ބަދަލުވެގެން ދިޔައެވެ. މިއަދު ވެސް އިންޑިޔާގައި “ދޭވާ” ނުވަތަ ދޭވަތާއަކީ ކަލާނގެއެވެ.

 

އެހެން ކަމުން ދިވެހިންގެ އިހުގެ އަގީދާގައި ކަލާނގެއެއްގެ ގޮތުގައި ބެލެވުނު ރަންނަމާރި ވެސް ބިރުވެރި އެއްޗަކަށް ބަދަލުވެގެން ދިޔައީ މިގޮތުން ކަމަށް ގަބޫލުކުރެވެއެވެ. އަދި ހަމަ އެހެންމެ ކަނޑަށް އިހުތިރާމްކޮށް އަޅުކަންކޮށް އުޅުނުކަން ދޭހަވާ ބައެއް އަމަލު މިހާރުވެސް ދިވެހިންގެ ތެރެއިން ފިލައިގެން ނުގޮސް އެބަ ހުއްޓެވެ. ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވި މަޝްހޫރު ފަރަންސޭސި ދަތުރުވެރިޔާ ފްޣޮންސްވާ ޕިޣާދް ދު ލަވާލް (ޕިރާޑް) ވެސް ވަނީ މިކަން ފާހަގަކުރައްވާފައެވެ. ކަނޑަށް މާ ދެއްކުމާއި، ބައެއް ބާވަތުގެ ސޫފި ކަތިލައި ކަނޑަށް ލޭ ދެއްކުން ފަދަ ކަންތައް އަދިވެސް ދިވެހިންގެ ތެރެއިން ފަންޑިތަ ހަދާ ބައެއް މީހުން ކުރެއެވެ. މިފަދަ އާދަ ތަކަކީ މާ އިހުއްސުރެ ވާރުތަވަމުން އައިސްފައި ހުރި އާދަތަކެވެ. އެހެން ކަމުން “ރަންނަމާރި” އަށް އިހުތިރާމްކުރުމުގެ ކަންތައް އަދިވެސް ދިވެހިންގެ ތެރޭގައި ކޮންމެވެސް ވަރަކަށް އެބަ އޮތްކަމަށް ބުނުމުގެ ފުރުސަތު އެބައޮތް ނޫންތޯއެވެ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.