މި ފަސްގަނޑުން އިސްލާމްދީން ފުހެލުމަށް މަސައްކަތް ކުރުމަކީ ކަރުނައަޅައި ރޯން ޖެހޭކަމެއް

މިއަދަކީ  މާތްﷲ އަޅުގަނޑުމެންނަށް އިސްލާމުދީނުގެ މަތިވެރި ހިދާޔަތު ދެއްވި ކަމަށް ތާރީޚު ބުނާ ދުވަހެވެ. އަޅުގަނޑުމެންގެ  ކާބަފައިން އިސްލާމްދީނުގެ މަތިވެރި ޢަޤީދާ ރަސްމީކޮށް ބަލައިގަތީ ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހެއް ގައެވެ.  އިސްލާމުދީނަކީ މާތްﷲ ބަޔަކަށް ދެއްވާ  އެންމެ ބޮޑު ނިޢުމަތް ކަން މިއަދު އަޅުގަނޑުމެން ހަނދާން ކުރަން ޖެހޭނެއެވެ.

އިސްލާމުދީނުގެ މަތިވެރި ހިދާޔަތު ދެއްވި ކަމަށް ޓަކައި އެކަލާނގެއަށް އަޅުގަނޑުމެން ޝުކްރު ދަންނަވަން ޖެހެއެވެ. ޖާހިލުކަމާއި ޝިރުކުގެ އަޅުވެތިކަމުން ސަލާމަތް ކޮށްދެއްވިކަމަށް ޓަކައެވެ. ޙައްޤު ދީނުގެ އަހްލުވެރިން ކަމުގައި ލެއްވި ކަމަށް ޓަކައެވެ. ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިން ކަމުގައި ވެވޭނެ މަގު ތަނަވަސްކޮށް ދެއްވި ކަމަށް ޓަކައެވެ.

އިސްލާމްދީނަކީ އެންމެހާ ޢާލަމުތަކަށް ރަޙްމަތެއްކަމުގައި މާތްﷲ ބާވައިލެއްވި ދީނެވެ. އެ ދީނަކީ އަޅުގަނޑުމެންގެ  މުޅި ޙަޔާތް އެ ދީނުގެ އުޞޫލުތަކާ އެއްގޮތަށް ބައްޓަންކުރަން ޖެހޭ  ދީނެވެ. މާތްﷲ އިންސާނާއަށް ދެއްވި ސިކުނޑީގެ ބޭނުންކޮށްގެން އިންސާނުން މިއަދު މި ވަނީ މުޅި ދުނިޔެ ކުޑަކުޑަ ރަށަކަށް ބަދަލުކޮށް ލައިފައެވެ. ސައެންސާއި ޓެކްނޮލޮޖީގެ އުފެއްދުންތަކުގެ ސަބަބުން ދުނިޔެއަށް ބަދަލުތައް އަންނަމުންދަނީ ވަރަށް ހަލުވި ދުވެއްޔެއްގައެވެ.  މި ބަދަލުތަކުގެ އަސަރު މުޅި އިންސާނިއްޔަތަށް ދަނީ ކުރަމުންނެވެ.އެމީހުންގެ އުޅުމަށާއި ގުޅުމަށް އަދި އެމީހުންގެ އަޚްލާޤަށާއި ސުލޫކަށް މިކަމުގެ ނުބައި އަސަރުތައް ދަނީ ފޯރަމުންނެވެ.  މި ޓެކްނޮލޮޖީއާއި ރަށްވެހިކަމުގެ ސަބަބުން އިންސާނާގެ ޙަޔާތަށް މާއްދީ ގިނަގުނަ ފާގަތިކަމާއި އަރާމުތައް ލިބެމުން ދިޔަނަމަވެސް އޭނާއަށް ބޭނުންވާ ރޫޙާނީ ކާނާތައް ދަނީ މަދުވަމުން ފަޤީރުވަމުންނެވެ. އެހެންކަމުން މުޅި އިންސާނިއްޔަތު މިވަނީ ތެދު ދީނަށް އަލުން ބޭނުންވެފައެވެ. ދީނީ އަގުތައް އަލުން ދިރުވަން ވަނީ ޖެހިފައެވެ . އިންސާނާގެ ޙަޔާތަށް ހިތްހަމަޖެހުމާއި ބާއްޖަވެރިކަން ގެނެސް ދިނުމަށާއި  އިންސާނުންގެ ހިތްތަކުގައި އެކުވެރިކަމާއި އޯގާތެރިކަމާއި އެއްބަނޑު އެއްބަފައިކަމުގެ ޝުޢޫރުތައް އިންދައި ހެއްދުމަށްޓަކައި އިންސާނުންނަށް  މިއަދު މި ވަނީ އިސްލާމް ދީނަށް ބޭނުންވެފައެވެ.

މުޖްތަމަޢަކަށް ދީން ބޭނުންވަނީ ކީއްވެގެން

 އިންސާނާ އޭނާގެ އިންސާނިއްޔަތުކަމަށް އަބުރާ ގެންގޮސްދޭނެ އެއްޗަކީ އިސްލާމްދީން ކަމުގައިވާތީއެވެ.  އިންސާނާއާ އޭނާގެ އަޚު އިންސާނާއާ ދެމެދުގައިވާ އިންސާނިއްޔަތުކަމުގެ ގުޅުން ބަދަހިކޮށްދޭ އެއްޗަކީ ދީން ކަމުގައިވާތީއެވެ. ދީނަކީ ފަރްދުންނާއި ޢާއިލާއާއި މުޖްތަމަޢީ ކިޔާނުގެ މުޅި ނިޒާމެވެ.އެއީ އިންސާނާއާ އޭނާގެ މުޖްތަމަޢަށް ރަނގަޅު މަގު ދަސްކޮށްދީ ބަޔާންކޮށްދެއްވުމަށްޓަކައި ބާވައިލެއްވި ﷲގެ ރިސާލަތެވެ . އެއީ އިންސާނާގެ ފިޠުރަތުގެ ފެނެވެ . އޭނާގެ ޙަޔާތް އޮތީ އޭގެ މަތީގައެވެ. އޭނާއަށް ސާފުކަމާއި ތާޒާކަމާއި އާރޯކަން ލިބެނީ ދީނުގެ ސަބަބުންނެވެ. ބައިބައިވެފައި ތިބި ހަތުރުވެރި އަރަބިންތައް އެއްއުއްމަތަކަށްވެގެން ދިޔައީ އިސްލާމްދީނުގެ ސަބަބުންނެވެ. މާތްﷲ ވަޙީ ކުރައްވަނީ " وَٱعْتَصِمُوا۟ بِحَبْلِ ٱللَّـهِ جَمِيعًا وَلَا تَفَرَّقُوا۟  وَٱذْكُرُوا۟ نِعْمَتَ ٱللَّـهِ عَلَيْكُمْ إِذْ كُنتُمْ أَعْدَآءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِۦٓ إِخْوَٰنًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ ٱلنَّارِ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ ٱللَّـهُ لَكُمْ ءَايَـٰتِهِۦ لَعَلَّكُمْ تَهْتَدُونَ [1] - ތިޔަބައިމީހުން އެންމެން اللَّه ގެ دين ގައި ހިފަހައްޓާށެވެ! އަދި، ވަކިވަކިވެ ނުގަންނާށެވެ! އަދި، اللَّه ތިޔަބައިމީހުންނަށް ދެއްވި نعمة ތިޔަބައިމީހުން ހަނދުމަކުރާށެވެ! އެހެނީ، ތިޔަބައިމީހުން عداوة ތެރިން ކަމުގައިވަނިކޮށް، އެކަލާނގެ ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން، އެކަލާނގެ ދެއްވި نعمة ގެ ސަބަބުން ތިޔަބައިމީހުންނީ أخ ންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި، ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން، އެކަލާނގެ ތިޔަބައިމީހުން އެއިން سلامة ކުރެއްވިއެވެ. اللَّه، އެކަލާނގެ آية ތައް ތިޔަބައިމީހުންނަށް ބަޔާންކޮށްދެއްވަނީ، އެފަދައިންނެވެ. (އެއީ) ތިޔަބައިމީހުން ތެދުމަގު ލިބިގަތުމަށްޓަކައެވެ.  "

އިސްލާމްދީނަކީ މުސްލިމުންގެ ޙަޔާތުގެ އެންމެހާ ކަންތައްތައް އޭގައި ޝާމިލުވާ ފުރިހަމަ ބިނާއެކެވެ. އިސްލާމް ދީނަކީ މުސްލިމު އިންސާނާ ދުނިޔެއަށް އުފަންވާ ދުވަހުން ފަށައިގެން ގޮސް މި ދުނިޔެ ދޫކޮށް އުޚްރަވީ ޙަޔާތަށް ވާޞިލު ވަންދެން އޭނާގެ ހުރިހާކަމެއް ތަންޒީމުކޮށްދޭ މަންހަޖެކެވެ. މި ބިޔަ ބިނާގެ އަސާސަކީ އިސްލާމީ ޢަޤީދާއެވެ. ނުވަތަ ތައުޙީދެވެ.ކީރިތި ރަސޫލާ މައްކާގައި އިސްލާމް ދީނަށް ގޮވައިލެއްވުމުގައި  ހޭދަކުރެއްވި 10 އަހަރު، ހޭދަކުރައްވާފައި ވަނީ މި ޢަޤީދާ ދަސްކޮށްދެއްވައި ، އިސްލާމީ އުއްމަތުގެ އަފްރާދުން އޭގެ މަތީގައި ސާބިތު ކުރެއްވުމަށް  ޓަކައެވެ. އަޅުގަނޑުމެންގެ ދުޝްމަނުން މިއަދު މަސައްކަތް ކުރަނީ އަޅުގަނޑުމެންގެ މި ޢަޤީދާ ބަލިކަށި ކުރުމަށެވެ. އަޅުގަނޑުމެން މި ޢަޤީދާއާ ފޭކޮށް ދުރަށްލުމަށެވެ.  ތަފާތު ވަސީލަތްތަކުގެ ބޭނުން ކޮށްގެން . ފިކްރީ ހަނގުރާމައިގެ ސިފާގައި ފަތުރަމުންދާ ތަފާތު ޚިޔާލުތަކާއި ވަސްވާސްތަކުގެ ތެރެއިން ލައިފައެވެ. އަޅުގަނޑުމެންގެ ދުޝްމަނުން ޤަބޫލުކުރާ ގޮތުގައި މުސްލިމުން އެމީހުންގެ ދީނުން ބޭރުކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. މިހެންވެ، އެމީހުން މަސައްކަތް ކުރަނީ އަޅުގަނޑުމެންނާ އަޅުގަނޑުމެންގެ ދީނާ ބީރަށްޓެހި ކުރުވާށެވެ. އަޅުގަނޑުގެ ހިތްތަކުގައި އަޅުގަނޑުމެންގެ ދީނާ މެދު ޝައްކު އުފައްދައި ، އެ ދީނާ ދުރަށް ލެވޭތޯއެވެ.

ދީން ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭ

މިއަދު އަޅުގަނޑުމެން ދިވެހި ރާއްޖެ އިސްލާމްވި ދުވަސް މަތިން ހަދުމަކުރާ އިރު މި ލޮބުވެތި ވަޠަނުގައި މި ދީން ދެމެހެއްޓުމަށްޓަކައި ވަރަށް ބޮޑަށް ވިސްނަން ވަނީޖެހިފައެވެ. މި ޤައުމަކީ ސައްތަ އިން ސައްތަ އިސްލާމީ ޤައުމަކަށް ވާތީ އެކަމާ ނުރުހޭ ބަޔަކު އެބަ އުޅެއެވެ. މި ޤައުމު ސައްތަ އިން ސައްތަ ސުންނީ ދައުލަތަކަށް ވާތީ  އެކަމާ ދެކޮޅު ހަދާ ބަޔަކުވެސް  އެބަ އުޅެއެވެ. ދިވެހިރާއްޖެ އިސްލާމްވުމާއެކު ނަޞާރާއިން ރާއްޖެ އިސްލާމްދީނުން ބޭރަށް ނެރެވޭތޯ އެތައް މަސައްކަތެއް ވަނީ ކޮށްފައެވެ. އެންމެ ފާޅުކަން ބޮޑު ގޮތެއްގައި މި ކަން ކޮށްފައިވަނީ ޕޯޗްގީޒުންނެވެ. ބްރެޒީލާއި، މޮޒަމްބީގާއި އެންގޯލާ ފަދަ ޤައުމުތަކަށް އަރައި އެ ޤައުމުތައް ނަޞާރާ ކުރި ފަދައިން ރާއްޖެ ވެސް ގަދަކަމުން ނަޞާރާ ކުރެވޭތޯ ވަނީ މަސައްކަތްކޮށްފައެވެ.ޕޯޗްގީޒުންގެ މަސައްކަތް ނާކާމިޔާބުވެ ރާއްޖެ އިސްކަންމަތީ ދެމި އޮތީ ބޮޑުތަކުރުފާނުގެ އަގުހުރި ޖިހާދާއި މިންނަތް މަސައްކަތްޕުޅުގެ ސަބަބުންނެވެ.

ނަޞާރާ ކުރެވޭތޯ ކުރާ މަސައްކަތް ވަރަށް ކެހިވެރި

  ދިވެހިރާއްޖެއަށް އަމާޒުކޮށްގެން މި ޒަމާނުގައި ނަޞާރާއިން މަސައްކަތް ކުރަނީ ވަރަށް މަކަރުވެރި ކެހިވެރި ޢިލްމީ ރޭވުންތަކުގެ ތެރެއިންނެވެ. އެމީހުންގެ ރޭވުންތަކުގެ ތެރެއިން އެއް އަމާޒަކީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި  ރާއްޖޭގެ މުސްލިމުންކޮޅެއް  ނަޞާރާ ދީނަށް ވައްދައި ރާއްޖޭގެ ސައްތައިން ސައްތަ އިސްލާމީވަންތަކަން ނައްތައިލުމެވެ. ނަސާރާއިން އެ މީހުންގެ ދީން ރާއްޖޭގައި ފެތުރުމުގެ މަސައްކަތް ކުރަމުން ދަނީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ބޭނުންކޮށް ގެންނެވެ. ނަޞާރާއިން މުސްލިމުން ހިތްތަކަށް ވެރިވެ ގަތުމަށް ޓަކައި ފައިސާއާއި، ސިޔާސީ ނުފޫޒާއި ، ޑިމޮކްރަސީއާއި މިނިވަންކަމުގެ ޒަމާނީ އޮފުދާރު ޝިޢާރުތައް ބޭނުން ކުރެއެވެ.

ދުނިޔޭގެ ތާރީޚުން އެނގޭ ގޮތުގައި އެބައެއްގެ ތެރެއިން ދީން ނެތިވެ ހިގައްޖެ ނަމަ  އެބަޔަކު ވެސް ވީރާންވެގެން ހިގައިދާނެއެވެ.  ޤައުމެއްގެ ބަޔަކު އެ ބައެއްގެ ދީނާ ދުރަށް ދިޔަވަރަކަށް އެ ބަޔަކު ވެއްޓި ވެއްޔާ މޮޑެވިގެންދާނެއެވެ.  މީސްތަކުން ދީނާ ދުރުހެލިވަމުން ދިޔަ ވަރަކަށް އެމީހުންގެ ސުލޫކާއި އުޅުންތައް ނުބައިވެ ވަލުޖަނަވާރުގެ ފެންވަރަށް  އެ ބަޔަކު ވެއްޓިގެން ދާނެއެވެ. އެބައެއްގެ ރީތިކަން  ބޭރުފުށުން  ފެނުނަސް އެބައެއްގެ އެތެރެ  އޮންނާނީ ހޮއިހެދި ބައުހެދިފައެވެ.

ކުރިއެރުން އޮތީ ދީނުގައި ހިފެހެއްޓި ވަރަކުން

އަޅުގަނޑުމެންގެ ސިޔާސީ ، އިޖްތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުމުގެ ލަގަން އޮތީ އަޅުގަނޑުމެންގެ ދީނުގައި ހިފެހެއްޓި މިންވަރެއްގެ މަތީގައެވެ. އަޅުގަނޑުމެންގެ ތާރީޚު ބުނާގޮތުގައި މުސްލިމުން ކުރިއަރާފައިވަނީ އިލާހީ ހިޔާވަހިކަމުގައި އެމީހުން އުޅުނު ދުވަސްވަރުގައެވެ. އެ ދުވަސްވަރު އެމީހުންނަކީ ދުނިޔޭގެ އެންމެ ބާރުގަދަ އުއްމަތެވެ. މި ދީނާ އަޅުގަނޑުމެން ދުރުހެލިވުމުގެ ސަބަބުން އަޅުގަނޑުމެން ވަނީ ނިކަމެތިވެފައެވެ.އަޅުގަނޑުމެން ވަނީ ބައިބައިވެފައއެވެ.އަޅުގަނޑުމެން ވަނީ ނުކުޅެދުންތެރިވެފައެވެ. އަޅުގަނޑުމްން ވަނީ އެހެން މީހުންގެ މައްޗަށް ބަރޯސާވެފައެވެ. އަޅުގަނޑުމެންގެ ލޮބުވެތި ރަސޫލާ މުޙައްމަދުގެފާނު މީލާދީން 622 މ. ވަނައަހަރު ބިނާކުރެއްވި އުއްމަތަކީ ލާމަސީލު ބައްޓަމެއް ލިބިގެންވާ ވިލުންތެރި ދިރުންތެރި އުއްމަތެކެވެ. ކުރިއެރުމަށާއި  ޙަޟާރަތަށް ބޭނުންވާ ހުރިހާ ބަހާތަކެއް ހިމެނޭ އުއްމަތެކެވެ.އެއީ އީމާންކަމާއި ޢަޤީދާއާއި އޯގާވެރިކަމާއި ލޯތްބާއި ކުލުނުގެ މަތީގައި އޮތް އެއްބަނޑުއެއްބަފައި އުއްމަތެކެވެ.  އެހީއަކަށް މުސްލިމަކު ގޮވައލައިފިނަމަ ހުރިހާ މުސްލިމުން ހޭވައްލާ ތައްޔާރޭ ބުނެ އެ މީހަކަށް އެހީވުމަށް ދުއްވައުގަންނަ އުއްމަތެކެވެ.

މިއަދު އަޅުގަނޑުމެން އެންމެހާ  ދިވެހިން ، ދިވެހިންގެ ގޮތުގައި އިސްލާމު ދީނުގެ ހިދާޔަތުގައި ތިބުމަށް ޢަޒްމު ކަނޑައަޅަން ވަނީ ޖެހިފައެވެ.  އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދެއްވާފައިވާ އިސްލާމުދީނުގެ އަމާނަތް ކުރިއަށް އޮތް ޖީލުތަކާ ހަމައަށް އަދި ކީއްތޯ! އާޚިރަތާ ހަމައަށް ރައްކައުތެރިކޮށް ދަމަހައްޓަން ވަނީ ޖެހިފައެވެ. އަޅުގަނޑުމެންގެ މުޖްތަމަޢު އަމާން އޮމާން މުޖްތަމަޢަކަށް ހެދޭނީ އިސްލާމީ އުޞޫލުތަކުގައި ހިފަހައްޓައިގެންނެވެ.މި އުޞޫލުތަކާ އެއްގޮތަށް އަޅުގަނޑުމެންގެ ނަފްސުތައް ދިރުވައިގެންނެވެ. މި ދީން މި ފަސްގަނޑުން ފެހެލުމަށް މަސައްކަތް ކުރުމަކީ ކަރުނައަޅައި ރޯން ޖެހޭނެ ކަމެކެވެ. ސަހަރޯއޭ ގޮވައި އެކަމާ ދެކޮޅަށް ނުކުންނަން ޖެހޭނެ ކަމެކެވެ.


[1]  - آل عمران :  103

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.