ޤާސިމަކީ މައުސޫމު ބޭފުޅެއް، އިސްތަށިފުޅުގައި އަޅުވަނީ ދޮގު ތުހުމަތު: ނިހާން

ޖުމްހޫރީޕާޓީ (ޖޭޕީ) ލީޑަރު ޤާސިމް އިބްރާހީމަކީ މައުސޫމް ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ އިސްތަށިފުޅުގައި އަޅުވަމުން ގެންދަވަނީ ދޮގު ތުހުމަތުތަކެއް ކަމަށް ޖޭޕީގެ މެމްބަރު އަޙުމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ކުރިން ޕީޕީއެމްގެ އިސްމަޤާމުތަކެއްގައި ހުންނަވައި ޤާސިމަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައިވާ ނިހާން ޖޭޕީއަށް ބަދަލުވެ މިހާރު ގެންދަވަނީ ޤާސިމްގެ ދިފާޢުގައި ވަރުގަދަ ކެމްޕޭނެއް ކުރައްވަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޙުކުމުގެ ފަހަތުގައި ހުންނެވީ ޤާސިމް ކަމަށް ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ އިސްބޭފުޅުން ވަނީ ތުހުމަތު ކުރައްވައިފައެވެ. އެހެންނަމަވެސް ނިހާން ވިދާޅުވީ ޤާސިމްގެ އަތެއް އެކަމުގައި އެއްވެސް ވަރަކަށްނެތް ކަމަށެވެ. އެއްވެސް މީހަކަށް އެފަދަ އަނިޔާއެއް ވުމަށް ޤާސިމް އެދިވަޑައިނުގަންނަވާނެ ކަމަށެވެ.

"ޤާސިމަކީ ރައީސް ޔާމީން ވެސް އަދި އެހެން ބޭފުޅަކު ވެސް ޖަލަށްލުމަށް ނުވަތަ އަނިޔާއެއް ދިނުމަށް އެމަނިކުފާނުގެ އިނގިލި ވެސް އުފުއްލަވާނެ ބޭފުޅެއް ނޫން" ނިހާން ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލަށްލެއްވުމަށްފަހު އޭގެ ފައިދާ ނަންގަވައި ޕީޕީއެމް "ޖަހައިގަންނަން" ޤާސިމް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުވެސް ޤާސިމްގެ މައްޗަށް ވަނީކޮށްފައެވެ. އެހެންނަމަވެސް ނިހާންވަނީ އެކަން ވެސް ދޮގުކުރައްވައިފައެވެ. "ޤާސިމް އަބަދުވެސް ހިންގަވާނީ އެއްވެސް މީހަކަށް އަނިޔާއެއް ނުލިބޭނެ މަގުން" ކަމަށްވެސް ނިހާން ވިދާޅުވިއެވެ.

ޕީޕީއެމް ޖަހައިގަންނަން" ޤާސިމް މަސައްކަތް ކުރައްވާކަމުގެ ތުހުމަތުން ޤާސިމް ބަރިއްޔަވާ ކަމަށާއި އެމަނިކުފާނަކީ އަމިއްލަ ޕާޓީއެއް އަމިއްލަ ބިމެއްގައި އޮފީސް ހައްދަވައިގެން ހިންގަވާ ބޭފުޅެއް ކަމަށް ނިހާން ވިދާޅުވިއެވެ.

"ރާއްޖޭގެ އެއްވެސް ސިޔާސީ ޕާޓީއެއް ނޯންނާނެ އެ ޕާޓީއެއްގެ އަމިއްލަ އިދާރާއެއް އަމިއްލަ ބިމެއްގައި ހުރި ޕާޓީއެއް ޖޭޕީ ނޫނީއްޔާ،" ނިހާން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.