ރައީސް ޔާމީން ދޫކޮށްލުމަށް އެދި މަޖިލީހުގައިވެސް އިހުތިޖާޖު

މަނީލޯންޑަރިންގެ ދަޢުވާ ސާބިތުވެ މިހާރު ޖަލުގައި ފަސް އަހަރުގެ ޙުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދޫކޮށްލެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގައި ވެސް އަޑު އުފުލައިފިއެވެ.

އެމަނިކުފާނަށް ތާއިދު ކުރައްވާ މެމްބަރުން ގޮވާލައްވަމުން ގެންދެވީ ރައީސް ޔާމީން ހުންނެވީ ސިޔާސީ ބަންދެއްގައި ކަމަށެވެ. އެމަނިކުފާނުގެ މައްޗަށް ދައުލަތުން ކުރެއްވި ދަޢުވާއަކީ ވެސް ސިޔާސީ ދަޢުވާއެއް ކަމަށް އެމްބަރުން ދިޔައީ ބުނަމުންނެވެ. އަދި އެމަނިކުފާނު ބަންދުގައި ބަހައްޓާފައިވަނީ ވެސް ޤާނޫނާ ޚިލާފަށް ކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީނަށް ތާއިދު ކުރައްވާ މެމްބަރުން އެމަނިކުފާނު ދޫކޮށްލަން އެދި ގޮވާލައްވަމުން ގެންދެވީ އެމަނިކުފާނުގެ ފޮޓޯ ޖަހާފައިވާ ޕޯސްޓަރުތައް ހިފައިގެން ތިބެއެވެ.

ރޭވެސް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންވަނީ މަގުމައްޗަށް ނުކުމެ ރައީސް ޔާމީން ދޫކޮށްލުމަށްއެދި ގޮވާލައި އިހުތިޖާޖުކޮށްފައެވެ. މިއީ އެ ކޯލިޝަނުން މިހާރު ކޮންމެ ރެއަކު ކުރިއަށް ގެންދާ އިހުތިޖާޖެކެވެ. ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޙުކުމެއް އިއްވައި ފަސް މިލިއަން ރުފިޔާއިން ވަނީ ޖޫރިމަނާވެސް ކޮށްފައެވެ. އަދި އެފައިސާ 6 ތެރޭގައި ދެއްކުމަށް ވެސް ޙުކުމުގައި ވަނީ ބުނެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.