ޢުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ކޯޓުން ބޭރުގައި މީހަކާ ކައިވެނިކޮށްގެން ބަނޑު ބޮޑުވެފައިވާ ކަމަށް މިޑިއާގައި ފެތުރެމުންދާ ޚަބަރާބެހޭ ސާފު މަޢުލޫމާތު ފުލުހުން ދެއްވައިފިއެވެ.
ފުލުހުން ޢާއްމުކޮށްފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ މިހާތަނަށް ބެލިބެލުމުން ކައިވެނީގެ ގޮތުން އެކުއްޖާ އެއްވެސް މީހަކާ ގުޅިފައިވާކަމެއް އެނގޭކަށްނެތް ކަމަށެވެ. "މިމައްސަލައާ ގުޅިގެން މިހާތަނަށް ތަޙުޤީޤަށް ހޯދިފައިވާ މަޢުލޫމާތުގެ މައްޗަށް ބަލާއިރު ކައިވެނީގެ ނަމުގައި އެއްވެސް އެއްވެސް ފަރާތަކާ މިމައްސަލާގައި ހިމެނޭ ކުއްޖާ ގުޅިފައިވާކަން އެނގޭކަށްނެތެވެ." ފުލުހުން ވިދާޅުވެފައިވެއެވެ.
އެބަޔާނުގައި ވިދާޅުވެފައިވަނީ އެއް ޢާއިލާގެ ކުދިންތަކަކަށް ލިބެންވާ ތަޢުލީމާއި ސިއްޙީ ޙައްގުތަކުން މަޙުރޫމުވެފައިވާ ކަމުގެ މަޢުލޫމާތު 2018 ވަނަ އަހަރު ޖޫން 6 ވަނަ ދުވަހު ޕޮލިސް އިންޓަރލިޖެންސަށް ލިބިފައިވާ ކަމަށެވެ. އޭރުން ފެށިގެން ޖެންޑަރ މިނިސްޓްރީއާ ގުޅިގެން ވަރަށް ގާތުން އެމައްސަލަ ބަލުން ގެންދަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިހާތަނަށް ބެލިބެލުމުގައި އެކުދިން ނިސްބަތްވާ ޢާއިލާއަކީ ދީނީ ހަރުކަށި ފިކުރު ގެންގުޅޭ ޢާއިލާއެއް ކަމަށެވެ.
"އެކަމުގެ ސަބަބުން އެޢާއިލާއަށް ނިސްބަތްވާ ކުދިންނަށް އެކަށީގެންވާ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމާއި ސިއްޙީ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ޙައްޤުން މަޙުރޫމްވެފައިވާކަން ފާހަގަކުރެވި، އެކަންކަން ޙައްލުކޮށް ކުދިންނަށް ފޯރުކޮށްދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކުން ދަނީ ކުރަމުންނެވެ." ފުލުހުން ވިދާޅުވެފައިވެއެވެ.
މިއީ ފުލުހުންނާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން ތަޙުގީގުކުރަމުންދާ މައްސަލައެއް ކަމަށާއި ކުޑަކުދިންނާ ގުޅުންހުރި މިފަދަ މަޢުލޫމާތު ޢާއްމުކުރާއިރު އެކަމެއްގައި ހިމެނޭ ކުޑަކުއްޖާގެ މަސްލަހަތާއި ޙައްގުތަކަށް ރިޢާޔަތް ކުރުމަށް ވެސް ފުލުހުން ވަނީ އިލްތިމާސް ކުރައްވައިފައެވެ.