ޢަދާލަތު ޕާޓީއަކީ އެއްވެސް ބާވަތެއްގެ އަނިޔާވެރިކަމަށް ކުޑަކޮށްނަމަވެސް ތާއިދުކުރާނެ ޕާޓީއެއް ނޫންކަމަށް އެޕާޓީން ބުނެފިއެވެ.
އެޕާޓީން ކޮށްފައިވާ ޓުވީޓެއްގައި މިހެން ބުނެފައިވަނީ ކުޑަކުދިންނާ ކައިވެނި ކުރުމަށް އެޕާޓީން ތާއިދުކުރާ ކަމަށްބުނެ އަޑުފަތުރަމުންދާތީ އެކަމަށް ރައްދު ދެމުންނެވެ. ކުޑަކުދިންނަށް، ޖިންސީ، ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ކުރުމަކީ އެޕާޓީން އެއްގޮތަކަށް ވެސް ތާއިދުކުރާނެ ކަމެއް ނޫން ކަމަށް ވަނީ ބުނެފައެވެ.
ޢުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނިކޮށްގެން މީހަކު އުޅޭކަމުގެ މައްސަލައެއް ޖެންޑަރ މިނިސްޓްރީއަށާއި ފުލުހުންނަށް ވަނީ އިހަށްދުވަހު ހުށަހަޅައިފައެވެ. އެ ދެތަން ގުޅިގެން މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވިއެވެ. އެހެންނަމަވެސް އެމައްސަލައިގެ ތަފްސީލެއް އެއްވެސް ވަރަށް އެ ދެތަނުން ވެސް ދީފައެއް ނުވެއެވެ.
ޢަދާލަތު ޕާޓީއަކީ މާތްވެގެންވާ އިސްލާމްދީން ކުރިއަރުވައި ރައްޔިތުންގެ މެދުގައި އެކުވެރިކަން އުފައްދައި ގުޅުން ވަރުގަދަކުރަން މަސައްކަތް ކުރަމުންދާ ޕާޓީއެކެވެ. އެޕާޓީގައި ނަގައިކިޔަންތިބީ ރާއްޖޭގެ ނަން މަޝްހޫރު ދީނީ ޢިލުމުވެރިންނެވެ.
އެޕާޓީއަށް ނިސްބަތްކޮށް އެއްވެސް އަސާސެއްނެތް ދޮގު މަޢުލޫމާތު ފަތުރަމުންދަނީ ސިޔާސީ ބޭނުމަށް ކަމަށް ޢަދާލަތުންވަނީ ބުނެފައެވެ.
"ޢަދާލަތު ޕާޓީއަކީ ކުޑަކުދިންނަށް، ޖިންސީ، ޖިސްމާނީ، ނަފްސާނީ އަދި އެނޫން ވިޔަސް އަނިޔާއެއް ދިނުމަށް ކުޑަކޮށްވެސް ތާއިދު ކުރާނެ ޕާޓީއެއްނޫން. އެފަދަ ހަގީގަތެއްނެތް އިލްޒާމްތައް ޢަދާލަތު ޕާޓީއަށް އަމާޒު ކުރަނީ ސިޔާސީ ވާދަވެރިކަމުގައި،" އެޕާޓީގެ ޓުވީޓުގައިވެއެވެ.