ރާއްޖޭގެ ޝިޕިން ލައިން، އެމްއެންއެސްއެލް އިން ދުއްވި 99 އާގުބޯޓަށް ވީގޮތެއް ބަލަން ޖެހޭކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ ރާއްޖޭގެ ފަރުތަކަށް އުރޭ އުޅަނދު ފަހަރާބެހޭގޮތުން ދަނގެތީގެ ދާއިރާގެ މެމްބަރ މުޙައްމަދު ނާޒިމް ހުށަހެޅި ޤަރާރާ ބެހޭގޮތުން މަޖިލީހުގައި ކުރެވުނު ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ޤަރާރަށް ވާހަކަ ދައްކަވަމުން މާފަންނު މެދު ދާއިރާގެ މެމްބަރ އިބްރާހީމް ރަޝީދު ވިދާޅުވީ، ހަތްދިހައިގެ އަހަރު ތަކުގައި ދުނިޔޭގެ ހުރިހާ ހިސާބަކަށް މުދާއުފުލުމުގައި އެންމެ ޙަރަކާތްތެރި ކުންފުންޏަކީ ރާއްޖޭގެ ޝިޕިން ލައިން ކަމަށެވެ. އޭޝިއާގެ ޤައުމުތަކާއި ގަލްފުގެ ޤައުތަކާއި ޔޫރަޕާއި އިންޑިޔާއާއި ލަންކާއަށްވެސް މުދާ އުފުލަމުން ދިޔައީ ރާއްޖޭގެ ޝިޕިން، ލައިންގެ އާގު ބޯޓް ފަހަރުގައި ކަން އޭނާ ފާހަގައެވެ. އޭރު ރާއްޖޭގެ އާގު ބޯޓް ފަހަރަށް އިރު ނުއޮސޭކަމަށް އޭނާ ސިފަކުރެއްވިއެވެ. އެ ޝިޕިން ލައިންގައި 99 އާގު ބޯޓް ދުއްވި ކަމަށާއި ނާޒީމްގެ ޤަރާރާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން އެ ބޯޓް ފަހަރަށް ވީގޮތެއް ހޯދަން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމްގެ ޤަރާރު ހުށަހެޅުއްވީ މަސްދޯނިފަހަރާއި، މީހުންނާއި މުދާ އުފުލާ އުޅަނދުފަހަރާއި، ޓޫރިސްޓުން އުފުލާ އުޅަނދުފަހަރާއި، އޮޔާދާ އުޅަނދުފަހަރާއި، ބޭރު ދަތުރުކުރާ އުޅަނދުފަހަރު، ފަރަށް އެރުމުން، އެ އުޅަނދު ފުންކުރުމުގައި ޢަމަލީ ގޮތުން މަސައްކަތް ކޮށްދޭނެ ދައުލަތުގެ އިދާރާއެއް ނެތުމުން އުފެދޭ ތަކުލީފުތައް، ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށެވެ. އަދި ޤަރާރު ހުށަހެޅުއްވީ އެފަދަ އިދާރާއެއް ދައުލަތުގެ އިދާރާތަކުގެ ތެރޭގައި ހުރުމުގެ މުހިންމުކަން ފާހަގަކުރުމުގެ މަޤްޞަދުގައި ކަމަށް ވެސް ނާޒިމް ގެ ޤަރާރުގައި ފާހަގަކުރައްވައިފައި އެވެ.
ފަރަށް އަރައިގެން އުޅަދެއް ހަލާކުވުމުން، ހަލާކުވަނީ ހަމައެކަނި އެއުޅަނދު ނޫންކަމަށާއި އެ އުޅަނދުގެ މައްޗަށް ބިނާވެފައިވާ އެތައް ދިރިއުޅުމާއި އެތައްބައެއްގެ އާމްދަނީގެ ވަޞީލަތްކަން ފާހަގަ ކުރައްވައިފައި ވެއެވެ. އަދި މިގޮތަށް އުޅަނދުފަހަރު ފަރަށް އުރުމުން ރާއްޖޭގެ ފަރުތަކަށް ލިބޭ ގެއްލުމާ މެދުވެސް ޤަރާރުގައި ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.
ރާއްޖޭގެ ފަރުތަކަށް އުރޭ އުޅަނދު ފަހަރާބެހޭ ޤަރާރާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން، މެމްބަރުން ވިދާޅުވީ އެޤަރާރަކީ ރާއްޖެއަށް ވަރަށް މުހިންމު ޤަރާރެއްކަމަށެވެ. ފަރަށް އަރާ އުޅަނދު ފަހަރުތަކުން ފަރުތަކަށް ލިބޭ ގެއްލުން ބޮޑު ވަމުންދާކަމަށް މެންބަރުން ފާހަގަ ކުރެއްވިއެވެ. އުރޭ އުޅަނދު ފަހަރު ސަލާމާތް ކުރުން ނުވަތަ ސެލްވޭޖް ކުރުރުމުގެ ކަންތައް މިހާރު ކުރެވެނީ ފަރުތަކަށް ލިބޭ ގެއްލުމަށް މާބޮޑަށް ބަލައިގެން ނޫންކަމަށް ވެސް ބައެއް މެމްބަރުން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ޤަރާރުގައި ފާހަގަކޮށްފައިވާ މައްސަލައަކީ ޤައުމުގެ އިޤްތިޞާދާއި މުސްތަޤްބަލާ ގުޅިފައިވާ މައްސަލައެއްކަމަށް ބައެއް މެމްބަރުން ފާހަގަ ކުރެއްވިއެވެ.