ރާއްޖޭގެ ވެރިކަމަށް އައުމުގެ ވާހަކަ ދެއްކުން އަދި މާބޮޑަށް ވެސް އަވަސް ކަމަށާއި، މަސައްކަތްކުރާނީ، މަސައްކަތްތެރިންގެ ޙައްގުތައް އެމީހުންނަށް ހޯދައިދީ އެކަން ކަށަވަރު ކުރުމަށް ކަމަށް ލޭބަރޕާޓީން ވިދާޅުވެއްޖެއެވެ.
އެޕާޓީގެ ސްޕޯކްސް ޕާސަން މައުރޫފް ވިދާޅުވީ އެޕާޓީގެ އަސާސް ބިނާވެފައިވަނީ މައިގަނޑު ދިހަ ކަމެއްގެ މައްޗަށް ކަމަށެވެ. އެހުރިހާކަމެއް ޙާސިލް ކުރަން މަސައްކަތް ކުރައްވާނީ އިސްލާމީ އުސޫލުތައް ނަގައްހައްޓައި ދެމެހެއްޓުމަށް މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން އިންސާނީ ކަރާމާތް ރައްކާތެރިކޮށްދީ ފުރިހަމަ ފަރުދީ މިނިވަންކަމާއި ހިޔާވަހިކަމާއި އަސާސީ ހައްގުތައް އެއްވެސް ތަފާތު ކުރުމެއްނެތި ކަށަވަރު ކޮށްދިނުމާއި، އަދުލު އިންސާފު ގާއިމްކޮށް އިންތިގާލީ އަދާލަތު ނުވަތަ ޓްރާންސިޝަނަލް ޖަސްޓިސް ހޯދައިދިނުމާއެކު އެންމެންނަށް އިންސާފުވެރި ފުރުސަތުތަކެއް ހޯދައިދިނުމަކީ ވެސް އެޕާޓީގެ މަސައްކަތެކެވެ.
ރާއްޖޭގައި އަލަށް އުފެއްދި ޕާޓީތަކުގެ ތެރޭގައި ހިމެނޭ ލޭބާޕާޓީން ވަނީ މިމަު ތިން ވަނަ ދުވަހު އެމީހުންގެ ގައުމީ ބައްދަލުވުން ވެސް ބާއްވައިފައެވެ. އެޕާޓީން މަސައްކަތް ކުރަމުން ގެންދަނީ ޕާޓީއަށް މީހުންއިތުރުކޮށް ޕާޓީ ވަރުގަދަ ކުރުމަށް ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.
އެޕާޓީން ރައްކާތެރިކޮށްދޭން މަސައްކަތް ކުރާނީ ހަމައެކަނި މަސައްކަތްތެރިންގެ ހައްގެއްވެސް ނޫނެވެ. މަސައްކަތްތެރިންނާއި ވަޒީފާއަދާކުރާ ފަރާތްތަކާއި ވަޒީފާދޭ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށްދީ އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބައެއް ވަންތަކަން ގާއިމްކޮށްދީ ވަޒީފާގެ ހިތްހަމަޖެހުން ހޯދައިދިނުމާއި، ރަށްރަށާއީ ކަނޑުފަޅުގެ މުއްސަނދިކަން ޖީލުތަކަށް ރައްކާތެރިކޮށްދޭނެ، ތިމާވެށި ހިމާޔަތްކުރާނެ ދެމެހެއްޓެނިވި ލާމަރުކަޒީ ތަރައްގީއެއް ހޯދައި ދިނުމަށްވެސް މަސައްކަތްކުރާނެ ކަމަށް އެޕާޓީން ބުންޏެވެ. އަދި ދިވެހިރައްޔިތުންނަކީ ފެންވަރު ރަނގަޅު ތައުލީމާއި، މަސައްލަތުގެ ތަމްރީން ލިބިފައިވާ އުފެއްދުންތެރި ފަންނުވެރި ބަޔަކު ކަމުގައި ހެދުމާއި، ފެންވަރު ރަނގަޅު ބޭހާއި އިތުބާރުހިފޭ ސިއްހީ ޚިދުމަތް ތަފާތު ކުރުމެއްނެތި ރައްޔިތުންނަށް ހިލޭ ފޯރުކޮށްދިނުމަށް މަސައްކަތްކުރައްވާނެ ކަމަށް ބުންޏެވެ.
އެޕާޓީން ވަނީ މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ވާދަކުރައްވައިފައެވެ. އެހެންނަމަވެސް މިފަހަރުގެ އިންތިޚާބުގައި ބައިވެރިވުމާބެހޭ ގޮތުން މިހާރުދަނީ މަޝްވަރާކުރަމުން ކަމަށްވެސް މައުރޫފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނުރަނގަޅު، ނާޖާއިޒު ނުފޫޒާއި ކޮރަޕްޝަނުން އެއްކިބާވެފައިވާ އަދި ރައްޔިތުންގެ ބަސް ހިނގާ ސަރުކާރެއް ރާއްޖޭގައޮ ގާއިމް ކުރުމާއި، ކޮންމެ މީހަކަށް ވެސް ވިޔަފާރި ކޮށްގެން ތަނަސްވުމަށް މަގުފަހިކޮށްދީ އިޖުތިމާޢީ އިގްތިސާދީ، އަދި ސިޔާސީ ހަމަހަމަކަން ގާއިމްކޮށްދީ ލާމެހިފައިވާ އިގްތިސާދެއް އުފެއްދުމަކީ ވެސް އެޕާޓީގެ މަގުސަދެއް ކަމަށެވެ. އަދި ނިކަމެތިންނަށް އޯގާތެރިވެ ފަގީރުކަން ނައްތާލައި މެދުފަންތި ތަނަސްވަސް ކުރުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.