ފޯރޖީ ޚިދުމަތް ފުޅާ ކުރުމަށް ނޮކިއާ އާއި ހުއަވޭ އާއެކު ދިރާގުން އެއްބަސްވުމުގައި ސޮއި ކޮށްފި

ދިރާގުން މުޅި ދިވެހިރާއްޖެއަށް ފޯރޖީ އެލްޓީއީގެ ހިދުމަތް ފޯރުކޮށްދިނުމުގެ ބޮޑު މަޝްރޫއުގެ ދަށުން ނޮކިއާ އާއި ހުއާވޭ އާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. މިއީ ޒަމާނީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ސިސްޓަމްތަކާއި އެހެނިހެން އާލާތްތައް ހޯދައި މުޅި ރާއްޖެ އަށް ފޯރޖީ ނެޓްވޯކް ގާއިމް ކުރުމަށް ދިރާގުން ފަށާފައިވާ މަސައްކަތުގެ ބައެކެވެ. މިދެކުންފުނިން 2017 ވަނަ އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ފޯރޖީގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ވަރަށް ބާރުމިނުގައި ކުރިއަށް ގެންދާނެ ކަމަށް ދިރާގުން ހާމަ ކުރެއެވެ.

ހުއާވޭ  ކުންފުންޏަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުއާސަލާތީ ހިދުމަތް ފޯރުކޮށްދިނުމަށް އެންމެ ޒަމާނީ މުއާސަލާތީ ނެޓްވޯކް ތައް ގާއިމް ކުރަމުން އަންނަ މައްޝޫރު ކުންފުންޏެކެވެ. މުއާސަލާތީ އިންފްރާ ސްޓްރަކްޗާއާއި އެންމެ ޒަމާނީ ޓެކްނޮލޮޖީ ދުނިޔޭގެ ބާޒާރަށް ނެރުމުގެ އިތުރުން އޮޕަރޭޝަނަލް އަދި ކޮންސަލްޓެންސީ ހިދުމަތްވެސް ފުޅާ ދާއިރާ އެއްގައި ދެމުންއަންނަ ކުންފުންޏެކެވެ. ހަމަ އެފަދައިން ނޮކިޔާ އަކީ މަޝްހޫރު ފޯނު އެފައްދާ ކުންފުންޔަކަށް ވީހިނދު މިހާރު ނޮކިޔާގެ އަމާޒު ހުރީ ޓެލެކޮމިއުނިކޭޝަންސް އިންފްރާސްޓްރަކްޗަރ ކުރުމުގެ ވިޔަފާރިއަށެވެ.

ދިރާގަކީ ދިވެހިރާއްޖެ ބޭރުގެ ދުނިޔެއާއި އިންޓަނޭޝަނަލް ސަބްމަރިން ކޭބަލެއް މެދުވެރިކޮށް ގުޅުވާލަދިން އެންމެ ފުރަތަމަ ކުންފުންޏެވެ. އެގޮތުން ރާއްޖޭގައި އެންމެ ފުރަތަމަ ލަންކާ ޓެލެކޮމް އާ ގުޅިގެން 12 ޑިސެމްބަރ 2006 ގައި ރާއްޖެއާއި ސްރީ ލަންކާ އާ ދެމެދު ފައިބަރ އޮޕްޓިކް ސަބްމެރީން ކޭބަލެއް އެޅިއެވެ. މިކަމުގެ ސަބަބުން ފޯނާއި އިންޓަރނެޓްގެ ޚިދުމަތް ހަލުވިވެގެންދިޔައެވެ.

nokia

2007ވަނަ އަހަރު ތްރީ އެންޑް ހާފް ޑިގްރީ ޗެނަލް ހުރަސްކޮށް (ގދ. އަތޮޅުން ލ. އަތޮޅަށް) ރާއްޖޭގައި އެތެރެއިން އެތެރެއަށް ފައިބަރ އޮޕްޓިކް ސަބްމެރީން ކޭބަލެއް އެޅިއެވެ. އަދި މިކޭބަލުން ހިދުމަތް ހޯދުމުގެ ފުރުސަތު ރާއްޖޭގެ އެހެނިހެން މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކަށްވެސް ވަނީ ހުޅުވާލާ އެފުރުސަތުވެސް ދީފައެވެ. ދިރާގުގެ ބްރޯޑްބޭންޑުގެ ހިތުމަތާއި މުވާޞަލާތީ އެހެނިހެން ޚިދުމަތްތައް ފުޅައުކޮށް، ޒަމާނީކޮށް، ހަލުއި ކުރުމުގެ ގޮތުން އެންއީސީ ކޯޕަރޭޝަނާއެކު ރާއްޖޭގެ އުތުރުން ދެކުނަށް ސަބްމެރީން ކޭބަލް އެޅުމުގެ އެއްބަސްވުމެއްގައި ސޮއި ކުރެވުނެވެ. މި މަސައްކަތުގެ މައިގަނޑު އެއް ބޭނުމަކީ ރާއްޖޭގެ ހުރިހައި ރަށަކަށް ދީފައިވާ އިންޓަރނެޓްގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ސްޕީޑް އަވަސް ކުރުމެވެ. ދިރާގު ހައި ސްޕީޑް ނެޓްވާކް ރޯލްއައުޓް ޕްރޮގްރާމްގެ ބައެއްގެ ގޮތުގައި ހިމެނޭ ޑޮމެސްޓިކް ސަބްމެރިން ކޭބަލް ޕްރޮޖެކްޓްގެ މަސައްކަތް ކާމިޔާބުކަމާއި އެކު ނިންމާލާފައިވަނީ 2012 ވަނަ އަހަރުއެވެ. އަދި ދިރާގު ވެގެން ދިޔައީ ރާއްޖޭގައި މިފަދަ ކޭބަލެއް އަޅައި، މުޅި ދިވެހިރާއްޖެއަށް ޚިދުމަތް ފޯރުކޮށްދޭންފެށި ފުރަތަމަ ކުންފުންޏަށެވެ. ހެޔޮ އަގުގައި މުޅި ރާއްޖެއަށް އެންމެ ޒަމާނީ ޚިދުމަތް ފޯރުކޮށްދީ މުޅިރާއްޖެއަށް ހަމައެކަނި ބޮރޯޑް ބޭންޑު ޚިދުމަތް ފޯރުކޮށްދީފައިވާ ކުންފުންޏަކީ ވެސް ދިރާގެވެ.

 މިހާރުވެސް ރާއްޖޭގެ އެންމެ ފުޅާ ފޯރޖީ ނެޓްވާރކު ޤާއިމުކޮށްފައިވަނީ  އެ ކުންފުނިން  ކަމަށް ދިރާގުން ހާމަކޮށްފައި ވެއެވެ. އެ ކުންފުނިން ބުނާ ގޮތުގައި މިހާރުވެސް ރާއްޖޭގެ އާބާދީގެ 60 އިންސައްތައަށް ފޯރޖީ އެލްޓީއީގެ ޚިދުމަތް ވަނީ ފޯރުކޮށްދީފައެވެ. އަދި 2015 ވަނަ އަހަރު ދިރާގުން ވަނީ މީހުންދިރިއުޅޭ ހުރިހާ ރަށަކަށް ތްރީޖީ ބްރޯޑްބޭންޑުގެ ޚިދުމަތް ފޯރުކޮށްދީ ތްރީޖީ ނެޓްވާކެއް ދިވެހިރާއްޖޭގައި ޤާއިމްކޮށްފައެވެ. ދިރާގުގެ އަމާޒަކީ 2017 ނިމުމުގެ ކުރިން މުޅިރާއްޖެއަށް ފޯރޖީގެ ހިދުމަތްވެސް ފޯރުކޮށްދިނުމަށެވެ.

ދިރާގުން ބުނާ ގޮތުގައި ރާއްޖެއަށް ފޯރޖީގެ ޚިދުމަތް ތައާރަފުކުރުމަށްފަހު އަތޮޅުތަކަށް މި ޚިދުމަތް ފުޅާކުރުމުގެ މަޝްރޫއު ގެދަށުން މިހާރު ވަނީ ހއ. ދިއްދޫ، އައްޑޫ ސިޓީ، ޏ، ފުވައްމުލައް، ގއ. ވިލިނގިލި، ގދ ތިނަދޫ، ޅ. ނައިފަރު، ޅ.ހިއްނަވަރު، ރ.ދުވާފަރު، ލ.މަތިމަރަދޫ، ލ.ތުންޑި، ނ.ވެލިދޫ، ދ.ކުޑަހުވަދޫ އަދި ހދ. ކުޅުދުއްފުށީގައިވެސް މިޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.