މިއަދަކީ، ތަފްޞީލުކޮށް ދަންނަވާނަމަ، ކޮންމެ އަހަރެއްގެ ވެސް ނޮވެންބަރު 11 ވަނަ ދުވަހަކީ އޭގެ ޒާތުގައި އުފާވެރި ދުވަހެކެވެ. ތާރީޚީ ދުވަހެކެވެ. ދިވެހިރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް، (އެހެން ގޮތަކަށް ދަންނަވާނަމަ،) ދީމުޤްރާޠީ ޖުމުހޫރިއްޔަތެއް ޤާއިމުކުރެވުނު އުފާވެރި ދުވަހެވެ. މި އުފާވެރި އަދި ފަޚުރުވެރި މުނާސަބަތުގައި ދައުލަތުގެ ވެރިކަން ކުރައްވައިފައިވާ ބޭފުޅުންނަށާއި އެ މަޤާމު ފުރުއްވަމުން ގެންދަވާ ބޭފުޅުންނަށާއި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް ވެސް ޖުމްހޫރީ ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރަމެވެ.
އާދޭހެވެ! ޖުމްހޫރީ ވެރިކަމަކީ ހަގީގަތުގައި ވެސް ރައްޔިތުންގެ ވެރިކަމެކެވެ. މިފަދަ ވެރިކަމެއްގައި، ރައްޔިތުންގެ ހިއްސާ ވަރަށް ބޮޑެވެ. މި ފަދަ ވެރިކަމެއްގައި، ރައްޔިތުންގެ ޚިޔާލާއި، އިޚްލާޞްތެރި ބައިވެރިވުމާއި، އެއްބާރުލުން، ނުހަނު ބޮޑަށް ބޭނުންވާނެއެވެ. މިއީ ރައްޔިތުންނަށްޓަކައި ރައްޔިތުން ޤާއިމުކުރި ވެރިކަމެކެވެ. މިފަދަ ވެރިކަމެއް ހިނގާނީ ނުވަތަ ހިންގާންވާނީ ޤައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައެވެ. ފައިދާއާއި މަސްލަހަތަށްޓަކައެވެ. މުޅި ރައްޔިތުންގެ އުންމީދުތަކާއި ހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގެ މާތް މަޤުޞަދު ގައެވެ. އިސްލާމީ ޤައުމެއްގައި ޤާއިމުކުރެވިފައިވާ މިފަދަ ވެރިކަމެއްގައި ނަމާދު ޤާއިމުކޮށް ހެޔޮކަންތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "الَّذِينَ إِن مَّكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنكَرِ ۗ وَلِلَّهِ عَاقِبَةُ الْأُمُورِ" ("އެއުރެންނީ، ބިމުގައި ތިމަން ރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފިނަމަ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ،ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށް އުޅޭ މީހުންނެވެ.ކަންކަމުގެ ނިމުންވަނީ ﷲއަށެވެ!") (الحج:41)
މާތްވެގެންވާ އިސްލާމްދީނުގެ މަޤުޞަދުތަކާއި އުސޫލުތަކާ، އެންމެ ބޮޑަށް ގުޅޭ ވެރިކަމުގެ ނިޒާމަކީ، ޖުމްހޫރީ ނިޒާމު ކަމުގައި ދެންނެވިދާނެވެވެ. އެހެނީ، ރަސްކަމަކީ، ރައްޔިތުންގެ ޚިޔާލެއް މަޝްވަރާއެއް ނެތި، ވަކި ދަރިކޮޅެއްގެ މީހަކަށް ޤައުމުގެ އެންމެމަތީ ވެރިކަން ހަމަޖައްސައިދޭ ނިޒާމެކެވެ. ދިވެހިރާއްޖޭގައި މީގެ 50 އެތައް އަހަރެއްގެ ކުރިން އޮތީ މިފަދަ ނިޒާމެކެވެ. މިއާ ޚިލާފަށް، ޖުމްހޫރީ ވެރިކަމަކީ، ރައްޔިތުން އިންތިޚާބުކުރާ މީހަކަށް ޤައުމުގެ ވެރިކަން ހަމަޖައްސައިދޭ ނިޒާމެކެވެ. ޖުމްހޫރީ ވެރިކަމެއްގައި ވެރިކަން ކުރާނީ، ހަމަޖެހިފައިވާ ޤާނޫނީ ހަމަތަކަކާއި އުސޫލުތަކެއްގެ މަތިން، ރައްޔިތުން އިންތިޚާބު ކުރާ، ރައްޔިތުންގެ އަޣުލަބިއްޔަތުގެ ރުހުމާއި ތާއީދު ލިބިފައިވާ މީހެއް ނުވަތަ ބަޔެކެވެ. އެހެންކަމުން، ديمقراطى އުސޫލުތަކާ އެންމެ ގުޅޭ ވެރިކަމަކީވެސް، ޖުމްހޫރީ ވެރިކަމޭ ދެންނެވެން އެބަ އޮތެވެ. ރައްޔިތުން ރުހޭ ބަޔަކާ ރައްޔިތުންގެ ކަންތައްތައް ހަވާލުކުރުމާއި، ރައްޔިތުންގެ ފައިދާއަށްޓަކައި އެބައިމީހުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން ކަންތައްތައް ކުރުމުގެ އުސޫލަކީ، ދީނުގައި ކަނޑައެޅިފައިވާ އުސޫލެކެވެ. މާތް اللّه އަށް އިޖާބަދީ، އިސްލާމްވެ، ނަމާދު ޤާއިމުކޮށް އަދި އެކަލާނގެ ދެއްކެވި ތެދުމަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ މަޝްވަރާގެ މަތީން ކަންކަން ހިންގާ މީހުންނަށް ތަޢުރީފްގެ ބަސް ރައްދުކުރައްވައި މާތް اللّه وحى ކުރައްވައިފައިވެއެވެ. وَالَّذِينَ اسْتَجَابُواْ لِرَبِّهِمْ وَأَقَامُواْ الصَّلَوٰةَ وَأَمْرُهُمْ شُورَىٰ بَيْنَهُمْ] (އަދި އެއުރެންނީ، އެއުރެންގެ ވެރިރަސްކަލާނގެއަށް އިޖާބަދީ، އަދި ނަމާދު قائمކުރިމީހުންނެވެ. އަދި އެއުރެންގެ ކަންތައްތައް، އެއުރެންގެ މެދުގައިވަނީ مشورةގެ މަތިންނެވެ.) (الشّورى: 38). ޙަޤީޤީ މުއުމިނުންނަކީ މާތް اللّه ގެ ފަރުޟުތަކަށް ރައްކާތެރިވެ ތިބެ، އެބައިމީހުންގެ ކަންތައްތައް މަޝްވަރާ ކޮށްގެން ހަމަޖައްސަމުން ގެންދާ މީހުންކަން މިއާޔަތުން ވަރަށް ރަނގަޅަށް ހާމަވާން އެބަ އޮތެވެ. އެހެންވީމާ އިސްލާމީ އުޞޫލާ އެންމެ ކައިރި، ވެރިކަމުގެ ނިޒާމަކީ ޖުމްހޫރީ ނިޒާމުކަން ވަރަށް ޞަރީޙަކޮށް އެބަ އެނގެއެވެ.
މި ހިސާބުން އަޅުގަނޑުގެ ހިތުގައި އެހެން ސުވާލެއް އުފެދިއްޖެއެވެ. ޑިމޮކްރެސީއާއި ޖުމްހޫރިއްޔަތަކީ އެކައްޗެއް ހެއްޔެވެ؟ ނުވަތަ މީގައި ތަފާތުތަކެއް އެބަހުރިހެއްޔެވެ؟ މިއީ އަޅުގަނޑުގެ ހިތާހިތާ ކޮށްލި ސުވާލެކެވެ. ތިޔަ ބޭފުޅުން މިކަމާ ވިސްނައިލެއްވީމުތޯއެވެ؟ ޑިމޮކްރެސީ (ނުވަތަ "ޑިމާކްރެސީ")ގެ މާނައާ މެދުގައެވެ. ޖުމްހޫރިއްޔަތުގެ މާނައާ މެދުގައެވެ. މިއީ ތިމާގެ ކަމެއް ހުއްޓަސް އެއް މާނައެއް ދޭހަވާ ދެ މަފްހޫމް ކަމަކަށް އަޅުގަނޑަކަށް ނުވިސްނެއެވެ. މިއީ ވަރަށް ފުޅާ މައުޟޫޢަކަށްވާތީ ހަމައެކަނި މި ސުވާލު ތިލަކޮށްލުމަށްފަހު މައުޟޫޢާއިގެން ކުރިޔަށްދާނަމެވެ. ފުރުޞަތު ލިބިއްޖެ ނަމަ، މި ދެ މަފުހޫމުގެ ތަފާތާ މެދު، އެހެން މަޢުޟޫޢެއްގައި ވާހަކަ ދައްކައިލާން އުއްމީދުކުރަމުންނެވެ. މިއަދުގެ މައުޟޫޢަކީ ޖުމްހޫރިއްޔަތާ ގުޅޭ މައުޟޫޢުކަން ހަނދާނަށް ގެންނަމުންނެވެ.
އާދޭހެވެ! ދިވެހި ރައްޔިތުން ޖުމުހޫރީ ވެރިކަމެއް ޤާއިމުކުރީ، ރައްޔިތުން، ވެރީންނަށް ޚިދުމަތްކޮށްލަކޮށްލައި ތިބުމުގެ ބަދަލުގައި ރައްޔިތުންނަށްޓަކައި ރައްޔިތުންގެ ކުރިއެރުމާއި ފާގަތިމަށްޓަކައި ރައްޔިތުންނަށް ވިޔަވަތި ޙަޔާތެއް ހޯދުމަށްޓަކައި އެ ކަމުގެ އުއްމީދުގައެވެ. އެހެންވީމާ ޖުމުހޫރީ ވެރިކަމެއްގައި މި ނުކުތާއަށް ވަރަށް ބޮޑަށް ސަމާލުކަން ދެވެންޖެހޭނެއެވެ. ތެދުވެރިކަމާއި، ކަމަށް ކަމޭހީކުރެއްވުމާއެކު، ޚިދުމަތްދެއްވާންވާނެއެވެ. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދެއްވުމަކީ ވެރީންގެ ވާޖިބުކަން ޤަބޫލުކުރައްވާންވާނެއެވެ. ކެތްތެރިކަމާއި ހަމަހަމަކަން އިސްކުރައްވާންވާނެއެވެ. މި ޒަމާނުގައި ރާއްޖޭގައި ވެސް އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ޤާއިމުކުރެވިފައިވާތީ، އަދި ދިވެހިރާއްޖެއަކީ ގާތްގަނޑަކަށް ހުރިހާ ރައްޔިތުން ސިޔާސީ ފިކުރުގައި ޝާމިލުވާ ޤައުމެއް ކަމުގައިވާތީ ރައްޔިތުންގެ ތެރޭގައި ވެސް ތަފާތު ސިޔާސީ ފިކުރު ހުންނާނެކަން ޤަބޫލުކުރައްވައިގެން އިޚުލާޞްތެރިކަމާއެކު ޚިދުމަތްކުރެއްވުމަކީ ވެރިކަމުގެ އަސާސްކަމުގައި ވާންވާނެއެވެ. އަދި ވެރިކަމަކީ ޝަރަފެއް ނޫންކަމާއި އެއީ ޤައުމީ ވާޖިބެއް އަދާކުރެއްވުންކަމަށް ގަބޫލުކުރައްވައިގެން ވެރިކަންކުރެއްވެންވާނެއެވެ. ރައްޔިތުންގެ މަންދޫބުން ރައްޔިތުންނަށް ޚިދުމަތް ދެއްވުމުގައި ޚިދުމަތުގައި އަމާނާތްތެރިވެވަޑައިގަންނަވަންވާނެ އެވެ. އަމާނާތް އޭގެ އަހުލުވެރީންނަށް ރައްދުކުރުމަކީ ޚިދުމަތުގެ އަސާސްކަމުގައި ހައްދަވާންވާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "إِنَّ اللَّهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا" ("ހަމަކަށަވަރުން އަމާނާތްތައް އޭގެ އަހުލުވެރީންނަށް އަދާކުރުމަށް ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވަތެވެ.") (سورة النساء:58). އަދި މި ނިޒާމުގައި އެކި މަޤާމުތަކަށް ރައްޔިތުން އިންތިޚާބުކުރައްވާ މަންދޫބުންނަކީ ވަރަށް ޒިންމާދާރު މަސްއޫލިއްޔަތެއް އަދާކުރައްވާ ބަޔެއްކަމަށް ޤަބޫލުކުރައްވަންވާނެއެވެ. ތިމާ އުފުއްލާ ކޮންމެ މަސްއޫލިއްޔަތަކީ އެ މަސްއޫލިއްޔަތަކާ މެދު ތިމާ ޖަވާބުދާތީވާންޖެހޭނެ ޢަމަލެއްކަން ހަނދުމަފުޅު ބަހައްޓަވާންވާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا " ("އަދި ތިބާއަށް އެކަމަކާމެދު އެނގުމެއް ނުވާ ކަމަކަށް ތިބާ ތަބަޢަނުވާށެވެ! ހަމަކަށަވަރުން އިވުމާއި ފެނުމާއި ހިތާއި މިއިން ކޮންމެ ކަމަކީ އެޔާމެދު ސުވާލުކުރައްވާނެ ކަމެއް ކަމުގައިވިއެވެ.") (سورة الإسراء:36)
މިއަދު ދިވެހިރާއްޖޭގައި ޤާއިމުވެފައި މިއޮތީ ދީމުޤްރާޠީ ޖުމުހޫރިއްޔަތެކެވެ. ކުރީން ވެސް ދަންނަވައިލި ފަދައިން އެއް ޕާޓީއަށްވުރެ ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެކެވެ. އަދި ރިޔާސީ ނިޒާމެކެވެ. މި ނިޒާމުގައި ކުރިން ވެސް ދަންނަވައިލި ފަދައިން ދިވެހިރާއްޖެ ބައްޓަންކުރެވިފައި އޮތް ގޮތުން، ސަރުކާރު ހިންގާ ޕާޓީތަކަކާއި އިދިކޮޅު ޕާޓީތަކެއް އޮންނާނެއެވެ. ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އޮންނާނީ ސަރުކާރަށް ނުވަތަ އިދިކޮޅު ޕާޓީއަށެވެ. ޚިދުމަތް ލިބިގަންނަން އަންނަ ރައްޔިތުން ވެސް ތިބޭނީ މިއިން ކޮންމެވެސް އެއް ކޮޅަކަށް ނުވަތަ އެއް ފިކުރަކަށް ތާއީދުކޮށްގެންނެވެ. އެކި މީހުން އެކި މިންވަރަށެވެ. މިއީ އެއްވެސް މައްސަލައެއް ކަމަށް ނުބައްލަވައި މިއީ ކައުނީ ޙަގީގަތެއްކަމަށް ޤަބޫލުކުރައްވައިގެން ޚިދުމަތް ދެއްވުމަކީ، އަދި މިއީ ރައްޔިތުންގެ ޚާދިމުންގެ ޚިދުމަތް ފުރިހަމަވުމުގެ އަސާސްކަމަށް ޤަބޫލުކުރެއްވުމަކީ ރައްޔިތުންގެ ވެރިކަމެއްގައި އިސްކަންދެއްވާން ޖެހޭނެ ކަންކަމެވެ.
ކުރީން ވެސް ދަންނަވައިލެވުނު ފަދައިން ސަރުކާރު ހިންގާ ޕާޓީއާއި އިދިކޮޅު ޕާޓީއަކީ އެއީ ޙަޔާތުގެ ކައުނީ ސުންނަތެކެވެ. އެއީ ޙަޔާތުގެ ޟަރޫރަތެކެވެ. އެހެނީ ކައުނުގައިވާ ހުރިހާ މަޚްލޫޤާތެއްގެ މައްޗަށް ވެސް، އަދި ޙަޔާތުގެ ހުރިހާ ކަމެއްގެ މައްޗަށް ވެސް، މި އާއްމު ޤާނޫނު ހިނގާނެއެވެ. އޭގެ އިދިކޮޅު ހައްދަވާފައިނުވާ އެއްވެސް އެއްޗެއް، މާތް ﷲ ޚަލްޤުކުރައްވާފައިނުވާކަމަށް ޢިލްމުވެރީން ވިދާޅުވެއެވެ. އަލިކަމާއި އަނދިރިކަން، ކިޔަމަންވުމާއި އުރެދުން، ހެވާއި ނުބައި، ފުރިހަމަ އާއި އުނި، ނިޔާ އާއި އަނިޔާ މިހިރީ ހައްތާ ވެސް އޭގެ މިސާލުތަކެވެ.
ހުރިހާ އެއްޗެއްގައިވެސް މާތް ﷲ ލައްވާފައި މިވާ ދޭއްވަންތަކަން ނުވަތަ ޑުއަލިޒަމަކީ "ފަހި" އަދި "އިދި" އެއްޗެހީގެ މެދުގައި ވަޒަންހަމަވެ، އިދިކޮޅު އެކަތިން އަނެކަތި ދުރުކޮށް ދިފާޢުވުމަށް އޮތް ވަރަށް މުހިއްމު ވަސީލަތެކެވެ. މީސްތަކުންކުރެ އެއްބަޔަކު މެދުވެރި ކުރައްވައި އަނެއްބަޔެއް(ގެ ނުރައްކާތެރިކަން) اللَّه، ދުރުކުރެއްމުމުގެ ނިޒާމެއް ނުވާނަމަ، ބިން ފަސާދަވެއްޖައީސްކަމަށް މާތް ﷲ އަންގަވައިފައިވެއެވެ. މިކަމަށް އިޝާރާތްކުރައްވައި މާތް ﷲ ވަޙީކުރައްވާފައިވަނީ: "وَلَوْلَا دَفْعُ اللَّـهِ النَّاسَ بَعْضَهُم بِبَعْضٍ لَّفَسَدَتِ الْأَرْضُ وَلَـٰكِنَّ اللَّـهَ ذُو فَضْلٍ عَلَى الْعَالَمِينَ"("އަދި، މީސްތަކުންކުރެ އެއްބަޔަކު މެދުވެރި ކުރައްވައި އަނެއްބަޔަކު (ގެ ނުރައްކާތެރިކަން) اللَّه، ދުރުކުރެއްވުން ނުވާނަމަ، ބިން ފަސާދަވެއްޖައީސްކަން ކަށަވަރެވެ. އެހެނެއްކަމަކު ﷲ އީ، ޢާލަމްތަކުގެ މައްޗަށް ފަޟްލު ވަންތަވެރި ރަސްކަލާނގެއެވެ.") (އަލްބަޤަރާ:251)
އެހެންވީމާ، ޒަމާނީ ދީމުޤްރާޠީ ޖުމްހޫރިއްޔަތެއްގައި އިދިކޮޅު ޕާޓީތަކެއް އޮތުމަކީ އެ ޖުމްހޫރިއްޔަތުގެ އެންމެ މުހިއްމު އެއް ޙަޤީޤަތެވެ. ހެޔޮ މަގުގައި ވެރިކަން ބައްޓަންކުރުމުގައި އިދިކޮޅު ޕާޓީތަކެއްގެ މުހިއްމުކަން ވަރަށް ބޮޑެވެ. އެހެނީ ސަރުކާރު މަގުން ކައްސައިލިޔަ ނުދީ ހެޔޮ މަގަށް މަގުދައްކައިދިނުމުގައި ވެރިކަމުގެ ކަންކަމަށް ފާރަވެރިވާނެ ފަރާތްތަކެއް ނުވާނަމަ، މަގު އޮޅިދާނެއެވެ. ހަރުދަނާ އިދިކޮޅު ޕާޓީއެއް ހިންގުމަށް ސަރުކާރުން އެހީތެރިވެ މަގުފަހިކޮށްދެއްވާން ވާނެވެސް މެއެވެ. މަޣުރިބުގެ ކުރީގެ ރަސްގެފާނު ޙަސަން (ދެވަނަ) ވިދާޅުވެފައިވާކަމަށްވަނީ "ތިމަން ރަސްގެފާނާ އިދިކޮޅު ބަޔަކު ނުވާނަމަ އިދިކޮޅު ބަޔަކު އުފެއްދެވީމުހެވެ." އެހެންވީމާ ހެޔޮ ވެރިކަމެއްގައި އިދިކޮޅު ފަރާތްތަކެއް އޮންނާންވާނެއެވެ. އިދިކޮޅު ފަރާތްތަކުގެ މާނައަކީ އިދިކީލިވުމެއްނޫނެވެ. ކުރާ ކޮންމެ ކަމަކަށް ހުރަސް އެޅުމެއް ނޫނެވެ. ސަރުކާރުން ރައްޔިތުންގެ ޚިތުމަތަށް ފާސްކުރާ ބަޖެޓަށް ވޯޓުނުދީ ދައުލަތް ހުއްޓުވައިލުމެއް ވެސް ނޫނެވެ. ބަޖެޓު ފާސްކުރާ މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ނެތަސް ބަޖެޓަށް ހުރަސްއަޅައި ސަރުކާރުގެ ހިންގުން ހުއްޓުމަކަށް ގެންނާކަށް ތަޞައްރުފު ފުދޭ ޒިންމާދާރު އެއްވެސް ބަޔަކު މަސައްކަތެއް ނުކުރާނެއެވެ. ހެޔޮ މަގަށް މަގުދައްކައި އެހީތެރިވެދީ، މުންކަރާތްތައް ނަހީކުރުމަކީ އިދިކޮޅު ފަރާތްތަކުގެ ޒިންމާއެވެ. ސަރުކާރުން ކުރާ ރަނގަޅުކަންކަމަށް ތަރުޙީބުދީ، އިސްލާމް ދީނާއި ޤާނޫނުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވަން މަސައްކަތްކުރުމަކީ އިދިކޮޅު ފަރާތްތަކުގެ އަދި އެންމެހާ ރައްޔިތުންގެ ވެސް ޒިންމާއެކެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ" ("ހެޔޮކަމުގެ މަގަށް ގޮވާ، އަދި ހެޔޮކަންތަކަށް أمرކުރާ، އަދި ނުބައިކަންތައް ނަހީކުރާ ބަޔަކު ތިޔަބައިމީހުންގެ ތެރެއިން ވާހުށިކަމެވެ! އެއުރެންނަކީ ހަމަ، ދިންނަވާނޭ މީހުންނެވެ.") (آل عمران:104). އާދޭހެވެ! އިދިކޮޅު ފަރާތްތަކުން ވެރިކަމަށް ފާޑު ކިޔާންވާނީ އިޚުލާޞްތެރިކަމާއެކު ބިނާކުރަނިވި ނަޒަރަކުންނެވެ. ރަނގަޅު ކަންކަމަށް އެހީތެރިވާ އުޞޫލުންނެވެ. އިޚުލާޞްތެރިކަމާއެކު، ﷲގެ ވަޖުހަފުޅަށްޓަކައެވެ. ޤައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައެވެ. މި ގޮތުން އިޚުލާޞްތެރިކަމާއެކު އިދިކޮޅު ފަރާތްތަކުން ފާޅުކުރާ ބިނާކުރަނިވި ޚިޔާލުތައް ސަރުކާރުން ބަލައިގަންނާން ވެސް ވާނެއެވެ. ނޭނގި ނުވަތަ އިހުމާލުންކުރެވޭ ނުރަނގަޅުކަންކަން އިޚުލާޞްތެރިކަމާއެކު އިސްލާޙުކުރާން ވެސް ވާނެއެވެ. ޖުމްހޫރިއްޔަތުގެ ފުރިހަމަ ލާބަޔާއި މަންފާ ރައްޔިތުންނަށް ލިބޭނެ އެންމެ ފުރިހަމަ މަގަކީ މިއީއެވެ.
އާދޭހެވެ! ޖުމުހޫރީ ދުވަހަކީ އުފާވެރި ދުވަހެކެވެ. ތާރީޚީ ދުވަހެކެވެ. ދިވެހިރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް، އެހެން ގޮތަކަށް ދަންނަވާނަމަ ދީމުޤްރާޠީ ޖުމުހޫރިއްޔަތެއް ޤާއިމުކުރެވުނު މުނާސަބަތު ފާހަގަކުރާ އުފާވެރި ދުވަހެވެ. ޖުމުހޫރިއްޔަތުގެ ތަފާތު ވައްތަރުތަކާއި ދިވެހި ޖުމުހޫރިއްޔަތުގެ ތާރީޚުގެ މައްޗަށް ވާހަކަދައްކާކަށް އަޅުގަނޑު ގަސްތެއް ނުކުރަމެވެ. އެއީ މިފަދަ ކޮންމެ މުނާސަބަތެއްގައި މީޑިއާއިން ވަރަށް ގިނައިން ލިބޭ މަޢުލޫމާތަކަށް ވާތީއެވެ. އަދި އެ ވާހަކަތައް ދައްކާކަށް ވަގުތެއް ވެސް ނެތެވެ. އަޅުގަނޑުގެ މި މަޒުމޫނު މާ ދިގުވެސް ވެއްޖެއެވެ. އަދި ކުޑަކުޑަ އެއް ވާހަކަ ދަންނަވައިލުމަށްފަހު ކުރުކޮށްލާނަމެވެ.
ޝައްކެއްނެތެވެ! ދިވެހި ރައްޔިތުން ޒަމާންވީ ރަސްކަމުގެ ނިޒާމުދޫކޮށް، ޖުމްހޫރީ ނިޒާމެއް ލިބިގަތް މައިގަނޑު މަޤްސަދަކީ، ރައްޔިތުންގެ ވެރިކަމެއް ޤާއިމްކޮށް، "ތަރައްޤީގެ ހަލުވި" ފިޔަވަޅުތަކެއް އެޅުމާއި ރައްޔިތުން ބާރުވެރި ކުރުވުމެވެ. އެ މީހުންނަށް ފާގަތި، ވިޔަވަތި ޙަޔާތެއް ހޯދައިދިނުމެވެ. ޖުމްހޫރީ ނިޒާމުގެ ފަލްސަފާއަކީ ވެސް އަޅުގަނޑު ދެކޭ ގޮތުގައި މިއީއެވެ. މި އުޞޫލާއި މި ނިޒާމުގެ ރޫޙާ ޚިލާފަށް އަމިއްލަ މަޞްލަޙަތަށްޓަކައި އެއްވެސް ބޭފުޅަކު ނުވަތަ އެއްވެސް މުއައްސަސާއަކުން މަސައްކަތްކޮށްފިނަމަ، އެއީ ވަރަށް ބޮޑު ޚިޔާނާތެކެވެ. އަނިޔާއެކެވެ. ޖުމްހޫރީ ނިޒާމުން ކަށަވަރުވެގެން އަންނާންވާނީ ޖުމްހޫރީ ވެރިކަމުގެ ބާރާއި އިޚްތިޔާރު ލިބެނީ ރައްޔިތުންނަށްކަމެވެ. ޖުމްހޫރީ ސަރުކާރެއް ހިންގާނީ އަދި ދެމިއޮންނަނީ ރައްޔިތުންގެ މަންދޫބުން އެކަށައަޅައިފައިވާ ޤާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް އެ މުއްދަތަކަށް ކަމެވެ. އެކިއެކި މަސްއޫލިއްޔަތު ޙަވާލުކުރެވިފައި އޮންނަ މުސްތަޤިއްލު ބާރުތަކެއް މި ނިޒާމުގައި އޮންނަނީ ރައްޔިތުންގެ ޙައްޤުތަކާއި މަސްލަޙަތަށްޓަކައިކަމެވެ. ރައްޔިތުންގެ ޙައްގުތައް މި ނިޒާމުގައި ކަށަވަރުކުރެވިފައިވާކަމެވެ. ރައްޔިތުން އިންތިޚާބުކުރާ ރައްޔިތުންގެ މަންދޫބުންނަށް ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރުމުގެ ބާރު މި ނިޒާމުގައި ލިބިދޭކަމެވެ. އެކަމަކު މި ނިޒާމު ފުރިހަމައަށް ތަންފީޒުވާނީ، ރައްޔިތުންނާއި ރައްޔިތުންގެ މަންދޫބުން ވޯޓު ދޭއިރު ނުވަތަ ކަންކަން ނިންމާއިރު، ވޯޓުގަތުމާއި ވޯޓުވިއްކުމުގެ ނުބައި ޢަމަލާ ދުރުހެލިވެގެންނެވެ. ވޯޓު ވިއްކުމާއި ވޯޓުގަތުމަކީ ވެސް ﷲ ލަޢުނަތް ލައްވައިފައިވާ ރިޝްވަތުގެ ޢަމަލެއް ކަމަށް ހިތުގެ އަޑިން ޤަބޫލުކޮށްގެންނެވެ. ﷲއަށްޓަކައި ވޯޓު ދީގެންނެވެ.
އެއްވެސް ޝައްކެއް ނެތް ގޮތުގައި ވެރިކަމުގެ ނިޒާމަށް ވިސްނާއިރު މި ދެންނެވި އަސާސްތަކުގެ މަތީގައި ޤާއިމުކުރެވިފައި އޮންނަ ޖުމްހޫރިއްޔަތަކީ ރައްޔިތަކަށް ލިބޭނެ ވަރަށް މަތިވެރި ނިޢުމަތެކެވެ. ނިޢުމަތަށް ޝުކުރުވެރިވުމަކީ އެ ނިޢުމަތް ދެމި އޮވެ ތަރައްޤީވުމުގެ ސަބަބެވެ. އެހެން ނޫންނަމަ އެ ނިޢުމަތް ނެތި ދިޔުމަކީ މާކަ ދުރެއްގައި އޮންނާނެ ކަމެއް ނޫނެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ ("އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރު ނުކޮށް) ކާފިރުވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ.") (އިބްރާހީމް:7). ނިޢުމަތަށް ޝުކުރުވެރިވުމަކީ ﷲ ދެއްވާ ނިޢުމަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމެވެ. ތިމާކުރާ ކޮންމެ ކަމަކީ ﷲ އަށްޓަކައި ކުރާ ކަމަކަށް ހެދުމެވެ. ތިމާކުރާ ކޮންމެ ކަމަކީ ތިމާއާ ސުވާލުކުރެވޭނެ ކަމެއްކަން ގަބޫލުކުކޮށްގެން މަސައްކަތްކުރުމެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. "وَلَا تَقْفُ مَا لَيْسَ لَكَ بِهِ عِلْمٌ ۚ إِنَّ السَّمْعَ وَالْبَصَرَ وَالْفُؤَادَ كُلُّ أُولَٰئِكَ كَانَ عَنْهُ مَسْئُولًا " ("އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް، ތިބާ تبع ނުވާށެވެ! ހަމަކަށަވަރުން، އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ، އެއާމެދު سؤالކުރައްވާނެ ކަމެއްކަމުގައިވިއެވެ.") (سورة الإسراء:36).
ދިވެހި ޖުމްހޫރިއްތަށް މިއަދު ބައި ޤަރުނަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު، ދިވެހިރާއްޖޭގައި މި ވަނީ ޒަމާނީ ޑިމޮކްރެސީއެއް ޤާއިމުކުރެވިފައެވެ. ދީމުޤްރާތީ ޖުމުހޫރިއްޔަތެއްގެ ބިންގާއެޅި އޭގެ ރުކުންތައް ފުރިހަމަކުރެވިފައެވެ. އެ ރުކުންތަކުގެ މަތީގައި ޖުމްހޫރިއްޔަތުގެ ކުރިބޯށިތައް ބިނާކުރެވެން ފަށައިފައެވެ. ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށްޓަކައި ލާމަރުކަޒީ ނިޒާމެއްގެ ބިންގާ އެޅިފައެވެ. ސިޓީ ކައުންސިލްތަކާއި އަތޮޅުކައުންސިލްތަކާއި ރަށުކައުންސިލްތައް ޤާއިމުކުރެވިފައެވެ. އެ ކައުންސިލްތަކުގެ މަސައްކަތްތައް ފެށިފައެވެ. އެހެންނަމަވެސް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ލޯކަލް ކައުންސިލްތަކަކީ ސަރުކާރުގެ އޮނިގަނޑުން ބޭރުގައި ހިނގާ އިދާރާތަކެއް ނޫނެވެ. އެއީ ސަރުކާރުގެ ހިންގުމުގެ ފަށަލައެކެވެ. މިހެން މި ދެންނެވީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދެ ވަނަ މާއްދާގައި، ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށް ޞަރީޙަ ޢިބާރާތުން ބަޔާންކޮށްފައިވާތީއެވެ. ޔުނިޓަރީ ދައުލަތުގެ މާނައަކީ އެ ދައުލަތެއް ހިންގުމުގެ ހުރިހާ ބާރަކާއި އިޚުތިޔާރެއް އަދި ކަންކަން ނިންމުމުގައި ފަހުބަސް ބުނުމުގެ އިޚުތިޔާރު މަރުކަޒީ ސަރުކާރަށް އޮތުމެވެ. އެއީ މިފަދަ ސިޔާސީ ނިޒާމަށް ކިޔާ ނަމެކެވެ. އެހެންވީމާ ހަގީގަތުގައި އެންމެ ފުރިހަމަ ލާމަރުކަޒީ އުޞޫލެއް މިފަދަ ނިޒާމެއް އޮންނަ ޤައުމެއްގައި ތަންފީޒެއް ނުކުރެވޭނެއެވެ. މިއީ އަޅުގަނޑު ގަބޫލުކުރާ ގޮތެވެ. މި ފަދަ ދައުލަތެއްގައި ކައުންސިލްތަކުގެ ޒިންމާއަކަށްވާނީ ސަރުކާރުގެ ސިޔާސަތުތަކާ ޚިލާފު ނުވާ ގޮތުގެ މަތީން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ރައްޔިތުންގެ ޚިޔާލާއެކު އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމެވެ. ކައުންސިލުތަކުން ޢަމަލުކުރާންޖެހޭނީ މަރުކަޒީ ޤާނޫނުތަކާއި ޤަވާޢިދުތަކަށެވެ. އެ ދާއިރާއަކަށް ބޭނުންވާ އިތުރު ޤާނޫނެއް ވަކިންނެއް ނެހެދޭނެއެވެ. އެ ދާއިރާއެއްގެ ކަންކަން ތަންޒީމުކޮށް ތަންފީޒުކުރުމަށްޓަކައި އިތުރު ގަވާއިދުތައް ހެދޭނީ ވެސް މަރުކަޒީ ޤާނޫނުތަކާއި ޤަވާޢިދުތަކާ ސިޔާސަތުތަކާ ޚިލާފުނުވާ ގޮތަކަށެވެ. ވީމާ، ކައުންސިލްތައް ވާންޖެހޭނީ ޤާނޫނާއި ޤަވާއިދުގެ ތެރެއިން ސަރުކާރާ ގުޅިގެން މަސައްކަތްކުރާ އެ ސަރުކާރުގެ ފަށަލައަކަށެވެ.
އާދޭހެވެ! ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ހިންގޭނީ ފެޑެރަލް ދައުލަތްތަކުގައެވެ. ފެޑެރަލް ދައުލަތްތަކަކީ ގިނަގިނަ ސްޓޭޓްތަކަކަށް ނުވަތަ ޕްރޮވިންސަތަކަށް ބެހެވިފައިވާ ބޮޑެތި ފެޑެރޭޝަންތަކެވެ. މި ފަދަ ދައުލަތްތަކުގައި ކޮންމެ ސްޓޭޓެއްގައި ވަކި ލޯކަލް ސަރުކާރަކާއި ވަކި ޕާލިއަމެންޓަކާ އޮވެގެން އެ ސްޓޭޓެއްގެ އެންމެހާ ކަންކަން ހިންގާނީ ފުރިހަމަ މިނިވަންކަމާއެކު އެ މީހުންނެވެ. ފައިސާ ހޯދާނީ އަމިއްލަޔަށެވެ. ތަރައްޤީކުރާނީ އަމިއްލަޔަށެވެ. ޚާރިޖީ ކަންކަމުގައި ނުވަތަ ޢާއްމު ސަލާމަތީ ކަންކަމުގައި ނޫނީ މައިސަރުކާރަކުން ނުބެހޭނެއެވެ. މިއީ ވަރަށް ބިޔަ ބޮޑެތި ބިންތަކުގައި ބޮޑެތި އާބާދީތަކުގައި ޤާއިމުކުރެވިފައިވާ ނިޒާމުތަކެކެވެ. ހަގީގަތުގައި ދިވެހިރާއްޖޭގެ ޖުޣުރާފީ ޙާލަތާއި ރަށްތައް އެތުރިފައި ހުރި ގޮތާއި ރަށްރަށުގެ ބޮޑުކުޑަމިނާއި އާބާދީގެ ނިސްބަތަށް ބަލާއިރު ދިވެހި ދައުލަތް މި ފަދަ ފެޑަރޭޝަނެއްގެ ގޮތުގައި ހިންގުމަކީ އެކަށީގެންވާ ކަމެއް ކަމަކަށް ނުވަތަ އެއީ އެންމެ ފައިދާޖުރި ގޮތަ ކަމަކަށް އަޅުގަނޑެއް ނުދެކެމެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ. ވީމާ ދިވެހިރާއްޖޭގައި ކޮންމެ ކައުންސިލަކީ ވެސް މަރުކަޒީ ސަރުކާރުގެ ފަށަލައެއްކަމުގައި ބައްލަވައިގެން ރައްޔިތުންނާ ގާތުން ޚިދުމަތްދެއްވެންޖެހޭނެއެވެ. އެހެންނަމަވެސް ކައުންސިލްތަކަށް ލިބޭދޭންޖެހޭ ޤާނޫނީ ބާރުވެރިކަމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދެއްވުމަކީ ސަރުކާރުން ވެސް ކޮށްދެއްވަންޖެހޭނެ ކަމެކެވެ. އަދި ކައުންސިލްތަކުން ކުރާ ކަންކަން ސުޕަރވައިޒްކޮށް ވަޒަންކޮށް ރަނގަޅުކަންކަމަށް ހިތްވަރުދީ ނުރަނގަޅުކަންކަން ހުއްޓުވުމުގެ ހަރުދަނާ ނިޒާމެއް ވެސް ޤާއިމުކުރެވެންވާނެއެވެ. މި ޖުމްހޫރިއްޔަތުގެ ހަމަޖެހުމާއި މަޞްލަޙަތު އެންމެ ބޮޑަށް ރައްޔިތުންނަށް ފޯނާނީ މި ގޮތުގެ މަތީން ޢަމަލުކުރެވިގެންނެވެ.
މި އުފާވެރި ޖުމްހޫރީ ދުވަހުގެ އުފާވެރި މުނާސަބަތާ ގުޅުވައިގެން ލިޔާ މިފަދަ މަޒުމޫނެއް މިހާޜު މާ ދިގުވެސް ކުރެވިއްޖެއެވެ. ލިޔަން ހުރި ވާހަކަތައް އަދިވެސް ވަރަށް ގިނައެވެ. ހުރިހާ ވާހަކައެއް ނުވެސް ލިޔެވޭނެއެވެ. ނަމަވެސް ޖުމްހޫރިއްޔަތަކުން ދިވެހީންނަށް ލިބުނު ފައިދާއަކީ ކޮބައިތޯ ރައްޔިތުން ވިސްނައިވަޑައިގަތުން ވަރަށް މުހިއްމެވެ. ރައްޔިތުން ވެރީންނަށް ޚިދުމަތްކުރުމުގެ ބަދަލުގައި ވެރީން ރައްޔިތުންނަށް ޚިދުމަތްދެއްވަން ފެއްޓެވީ މި ނިޒާމުގެ ތެރެއިންނެވެ. ތަޢުލީމު ޙާޞިލުކުރުމަކީ ހަމައެކަނި ބޮޑުންގެ ދަރީންނަށް އޮތް ޙައްޤެއް ކަމަށް އޮތް އޮތުން އެކީ އެކައްޗަކަށް ބަދަލުވެ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ޢާއްމުވީ މި ނިޒާމުގެ ތެރެއިންނެވެ. ލިޔަންކިޔަން ދަތުމުގެ ނިސްބަތް 99 އިންސައްތައާ ހަމައަށް ކުރިޔަށް އެރީ މި ނިޒާމުގެ ތެރެއިންނެވެ.
އަޅުގަނޑުގެ އުންމީދުކުރަނީ ބައި ޤަރުނު ފަހަނަޅައި، ޤަރުނަކާ ދިމާއަށް މިޞްރާބު ޖަހައިފައިވާ ދިވެހި ޖުމްހޫރިއްޔަތަކީ ދިވެހީންގެ ލާބަޔާއި މަންފާއަށްޓަކައި ދެމި އޮންނަ ވެރިކަމެއްކަމަށް ވާނެކަމަށެވެ. ދިވެހި އަމިއްލަވަންތަކަމާއި ސިޔާދަތު ޙިމާޔަތްކުރެވިފައިވާ ހަރުދަނާ ވެރިކަމެއް ކަމުގައި ދިވެހި ޖުމްހޫރިއްޔަތު ވާނެކަމަށެވެ. ދިވެހި ޤައުމިއްޔަތުގެ އަސާސްތަކުގެ މަތީގައި ދިވެހި ޖުމްހޫރިއްޔަތުން ދިވެހި ރައްޔިތުންނަށް ވިޔަވަތި ޙަޔާތެއް ފަހިވެގެން އަންނާނެކަމަށެވެ.
ކީރިތިވަންތަ މާތް ﷲ ދިވެހި ޖުމްހޫރިއްޔަތަށް ފަހިކަމާއި އަރުތަ މިންވަރުކުރައްވާށިއެވެ! ދިވެހިރާއްޖޭގެ އަމިއްލަވަންތަކަމާއި ސިޔާދަތު ޙިމާޔަތްކުރުމުގެ ހިތްވަރާއި ތައުފީޤު ދިވެހީންނަށް މިންވަރުކުރައްވާށިއެވެ! މާތްވެގެންވާ އިސްލާމް ދީނާއި ޤައުމަށްޓަކައި އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރުމުގެ ތައުފީޤު ދިވެހި ސަރުކާރަށާއި ދިވެހިރައްޔިތުންނަށް މިންވަރުކުރައްވާށިއެވެ! ދިވެހިރާއްޖޭގައި އިސްލާމީ ވަޙުދަތު ނަގާލަން މަސައްކަތްކުރާ މި ޤައުމުގެ ދުޝްމަނުންނާއި ޚާއިނުންގެ މަކަރުވެރި ރޭވުންތައް ނާކާޟިޔާބުކުރައްވައި އެފަދަ ޣައްދާރުން ފަޟީޙަތްކުރައްވާށިއެވެ! ދިވެހި ޤައުމު އިސްލާމީ ހިދާޔަތުގައި މިނިވަންކަންމަތީ ޤިޔާމަތާ ހަމަޔަށް ލަހައްޓަވާށިއެވެ! އާމީން!
ވަރަށް މުހިއްމު މަޢުލޫމާތުތަކެއް ލިބިއްޖެ