ލަފުޒުތައް ކަނޑައެޅުމަށާ ބަހުގެ ހަމަ އެކުލަވާލުމަށް އިޖުތިމާއީ މީޑިއާގެ ބަސް މުހިއްމުތަ؟

އިޖުތިމާއީ މީޑިއާއަކީ މިހާރަކަށް އައިސް ޚިޔާލު ފާޅު ކުރަން ގިނަ މީހުން ޚިޔާރު ކުރާ މަންސައެވެ. އިޖުތިމާއީ މީޑިއާ އަކީ އިޖްތިމާޢީ މައްސަލަތަކުން ފެށިގެން ސިޔާސީ ކަންކަމާ ދޭތެރޭ ޚިޔާލު ފާޅު ކުރަން ދުނިޔޭގެ ހުރިހާ ދިމާއެއްގައިވެސް ބޭނުންކުރެވޭ ވަސީލަތެކެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގާ ތަފާތު ކަންތައްތައް އާއްމުންނާ ހަމައަށް އެންމެ އަވަހަށް ފޯރުކޮށްދޭ ވަސީލަތަކީވެސް އިޖުތިމާއީ މީޑިއާއެވެ. އެހެންކަމުން މި ވަސީލަތް ވެފައި މިވަނީ ވަރަށް ނުފޫޒު ގަދަ އަދި ހަމަ އެހެންމެ ޚަބަރު ގެނެސްދިނުމުގައި ވެސް  ނޫސްވެރިން އެއަށް ބަރޯސާވާ ވަސީލަތަކަށްވެސް މެއެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބަށްވެސް އެންމެ ބޮޑު ނުފޫޒެއް ފޯރުވި އެއް މީޑިއަމަކީ އިޖުތިމާއީ މީޑިއާއެވެ. ފައިސާގެ އެހީ ހޯދުމަށާއި ކަންކަމަށް ފާޑުކިޔަންވެސް އިޖުތިމާއީ މީޑިއާ ބޭނުންކުރެއެވެ.

ޓްވިޓަރ އާއި ފޭސްބުކަކީ ދިވެހިންވެސް ތަފާތު ގިނަ ބަހުސްތައް ހިންގާ މަންސަ އެކެވެ. މިގޮތުން ކުރެވޭ ބަހުސް ތަކުގެ ތެރޭގައި ދޭތެރެއަކުން ބަހުގެ ބަހުސްވެސް ހިނގައެވެ. ދިވެހި ބަހަށް އިސްކަން ދިނުމުގެ މުހިއްމު ކަމުގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު "އެކެޑަމީ" އަކީ ދިވެހި ބަހެއްތޯ ސުވާލު އުފައްދައެވެ. ދިވެހި ބަހަށް އިސްކަން ދިނުމުގެ ގާނޫނުގެ ދަށުން މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ގެޒެޓު ކުރެވުނު ދިވެހި ބަހަށް އިސްކަން ދިނުމުގެ ގަވާއިދަށްވެސް އިޖުތިމާއީ މީޑިއާގައި ފާޑު ކިއުންތައް އަމާޒު ކުރެވުނެވެ. ދިވެހި ބަސް "ދެރަ" ކުރާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް މި ގަވައިދު ގައި އޮތްކަމަށް މީޑިއާއިން ރިޕޯޓު ކުރުމުން ވަރަށް ގިނަ މީހުން އެކަމަށް މަލާމާތް ކުރަމުން ދިޔައެވެ. ދިވެހި ބަސް "ހާޓު" ނުކުރާން އެކަކު އަނެކަކަށް ނަސޭހަތްރިވިއެވެ.

ގަބޫލު ކުރާންޖެހޭ ހަގީގަތަކީ ދިވެހި ބަހުގެ އެކެޑަމީ އަކީ ދިވެހި ބަސް ހިމާޔަތް ކުރުމަށާއި ބަހާއި ގުޅޭ އެންމެހާ ކަންތައްތައް ނިންމާ ބަހާގުޅޭ އެންމެހާ ކަންތައްތަކުގައި ފަހުބަސް ބުނުމަށް ޤާނޫނެއްގެ ދަށުން މަތި ކުރެވިފައިވާ މުއައްސަސާ ކަމެވެ. ކަންކަމަށް ފާޑު ކިއުމަކީ މައްސަލައެއް ނޫނެވެ. ކޮންމެ ކަމަކާ ގުޅޭ ގޮތުންވެސް އެމީހަކު ދެކޭގޮތް ބަޔާން ކުރެވިދާނެއެވެ. އެހެންނަމަވެސް ކަންކަން ކުރާގޮތް އޮޅުންފިލުވުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެކެވެ. މައުލޫމާތު ހޯދައި ލިބިގަތުމަކީ ކޮންމެ މީހެއްގެވެސް ހައްގެކެވެ. އެހެންކަމުން އެކެޑަމީ އިން ކުރާ މަސައްކަތާއި އެ މަސައްކަތް ކުރަނީ ކިހިނެއްކަން އޮޅުން ފިލުވުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުމެންގެ ހައްގެކެވެ. އާ ލަފުޒުތައް ކަނޑައެޅުމަކީ ވަކި ފަރުދަކު އަމިއްލަ އަށް ކުރާ ކަމެއް ނޫނެވެ. ބަހުގެ ހަމަ އެކުލަވައިލަނީ ވަކި މީހެއް އެކަންޏެއް ނޫނެވެ. މުޙައްމަދު އަމީން ގެ ދައުރުން ފެށިގެންވެސް ދިވެހި ރާއްޖޭގައި 'ބަސް ކޮމިޓީ' އެއް އޮވެއެވެ. އާ ލަފުޒު ތައް ކަނޑައަޅަނީ  މިދެންނެވި ކޮމިޓީގެ އަޣްލަބިއްޔަތުންނެވެ.

ބަސް ފޮތަށް އިތުރު ކުރާނެ ލަފުޒުތައް ބަސް ކޮމިޓީއިން ކަނޑައެޅި ކަމުގައިވިޔަސް މިކަން ކުރަނީ ކޮން އުސޫލަކުން ކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ތަފާތު ގިނަ އާ ލަފުޒު ތައް 'އުފެއްދި' ނަމަވެސް މިލަފުޒުތައް އެކަށީގެންވާ ވަރަކަށް ބޭނުން ކުރާ ތަނެއް ނުފެނެއެވެ. ބަހުގެ އެކެޑަމީ ގެ ޓްވިޓަރ އިން ދޭތެރެއަކުން އާ ލަފުޒުތައް ޓްވީޓުކޮށްފައި ހުންނަތަން ފެނެއެވެ. މި ލަފުޒުތައް ލިޔެ ކިޔުންތަކުން ފެންނަލެއް ވަރަށް މަދެވެ. އަބަދުވެސް އިވޭ އަޑަކީ އާ ލަފުޒުތަކުގެ ބަދަލުގައި 'ބޭރު" ލަފުޒުތައް ބޭނުންކުރާ ވާހަކައެވެ. ދިވެހި ބަހާ ދޭތެރޭ އިހާނެތިކޮށް ކަންތައް ކުރާ ވާހަކައެވެ. އަމިއްލަ ބަހަށް ދޭންވާ ލޯތްބާއި އިޙްތިރާމް ނުދޭ ވާހަކައެވެ. ލިޔެކިޔުންތަކުންނާއި ދެކެވޭ ވާހަކައިގައި 'އުފައްދާ' ގިނަ ލަފުޒުތައް ބޭނުންކޮށްފައި ނުހުންނަ ވާހަކައެވެ. މިހެން ދިމާވަނީ އުފައްދާ ލަފުޒު ތައް ޢާއްމު ނުކުރެވޭތީ ކަމުގައި ވުމަކީވެސް އެކަށީވެގެންވާ ކަމެކެވެ.

ހަގީގަތުގައި ބަހަކީ ނުވަތަ ލަފުޒަކީ ނުވަތަ ބަހުގެ ހަމައަކީ "އުފައްދާ" އެއްޗެއް ނޫނެވެ. އެއީ އުފެދޭ އެއްޗެކެވެ. މާނައަކީ  'ވަކި ހަމައަކުން' އާއްމުންގެ ތެރޭގައި ލަފުޒުތައް ބޭނުންކުރާ މިންވަރު އިތުރުވީމާ އެ ލަފުޒެއް ބަސް ފޮތުގައި ހިމަނާންވީ އެވެ. މިހަމައިން ކަންކޮށްފިނަމަ އާ ލަފުޒުތައް ބޭނުން ނުކުރާތީ އެކަމާ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. މަޝްްހޫރު ބަސް ބަހުގައި އާ ލަފުޒުތައް ކަނޑައެޅުމުގެ އިތުރުން ބަހުގެ ހަމަ އެކުލަވައިލަނީވެސް ލިޔެ ކިޔުންތަކުން ބަލައިގެން އެއް ބައްޓަމެއް ނުވަތަ އެއް ވަޒަނެއް އެއް ގޮތަކަށް ލިޔެ ކިޔުންތަކުގައި ބޭނުންކުރެވިފައި ހުރި ކަމުގެ ހެކި ދިގު މުއްދަތެއް ވާންދެން، ބަދަލު ވުމެއް ނެތި، ފެންނާންހުރި ކަމުގައި ވާނަމަ އެއީ ބަހުގެ ހަމައެއް ކަމުގައި ބަލައަިގަންނަނީއެވެ. މިގޮތަށް ކަންތައް ކުރުމުން ހަމަ ކިޔައިދޭން ނުވަތަ އާ ލަފުޒު ކިޔައަިދޭން މާ ބޮޑު މަސައްކަތެއް ކުރާކަށް ނުޖެހޭނެއެވެ.

ދިވެހި ބަހަކީ ފޫހި ބަހެއްގެ ގޮތުގައި ބަޔަކު ދުށްކަމުގައި ވިއަސް އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ބަހުން ކުރާން ޖެހޭ ހުރިހާ ކަމެއް ކުރެވެއެވެ. ބަހަކީ ސަގާފީ އެއްޗެކެވެ. ދިވެހި ސަގާފަތާއި ގުޅުން ހުރި ކޮންމެ ވާހަކަ އެއް ދިވެހި ބަހުން ބުނެވެއެވެ. އަޅުގަނޑުމެންގެ ވެށީގައި ހުންނަ ތަކެއްޗަށް ކިޔާ ނަންނަމާއި ދިމާވާ ކަންކަމުގެ ވާހަކަ ބޭރު ބަހެއް ބޭނުން ނުކޮށް އަޅުގަނޑުމެންނަށް ބުނެވެއެވެ. ހިތުގައި އުފެދޭ އިހުސާސް ތަކާއި ޝުޢޫރުތައް ދިވެހި ބަހުން ފާޅުކުރެވެއެވެ. އާ އީޖާދު ތަކާ އާ ޓެކްނޮލޮޖީ އާ ގުޅިގެން އުފެދޭ ބަސްތައް ބުނާނެ ދިވެހި ބަހެއް ނެތުމަކީ ދިވެހި ބަސް ފަގީރުވާ ސަބަބެއް ނޫނެވެ. ދުނިޔޭގެ އެންމެ މުއްސަނދި އެއް ބަސް ކަމުގައިވާ އިނގިރޭސި ބަހުގެ ގާތްގަނޑަކަށް 80 އިން ސައްތަ އަކީ އެހެން ބަހަކުން އެބަހަށް ގެނެސްފައިވާ ލަފުޒުތަކެވެ. އާ އީޖާދުތަކާއި ގުޅިގެން އުފެދޭ ކޮންމެ ލަފުޒަކަށް ލަފުޒެއް ހެދުމުގެ ބަދަލުގައި އެ ލަފުޒު ތައް ދިވެހި އަޑުތަކަށް ފައްތައިގެން ދިވެހި ބަހުގެ ތެރޭގައި ހިމެނުމަކީ މައްސަލައެއް ނޫނެވެ. ނުވަތަ 'ބޭރު' ބަސް ޢާއްމުވުމުގެ ކުރިން އާ ލަފުޒު ހަދައި އެ ލަފުޒު ޢާއްމު ކުރެވިދާނެއެވެ.

އަލަށް އުފައްދާ ލަފުޒުތައް އާއްމުންގެ ތެރޭގައި ބޭނުން ނުކުރަނީ ކީއްވެގެންތޯ މިހާތަނަށް ހޯދިފައެއް ނެތެވެ. މުޅިންވެސް ލިޔެފައި ހުންނަތަން ފެންނަނީ ދިވެހި ބަހުގެ ބަަދަލުގައި ބޭރު ބަހެއް އިޚްތިޔާރު ކުރާކަމަށް ލިޔުުންތެރިންނަށް ހީވާ ސަބަބުތަކެވެ. އަލަށް އުފައްދާ ލަފުޒުތަކުގެ ބަދަލުގައި ބޭރު ބަސް ބޭނުންކުރާ ސަބަބު ހޯދަން އެބަޖެހެއެވެ. އެހެން ބަސްބަހުގައި، ބަސްފޮތުގައި އަލަށް ހިމަނާ ލަފުޒުތައް އާއްމު ކުރަން ގެންގުޅެނީ ކޮން އުސޫލެއްތޯ ބަލައިލުމަކީ ވެސް ނެތް ކަމެއް ނޫނެވެ. އަޅުގަނޑުމެންނަށް ގޯސްކޮށް ކުރެވެނީ ކޮންކަމެއްތޯ ބަލައިލުމަކީވެސް ނެތްކަމެއް ނޫނެވެ.

އާ ލަފުޒު ކަނޑައެޅުމުގައި މަޝްހޫރު އިނގިރޭސި ޑިކްޝަނަރީ ތަކުން ގެންގުޅޭ މިންގަނޑެއް އޮވެއެވެ. ކޮންމެ އަހަރަކުވެސް ތަފާތު އާ ލަފުޒާއި އާ ޢިބާރާތް އުފެދެއެވެ. މީގެތެރެއިން ޑިކްޝަނަރީގައި ހިމަނާނެ ލަފުުޒުތަކާއި ޢިބާރާތް ކަނޑައެޅުމަށްޓަކައި މިލަފުޒުތަކާއި ޢިބާރާތްތައް ބޭނުންކުރަމުން އަންނަގޮތް ވަރަށް ގާތުން ބަލައި ދިރާސާ ކުރެއެވެ. އޮކްސްފޯރޑް ޑިކްޝަނަރީގައި ލަފުޒުތައް ހިމަނަނީ  ތިރީގައި މިވާ ކަންކަމަށް ރިޢާޔަތް ކުރުމަށް ފަހުގައެވެ.

 

އާ ލަފުޒުތައް ހޯދައި އެއްކުރުން

އެންމެ ފުޅާކޮށް ބަހުގެ ދިރާސާ ކުރާ އެއް ޕްރޮގްރާމް އޮންނަނީ އޮކްސްފޯރޑު ޔުނިވަރސިޓީ ޕްރެސްގައެވެ. އޮކްސްފޯރޑް ޑިކްޝަނަރީގެ އެންމެ މުހިއްމު ރިސޯސް އެއްގެ ގޮތުގައި ބޭނުންކުރަނީ "އޮކްސްފޯރޑު އިނގްލިޝް ކޯޕަސް" އާއި "އޮކްސްފޯރޑް އިނގްލިޝް ރީޑިންގ ޕްރޮގްރާމް" އެވެ. ކޯޕަސްގައި މައިގަނޑު ގޮތެއްގައި ހިމެނެނީ "ވަރލްޑް ވައިޑް ވެބް" (އިންޓަނެޓުގައި ވިއުގައަކުން ގުޅާލެވިފައިވާ މައުލޫމާތުގެ ނިޒާމެއް) އިން ނަގާފައިވާ ޑޮކިއުމަންޓް ތަކެވެ. އެހެންނަމަވެސް ރީޑިންގ ޕްރޮގްރާމުގައި ހިމެނެނީ ތަފާތު ލިޔުންތަކާއި ލަވައާއި ޚިޔާލީ ވާހަކައާއި ޢިލްމީ މަގާލާ ތަކުން ޖުމުލަތައް ނަގައިގެން އެކުލަވާލާފައިވާ އިލެކްޓްރޯނިކް މަޖުމޫއާ އެކެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "އެނބުރޭ" އާ ލަފުޒުތަކާއި، އެ ލަފުޒު ތަކުގެ މާނައާއި އަދި ބަހަށް އަންނަ ބަދަލުތަކަށް ޝައުޤު ހުންނަ ކިޔުންތެރިންގެ ބައިވެރިވުން އޮންނަ ވިއުގައެކެވެ.

 

ލަފުޒުތައް ބޭނުންކުރާ މިންވަރު ބަލައި ލަފުޒުތައް 'ހޮވުން'

ބަހަށް ވަންނަ އާ ލަފުޒުތައް ދެނެގަތުމަށްޓަކައި ދާއިމީ ގޮތެއްގައި ކޯޕަސް އާއި ރީޑިންގ ޕްރޮގްރާމް ބަލަމުން ގެންދެއެވެ. މިގޮތުން ތަފާތު އެކި ލިޔުންތެރިންެގެ، ތަފާތު އެކި ލިޔުންތަކުގައި، އާލުފުޒެއް  ބޭނުންކޮށްފައިވާ ކަމުގެ "ހެކި" ލިބުމުން މިލަފުޒު ކޮންމެވެސް އެއް ބަސްފޮތެއްގައި ހިމެނުމަށް ޝަރުތު ހަމަވެ، ހުނިޖެހެއެވެ. ބަސްފޮތުގެ އަދާހަމަ (އަޕްޑޭޓް) އަކަށް ނުވަތަ އޮންލައިން ކޮންމެ އަދާހަމަ އަކަށް، ފާހަގަކުރެވޭ އާލަފުޒުތައް ދިރާސާ ކޮށް ޙާލަތާއި ވަގުތަށް އެންމެ އެކަށޭނަ އަދި މުހިންމު ކަމަށް ފެންނަ ލަފުޒުތައް ހޮވައެވެ.

 

ހެކި

ފާއިތުވި ގަރުނުތަކުގައި ބަސްފޮތުގައި ހިމަނާފައި ހުރީ ބަސްފޮތް ލިޔާ މީހުންނަށް ބޭނުންތެރި ކަމުގައި ފެންނަ ލަފުޒުތަކުގެ ލިސްޓެކެވެ. އެއީ އެ ލަފުޒެއް އެއްވެސް ލިޔުމެއްގައި ބޭނުންކުރެވިފައިވާ ކަމުގެ ހެއްކެއް ފެންނާން ނެތަސްމެއެވެ. އެހެންނަމަވެސް މިއަދު ލަފުޒެއް ބަސްފޮތުގައި ހިމެނުމުގެ ޝަރުތު ހަމަވަނީ އެ ލަފުޒެއް ޗާޕު މީޑިއާގައި ނުވަތަ އޮންލައިން ވަސީލަތެއްގައި ބޭނުންކުރެވިފައި އޮތުމުންނެވެ. ދެކެވޭ ވާހަކަތަކުގައްޔާއި ޓީވީ އާއި ރޭޑީއޯ އިން އެ ލަފުޒެއް ކިތަންމެ ގިނައިން ބޭނުންކުރި ކަމުގައިވީ ނަމަވެސް އެލަފުޒެއް ބަސްފޮތުގައި ހިމެނުމަށް ޝަރުތު ހަމައެއް ނުވެއެވެ.

 

ޒަމާން ތަރުތީބު (ޓައިމް ލައިން)

ކުރިން ޗާޕު ބަސްފޮތަކަށް އާ ލަފުޒެއް އިތުރުކުރުމުގެ ކުރިން އެލަފުޒަކީ 2 އަހަރު ނުވަތަ 3 އަހަރު ވާންދެން ބޭނުން ކޮށްފައިވާ ލަފުޒަކަށް  ވާންޖެހެއެވެ. އެހެންނަމަވެސް ޑިޖިޓަލް އޭޖާއެކު މިޙާލަަތު ވަނީ ބަދަލުވެފައެވެ. ލަފުޒެއް ތަޢާރަފުވެ ކުޑަ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެލަފުޒު ބޭނުންކުރާ މީހުންނާ ބޭނުންކުރާ މިންވަރު މިހާރު އިތުރުވެދެއެވެ. އަދި މިލަފުޒު ތައް ބަސްފޮތުގައި ހިމަނަން އެމީހުން ބޭނުންވެއެވެ. އެފަދަ ލަފުޒު ބަލައިގަންނާނެތޯ ނުވަތަ އެފަދަ ލަފުޒުތަކަކީ ބަހަށް އަންނަ ވަގުތީ ސިފައެއްތޯ ނުވަތަ ދާއިމީ ސިފައެއްތޯޯ ކަނޑައަޅާ ލެކްސިކޮގްރާފަރުންނަށް (ބަސްފޮތް އެކުލަވާލާ މީހުންނަށް) މިއީ ބޮޑު ތަކުލީފަކަށް ވެއެެވެ.

    

އަމިއްލަ އީޖާދުތައް

އަމިއްލަ ފަރާތްތަކުން އީޖާދުކުރާ ލަފުޒުތައް ބަސްފޮތަށް ފޮނުވިކަމުގައި ވިއަސް ބަސް ކޮށާރުން އެލަފުޒެއް ފުޅާ ދާއިރާއެއްގައި ލިޔުމުގައި ބޭނުންކުރާ ކަމުގެ ހެކި ފެންނާން ނެތް ކަމުގައިވާ ނަމަ އެލަފުޒެއް ބަސްފޮތުގައި ހިމެނުމުށް ޝަރުތު ހަމައެއް ނުވެއެވެ. އެފަދަ ލަފުޒުތައް ބަލައިނުގަތް ކަމުގައި ވިއަސް އެ ލަފުޒުތަކަކީ ބަހުގައިވާ ހުސްކަމެއް ފުރާލަދޭ ލަފުޒެއް ކަމުގައިވާނަމަ ނުވަތަ އެ ލަފުޒުތަކަކީ ޢާއްމުންގެ ސަމާލުކަން ދަމައިގަންނަަަަ ފަދަ ލަފުޒުތަކެއް ކަމުގައިވާނަމަ އެ ލަފުޒުތައް ބަހުގެ ތެރެއަށް ވަދެއެވެ.

ޖުމުލަ ގޮތެއްގައި މަޝްހޫރު ހުރިހާ ބަސްފޮތްތަކުގައި އާ ލަފުޒު ހިމެނުމުގައިވެސް ގެންގުޅެނީ މިއުސޫލެވެ. ނުވަތަ މިއާ ދާދި އެއް އުސޫލެކެވެ. މާނައަކީ ބަސްފޮތަށް އާ ލަފުޒެއް އިތުރު ކުރާއިރު އެލަފުޒެއް އޮންނާނީ މީހުން ދަންނަ ލަފުޒަކަށްވެ ޢާއްމުވެފައެވެ. އެހެން ކަމުން އާ ލަފުޒުތައް ލިޔެކިޔުންތަކުގައި ބޭނުން ނުކުރާތީ އެކަމާ ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ.

އެހެނިހެން ބަސްފޮތް ތަކުން މަސައްކަތް ކުރާ ގޮތަށް ދިވެހި ބަސް ފޮތް އެކުލަވާލުމަށް މަސައްކަތް ކުރާކަށް ނުޖެހެއެވެ. އެހެންނަމަވެސް ބަސް ފޮތް އެކުލަވާލުމުގައި ފަހުގެ ޓެކްނޮލޮޖީއާ ދިމާއަށް މިސްރާބު ޖަހާން ވެއްޖެއެވެ. ބަހަކީ ވަރަށް އަވަސް ދުވެލީގައި ބަދަލު ވަމުން އަންނަ އެއްޗެކެވެ. އާ ލަފުޒުތައް އުފެދި، ބައެއް ލަފުޒުތައް އުވި، ކުރިން ހިިމަނާފައި ހުރި މާނަ ފުޅާވެއެވެ. މިކަހަލަ ބަދަލުތައް ހިމަނާ ނަމަ އަހަރަކު ތިން ހަތަރު ފަހަރު ބަސްފޮތް ޗާޕު ކުރަން ޖެހޭނެއެވެ. އެހެންކަމުން ދިވެހި ބަސް ފޮތުގެ އޮންލައިން އިސްދާރެއް އުފައްދައި މި އިސްދާރަކީ ވަކި އުސޫލެއްގެ މަތިން އަދާހަމަ ކުރެވޭ އެއްޗަކަށް ހަދަން އެބަޖެހެއެވެ.

ހަމައެހެންމެ ދިވެހިބަހުގެ ކޮށާރު ނުވަތަ ކޯޕަސް (ބަހުގެ ސިފައާއި ބަހަށް އަންނަ ބަދަލުތައް ދިރާސާ ކުރުމަށްޓަކައި އޮންލައިންގައި އެއްކުރެވޭ ލިޔެކިޔުން ތަކާއި، ތަގުރީރުތަކާއި، މުޢާމަލާތްތައް/ދޭދޭ ވާހަކަތައް) އެއް އުފެއްދުމުގެ މަސައްކަތް ފަށައިގަންނާން މާ ލަސްވެސް ވެއްޖެއެވެ. ބަހަށް ގެނެވޭ ކޮންމެ ބަދަލަކީ ކޮށާރުގެ ތެރެއިން ހެކި ލިބިގެން ގެނެވޭ ބަދަލެއް ކަމުގައި ހަދާންޖެހެއެވެ. އެކަހަލަ ބަދަލެއް ގެނެވިއްޖެނަމަ އިޖުތިމާއީ މީޑިއާގައި ފާޑު ކިޔާ މީހުންނާ ދޭތެރޭ ނުރުހިފައި ތިބޭކަށް ނުޖެހޭނެއެވެ.

ކޮށާރަ އެއް ނެތަސް ބަސްފޮތުގައި ހުރި ޢާއްމުންނާ ބީރައްޓެހި ލަފުޒު ތަކާއި އަލަށް އުފައްދާ ލަފުޒުތައް ޢާއްމު ކުރާނެ ގޮތަކާ ދޭތެރޭ ވިސްނާން އެބަޖެހެއެވެ. މިއީ ޓްވިޓަރ އާ ފޭސްބުކު މެދުވެރިކޮށް ކުރެވިދާނެ ކަމެކެވެ. އާ ލަފުޒު ތައް ބޭނުންކޮށްގެން ޓްވީޓު ކުރުމާއި އެލަފުޒުތައް ބޭނުންކޮށްގެން ފޭސްބުކުގައި ޅެން ހެދުން ނުވަތަ ކުރު ވާހަކަ ލިޔުން ކަހަލަ ޙަރަކާތްތައް ކުރިޔަށް ގެންދެވިދާނެއެވެ. އަދި މި ޕޯސްޓުތައް އެ ލަފުޒު ތައް ބޭނުންކޮށްގެން ހޭޝްޓެގު (ޚަބަރުތައް ނުވަތަ ތަފާތު ޙަރަކާތްތައް ގިންތި ކުރުމަށް އިޖުތިމާއީ މީޑިއާގައި ބޭނުންކުރާ ފާހަގަ- '#')  ކުރެވިދާނެއެވެ. މިހާރުވެސް ޓްވިޓަރގައި ދޭތެރެ ދޭތެރެއިން ޅެން ބައިތުން ނުވަތަ ތިން ބަސް ރައިވަރާއި ހަބަސް ރައިވަރުން މުޢާމަލާތް ކުރާތަން ފެނެއެވެ.

ދިވެހި ބަހަށް އިސްކަން ދިނުމުގެ ގަވައިދު ގެޒެޓު ކުރުމުން އެކަމަށް ހަޖޫ ކިޔައި އިޖުތިމާއީ މީޑިއާގައި ބަހުސް ކުރިއެވެ. އެގަވައިދުގެ ފުރަތަމަ ބާބުގައި ބަޔާންކޮށްފައިވާ ކަމަކާއި ޚިލާފުވެއްޖެނަމަ ކުށެއްކަމުގައި ބަލައި ފިޔަވަޅު އަޅާނެ ވާހަކަ މިގަވައިދުގައި ވެއެވެ. ގަވައިދާ ޚިލާފުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ލިބިދީފައިވަނީ ދިވެހި ބަހުގެ އެކެޑަމީ އަށެވެ. ކުށްވެރިވާ ފަރާތްތައް ފަސް ސަތޭކަ ރުފިޔާ އާ ފަސް ހާސް ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ގަވައިދު ކިޔާލުމުން އަޅުގަނޑަށް ދޭހަވީ ވަކި ވަކި ފަރުދުން ޖޫރިމަނާ ކުރާ ވާހަކައެއް ނޫނެވެ. ދައުލަތުގެ މުއައްސަސާ ތަކުން ކުރެވޭ މުޢާމަލާތްތައް ކުރުމުގައި  ދިވެހި ބަހަށް އިސްކަން ދިނުމުގެ ގަވައިދާ ޚިލާފު ވެއްޖެކަމަށް އެކެޑަމީ އަށް ފެނިއްޖެ ޙާލަތެއްގައި އެ ގަވައިދާ ޚިލާފުވާ މުއައްސަސާއެއް ޖޫރިމަނާ ކުރާ ވާހަކައެވެ.

ބަހާ ގުޅޭގޮތުން އިޖުތިމާއީ މީޑީއާގައި ހިނގާ ހުރިހާ އޮއިވަރަކަށް ޖަވާބުދާރީ ވާކަށްނުޖެހެއެވެ. ބަހުގެ ކަންކަން ނިންމުމުގައި "އަޅުގަނޑު ދެކޭ ގޮތާއި" "އަޅުގަނޑަށް ފެންނަ ގޮތް" މުހިއްމެއް ނޫނެވެ. އެހެނީ ބަހުގެ ކަންކަން ކަނޑައަޅަނީ އެކަމަކަށް އެކަށީގެންވާ ހެކި ލިބުމުންނެވެ.

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.