ބާބްރީ މިސްކިތް ހުރި ބިމަށް ކުރާ ދައުވާ ދޫކޮށްލަން މުސްލިމް ޖަމާއަތަކުން އެއްބަސްވެއްޖެ

ބާބްރީ މިސްކިތް ތަޅާލުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް

ބާބްރީ މިސްކިތް ހުރި ބިމުގެ މިލްކުވެރިކަމުގެ މައްސަލައިގައި އިންޑިޔާގެ  ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައިގެ އަޑު އެހުންތައް ނިމި، ހުކުމް އިއްވުމާ ހަމައަށް އައިސްފައިވާއިރު، އެ ބިމަށް މުސްލިމުން ކުރާ ދައުވާ ދޫކޮށްލަން އިންޑިޔާގެ މުސްލިމް ޖަމާއަތަކުން އެއްބަސްވެއްޖެކަމަށް ޚަބަރުލިބެއެވެ.

ސުޕްރީމް ކޯޓުން ވަނީ އިއްޔެ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައެވެ. މައްސަލަ ނިންމާލަމުން ކޯޓުން ވަނީ ދެ ފަރާތަށްވެސް އެންމެ ފަހުގެ ހުށަހެޅުންތައް ހުށަހެޅުމަށް 3 ދުވަހުގެ މުއްދަތު ދީފައެވެ. ލަފާކުރެވޭ ގޮތުގައި ޗީފް ޖަސްޓިސް ރަންޖަން ގޮގޯއި އަންނަ ނޮވެންބަރު މަހު 17 ވަނަ ދުވަހު ރިޓަޔާކުރެއްވުމުގެ ކުރިން މިމައްސަލައިގެ ހުކުމް އިއްވާނެއެވެ.

އެތައް ސަތޭކަ އަހަރަށް ދިގުދެމިގެން ގޮސްފައިވާ، ބާބްރީ މިސްކިތް ހުރި ބިމުގެ މައްސަލައިގައި ހިންދޫންނާ މުސްލިމުންނަށް އެއްބަސްވެވޭނެ ގޮތެއް ހޯދުމަށް މެދުވެރިއެއްގެ ބައި އަދާކުރަން ސުޕްރީމްކޯޓުން އައްޔަންކުރި ކޮމިޓީއާ ހަވާލާދީ އިންޑިޔާއާއި ގަލްފުގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، މިސްކިތް ހުރި ބިމުގެ މައްސަލައިގައި މުސްލިމް ޖަމާއަތަކުން ވަނީ އެ ބިމަށް ކުރާ ދައުވާ ދޫކޮށްލަން އެއްބަސްވެއްޖެއެވެ.

6 ޑިސެންބަރު 1992 ގައި ހަރުކަށި ހިންދޫން ނުކުމެ ބާބްރީ މިސްކިތް ތަޅާލަނީ

މުސްލިމް 7 ފަރާތަކާއި ހިންދޫ 4 ފަރާތަކުން މިމައްސަލައިގައި ދައުވާކުރާ އިރު، މުސްލިމުންގެ ފަރާތުން ދައުވާކުރާ އެންމެ މުހިއްމު އެއް ޖަމާއަތް ކަމުގައިވާ ޔޫޕީ ސުންނީ ސެންޓްރަލް ވަޤްފު ބޯޑުން ވަނީ އެ ބިމަށް ކުރާ ދައުވާ ޝަރުޠުތަކެއްގެ މަތިން ދޫކޮށްލުމަށް ހިންދޫ 3 ފަރާތާއެކު އެއްބަސްވެފައެވެ. މުސްލިމް 6 ފަރާތަކާއި، ހިންދޫންގެ ފަރާތުން މި މައްސަލަގައި ދައުވާކުރާ ވިޝްވާ ހިންދޫ ޕަރީޝަދު މި އެއްބަސްވުމުގައި ބައިވެރި ނުވެއެވެ.

ސުންނީ ވަޤްފު ބޯޑުން ހުށަހަޅާފައިވާ ޝަރުޠުތަކުގެ ތެރޭގައި ހިމެނެނީ ބާބްރީ މިސްކިތް ހުރި ބިން ސަރުކާރުގެ މިލްކަކަށް ހެދުމާއި، އެ ބޯޑުން ބަލަހައްޓާ ހުރިހާ މިސްކިތެއްގައި ނަމާދުކުރެވޭނެ ގޮތް ހަދައިދިނުމާއި، 1992 ވަނަ އަހަރު ބާބްރީ މިސްކިތް ތަޅާލުމަށް ފަހު ހިނގި ހަމަ ނުޖެހުމުގައި ގެއްލުން ލިބިފައިވާ، އަޔޯދިޔާގެ 22 މިސްކިތް ސަރުކާރުން މަރާމާތު ކޮށްދިނުމާއި، އާކިއޮލޮޖިކަން ސާވޭ އޮން އިންޑިޔާގެ ދަށުގައި ހުރި ދީނީ އެހެން ބިނާތަކުގެ ހާލަތު ސުޕްރީމް ކޯޓުން ބެލުމެވެ.

'ބާބްރީ މަސްޖިދު' އަކީ މީލާދީން 1529 ވަނަ އަހަރު މުޣުލް ރަސްގެފާނު ބާބަރް ބިނާކުރެއްވި މިސްކިތެކެވެ. ހިންދޫން ދައުވާކުރާ ގޮތުގައި އެ މިސްކިތް ބިނާކޮށްފައިވަނީ އެމީހުންގެ ކަލާނގެ ރާމް އުފަންވި ބިމުގައެވެ. އެހެންކަމުން، އެ މިސްކިތް ތަޅާލައި އެތަނުގައި ފައްޅިއެއް ބިނާކުރަން ހިންދޫން ކުރިންވެސް މަސައްކަތް ކޮށްފައި ވެއެވެ. ހައްދު ފަހަނައަޅާފައިވާ ހަރުކަށި ހިންދޫން ނުކުމެ އެ މިސްކިތް ތަޅާލާފައި ވަނީ 6 ޑިސެންބަރު 1992 ގައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.